މި މަހުގެ 21 ވަނަ ދުވަހު ސްކްރީނަށް އަންނަ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ.
އިއްޔެ އޮލިމްޕަހުގައި ޓިކެޓް ވިއްކަން ފަށާފައިވާއިރު ޝޯތަކުގެ ޓިކެޓް އުޅެނީ 100 ރުފިޔާ އަށެވެ. ނަމަވެސް ޕްރިމިއާ ނައިޓްގެ ޓިކެޓް ވިއްކަމުން ދަނީ 150 ރުފިޔާ އަށް ކަމަށް ފިލްމުގެ ޑައިރެކްޓަރު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ބުންޏެވެ.
ފިލްމުގެ ފުރަތަމަ ފަސް ޝޯގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު މަރީ ބުނީ "ތަރުހީބު އޮތް ވަރަކުންް ޝޯ ތައް ދައްކަމުންދާނެ" ކަމަށެވެ.
ޓިކެޓް ވިއްކުން ހެދުނު 10:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ހުޅުމާލެ ޝްވެކްގައި ފިލްމު އެޅުވުމުގެ މަސައްކަތް މިހާރު ކުރިއަށް މިދަނީ. ފިލްމުގެ ކައުންޓްޑައުން ޝޯ ތަކެއް ވެސް ފަށައިގެން މިއުޅެނީ. އަދި ފިލްމުގެ ލަވަތައް މިހާރު މައުޓޯންސް އަދި ރީތި ޓިއުންސް އިން ލިބިގެންދާނެ،" މަރީ ސަން އަށް ބުންޏެވެ.
ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ފެނިގެންދާނެއެވެ.
ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރުގެ އިތުރުން ފިލްމުގެ ޓެކްނިކަލް މަސައްކަތް ކުރަނީ ވެސް އޭނާ އެވެ.
ތިޔަ ލޯތްބާ ދުރަށް ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައި ވަނީ ސްރީލަންކާގަ އެވެ.
މިއީ ލޯތްބާ ހިތާމަ އެކުލެވިގެންވާ، ތިނެސްކަން ލޯބީގެ މައްޗައް އުފައްދާފައިވާ ފިލްމެކެވެ.
ދިވެހި ސިނަމާއަށް ވަންނަ މީހުން ބަލާހިތްވާފަދަ ފިލްމަކަށް "ތިޔަ ލޯތްބާ ދުރަށް" ވާނެ އެވެ.