ރެއާލް މެޑްރިޑްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއާ ކުރިމަތިލާން ޖެހޭތީ ހަމަ ނިދި ނުލިބޭ ކަމަށް ޔުވެންޓަސްގެ ކެޕްޓަން ޖިއާންލުއީޖީ ބުފަން ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މާދަމާ ރޭ ޔުވެންޓަސްއާއި ރެއާލް ކުރިމަތިލާ އިރު، މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްވެސް ކުޅެފައިވަނީ އެ ދެޓީމެވެ.
މާދަމާ ރޭގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން އިޓަލީގެ ތަޖުރިބާކާރު ކީޕަރު، ބުފަން ބުނީ ތާރީހު ދައްކާ ގޮތުން ރެއާލްއަކީ މެޗުގެ ފެވަރިޓުން ކަމަށެވެ.
"ރެއާލްގެ މެޗަކީ އަބަދުވެސް ޔުވެންޓަސްއިން ސަމާލުކަން ދޭނެ މެޗެއް. ތާރިހު ދައްކާ ގޮތުން ރެއާލްއަކީ ޔުވެންޓަސްއަށްވުރެ ވަރުގަދަ ޓީމެއް. އެހެންވީމަ އުނދަގޫތަކެއް ކުރިމަތިވާނެ،" ބުފަން ބުންޏެވެ.
އެހެން ނަމަވެސް ބުފަން ބުނީ މޮޅުވާނީ ތާރީހު އޮތް ޓީމެއް ނޫން ކަމަށާއި، މޮޅުވާނީ ދެ ލެގުގައި ރަނގަޅު ކުޅުމެއް ދައްކާ ޓީމު ކަމަށެވެ.
"އެނގޭ މޮޅުވާނީ ހުނަރުގެ ގޮތުން އެންމެ މޮޅު ޓީމު ނޫންކަން. ތާރީހީ ގޮތުން އެންމެ މޮޅު ޓީމު ނޫންކަން. ކުއާޓާގެ ދެ ލެގުގައި މޮޅަށް ކުޅޭ ދެ ޓީމު މޮޅުވާނީ،" ބުފަން ބުންޏެވެ.
މެޗާ ގުޅިގެން ވާހަކަ ދައްކަމުން ބުފަންވަނީ ރެއާލްއަށް ކުޅޭ ޕޯޗުގަލްގެ ފޯވަޑް ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.
"ރޮނާލްޑޯއަށް އަހަރެން ވަރަށް ބޮޑަށް އިހުތިރާމް ކުރަން. އޭނާއަކީ ވަރަށް މޮޅު އެތުލީޓެއް. ވަރަށް މޮޅު ކުޅުންތެރިއެއް. އުމުރާ އެކުވެސް ރޮނާލްޑޯ އަންނަނީ ކުޅުން ބަދަލުކޮށް، އޭނާގެ ލެވެލް މަތިކުރަމުން. ހާއްސަކޮށް ރޮނާލްޑޯ ފާހަގަ ކޮށްލެވެނީ ވަރަށް ބޮޑަށް ހަގީގަތާ ކުރިމަތިލައިގެން، ކެރިގެން މަސައްކަތްކުރާ ކުޅުންތެރިއެއްގެ ގޮތުގައި. އޭނާ އަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް،" ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ ރޮނާލްޑޯގެ ފުޓުބޯޅަ ލެވެލްއާ ގުޅިގެން ބުފަން ބުންޏެވެ.
ބުފަން ބުނީ ރެއާލްއަކީ ތަރިންގެ ޓީމެއް ކަމަށާއި، އެހެން ނަމަވެސް ރޮނާލްޑޯގެ ނަން އަދިވެސް ވަކިން ނެގޭނެ ކަމަށެވެ.
"ވަކި ކުޅުންތެރިއަކު ނަގާނެ ކުޅުންތެރިއަކު ރެއާލްއަކު ނެތް ކަންނޭނގެ. އަހަރެން ގަބޫލުކުރާ ގޮތުގައި ރޮނާލްޑޯއަކީ ވަރަށް ސަމާޓް ކުޅުންތެރިއެއް. އުމުރުން ދުވަސްވީމަ އޭނާ އަމިއްލަ ސްޓައިލް ބަދަލުކޮގެން މިހާރުގެ ފުޓުބޯޅައަށް ހޭނުނު. ވަކި ކުޅުންތެރިއަކު ނުނަގާނަމޭ ބުންޏަސް ރޮނާލްޑޯއާ ކުރިމަތިލާނެ ކަން އެނގޭތީ ބައެއް ރޭރޭ ހަމަ ނިދި ނުލިބޭ،" ބުފަން ބުންޏެވެ.
ރޮނާލްޑޯއާއި ބުފަންވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ކުރިމަތި ލައިފައެވެ. ބުފަން ކޮންމެ ފަހަރުވެސް ފެންނަނީ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފް ކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ހާއްސަކޮށް ބުފަން ރޮނާލްޑޯ ސިފަކޮށްފައިވަނީ ގޯލް ކުރިމަތީގައި ދެވަނައެއް ނެތް ގޯލް ޖެހުންތެރިއެއްގެ ގޮތުގައެވެ.