ލީގު ތާވަލުގެ ފުލުގައި އޮތް ވެސްޓް ބްރޮމްގެ ކޯޗު މަގާމުން ވަކިކޮށްފި

ވެސްޓް ބްރޮމިޗް އެލްބިއަންގެ ކޯޗުކަމުން ވަކިކުރި އެލެން ޕާޑީއު --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާލީގު ތާވަލުގެ ފުލުގައި އޮތް ވެސްޓް ބްރޮމިޗް އެލްބިއަންގެ ކޯޗު، އެލެން ޕާޑީއުއާއި ކްލަބާއެކު ހަދައިފައިވާ ކޮންޓްރެކްޓް އުވާލައިފިއެވެ.

ވެސްޓް ބްރޮމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޑިއުއާއެކު ކްލަބުން ވެފައިވާ އެއްބަސްވުން އުވާލަން ކްލަބުން ނިންމީ ދެފަރާތުންވެސް އެކަމަށް އެއްބަސްވެގެން ކަމަށެވެ.

ރެލިގޭޝަން ޒޯންގައި ވެސްޓް ބްރިމޮވިޗް އޮތް އިރު، އެޓީމަށް ސީޒަންގައި ކުޅުނު 32 މެޗުން ހޯދިފައިވަނީ އެންމެ ތިން މޮޅެވެ. 11 މެޗުން އެއްވަރުވެފައިވާ އިރު، ވެސްޓް ބްރޮމްވަނީ 18 މެޗުން ބަލިވެފައެވެ. ލީގުގެ 17 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސްއަށްވުރެ 10 ޕޮއިންޓް ދަށުގައި އޮތް ވެސްޓް ބްރޮމްއަށް ލީގުގައި ބާކީ އޮތީ ހަ މެޗެވެ.

އުމުރުން 56 އަހަރުގެ އެލެން ޕާޑިއު ވެސްޓް ބްރޮމްގެ މެނޭޖަރު ކަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައެވެ. ވެސްޓް ބްރޮމްގެ މެނޭޖަރުކަމާ ޕާޑިއު ހަވާލުވީ އޭގެ ކުރިން އެޓީމުގެ މެނޭޖަރުކަމާ ހަވާލުވެ ހުރި ޓޯނީ ޕިއުލިސް ފޮނުވާލުމުންނެވެ. ވެސްޓް ބްރޮމްއިން ޕިއުލިސް ފޮނުވާލީ ޖެހިޖެހިގެން 10 މެޗުން މޮޅު ނުވެވުމުންނެވެ.

ޕާޑިއުގެ އިރުޝާދުގެ ދަށުން ވެސްޓް ބްރޮމް ކުޅުނު 18 މެޗުން އެޓީމަށް ލިބުނީ އަށް ޕޮއިންޓެވެ.

ވެސްޓް ބްރޮމްގެ މެނޭޖަރު، ޕާޑިއުއާއެކު އޭނާގެ އެސިސްޓެންޓް ކޯޗު ޖޯން ކާވާވެސް ކްލަބުން ވަކިވެފައިވާ އިރު، ލަފާކުރެވޭ ގޮތުގައި ސީޒަން ނިމެންދެން ޓީމާ ހަވާލުވާނީ ކޯޗު ޑެރެން މޯރެވެ.

މިދިޔަ މަސް ތެރޭގައި ވެސްޓް ބްރޮމްއިން ބާސެލޯނާއަށް ކުރި ދަތުރެއްގައި އެޓީމުގެ ހަތަރު ކުޅުންތެރިއަކު ޓެކްސީއެއް ވަގަށް ނެގި މައްސަލައެއްވަނީ ފެން މަތިވެފައެވެ. އެ ކަންތަކާ ގުޅިގެން ޕާޑިއު ބުނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެ މައްސަލައާ ގުޅިގެން ވެސްޓް ބްރޮމްގެ ޗެއާމަން ޖޯން ވިލިއަމްސް އަދި ޗީފް އެގްޒެކެޓިވް މާޓިން ގުޑުމަންވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ޕާޑިއުއަކީ މި ސީޒަންގައި ޓީމު ދޫކޮށްލި 10 ވަނަ ކޯޗެވެ. އެ އަދަދަކީ މިހާތަނަށް ޕްރިމިއާ ލީގު ސީޒަނެއްގައި އެންމެ ގިނައިން ކޯޗުން ޓީމު ދޫކޮށްލި އަދަދެވެ. 2013-14 ވަނަ އަހަރުގެ ސީޒަންގައިވެސް 10 ކޯޗުންވަނީ ޓީމު ދޫކޮށްލައިފައެވެ.

comment ކޮމެންޓް