ބަޔާންގެ އަލަބާ ބާސާއަށް ގެނެސްދިނުމަށް މެސީ އެދިއްޖެ!

ބަޔާން މިއުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗެއްގައި މެސީ އަތުން ބޯޅަ ހޯދަން އަލަބާ މަސައްކަތްކުރަނީ-- ފޮޓޯ: ގެޓީ

ކުރިއަށް އޮތް ހޫނުމޫސުމުގެ ޓްރާންސްފަރގައި، ބަޔާން މިއުނިކްގެ ޑިފެންޑަރު ޑޭވިޑް އަލަބާ، ބާސެލޯނާއަށް ގެނައުމަށް އެޓީމުގެ މެނޭޖްމަންޓުގައި ލިއޮނަލް މެސީ އެދިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"ޑިއަރިއޯ ގޮލް"ގައި ބުނެފައި ވަނީ، ކުރިއަށް އޮތް ސީޒަނަށް ބާސާގެ ޑިފެންސްލައިން ވަރުދަގަކުރަން އެޓީމުގެ ކޯޗު އަރނެސްޓޯ ވަލްވާޑޭއާ މެސީ މަޝްވަރާކޮށްފައިވާ ކަމަށެވެ.

ކުރިން ވަލްވާޑޭ ވިސްނާފައި އޮތީ ބާސާގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަކުރުމަށް، 100 މިލިއަނެއްހާ ޔޫރޯ ހޭދަކޮށްގެން އެންޓޮއިން ގްރީޒްމަން އެޓީމަށް ގެނައުމަށެވެ. އެހެން ނަމަވެސް މެސީގެ އެދުމާ އެއްގޮތަށް ޑިފެންސް ލައިން ވަރުގަދަލުރުމަށް އަލަބާއާ މެދުވެސް ވަލްވާޑޭ ވިސްނާނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރިއާއަށް އުފަން، މިހާރު އުމުރުން 25 އަހަރުގެ އަލަބާ ވަނީ، ޖަރުމަނުގެ ބުންޑެސްލީގާ ޗެމްޕިއަން، ބަޔާންއަށް މިސީޒަންގައި 31 މެޗު ކުޅެފައެވެ.

މީގެ ދެ ސީޒަން ކުރީން ބަޔާންއާއެކު އަލަބާ ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުމާއެކު އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުއެވެ. އަދި އެ އެއްބަސްވުމުގައި "ރިލީޒް ކްލޯޒް"އެއްވެސް ހިމަނާފައި ނުވާކަމަށް ވެއެވެ.

ސްޕެއިން ފުޓްބޯޅައިގެ ގަދަ ދެ ބާރުކަމަށްވާ، ބާސާއާއި ރެއާލް މެޑްރިޑުން 2016 ވަނަ އަހަރުން ފެށިގެން ދަނީ އަލަބާއަށް ފާރަލަމުންނެވެ. 2016 ވަނަ އަހަރު ރެއާލުން އަލަބާއަށް 80 މިލިއަން ޔޫރޯގެ ބިޑެއް ހުށަހެޅުމުންވެސް ބަޔާނުން ވަނީ އެއަށް ނޫނެކޭ ބުނެފައެވެ.

comment ކޮމެންޓް