ނޭނގި ހިތާ ކުޅެލީ - 36

ސަވާނާ މަގުން ދިޔަ ކާރެއް ހުއްޓުވާފައި އެރިއެވެ. ދާންވީ އެޑްރެސް ބުނެފައި އަނެއްކާވެސް ސަވާނާއަށް ހުޅުވައިލެވުނީ ދަބަހެވެ. އޭގައި އޮތް ޕްރިންޓްކޮޅު ނަގާފައި ތުންފަތާއި ލޮލުގައި ޖައްސައިލެވުނެވެ. ދެން ބަލަހައްޓައިގެން އިދެވުނީ ހުވަފެނެއްގައި އިން ކުއްޖެއްފަދައިންނެވެ.

އޮފީލިއާގެ މާބްލް ފަތްތަރުމަތިން އަރަންޖެހުނީ ވަރަށް ބަލައިގެންނެވެ. ކިރިޔާ ލޮޅުމެއް އެރިޔަސް ގެއްލުމެއް ވެދާނެހެން ހީވިއެވެ. މިހުރިހާ ދުވަހު އަމިއްލަ ނަފުސާއި އަޅާނުލިޔަސް އަޅާލަންވީ އެހެން ފުރާނައެއް އޭނަގެ ހަށިގަނޑުގައި ލައްވާފައި އެބަވެއެވެ. ކޮންމެ ފިޔަވަޅެއް އެޅުނީ ފަރުވާތެރިކަމާއި އެކުގައެވެ. އޮމާން މާބްލްތައް މަތީ ހިގާފައިގޮސް ކާކޮޓަރިއަށް ވަނެވެ. ތަށްޓަކަށް ކިރު އަޅައިގެން ގޮސް އިށީންއިރު އެކަނި ހުރެވެސް ހީލެވުނެވެ.

"ސަވާނާ މޮޔަވީތަ؟ "ލުކުމާން ދޮރުމަތީގައި ހުރެފައި އެއްޗެއް ބުނިހެން ހީވެފައި ސަވާނާ ސިހޭގޮތްވިއެވެ.

"ވަޓް.........."

"އެކަނި ހުރެ ހޭތީ މޮޔަވީކަމަށް ހީކޮށް ސައިކޭޓްރިސްޓަކަށް ދައްކަންވީހެއްޔޭ މިކިޔަނީ....." ލުކުމާން ވިސްނުންތެރިކަމާއިއެކު ބަލައިލިއެވެ. ގަޔަށްދޫކޮށް އޮތް ޕާޕްލްކުލައިގެ ހެދުމަކާއިއެކު އިސްތަށިގަނޑު މައްޗަށް އޮމާންކޮށް އައްސާލާފައިވާއިރު ކޮނޑުގައި އޭނަގެ ޗެނެލް ދަބަސް އަޅުވާލާފައި އޮތެވެ. މޫނުގައި ކޮންމެވެސް ވަރަކަށް ދާތިކިތައް ހުރުމާއިއެކު ރަތްއަރާފައިވާވަރުން އޭނަ އެއައީ ގެއިން ބޭރުގައި ހުރެފައިކަން ޔަގީންވިއެވެ. ސަވާނާ ކޮންމެ ތާކަށް ދިޔަސް އޭނައަށް ކޮންކަމެއް ހެއްޔެވެ. ނަމަވެސް ޝައުގުވެރިވިއެވެ. ސަވާނާ ކުރާ ކޮންމެ ކަމަކާއި ދާތަނެއް ބެލުން އޭނަގެ ވާޖިބެއްކަމުގައި ވާފަދައެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ ބުހުތާން ދޮގުހެދިޔަސް އޭނަ ސަވާނާ ވަރިއެއް ނުކުރެއެވެ.

"އަހަރެން އުފަލުން ހުރިމަ ލޫކްއަށް ކަމުނުދިޔައީތަ. ހަމައެކަނި ލިވިއާ ހޭންޖެހެނީ؟ އޭނަގެ އަތުގައި ދޯ ލޫކްއަށް ހިފައިލެވެނީ........." ސަވާނާ ހުދު ދަތްތައް ފާޅުވާވަރަށް ހީލައިފިއެވެ.

"ކޮންތާކުން ތިއައީ"

"ހޮސްޕިޓަލަށް ދިޔައީ...." ސަވާނާ ބޭނުންވީ ހަގީގަތް ހާމަކުރުމަށެވެ.

"އޯ....ހަމަ އިޒިކްގެ ކުރިމަތީގައި ތާއަބަދު ނީދެވޭތީ ފަސްފަހަތުން ހިގަންފެށީ. އެހާ ގަޔާވާ މީހަކީތަ.........." ލުކުމާންގެ އެ ޖުމްލައާއިއެކު ސަވާނާގެ މޫނަށް ނުރުހުމުގެކުލަ ވެރިވިއެވެ. ލުކުމާންގެ ކައިރީ އެމީހުންނަށް ދަރިއަކު ލިބެން އުޅޭ އުފާވެރި ޚަބަރުދޭން އުޅުނީމަ މިދޭތެރެއަށްވެސް އިޒިކްގެ ނަން ވައްދަން ޖެހިއްޖެއެވެ. އޭނަ ދަރިފުޅުގެ ވާހަކަ ބުނާއިރަށް އިޒިކްގެ ބޭބީއެކޭ ބުނާކަށް ފަހެއް ނުޖެހޭނެއެވެ. ހިތަށް އެރި އެއްޗަކުން ލިބުނު ބިރުވެރިކަމާއިއެކު އެވާހަކަ ބުނަން ފަސްޖެހުނެވެ. ލުކުމާން އެހެން ބުނެފިއްޔާ އޭނަގެ ހިތް ހަލާކުވާނެއެވެ. އެފަދަ ޝައްކެއް ލުކުމާން ކުރުމަކީ އޭނައަށް ކެތްކުރެވޭނެ ވަރުގެ ކަމެއްނޫނެވެ. އެންގުމަށްވުރެ ލުކުމާން އަނދިރީގެ ތެރޭގައި ބެހެއްޓިޔަސް ހިތަށް ފަސޭހަވާނެއެވެ. ދަރިފުޅަށްޓަކާވެސް އޭނަ "ސްޓްރެސް" އެއްކޮށް ފިލުވާލާ އުފާވެރިކޮށް އުޅެން އަޒުމް ކަނޑައަޅާފައިވިއެވެ.

"އިޒިކް އިޒް ލައިކް އެ ފްރެންޑް......އޭނައާއި އަޅުވާ ނުކިޔަބަލަ ޕްލީޒް. ޔޫ ނޯ ވަޓް؟ އަހަރެންގެ މަންމަގެ އަދި އެހެން ފިރިހެންކުއްޖެއް ހުރި. ދޮންބެ އަބަދަށްޓަކާ އަހަރެމެންނާއި ވަކިވެފާ ވިޔަސް ވިލް ބީ އިން މައި ހާޓް ފޯއެވާ. އިޒިކް އުޅެނީ ހަމަ ދޮންބެ ފަދައިން. މިޒާޖާއި އުޅުން އެއްވެސް ތަފާތެއްނެތް. ލޫކްއަށް އެނގެން ޖެހޭނެ ވާހަކައެއް ބުނަން އައީ. އެކަމަކު ލޫކް ތިގޮތަށް އިޒިކްއާއި އަޅުވާ ކިޔުން ހުއްޓާލި ދުވަހަކުން އެވާހަކަ ބުނާނީ. ފަހުން ދުވަހަކުންވެސް ނުބުނައްޗޭ ސިއްރުކުރީއޭ. ކެތެއް ނުވޭ ލޫކް ތިކަހަލަ އިލްޒާމެއް އެޅުވީމަ. ލޫކްއާއި ލިވީ އަޅުވާ ކިޔުމުގެ ހައްގުއޮތްއިރު ހިމޭނުން މިހިރީ. އަހަންނަށް އެ މަންޒަރު ލޮލުން ފެނުނީ. އަނދިރި ކޮޓަރިއެއްގައި ދެމީހުން އެތައް އިރެއްވާންދެން ތިބިކަން މީހަކު ބުނީކީ ނޫން. އަމިއްލަ ލޮލުން ދެކުނީ. އަދިވެސް ލޫކް އެކަން ހުއްޓާލާކަށް ނޫޅޭ................" ސަވާނާ ހިތުގެ ހާލަތު ކޮންމެވެސް ވަރަކަށް ހާމަކުރިއެވެ. ވާހަކަދައްކައިގެން ނޫނީ އުދާސްތައް ފިލައިގެނެއް ނުދާނެއެވެ. ހިތުގައި ބޮޑިވެފައިވާ ވާހަކަތައް ބޭރުކޮށްލުމުން މީހާ ހަމަޔަކަށް އެޅޭނެއެވެ.

"ތިބުނާ ރޭގައި ދެމީހުންވެސް ހެދުންލައިގެން ތިބެ ކުރިކަމެއް ކުރީ. އަހަރެންގެ ގާލްއަށް އިހުތިރާމްކުރަން. އަމިއްލަ ހައްގަކަށް މުޅިންވާނީ ކައިވެންޏަށްފަހު ކަމަށް އަބަދުވެސް ގަބޫލުކުރީ. އެ އުސޫލް ދުވަހަކުވެސް މުގުރައެއްނުލާނަން. ސަވާނާގެ ހިތް ނުބައިކަމުން އަހަރެމެން ދެމީހުން އެރޭ ގުޅުން ހިންގިކަމަށް ގަބޫލުކުރީ. އަނދިރިކޮޓަރިއެއްގައި ކިތަންމެ ޒަމާނެއްވިޔަސް އަމިއްލަ ނަފުސް ކޮންޓްރޯލްކުރާނެ ގޮތް އަހަރެން ދަންނަން. މިހެން ބުނާއިރުވެސް އެނގޭ ބައެއްފަހަރު ހަމަ މަގުން ކައްސާލަފާނެކަން. ދެމީހަކު އެކަހެރި ވެއްޖެއްޔާ ތިންވަނަ ފަރާތަކަށް ޝައިތާނާ ވާނެއޭ ބުނާ ބަހާއި ދެކޮޅު ހަދާކަށް ނެތިން. އަހަރެން ލިވިއާއާއިއެކު ދުވަހަކު ސްލީޕްނުކުރަމޭ ބުނުމުން ސަވާނާއަށް ހިތްހަމަޖެހުމެއް ލިބޭނެކަން ނޫނީ ނޫންކަން އެނގުނަސް ދޮގުހަދާކަށް ނެތިން. އަހަރެން މީ ކިތަންމެ ނުބައިމީހެއް ކަމުގައި ވިޔަސް އަންހެންކުއްޖެއްގެ ފަރާތުން ފައިދާއެއް ނުގަނާނަން. އަހަރެން ލޯބިވާ އަންހެންކުއްޖާއަށް ކައިވެނީގެ ފުރަތަމަރޭ ޚާއްސަކޮށްދޭން ބޭނުންވޭ. އޭގެ ކުރިން އެފަދަ ކަމެއްކޮށްފައި ފަހުން އެކުއްޖާ އަތުން ބީވެގެންގޮސްފިއްޔާ އެ އަންހެންކުއްޖާއަށް ދެވޭ ދެރައެއްކަމަށް އަހަރެން ދެކެނީ..........." ލުކުމާންގެ ވާހަކަތަކުން ސަވާނާއަށް ހައިރާންކަމެއް ލިބުނުއިރު އުފާވެރިކަން އިންތިހާއަށް ދިޔައެވެ. އުފަލުން ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ.

ލުކުމާންގެ ޚިޔާލު މުސްކުޅިކަމުގައި ހީވާބަޔަކުވެސް އުޅެދާނެއެވެ. އެމީހުންގެ ހިތުގައިވަނީ ލޯތްބެއް ނޫނެވެ. ބޭނުންވާނީ ފުރަތަމަ ދިމާވާ ރޭވެސް އެ ބޮޑު ފާފައަށް އަރައިގަތުމަށެވެ. ކައިވެނީގައިވާ ބަރަކާތް ކެނޑިގެންދަނީއެވެ. ލޯބި ދިގުދެމިގެން ނުގޮސް ކައިވެނި ރޫޅޭ ސަބަބަކަށް އެކަންވެސް ވެދެއެވެ. ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރާކަށް ބިރެއްނުގަނެއެވެ.

ލުކުމާން އޭނަގެ މަންމަ އަރުޖަމަންދުގެ ކޮޓަރީގައި ވަގުތުކޮޅެއް ހޭދަކުރިއެވެ. އޭނަގެ އަތުގައިވާ މަންމައާއި އޭނަ ކުޑައިރުގެ ފޮޓޯތައް ހިމެނޭ އަލްބަމް ދިނުމުން އަރުޖަމަންދުއަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. ލުކުމާން ބުނީ އާއިލާގެ މީހުންނަށް އޭނަގެ ހަގީގަތް އެންގުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ. އެކަން ފޮރުވައިގެން ހުންނަން އޭނަ ބުނި ސަބަބަކީ އޭނަދެކެ ލޯބިވާނެ ހަޔާތުގެ ބައިވެރިޔަކު ހޯދުމެވެ. ލުކުމާންވަނީ އަންހެނުންގެ ބޭވަފާތެރިކަން ތަޖުރިބާކޮށްފައެވެ. އެ ހިތިކަން އަރުތެރޭ ލާފައިވަނީ ދުވަހަކު އަންހެނަކަށް އިތުބާރުކުރެވޭ ވަރަކަށް ނޫނެވެ. އޭނައަށް އެއަށްވުރެ އާއިލާ މުހިއްމެވެ. ކުޑައިރު ބައްޕަގެ ނުބައިކަމުގެ ސަބަބުން އޭނަގެ މަންމަގެ އާއިލާއާއި ވަކިކުރުވިގޮތަށް ދުނިޔެއަށް އެކަމުގެ ހަގީގަތް އެނގެން ޖެހޭނެއެވެ.

އޮފީލިއާގެ ކާކޮޓަރިތެރޭގައި މެންދުރަށް ކާން ހަދާފައިވާއިރު ތަނަށް ވެރިވެފައިވަނީ ހިތްގައިމު އައްޔެކެވެ. ފުޅާ ކުޑަދޮރުތަކުގައި ދަމާފައިވާ ތުނި ސަދުވާތައް ކަހާލާފައިވުމުން ވަށައިގެން އޮތް ބަގީޗާގެ ގަސްތައް ފެންނަލެއް ކިތަންމެހާވެސް ނަލައެވެ. އަރުޖަމަންދުއާއި އިޒިކް އަދި ލުކުމާންއާއި ސަވާނާ މީރު ކާއެއްޗެއްސަށް އިންސާފުކުރަމުން ދިޔައެވެ. ފަރުމަހަކީ އިޒިކްގެ ޚާއްސަ ކެއުމެކެވެ. ފިހުނުފަރު މަސް ކޮންމެހެންވެސް ހުންނަން ޖެހޭނެއެވެ. ސަވާނާއަށްވެސް މިހާރު ފަރުމަސްކަމުދާން ފެށިއެވެ. ބަލިވެ އިނުމުން ކަނޑުމަހަށްވުރެ ފަރުމަސް ކެއުން ރަގަޅުކަން އެނގުނު ހިސާބުން ފެށިގެން އޭނަ އަށްވެސް އެމަސް މީރުވިއެވެ. ތަފާތު ވާހަކަތަކެއް ދެކެވުނެވެ. ހަވީރު އާއިލާގެ އެންމެނަށް ލުކުމާން ތަޢާރަފުކޮށްދޭން ހަމަޖެހިފައިވާކަމުގައި ބުނުމުން އިޒިކްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. ލުކުމާން ހިނި އައެވެ. އޭނަ އެކަމާއި ހަސަދަވެރިވަނީކަމަށް ވެދާނެއެވެ. އިޒިކް ވިސްނީ މަންމަގެ ނަފްސާނީ މައްސަލަތަކާއިމެދުގައެވެ. މަންމަ ލުކުމާން ބަލައިގަތަސް އެހެން މީހުންނަށް "އެކްޓް" ކުރާކަށް ފަސޭހައެއް ނުވާނެ

އެވެ. އެހެންމީހުން ލުކުމާން އާއިލާ މީހެއްކަމަށް ހަދައިގެން އެގޭގައި އޭނަ ދިރިއުޅޭކަށް ނުރުހޭނެއެވެ.

"މަންމަ އިޒިކް ވިހަންވެގެން ބަނޑުގައި ރިއްސި ރޭގެ ހަދާން ތައް މިހާރުވެސް ހުރޭ........" އަރުޖަމަންދު ކުއްލިއަކަށް ބުނެލި ޖުމްލައިން ސިހުނުވަރުން ލުކުމާން ކޮށި އަރާގޮތްވިއެވެ. ކެއްސަންފެށިއެވެ. އިޒިކް ލުކުމާންގެ ބުރަކަށީގައި ޖަހައިލިއެވެ.

"ކިހިނެއްވީ؟ ކޮންކަމަކާ ހާސްވީ؟ " އިޒިކް އަހައިލިއެވެ.

"އިޒިކްއަކީ މަންމަ އެޑޮޕްޓްކޮށްފައިވާ ދަރިއެއް ނޫންތަ....."

"ކައިދަން ސަމާސާއަކަށް ހަދާފައި ދިމާކުރާތީ ދަރިފުޅު އެވާހަކަ ގަބޫލުކުރީތަ؟ އެކުއްޖާ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ. އަސްލު އެހެން ކިޔަންފެށީ މަންމަ އިޒިކް ކުޑައިރު ދޫކޮށްލާފައި ގޮސް އުޅުނީމަ އެހެންވެ. މަންމަ ލުގުމާން ބައްޕައާއި ކައިވެނިކޮށްގެން ދިޔައިރު އިޒިކް ވަރަށް ކުޑަ. އިޒިކް ބެލީ މާމަ. ގޭ ކުދިވެރިން ފެށުނީއްސުރެ ކިޔާނީ މިއީ ގޮނޑުން ހޮވައިގެން ގެނެސް އޮތް ކުއްޖެކޭ. އެހެން ކިޔާ ދިމާކުރުމުން އިޒިކް ރޯތީ އަދި ބޮޑަށް އިޒިކް ރޮއްވަން އެހެން ކިޔާނީ. އެލާނެތް ގަނޑު ދައްކާ ވާހަކަ ދަރިފުޅުވެސް ގަބޫލުކުރީ؟ ނޫނޭ ދަރިފުޅާ. އިޒިކްއަކީ ހަމަ ދަރިފުޅުގެ އެއްބަނޑު ބޭބެ. މަންމަގެ ދެ ދަރިންނަކީ ލިބުނު އެންމެ ބޮޑު ހަދިޔާކަމުގައި މަންމަ އަބަދުވެސް ދެކެމުން އައިސްފައިވަނީ........" އަރުޖަމަންދު ވާހަކަދެއްކިއިރު ލުކުމާން އިނީ އިސްޖެހިފައެވެ. ވީއިރު އިޒިކްއާއިމެދު އޭނަ ދެކެމުން އައިގޮތް ބަދަލުކުރާން ޖެހިއްޖެއެވެ. އިޒިކްއާއި ސަވާނާ އަޅުވާ ކިޔުނީތީ އެކަމާއި ލަދު ގަންނާންޖެހިއްޖެއެވެ.

"ލޫކް. ލޮސްޓް އިން ތޯޓްސް؟ " އިޒިކް މޭޒުމަތީ މަޑުމަޑުން އަތުން ތަޅައިލިއެވެ.

"މްމްމް.........ސޯ ވީ އާ ބްރަދާސް ލެޓްސް މޭކް ދިސް އޮފިޝަލް. އެނގޭތަ. މިހުރިހާ ދުވަހު ނިންމައިގެން ހުރީ މިގެއަށް އަންނަގޮތަށް އެޑޮޕްޓްކޮށްފައިވާ ކުއްޖާ މިގެއިން ބޭރުކޮށްލަން. އެކަމަކު ދެން މަންމަގެ ވާހަކަތައް އަޑުއިވުނީމަ ބޭބެކަމަށް ގަބޫލުކޮށްފިން. ނައިސް ޓް މީޓް ޔޫ އިޒިކް ދޮންބެ..........................." ލުކުމާން އިޒިކްގެ އުލުގައި އުލުން ޖައްސާލަމުން ހީލިއެވެ.

"މިގެއިން ބޭރުކޮށްލަން ހިތަށް އެރި ސަބަބު އެނގެއޭ. ލޫކްއާއި ޖިލް އެއްވެސް ތަފާތެއްނެތް. ޖިލްވެސް އަހަރެން ސަވާނާއާއި ރައްޓެހިވެގެންނޯ އުޅެނީ ކިޔާފައި އެންމެފަހުން ބްރޭކްއަޕްވެއްޖެ. އަހަރެން ހިތަކަށް ނާރާ އެކަހަލަ ދުވަހެއް އައިސްދާނެއޭ. ޖިލް އެހާ އަންޑަސްޓޭންޑް ނުވާ ކުއްޖެއްކަމަށް ހީކުރެވުނު އެންމެ ވަގުތުކޮޅެއްވެސް ނާދޭ. ހީކުރީ އިތުބާރުކުރާނެކަމަށް. ލޯބީގެ ދެވަނަ ނަމަކީ އިތުބާރު. އެގޮތަށް ނުވަންޏާ އެކީގައި އުޅުމުގެ މާނައެއްވެސް ނުފެނޭ. ވީމަ ޖިލް އެދިޔައީ އެންމެ ރަގަޅަކަށް ކަމަށް ގަބޫލުކުރެވުނީ.............." އިޒިކް ސީރިޔަސްވެފައި ވާހަކަދެއްކިއެވެ.

ސަވާނާ ލަދުގަންނަގޮތްވިއެވެ. އޭނައަށް އިޒިކް އިޝްގީ ނަޒަރަކުން ދުވަހަކު ބަލައިލީއެއްވެސް ނޫނެވެ. އިޒިކްއާއި އޭނަގެ ގުޅުން އުފެދުނީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ. އޭގެފަހުންވެސް އޭނަގެ ހިތާމަތައް ފިލުވައިދޭން އެހީތެރިވީއެވެ. ޖިލްއަށް ގުޅާފައި އޭނަ ހުރިހާ ވާހަކަތަކެއް ކިޔާދޭނެއެވެ. މީހުން ދައްކާހާ ވާހަކަތަކަށް ނުހެއްލެން އެދޭނެއެވެ.

"ޖިލްގެ ބަދުނަސީބޭ މަންމަ ބުނާނީ. އިޒިކްއަކީ ކޮންމެ މައިދައިތައަކު އެންމެ ބޭނުންވާފަދަ ޕަފެކްޓް ދަނބިދަރިފުޅު.. ދެވަނަ އިޒިކްއެއް ޖިލްއަކަށް ނުލިބޭނެ. އަޅާނުލާ ދަރިފުޅާ. އަންހެންކުދިން ދުނިޔެއިން ހުހެއްނުވޭ. ސަވާނާކަހަލަ ކުދިން މަދުން ނަމަވެސް އުޅޭ..........އަރުމަޖަމަންދު އިނީ ހެވިލާފައެވެ. އެންމެ ކުރިން ފެށިގެންވެސް ޖިލްއަކީ އަރުޖަމަންދުގެ ނަޒަރުގައި އިޒިކް އެންމެ އުފާކޮށްދެވޭނެ ކުއްޖާއެއް ނޫނެވެ. ޖިލްގެ "ނެގަޓިވް" ކަމުން އިޒިކްއާއިއެކު އުޅޭކަށް ފަސޭހައެއްނުވާނެއެވެ. ކޮންމެ ކަމަކާއި ޝައްކުކުރުމާއި ޝަކުވާކުރަންޏާ ކައިވެންޏަށްފަހު ވާނީ ކިހިނެއް ހެއްޔެވެ.

"މަންމަ މިއުޅެނީ ޔޫކޭއަށް ފުރަން. ދުވަސްކޮޅަކަށް މަންމައާއިއެކު އިޒިކްއާއި ލޫކްވެސް ދާންވީނު. ސަވާނާ އެކޮޅަށް ދިޔައީމަ ފަހަރެއްގައި އުފާވާވަރުގެ ކަމެއް ދިމާވެދާނެ......" އަރުޖަމަންދު ސިއްރުވެރި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. ސަވާނާގެ ހިތަށް ބިރުވެރިކަންވަނެވެ. އޭނަ ދަތުރުކުރުން ރައްކާތެރިކަމަކަށްވެދާނެހެއްޔެވެ؟ ނަމަވެސް ލުކުމާންއާއިއެކު ދަތުރެއްގައި ދިޔުމުން އެބުނާހެން އުފާވެރިކަމަކާއި ދިމާނުދވާނެ ކަމެއް ނޭގެއެވެ. އަރުޖަމަންދު އެބުނި ޖުމްލައިގައިވި މާނައެއް ސަވާނާއަކަށް އެނގޭނީ ކިހިނެއްހެއްޔެވެ.

ހަވީރު އަރުޖަމަންދުގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނަށް ސަޔަށް ދައުވަތު ދެވިފައިވިއެވެ. އޭގެ ތެރޭގައި ޑޮކްޓަރ ތައިމޫރުއާއި ޒައިތޫން އަދި ކަޒްމީވެސް ހިމެނެއެވެ. ހުރިހާ އެންމެނަކީވެސް ދުނިޔޭގައި ނަން ހިނގާ މިލިއަނަރުންނެވެ. އެތަންމިތާ އެމީހުންގެ ގެތައް ގަނެ ކުންފުނިތައް ހިންގާ ގާބިލު ވިޔަފާވެރިވެރިންނެވެ. ސައި ތައްޔާރުކޮށްފައި ހުރީ ބަގީޗާގެ ގަސްތަކުގެ ތެރޭގައެވެ. ޔުނިފޯމް އެޅި އަންހެންކުދިންތައް ސައި ތައްޔާރުކޮށްދިނުމަށްފަހު ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ތިބީ އިޝާރާތަކަށް ބަލަބަލައެވެ. އެންމެންގެ ތެރެއަށް ނިކުންނާކަށް ސަވާނާއަކަށް ނުކެރުނެވެ. އިޒިކް ސަވާނާ ކައިރީ ބުނީމަވެސް ދެކޮޅުހެދިއެވެ. ހަގީގަތުގައި އެއީ އޭނަގެ އާއިލާއެއް ނޫންތާއެވެ. އަރުޖަމަންދު ލުކުމާންއަކީ ގެއްލިފައިވާ ދަރިފުޅުކަމުގައި ހީކުރިޔަސް އެކަމުގައި ހަގީގަތެއް ނުވެއެވެ. ވީއިރު މިއާއިލާގެ ޅީދަރިއެއްގެ ގޮތުގައި ފެންނާކަށް އޭނައަކަށް ނުކެރޭނެއެވެ.

ފުރަތަމަ ދެކެވުނީ ވިޔަފާރީގެ ވާހަކަތަކެވެ. އަރުޖަމަންދު އޭނަގެ އާއިލާއަށް ކިޔައިދިނީ އޭނަގެ ބަދުނަސީބު ދިރިއުޅުމުގެ ވާހަކަތަކެވެ. ތަހައްމަލުކުރަން ޖެހުނު އަނިޔާތަކުގެ ވާހަކައެވެ. ލުކުމާން ކުޑައިރުއްސުރެ އެތުއްތު ދަރިފުޅަށް ދިމާވި ގޯނާތަކެވެ. ދެކެންޖެހުނު އަނިޔާވެރި މަންޒަރުތަކެވެ. ލުކުމާންގެ ބައްޕަކަމުގައި ދުނިޔެއަށް އެނގޭ މީހާއަކީ ލުކުމާންގެ ލެއެއްނޫނެވެ. އެއީ ކާކުކަމެއް ޚުދު އަރުޖަމަންދު އަކަށްވެސް ނޭގެއެވެ. ލުކުމާންގެ ވާހަކަތައް ދައްކަމުން ދިޔައިރު ޖަޒުބާތީ ވި ވަރުން އަރުޖަމަންދުގެ ލޮލުން ކަރުނަ ފޭބިއެވެ. އިޒިކްއަށް މުހިއްމު ފޯނެއް އައުމުން ކަންފަތުގައި ފޯނު ޖަހައިގެން އޭނަ އެއްފަރާތަށް ދިޔައިރުވެސް އިޒިކްހުރީ ލިބުނު ހައިރާންކަމާއިއެކު ސިކުނޑި ސުމަކަށް ދާވަރުވެފައެވެ. ލުކުމާންއާއި އޭނަގެ އޮތް ގާތް ގުޅުން އެނގުމަށްފަހުވެސް އެކަން ސިކުނޑިއަށް ވައްދާދިނުން އެހާ ފަސޭހަކަމަކަށް ނުވިއެވެ. މާމައާއި ކާފާ އަދި އާއިލާ އެންމެންހެން ލުކުމާންގެ ގައިގާ ބައްދާފައި ނިތްކުރީގައި ބޮސްދިނެވެ. އެކީގައި ސެލްފީތައް ނެގުމަށް ކޮންމެ މީހަކުވެސް ހުރީ ކެތްމަދުވެފައި ކަހަލައެވެ.

އެންމެންގެ ފަރާތުން ސަލާމަތްވެގެން ކޮޓަރިއާއި ހަމަޔަށް ދެވުނުއިރު ލުކުމާންގެ އިސްތަށިގަނޑުވެސް އޮތީ ހޭވިފައެވެ. އެންމެންގެ ފަރާތުން ލިބުނު ލޯބީގެ ސަބަބުން ހިތަށް ތަފާތު އަސަރުތަކެއްވެސް ކުރުވައިފިއެވެ. އާއިލާގެ މުހިއްމުކަން ވިސްނެން ފެށީ އޮފީލިއާގައި އުޅެވެން ފެށީމައެވެ. މާމަމެންގެ އެފިރުމުންތަކާއި ލޯބިވެތި ބަސްތަކުން ޒަޚަމްވެފައިވާ ހިތުގައި ގަނޑުފެނުން ތެންމާލަދިންފަދައެވެ. ދެލޮލުން ތާއަބަދު ފެންނަން ހުރި ރިހުން ފިލާ ވިދުންގަދަވިއެވެ. ކޮޓަރިއަށް ވަދެފާ ރިމޯޓުން ކޮޓަރީގެ ބޮކިތައް ދިއްލައިލުމުން ލޮލަށް ފިނިކަން ގެނެސްދޭފަދަ ރީދޫ އައްޔަކުން އުޖާލާވިއެވެ. ކައިދަން ގުޅަން ފެށުމުން ފޯނު ނުނަގަން ހުރެފައިވެސް ލުކުމާން ފޯނު ކަންފަތުގައި ޖެހިއެވެ.

"އައި އޯލްވޭސް ސެންސްޑް ސަމްތިންގް ރޯޔަލް އެބައުޓް ޔޫ. އެއޮތް ހުރިހާ ދުވަހު އެނގިގެން ނުވެސް ބުނެ. އެކަމަކު ބެސްޓްފެރެންޑްކަމަށް ދައުވާކުރާނެ. މިހާވަރަކަށް ދޯ މީހަކާއި ރައްޓެހިވެވޭނީ. މަގޭ ބޯއިފްރެންޑް އެކަމަކު އަހަންނަށް އެކައްޗެއްވެސް ނޭގުނު. އެންމެ ލޯބިވާ މީހާ އަނދިރީގައި ބެހެއްޓީމަ ދެން ވަރަށް ހާޓްވެއްޖެ. ސީރިޔަސްކޮށް. ހޫމް ދެން އަހަރެން ފްރީކޮށް ދީފައި ހުރި ގިފްޓްތަކާއި ފައިސާ އަވަހަށް އަނބުރާދީ. ނޫނީ ބިލިއަނަރެއްގެ ދަރިއެކޭ ކިޔާފައި ދެން ފެންނާނީ ސްނޯ ފައިބާއިރު ހޫނުކުރަންވެގެމް ފައިސާ އަންދާފައި އިންސްޓަ ކުރާތަން......." ކައިދަން ދިމާކުރިއެވެ.

"ޑޯންޓް މޭކް މީ ޕަންޗް ޔޫ...." ލުކުމާން އިންޒާރުކުރިއެވެ.

"ޖަސްޓް އެ ޖޯކް އޭ. އައިމް ހެޕީ ވީ އާ ރިލޭޓެޑް ކަޒިން ލޫކް. އެކަމަކު ހިތާމަކުރަނީ އެންމެ ކަމަކާއި. އަހަރެމެންގެ ލިވިއާ ބޭބީއަށް މި ޚަބަރު އެނގޭއިރަށް ހާޓްއެޓޭކެއް ނުޖެހޭނެތަ އެކަމަކު ތީ ހަމަ ނޫހުގައި ޖަހާވަރުގެ ޚަބަރެއް. ޑެއިލީ މެއިލްއަށް އެންމެ ކުރިން ތި ޚަބަރު ފޮނުވާނީ. އެކަމާއި މިއުޅެގަތީ.." ކައިދަންގެ ވާހަކަތަކުން ލުކުމާން ހިނިއައެވެ. އޭނައަށް ނޭގުނީ ކައިދަން ހަގީގަތުގައިވެސް ނޫހަށް އެޚަބަރު ދީފާނެކަމެވެ.

ލުކުމާން ފޯނުގައި ހުރެފައި ރީތިވާ މޭޒަށް ލެނގިލިއެވެ. އަތުން ޖެހުނުގޮތަކުން ސަވާނާގެ ޝެނެލް ދަބަސް އޭގައިވާހާ އެއްޗެއް މާބްލް ތަޅުންމައްޗަށް ވިހުރުނެވެ. ގުދުވެ އެއްޗެހިތައް ނަގަންފެށިތަނާ ސަވާނާ ފާޚާނާއިން ނުކުތީއެވެ.

"ލޫކް.........." ސަވާނާ ކުޑަކޮށް ހާސްވެ ހުއްޓުން އަރާގޮތްވިއެވެ.

(ނުނިމޭ)

comment ކޮމެންޓް