ރާއްޖޭގެ އެއްވަނަ ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ގެ ދިރިއުޅުމަކީ މިއީބާ މި އަހަރުގެ ރޯދަ މަހު ވެސް ސަން މީޑިއާގެ ސަން ޓީވީން ދައްކަން ނިންމައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސަން މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީ އެވެ. ބުޚާރީ ފިލްމްސްގެ ފަރާތުން ސޮއިކުރެއްވީ ޔޫސުފު ރަފީޢު (ޔޫސޭ) އެވެ.
މި އަހަރުގެ ރަމަޟާން މަހު ދިރިއުޅުމަކީ މިއީބާގެ އާ ހަތަރު އެޕިސޯޑު ގެނެސްދޭނެއެވެ. މީގެ އިތުރުން ދިރިއުޅުމަކީ މިއީބާގެ ކުރީގެ ޕްރޮގްރާމްތައް ވެސް ގެނެސްދޭނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސަން މީޑިއާގެ ސީއީއޯ ސިނާން ވިދާޅުވީ ދިރިއުޅުމަކީ މިއީބާ އަކީ ކޮލެޓީ ޕްރޮގްރާމެއްކަމަށާއި އެ އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ޔޫސޭ ކުރައްވާ ކަމަށެވެ. އަދި "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑުތައް ދައްކަން ސަންޓީވީ ހިޔާރު ކުރީތީ ސީއީއޯ ވަނީ ޔޫސޭއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ދިރިއުޅުމަކީ މިއީބާ އަކީ އިޖްތިމާއީ ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ޕްރޮގްރާމްތަކެއް. ހަގީގަތުގައި މިއީ ވަރަށް ބޮޑު ގައުމީ ހިދުމަތެއް. މި ހިދުމަތުގެ ތެރެއިން މުޖުތަމައުގައި އެއިރެއްގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކަށް އެޑްރެސް ކުރެވިގެން މިދަނީ،" ބެލުންތެރިން ހިތްހަމަ ޖައްސައިދިނުމަށް ޔޫސޭ ކުރާ މަސައްކަތް ފާހަގަ ކުރައްވައި ސިނާން ވިދާޅުވިއެވެ.
ދިރިއުޅުމަކީ މިއީބާގެ 200 އަށް ވުރެ ގިނަ އެޕިސޯޑު މިހާތަނަށް ވަނީ އުފައްދައިފައެވެ. ޔޫސޭ ވިދާޅުވީ ކުރީ އަހަރު ތަކާ އަޅައިބަލާއިރު މިއަހަރު ދައްކާ އެޕިސޯޑުތައް ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށެވެ.
"ދިރިއުޅުމަކީ މިއީބާ ހަގީގީ ކޮލިޓީގައި މި ފަހަރުވެސް ފެނިގެން ދާނެ. މި އަހަރުވެސް ދިރިއުޅުމަކީ މިއީބާ ފެންނާނީ ހަމައެކަނި ސަން ޓީވީން،" ޔޫސޭ ވިދާޅުވި އެވެ.
ދިރިއުޅުމަކީ މިއީބާ އަކީ ސިޔާސީ އިޖުތިމާއީ އަދި ކޮމެޑީ ކުލަތަކާއެކު ދައްކާ އުފެއްދުމަކަށްވާއިރު މިއަހަރުވެސް މި ހުރިހާ ރަހައެއް އެކުލެވޭ، ބެލުންތެރިންނަށް ކަމުދާނެފަދަ އެޕިސޯޑުތަކެއް ދައްކާނެ ކަމަށް ޔޫސޭ ވިދާޅުވި އެވެ.
ހުސްވި އަހަރުގެ ރަމަޟާން މަހުވެސް "ދިރިއުޅުމަކީ މިއީބާ" ދެއްކީ ހަމައެކަނި ސަން ޓީވީންނެވެ. މީގެ އިތުރުން "ދިރިއުޅުމަކީ މިއީބާ" ގެ ކުރީގެ ޕްރޮގްރާމްތައް ސަން ޕްލޭއިން ވެސް ބަލައިލެވޭނެއެވެ.