އިނގިރޭސި ޕްރިމިއާ ލީގުގައި ގެބޯން ފޯވަޑް ޕިއެރޭ އެމެރިކް އޮބަމަޔާންގެ ދެ ލަނޑާއެކު ސްޓޯކް ސިޓީ އަތުން އާސެނަލް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސްޓޯކް އަތުން އާސެނަލް މޮޅުވެފައިވަނީ 3-0ގެ ނަތީޖާއަކުންނެވެ. ކުޅުނު 31 މެޗުން ލިބުނު 51 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އާސެނަލް އޮތް އިރު، ސްޓޯކް އޮތީ ރެލިގޭޝަން ޒޯނުގައެވެ. ސްޓޯކް ކުޅުނު 32 މެޗުން ލިބުނު 27 ޕޮއިންޓާއެކު އޮތީ ތާވަލުގެ 19 ވަނައިގައެވެ.
މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާ އިރު، ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ ސްޓޯކްގެ ޒެރްޑެން ޝަގީރީއާއި އާސެނަލްގެ އާރޮން ރަމްސީއަށް ލިބުނު ފުރުސަތެވެ. އޭގެ ތެރެއިން ރަމްސީ ފޮނުވާލި ހަމަލާ އަމާޒުވީ ސްޓޯކް ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލުން ކާމިޔާބުކުރި ލަނޑުތައް ފެނިގެންދިޔައީ މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައެވެ. މެޗުގެ 75 ވަނަ މިނެޓުގައި ސްޓޯކްގެ ޕެނަލްޓީ އޭރިއާ ތެރެއިން މެސުޓް އޮޒިލްއަށް މާޓިންސް އިންޑި ކުރި ފައުލަކާ ގުޅިގެން އާސެނަލަށް ލިބުނު ޕެނަލްޓީން ލީޑު ހޯދައިދިނީ ޖެނުއަރީ ޓްރާންސްފާގައި އެޓީމަށް ގެނައި އޮބަމަޔާންއެވެ.
މެޗުގެ 86 ވަނަ މިނެޓުގައި އާސެނަލުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އޮބަމަޔާންއެވެ. ސްޓޯކްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފައެވެ.
އާސެނަލުން ތިން ލަނޑުގެ ލީޑެއް ހޯދީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. ސްޓޯކްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސެންޑާ ލަކަޒެޓްއަށް މާޓިންސް އިންޑި ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، އާސެނަލަށް ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް ލަކަޒެޓްއެވެ. އެ ލަނޑަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ފަހު، ލީގުގައި ލަކަޒެޓް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.