ހަފްތާއެއް ތެރޭ، ޝަރަފް ހާފް މެރަތަން ގައުމީ ރެކޯޑު މުގުރާލައިފި

ހާފް މެރަތަން ގައުމީ ރެކޯޑު މުގުރާލި ޝަރަފް -- ފޮޓޯ: އަހްމަދު ޝަރަފް / ފޭސްބުކް

ހަފްތާއެއް ތެރޭގައި، އަހްމަދު ޝަރަފް ގައުމީ ހާފް މެރަތަން ރެކޯޑު މުގުރާލައިފިއެވެ.

އޮލިމްޕިކްސް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން މޮރޮކޯގައި ތަމްރީންތައް ފުރިހަމަކުރަމުންދާ ޝަރަފް މުގުރާލާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ސްޕެއިންގެ ވެލެންސިއާގައި ކުރިއަށްދިޔަ ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ޝިފާޒް މުހައްމަދު ގާއިމްކުރި ގައުމީ ރެކޯޑެވެ.

މިދިޔަ އާދީއްތަ ދުވަހު ޝިފާޒް، ރެކޯޑު ގާއިމްކޮށްފައިވަނީ އެއް ގަޑިއިރާއި 14 މިނެޓް، 48 ސިކުުންތުން ދުވުން ފުރިހަމަކޮށްގެންނެވެ.

މޮރޮކޯގައި ކުރިއަށްދިޔަ ސެމީ މެރަތަން އިންޓަނޭޝަނަލްގައި ދުވެގެން ޝިފާޒްގެ ރެކޯޑު، ޝަރަފް މުގުރާލީ އެއް ގަޑިއިރާއި 14 މިނެޓް، 11 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ. އެހެންކަމުން އޭނާ ހާފް މެރަތަން ރެކޯޑު މުގުރާލީ 37 ސިކުންތުގެ ފަރަގަކުންނެވެ.

މީގެ ކުރިން 2016 ވަނަ އަހަރުގެ ތެރޭގައި ޝަރަފް ވަނީ ހާފް މެރަތަންގެ ގައުމީ ރެކޯޑު ގާއިމްކޮށްފައެވެ. އޭރު ޝަރަފް ގާއިމްކުރި ރެކޯޑު، ޝިފާޒް މުގުރާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިދިޔަ އާދީއްތަ ދުވަހު ރެކޯޑު އާކުރުމުގެ ކުރިން ޝިފާޒް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ވެސް އޭނާގެ އަމިއްލަ ރެކޯޑު އާކޮށްފައެވެ.

comment ކޮމެންޓް