މީދޫ ބަލިކޮށް، ފެހެންދޫން ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދައިފި

ބ. އަތޮޅު އަދި ޒޯން ތިނެއްގެ ޗެމްޕިއަން ފެހެންދޫ --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ތިނެއްގެ ފައިނަލުގައި ރ. މީދޫ ބަލިކޮށް، ބ. ފެހެންދޫން އެ ޒޯންގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޅ. ނައިފަރު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ޒޯން ތިނެއްގެ ފައިނަލް މެޗުގައި މީދޫގެ މައްޗަށް ފެހެންދޫން ކުރި ހޯދީ 3-2ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ފެހެންދޫންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ފެހެންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝިފާހުއެވެ.

އެ މެޗުގެ 55 ވަނަ މިނެޓުގައި މީދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ ނާޖިހު މުހައްމަދެވެ. މެޗުގައި ޖެހި ފަހު ތިން ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 84 ވަނަ މިނެޓާއި އެންމެ ފަހު މިނެޓުގައި ފެހެންދޫން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނިޒާމެވެ.

ފެހެންދޫގެ ތިންވަނަ ލަނޑުގެ ކުރިން، މެޗުގެ 86 ވަނަ މިނެޓުގައި ފެހެންދޫގެ އަލީ ޝައުފާނަށް ދެއްކި ރަތް ކާޑާ ގުޅިގެން އެޓީމުން ކުޅެމުންދަޔައީ ކުޅުންތެރިޔަކު މަދުކޮށެވެ. ދެ ލަނޑުގެ ލީޑަކާއެކު ފެހެންދޫން މެޗު ނިންމާލަން ދަނިކޮށް، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި މީދުއަށް ފަރަގު ކުޑަކޮށްދިނީ އަހްމަދު އާސިފެވެ.

ޒޯން ތިނެއްގައި ވާދަކުރީ ބ. އަތޮޅުގެ ޗެމްޕިއަން ފެހެންދުއާއި، ރ. އަތޮޅުގެ ޗެމްޕިއަން މީދޫގެ އިތުރުން ޅ. އަތޮޅުގެ ޗެމްޕިއަން ނައިފަރެވެ. ނައިފަރުގައި ކުރިއަށްދިޔަ އެ ޒޯނުގެ ފައިނަލަށް ދަތުރުކުރީ ލީގު އުސޫލުން ކުޅުމަށް ފަހު، އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމެވެ.

ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދި ފެހެންދޫ، ދެން ވާދަކުރަން ޖެހޭނީ ފައިނަލް ބުރުގައެވެ. އެ ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކާއި، މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ.

comment ކޮމެންޓް