އަހަރެން ފިކުރާވި އިސްލާމްދީން: އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުގައިހެއްޔެވެ؟

ސަން ފޮޓޯ: މުޢީދު

ތަރުޖަމާ: އަބްދުﷲ ފާރުގް ޙަސަން

އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުގައޭ ބުނުމަކީ ކުށްބަހެކެވެ. ހަޤީޤަތް ހޯދައިލަމާ ހިންގަވާށެވެ. ރަނގަޅު ޞައްހަ ނަތީޖާއަކާ ހަމަޔަށް ވާޞިލުވެވޭތޯ މަސައްކަތްކޮށްލަމާ ހިންގަވާށެވެ.

އިސްލާމްދީންވެސް ކްރިސްޓިޔަންދީންވެސް އެންމެ ފުރަތަމަ މަރްހަލާގައި ފެތުރުނީ ވަރަށް ހިމޭންކަމާއެކު ދީން ފަތުރަން ގޮވައިލެވުނު ދައުވަތުތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.

ސަލާމްލެއްވި މަސީހަށްފަހު ކްރިސްޓިޔަނިޓީ ފެތުރުއްވީ އެކަލޭގެފާނުގެ ހަވާރީންނެވެ. ދުވަސްތަކެއް ވަންދެން އިސްލާމްދީނަށް ދައުވަތު ދެވެމުންދިޔައީ ވަންހަނާ ގޮތެއްގައެވެ. އެއަށްފަހު ފާޅުގައި ހަރުއަޑުން އެދީނަށް ދައުވަތު ދެއްވުމުގެ އަމުރުފުޅު އަތުވެއްޖެއެވެ.

ނަމަވެސް އެންމެފުރަތަމަ މަރުހަލާގައިވެސް އަންގަވައިފައިވަނީ ދީނުގައި އެއްވެސް މަޖްބޫރުކަމެއްނެތްކަމުގައެވެ. ދީންޤަބޫލުކުރުމުގެ މައްޗަށް އެއްވެސް ކަހަލަބާރެއް ނުދެއްކޭނެކަމުގައެވެ. މީހަކު ބުނެފާނެއެވެ. ކަންއޮތީ ތިޔަހެން ކަމުގައިވާނަމަ އިސްލާމްދީނުގެނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ އެކުރެއްވީ ކޮންކޮން ހަނގުރާމަތަކެއްހެއްޔެވެ؟ އެކަލޭގެފާނު ކަނޑިކޮޅު ނެންގެވީ ކީއްވެގެންހެއްޔެވެ؟ ޙަޤީޤަތަށް ދަންނަވާނަމަ އިސްލާމްދީނުގެ ނަބިއްޔާ ކުރެއްވި ހަނގުރާމަތަކަކީ އިސްވެބާރުގެބޭނުންކުރެއްވުމުގެ ހަނގުރާމަ ތަކެއްނޫނެވެ. ދިފާއީ ހަނގުރާމަތަކެކެވެ. މަދީނާގައި އިސްލާމީ ދައުލަތެއް އުފެދުމާއެކު މައްކާގެ މުޝްރިކުން ތެދުވީ އިސްލާމީ ދައުލަތް ފުނޑުފުނޑުކޮށްލުމުގެ ރޭވުން ތަކެއް ހިފައިގެންނެވެ. އެ މަދީނާއަކީ އަރަހުށިމާތްﷲ އެކަލާނގެ ޙަބީބަށް އެރަށަކުން ޙިމާޔަތް ދެއްވިރަށެވެ. ޤުރައިޝުން މަދީނާ ސުންނާފަތިކޮށްލައި އިސްލާމީދައުލަތް ވުޖޫދުން ފޮހެލުމުގެ މަޝްރޫއާއިގެން ތެދުވެ މުސްލިމުންނަށް އިސްވެ ހަމަލަދޭން ފެށުމުން އެބައިމީހުނާ ހަނގުރާމަ ކުރާން މުސްލިމުންނަށް ބަޖުބޫރުވިއެވެ. މުސްލިމުންގެ ޖާނާއި މާލާއި ކިރިޔާ ނުވަރޭ ފެނުތެރޭގައި އޮތް އިސްލާމީ ދައުލަތުގެ ދިފާއުގައެވެ.

ތާރީޚުގެ ފަހުގެ ދައުރުތަކުގައި މުސްލިމު ރަސްރަސްކަލުން ކުރެއްވި ހަނގުރާމަތަކީ އިސްލާމްދީނާ އެއްވެސް ގުޅުމެއްހުރި ހަނގުރާމަތަކެއްނޫނެވެ. އެހަނގުރާމަތަކަކީ އެބޭފުޅުންގެ ރަސްކަންފުޅާ ކުރެއްވުމުގެ ހަނގުރާމަތަކެކެވެ.

ހިންދީރާޖާއެއް ކަމުގައިވާ ރާޖެންދުރަން ޖާވާއަށާއި ސުމާތުރާއަށް ސިފައިންފޮނުއްވައި ހަމަލަދެއްވިއެވެ. އެދެރަށުގައި މިހާރުވެސް ހިންދީ ޘަޤާފަތުގެ އަސަރު އެބަހުއްޓެވެ. ނަމަވެސް ރާޖާރާޖެންދުރަން ޖަވާއަށާއި ސުމާތުރާއަށް ހަމަލަދެއްވީ ހިންދީ ދީން ފަތުރުއްވަވާށޭ ބުނުމަކީ އެޙާދިޘާގެ ރަނގަޅު ނަތީޖާއެއް ނެރެވުމެއްނޫނެވެ. ޙަޤީޤަތްބަޔާން ކުރެވުމެއްނޫނެވެ.

ޔޫރަޕުގެ ކްރިސްޓިޔަނުން އިރުމަތީގެ ޤައުމުތަކަށް ޢަސްކަރީ ގޮތުން ހަމަލަދިނެވެ. އިރުމަތީގެ ޤައުމުތަކުގައި އެބައިމީހުންގެ އިމްޕީރިޔަލިޒަމް ޤާއިމުކުރިއެވެ. އެއިމްޕީރިޔަލިޒަމްގެ ދުވަސްވަރު ކްރިސްޓިޔަނިޓީވެސް ފެތުރުނެވެ. ނަމަވެސް އިރުމަތީގެ ގައުމުތަކުގައި ކްރިސްޓިޔަނިޓީ ފެތުރުނީ ކަނޑީގެބާރުގައޭ ބުނެވިދާނެތޯއެވެ؟ އާއްމުގޮތެއްގައި ސިފައިން ފޮނުވަނީ ރަށްތައް ހިފުމަށްޓަކައެވެ. ޤައުމެއްގައި ސާމިރާޖީ ދައުލަތެއް އުފެދިއްޖެނަމަ އެތަނެއްގެ އާއްމުން ކުރެބަޔަކު އެސާމިރާޖީވެރީން ކޮޕީކުރެއެވެ. ވެރިކަމުގައިތިބޭ ބަޔެއްގެ ދީން ޚިޔާރުކުރެއެވެ. ހިންދީ ދީނުގެ އެއްމަޒުހަބަކީ ސަމްނަރު މަޒުހަބެއެވެ. އެމަޒްހަބުގެ މީހުން ތެމިލްނާޑޫގައި ވެރިކަންކުރިއިރު ތެމިލްނާޑޫގައިވެސް އެމަޒްހަބު ފެތުރުނެވެ. ހަމައެފަދައިން ސިޔުމަރު މަޒުހަބުގެ މީހުން ވެރިކަންކުރި ދުވަސްވަރު އެމަޒުހަބަށް އާއްމުންގެ މަޤްބޫލުކަންލިބުނެވެ. ހަމައެފަދައިން އިންޑިޔާގައި ބުދުދީނުގެ މީހުންވެރިކަންކުރި ދުވަސްވަރު ބުދުދީން އާލާވިއެވެ. ރައްޔިތުން ތިބޭނީ ރާޖާހުރިގޮތަކަށޭ ބުނެވޭ ބަހުގައިވާ ގޮތުގެ މަތީންނެވެ. ޙަޤީޤަތުގައި ދީންފަތުރުއްވާކަށް އެރަސްރަސްކަލުންގެ ކުޑަވެސް ޝައުގުވެރިކަމެއްނެތެވެ. އެބޭނުންފުޅުގައި ހަނގުރާމައެއްވެސް ނުކުރުއްވައެވެ. އިސްލާމީ ފުތޫހާތުގެ ދާއިރާގައިވެސް މިކަންއޮތީ މިގޮތަށެވެ.

އިސްލާމްދީން ޤަބޫލު ނުކޮށްގެން އެކުށުގައި އެއްވެސްމީހަކު ޤަތުލުކުރި ޙާދިޘާއެއް ތާރީޚުގައި ހިނގައިފައެއްނުވެއެވެ. ނަމވެސް ކްރިސްޓިޔަނުންގެ ކެތަލިކު މަޒްހަބާއި ޕްރޮޓެސްޓެންޓު މަޒުހަބާ ދެމެދު ހިނގިކުރިމަތިލުންތަކުގައި ދީނުގެ ނަމުގައިވަނީ އެތައްބަޔަކު ޤަތުލުކުރެވިފައެވެ. މީހުންގެ މުދާފޭރެވިފައެވެ. ދުރަށްދާކަށެއް ބޭނުމެއްނޫނެވެ. ތެމިލްނާޑޫގެ ތާރީޚު ބައްލަވާށެވެ. މަދޫރާއީގައި ގަޔާން ސަންދަރުގެ ދައުރުގައި ސަމްނަރު މަޒްހަބުގެ އަށްހާސްމީހުން ޞަލީބަށް އެރުވުނެވެ. ނިކަން ބައްލަވާށެވެ! މިއީ ޚުދު އަޅުގަނޑުމެންގެ އަމިއްލަ ތާރީޚެވެ.

އަނެއްކޮޅުން އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަރަބިކަރައިގައި ވެރިކަންކުރެއްވިއިރު އަރަބިކަރައިގައި ޔަހޫދީ ވަޒަންވެރީންތިއްބެވެ. ކްރިސްޓިޔަނުންވެސް ތިއްބެވެ. ނަމަވެސް އެއިން އެކަކާވެސް މުސްލިމުން ހުރަ ހޮޅިގެންފައެއްނުވެއެވެ.

އިންޑިޔާގައި މުސްލިމު ރަސްރަސްކަލުންގެ ދައުރުގައި ހިންދީ ދީން ޚިޔާރުކުރުމާއި، އެދީނަށް އުޅުމަކީ ފުރިހަމަޔަށް މިނިވަންކަންލިބިފައިއޮތް ކަންކަމެވެ. ތާރީޚު ހެކިވާފަދައިން އިސްލާމީވެރީންވަނީ ފައްޅިތައް ހިމާޔަތްކުރައްވައިފައެވެ. އެފައްޅިތައް ބަލަހައްޓައިދެއްވައިފައެވެ. މުސްލިމުން ސަބްކޮންޓިނެންޓަށް ހަމަލަދިނީ އިސްލާމްދީން ފަތުރަން ކަމުގައިވާނަމަ ދިއްލީގެ މުސްލިމުރަސްގެފާނާ ދެކޮޅަށް މުސްލިމު ބާބަރު ފަހަރެއްގައިވެސް ލަޝްކަރު ތަކެއް ނުފޮނުއްވީހެވެ. ޝައްކެއްނެތެވެ. ރަށްތައްހިފައި ފަތަޙަކުރުމަކީ އެދުވަސްވަރު އާއްމުކޮށް ޤަބޫލުކުރެވިފައިއޮތް ސިޔާސީ ޕޮލިސީއެކެވެ. (ރަށްތައް ފަތަހަކުރާ ކޮންމެފާތިހަކީ އަނިޔާވެރިޔެކޭ ބުނެއެއްނުއުޅެއެވެ.) ރަށްތައް ފަތަޙަކުރުމާ ދީންފެތުރުމަކާ އެއްވެސް ގުޅުމެއްނެތެވެ. (މެލޭޝިޔާ އާއި އިންޑޮނޭޝިޔާ ފަދަ ޤައުމުތަކަށް ދުވަހަކުވެސް މުސްލިމު ފާތިހުން ގޮސްފައެއްނެތެވެ.) އިސްލާމްދީން ފަތުރުއްވަން ވަރަށްގިން މުސްލިމު ޢިލްމުވެރީން ނާއި ސޫފީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއްވިއެވެ. އެގޮތުން އިސްލާމީ ޢިލްމުވެރީންނާއި ޞޫފީން ދީން ފަތުރުއްވަން އިންޑިޔާއަށް ވެސް ވަޑައިގެންނެވިއެވެ. މިތާގައި އިސްލާމްދީން ފެތުރުއްވުމުގެ މަސައްކަތްކުރެއްވީ އެބޭކަލުންނެވެ. އެބޭކަލުންގެ އަމިއްލަފުޅު ހައިޘިއްޔަތުންނެވެ. މުސްލިމު ރަސްރަސްކަލުންނާއި އެބޭކަލުންނަކާ ގުޅުމެއްނެތެވެ. މިފަދަ ބޭކަލުންގެ މިސާލަކީ ނާގޫރުގައި ފަސްދާނުލެވިފައިވާ ޙަޟުރަތު ޝާހުލްޙަމީދު އާއި، އަޖްމީރުގައި ފަސްދާނުލެވިފައިވާ ޝާހު މުޢީނުއްދީން ޗިޝްތީފަދަ އެތައްބޭކަލުންނެކެވެ.

އިސްލާމްދީނަކީ އެދީނުގެ މަތިވެރި އުސޫލުތަކާއި އަޚްލާޤީ ފިލާވަޅުތަކުގެ ސަބަބުން ވަރަށް ވަރުގަދަ ދަމާބާރެއް ލިބިފައިވާ ދީނެކެވެ. އެހެންކަމުން އިސްލާމްދީން އިންސާނުންގެ ހިތްތައް އޭގެ އަމިއްލަ ޒާތުގައި އެދީނާ ދިމާޔަށް ދަމައިގަނެއެވެ. ކަންމިހެންހުރިއިރު އެފަދަ ދީނެއް ފަތުރާން ކަނޑިއުފުލައިލުމުގެ ކުޑަވެސް ބޭނުމެއް ނޯންނާނެއެވެ.

comment ކޮމެންޓް