ތަރައްގީގައި އެހީތެރިކަން އެންމެ ބޭނުންވި ވަގުތު އިންޑިއާއިން އިޖާބައެއް ނުދިން: ދިވެހި ސަފީރު

2014 ވަނަ އަހަރު ބޭއްވި 18 ވަނަ ސާކްސަމިޓްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ-- ފައިލް ފޮޓޯ: ގެޓީ

ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ އެހީތެރިކަން އެންމެ ބޭނުންވި ދަނޑިވަޅުގައި އިންޑިއާއިން އިޖާބަ ލިބިފައި ނުވާކަމަށް، ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަރައްގީއަށް ޗައިނާއާއި އަރަބި އިސްލާމީ ގައުމުތަކުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ މި ދަނޑިވަޅުގައި، އިންޑިއާއިން ދަނީ ޗައިނާގެ ބާރު ރާއްޖޭގެ މައްޗަށް ގަދަވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިިންޑިއާގެ "ނިއުސް18"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަހްމަދު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި އެހީތެރިވުމަށް، ބޭރުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގެ ކިބައިންވެސް އެދުނުކަމަށާއި ނަމަވެސް، މިކަމުގައި އިންޑިއާއަށް ވުރެ ކުރިން އެހެން ގައުމުތަކުން އިސްނެގި ކަމަށެވެ.

"އެއީ ތެދެއް. ތަރައްގީގެ މަޝްރޫއުތަކުގައި އެހީތެރިވުމަށް އިންޑިއާއަށްވެސް ހުށަހެޅި، އެހެން ނަމަވެސް އަހަރެމެންގެ ތަރައްގީގެ އެހެނިހެން ބައިވެރިން އިންޑިއާއަށް ވުރެ ކުރިން އިޖާބަ ދިނުމުން އެފަރާތްތަކަށް މަޝްރޫއުތައް ހަވާލުކުރެވުނީ،" ވަގުތުގެ މުހިއްމުކަން ފާހަގަކުރައްވަމުން ސަފިރު ވިދާޅުވިއެވެ.

އިންޑިއާއިން އެންމެ ކަންބޮޑުވާ ކަމަކީ، ވޭތުވެދިޔަ ދިގު މާޒީގައި އިންޑިއާއިން ރާއްޖެއަށް ފޯރުވަމުންދިޔަ ނުފޫޒު ޗައިނާއިން އަތުލަމުންދާކަމުގެ އިހްސާސްކުރެވުމެވެ. އެގޮތުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދެގައުމުންވެސް ދަނީ ރާއްޖޭގެ މަސްރަހްގައި ހިނގާ ކަންތައްތައް، މިއިން ޒަމާނެއްގައި ވެސް ނުބަލާ މިންވަރަށް ފާރަލައި ބަލަމުންނެވެ.

ޗައިނާގެ "ވަން ބެލްޓް ވަން ރޯޑް" (އޯބީއޯއާރު) މަޝްރޫއުގެ ދަށުން ރާއްޖެއަށާއި އަވައްޓެރި ގައުމުތަކަށް އެތަކެއް މިލިއަން ޑޮލަރު އިންވެސްޓު ކުރަމުން ދާއިރު، އިންޑިއާއިން ވެސް ދަނީ، ސަރަހައްދުގައި އެގައުމަށް ލިބިފައިވާ ސްޓްރެޓެޖިކަލް ބާރުތައް ގެއްލުނަ ނުދީ ހިފެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް އައި ސިޔާސީ ހަލަބޮލިކަމުގައި މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކު އިންޑިއާއާއި ޗައިނާގެ ހަނގުރާމަ މަތީ އުޅަނދުތައް ސަމާލުކަމަށް ގެނައިކަމުގެ އަޑުތައްވެސް އޭރު ފެތުރިގެން ދިޔައެވެ.

ސަފީރު ވިދާޅުވީ، ރާއްޖޭގެ ހާލަތު އަމިއްލައަށް ވަޒަންކޮށްލުމަށް އިންޑިއާއިން ވަފުދެއް އައުމުގެ އިންތިޒާރު، ރާއްޖޭން ކުރަމުންދާ ކަމަށެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު ސީދާ ވާހަކަތައް ދެކެވެނީ ވަރަށް މަދުންކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވި، އަބަދުވެސް މިއިވެނީ ތިންވަނަ ފަރާތަކުން ދޭ މައުލޫމާތައް އިންޑިއާ ބަރޯސާވާކަމުގެ ޚަބަރުތައް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ މިކަމުގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކޮށް، ނުވަތަ ރާއްޖެއިން އިންޑިއާއަށް ވަފުދެއް ގޮސްގެން ނަމަވެސް ކަންކަން ރަނގަޅަށް އޮޅުންފިލުވަން،" އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ އެކެއްގެ އަމުރު ތަންފީޒުކުރުމަށް އިންޑިއާއިން ގޮވާލި ގޮވާލުމާ ގުޅޭގޮތުން ސަފިރު ވިދާޅުވީ، އެކަމުގައި ވެސް ފެނިގެން ދިޔައީ ހަގީގަތް ރަނގަޅަށް އެނގިފައި ނެތުމާއި، ދެގައުމުގެ ދެމެދުގައި އޮތް "މިސްއަންޑަސްޓޭންޑިންގ" ކަމަށެވެ.

ރާއްޖޭގައި 45 ދުވަސްވަންދެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމަށް ފަހު އެ ހާލަތު އުވާލުމުން އިންޑިއާއިން ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މަރުހަބާ ކިޔައިފައެވެ.

ދިވެހީންގެ އެންމެ ގާތް އަޚަކީ އަދިވެސް އިންޑިއާއެވެ. ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފައިސަލް މީގެ ދެތިން ދުވަހެއް ކުރިން ވިދާޅުވެފައި ވަނީ، އިންޑިއާއަކީ އަދިވެސް ރާއްޖޭގެ "ބްރަދަރ" އެއް ކަމަށާއި ޗައިނާއަކީ ޒަމާންތަކެއް ވަންދެން ގެއްލިފައި ވުމަށްފަހު ފެނުނު "ކަޒިން"އެއް ކަމަށެވެ.

ޖޯގްރަފީގޮތުން ރާއްޖެއާ އިންޑިއާއާ އޮތް ގާތްކަމާއި ސަރަހައްދީ ގާތްކަމަށްވެސް ބަލައި އަދިވެސް ރާއްޖޭން އަމަލުކުރަމުން ދަނީ "ފުރަތަމަ އިންޑިއާ" ޕޮލިސީކަން ފައިސަލް ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް ޗައިނާއިން ދޭ އެހީތެރިކަން ދޫކޮށްލެވެން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސައުތު ޗައިނާ މޯނިން ޕޯސްޓަށް" ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ޗައިނާގެ ގިނަ އިންވެސްޓްމަންޓުތަކާއި ޕްރޮޖެކްޓުތަކާއެކު ދިވެހި ސަރުކާރުން ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ވަކި ކޮޅެއް ނުނަގާނެ ކަމަށާއި ޗައިނާ އަދި އިންޑިއާ ދޫކޮށްލައިގެން ރާއްޖެއަށް ދެކޮޅު ނުޖެއްސޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

comment ކޮމެންޓް