ނޭނގި ހިތާ ކުޅެލީ - 35

ހެނދުނު އަރައިގެން އައި އިރާއިއެކު އަރުޖަމަންދު ހުރީ ހޮސްޕިޓަލުގައެވެ. ލުކުމާން އޮތް ޕްރައިވެޓް ކޮޓަރިއާއި ހަމަޔަށް އާދެވުނުއިރު އިޒިކްއަށްވެސް އެތަނަށް އާދެވުނީއެވެ. އަރުޖަމަންދު ލޮލުގައިވާ ކަޅު އަވިއައިނު ނެގިއިރު ދެލޯ ދުޅަކަމާއި ރަތްކަމުން މަންމަ ވަރަށް ރޮއިފަހުރިކަން އިޒިކް ދެނެގަތެވެ. އަރުޖަމަންދު އޭނަގެ ފިރިހެން ދަރިފުޅު އިޒިކްގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ކޮޓަރިއަށް ވަނުމާއިއެކު ލުކުމާންއޮތް ހާލު ފެނިފާ އަރުޖަމަންދުގެ ދެލޮލުން ކަރުނަ އޮހެން ފެށުމާއިއެކު "މަންމަގެ ދަރިފުޅާ" އޭ ކިޔާފައި ގޮވައިލެވިއްޖެއެވެ.

އޭރު އެތަނުގައި ސަވާނާ އިންކަމެއް އަރުޖަމަންދުއަކަށް ނޭގުނެވެ.

"ދަރިފުޅާ. ކިހިނެއްވެފައި މިއޮތީ. ހާދަ ބޮޑުވަރުކޮށްލާފައޭ. މޫނަށްވެސް ކިހިނެއް ހަދާފައި މިއޮތީ..........." އަރުޖަމަންދު ލުކުމާންގެ މޫނާއި އަތުގައި ބޮސްދެމުން ވާހަކަދެއްކިއެވެ. ފަހަތުން އައިސް ހުއްޓުނު ޑޮކްޓަރު ތައިމޫރުއަށްވެސް އަރުޖަމަންދުގެ އެ ހަރަކާތްތައް ފެނި ހައިރާންވެ އަންތަރީސްވިއެވެ. ސުވާލުގެ ނަޒަރަކުން ބަލައިލެވުނީ އިޒިކްގެ މޫނަށެވެ. އިޒިކް އޭނަގެ ބޮޑުބޭބެ ތައިމޫރުއަށް އޭނައާއެކު އައުމަށް ލޮލުން އިޝާރާތްކޮށްލިއެވެ. މަންމަގެ އެ ސިއްރު މިހުރިހާ ދުވަހު އޮތީ އިޒިކްއާއި ހަމައިގައެވެ. ނަމަވެސް މަންމަގެ ނަފްސާނީ މައްސަލަ އަނެއްކާ މާ ގޯސްވީކަމުގައި އޭނަ ދެކުނެވެ. ބޮޑުބޭބެ ކައިރީ އިޒިކް ކޮންމެވެސް ވަރަކަށް އެވާހަކަ ކިޔައިދިނެވެ. މަންމައަށް މި ލުކުމާން ފެނުނުފަހުން މަރުވީ ދަރިފުޅުކަމުގައި ހަދައިގެން އަމިއްލަ ދަރިއެއްފަދައިން ލޯބިވާން ފަށައިފިކަމުގައި ބުނެލުމުން ތައިމޫރުއަށް ވިސްނުނެވެ.

ވާރޭވެހޭލެއް ބޯކަމުން މިއިން ޒަމާނެއްގައި ހުއްޓާލަފާނެކަމުގެ އެއްވެސް ނިޝާނެއްނުފެނެއެވެ. ކެރިގަނޑާއިއެކު އަންނަ ވަޔާއިއެކު ފުރާޅުތައް އެއްލާލަފާނެކަހަލައެވެ. ކުޑަދޮރުތައް ތެޅިލައެވެ. ވާރެއާއި މިހާ ގަޔާނުވި ދުވަހެއް އައިކަމެއް ލިވިއާއަކަށް ނޭގެއެވެ. ސޭލްސްދަށް ދުވަސްކޮޅެއްކަމުން ދެރަވެފައި ހުއްޓާ މޫސުމް ޚަރާބުވެ އެރޭ އެންމެ ކަސްޓަމަރެއްވެސް ދައްކާނުލިއެވެ. ފިހާރައިގެ ސީލިންއިން ތަންގަނޑެއް ހަލާކުވެ ފެންލީކް ވާންފެށުމުން އާލިމާ އެދިމާލުގައި ބާލިދީއެއް ބެހެއްޓުމުން ލިވިއާ ގަތީ އަމަށަކު ލަދެއްނޫނެވެ. މިފަދަ ތަނެއް ބޮޑު އަގުގައި ކުއްޔަށް ނެގި އިމާދުއްދީންވެސް ހަމަ މޮޔައީއެވެ. ބަލާނުލީއެވެ. ވިސްނަންޖެހޭ ކަންތައް މަދެއްނޫނެވެ. އާލިމާ އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. ކައުންޓަރު މަތީގައި ބަނޑު އަޅާލައިގެން ފޯނުން އެފްބީއަށް ވަދެ އެކި މީހުންގެ ޕްރޮފައިލް ހާވާން ހުރެ ވާހަކަދެއްކިއެވެ.

"ޑޯންޓް ވޮރީ. ލިވީ ކަހަލަ ރީތި މޮޑެލް އަންހެންކުއްޖަކު ލިބެން ހުއްޓާ ކައިދަން އަދި ލުކުމާންވެސް އެކުއްޖާއާއި ވީ ފަރާތަށް ބަލާވެސްނުލާނެ. އެއީ ކޭމާޓު. މާކުންބެ. ޖަގްހެޑް. ގިނައިން ކާ މީހުންނަށް ދީފައިވާ ކޮންމެ ނަމެއް އެ ސަވާނާ ކިޔާ ސަންތި މަރިޔަބާއި ގުޅެއެއްނު ކެކެ. މިހާރު އަދި ލިވީއަށް ފެނިއްޖެއްޔާ ޝޮކް ޖެހޭނެ. ޗަސް ބަނޑެއްލާފައި ހުރީ. އެއޮތް ޑްރެސް ކުރާގޮތަކުންވެސް މީހަކު ބޯ ހަލާކުވާނެ. ސާދަ ވަނަ ގަރުނުގެ މޫވީއެއްގައި ފެންނަ ކަހަލަ އަންހެނަކާއި ތަފާތެއްނެތް. އަދި އެ ވާހަކައެއް ނޫނޭ. އެ ލުކުމާން ކިޔާ ފިރިހެނާވެސް ފްލާޓީކަމުން މޮޔަވެދާނެ. މަށަށްވެސް ސިއްރު ސިއްރުން ބަލައޭ. އެހެންޏަ އޭނަގެ އަންހެނުންނަށް ވުރެ މަވެސް މާ ރީތިވިއްޔަ. އަދި އެ ފެޓީ ސަވާނާ ތަންކޮޅެއް ވަށް މޫނެއް ހުރީމަ ސެލީނާ ގޮމޭޒް ކަމަށް ހެދިގެން. ސެހާދަތް ހަމަ ފޫހިވެގެން ހަލާކު. މިސް ގުޑީ ޓޫ ޝޫޒް މި ޕިކްއިން ދުއްވާނުލިއްޔާ އަހަރެންގެ ނަމަކަށް އާލިމާ އަހުމަދު އެކޭ ނުކިޔާނެ ....ހަމަ ހުވާ މިބުނީ އަދި ލުކުމާން ލިވީ ފަހަތުން ބެގް ކުރަމުން އަންނާނެ. މަ އަދި އެންމެ ހިނި އަންނަނީ އެ ސަވާނާ ލުކުމާން ފެނުނީމަ އެއޮތް އުޅޭ ވައްތަރަކުން. ސޮނި ފައިބާފައި އިންނަނީ ތިމާއާއި އެކަށީގެންނުވާ ކަމަށް ހިތަކަށްވެސް ނާރުވާ. އެވައްތަރު އަންހެނުން ފެނުނީމަ މަ ހަމަ ހިނި އަންނަނީ............." އާލިމާ ފޮނި ކެނޑިއެވެ. އެވާހަކަތަކުން ލިވިއާގެ ހިތަށް ހަމަޖެހުމެއް ލިބި ސަވާނާ އެހާ ފަލަވީ ކީއްވެހެއްޔޭ ކިޔާފައި ސުވާލުކުރަން ފެށިއެވެ. އާލިމާ ބުނީ ހަމަ ގިނައިން ކާތީ ކަމުގައެވެ.

"ލިވީގެ ސްވީޓްހާޓް ދެކެލާކަށް ނުދާނަންތަ. ހީޒް ރިއަލީ ހޮޓް. ސްމާޓް. ބަލާބަ މިހިރަ ސެކްސީ ޕިކްއެއް. ކޮންފަދަ ފިރިހެންކަމެއް. މިއޮތް ފުން ދެލޮލަކުން ހިތް ތަޅުވާލާ. ނުވީތާކަށް ހާޓް މެލްޓިން ޑިމްޕަލްސް......... "

"ލިމާ އެއްކަމަކު މަގޭ ލޫކްއަށް ހިތް ނުކިޔަބަލަ.................." ލިވިއާ ފޯނު ޖަހައިގަތީ ކަޅި އަޅާލާފައެވެ. އާލިމާ މިވަރަށް އަނގަ ފަޅާ ލަދެއްނެތި އޭނައާއި ދިމާކުރަން ކެރޭކަމާއިމެދު ހައިރާންވެއެވެ. އަމްރާންގެ ޕާޓީ ޕޭޖުގައި ލުކުމާންއާއި އައުސަމްއަށް ވަޅިން ހަމަލާދިން ޚަބަރު ޓެގްކޮށްލާފައިވިއެވެ. ލުކުމާންގެ ހިތް ހަލާކުކޮށްލާފަދަ ހިނިތުންވުމުގާ ހުރި ފޮޓޯއަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން ހުރެވުނެވެ. ތެދެކެވެ. އެތައް ލައިކްސްއަކާއި ކޮމެންޓެއް އައިސްފާވިއެވެ. ލިވިއާގެ ތަބީއަތު އިތުރަށް ގޯސްވިއެވެ. ހަލާކުވެފައިވާ ހިތަކާއިއެކު ލުކުމާންގެ ނަމްބަރަށް ގުޅަން މަސައްކަތްކުރިއެވެ. އިވެނީ އެއް ޖަވާބެކެވެ. އެއީ ބޭނުންކުރާ ނަމްބަރެއް ނޫންކަމަށެވެ. ލުކުމާން ނަމްބަރު ބަދަލުކޮށްލީ އޭނައާއި ރުޅިވީމަހެއްޔެވެ. ކައިދަންއަށް ފުލުފުލުގައި މެސެޖްކުރާއިރު ޚަބަރެއްވަނީއެއް ނޫނެވެ. ލުކުމާން ކައިރިން މާފަށް އެދިފައި އަލުން ގުޅެން އޭނަ އެދޭނީއެވެ. އޭރުން ލުކުމާން އޭނަގެ ދިރިއުޅުމުގެ ހުރިހާ ޒިންމާތަކެއް ނަގާނެއެވެ. ކައިދަން އަތުން ދަރަންޏަށް އަތުލައިގެން ނަމަވެސް އޭނައަށް ހަޔާތުގެ ހުރިހާ އުފަލެއް ހާސިލުކޮށްދެންޏާ ރުޅިވުމުގެ ހައްގެއް އޭނައަކަށް ނެތެވެ. ނޫނީ ކައިދަންބާވައެވެ. ހަތަރުއަނގޮޅި ކަންމައްޗެއްގައި ވާ މީހެއްފަދައިން ހިނގައިގަންނާނެ ކޮޅެއް ނޭގި ވިސްނަން ހުރެވުނެވެ. ކޮންމެވެސް އެއްކޮޅެއްގައި ނުޖެހުނިއްޔާ ދިރިއުޅުން ދަތިވެދާނެއެވެ.

ލުކުމާން އެޑްމިޓްކޮށްފައިވާ ޕްރައިވެޓްރޫމްގެ ދޮރު ހުޅުވައިލިއިރު ލިވިއާގެ ހިތްފިނިވެ ޖެހިލުންވާގޮތްވިއެވެ. ހިތްވަރުކޮށްލާފައި އޭނަ މަޑުމަޑުން ދޮރު ހުޅުވައިލިއިރު ލުކުމާން އިނީ އެނދުގައި އިށީދެލައިގެންނެވެ. ފޯނާއި ކުޅެލަ ކުޅެލާއިންއިރު މޫނުމަތިން ސީރިޔަސްކަމެވެ. ސަވާނާ ކުޑަގޮތަކަށް ސޯފާގައި އިންއިރު އަތުގައި އޮތީ ހިސްޓްރީ ފޮތެކެވެ. ކުޝަންމަތީ ފޮތްބާއްވާލައިގެން އިންއިރު ލޯބިކަމުން ލިވިއާގެ ހިތް ހަސަދައިން ފުރުނެވެ. ފަލަވިޔަސް އެމޫނުކޮޅު ކޮންފަދަ ފުރިހަމަހެއްޔެވެ؟ ލުކުމާން އިސްއުފުލާލުމާއިއެކު ލިވިއާއަށް ހިނގައިގަނެވުނީ އެދިމާލަށެވެ. އޭނަގެ އަތުގައި އޮތް މާ ބޮނޑިދިއްކޮށްލަމުން އެއްޗެކޭ ބުނަން އުޅުނެވެ.

"ސޮރީ ލޫކް. އަހަރެން....." ލިވިއާ ޖެހިލުންވެފައި ހުރީ ލުކުމާންގެ ދެލޮލުގައިވާ ޝުއޫރުތައް މާނަކުރަން ނޭގޭތީއެވެ. އޭނައާއި މެދު ލުކުމާން ދެކޭގޮތް ނޭގުމުން ބިރުވެރިކަމެއްގެ ތެރޭގައި މުޅި ހަށިގަނޑުވެސްވިއެވެ.

"ސައި ބޮއިފިންތަ..." ލުކުމާން ލިވިއާގެ އަތުން މާބޮނޑި އަތުލިއެވެ. ޝުކުރު އަދާކުރަމުން އެމާބޮނޑީގައި ވަސްބަލައިލިއިރު ލިވިއާކައިރީގައި ހުރެ ސެލްފީއެއްނެގިއެވެ.

"އަދި ނުބޮން ލޫކްއާއިއެކު ސައިބޯންވެގެންނޭ މިއައީ........"

"ލިވީ ހާދަ ރީއްޗޭ. މި ޑްރެސް ވަރަށް ގުޅޭ...." ލުކުމާން އެޖުމްލަތައް ބުނެލިއިރު ހިނިތުންވުމާއިއެކު ނަޒަރު ހުއްޓިފައިވީ ސަވާނާއަށެވެ. ސަވާނާ އަތުގައި އޮތް ހިސްޓްރީ ފޮތުން އެންމެ ލަފުޒެއްވެސް އެކުއްޖާގެ ސިކުނޑިއަކަށް ވަންހެނެއް ހިޔެއްނުވެއެވެ. އިސް އޮބާލައިގެން އިންއިރު ހުރިހާ ބާރެއްކުރީ އެ ނާޒުކް ރަތް ތުންފަތަށެވެ. ލޭ އަރާލާނެހެން ހީވިއެވެ. ސަފުހާތައް އަވަސްއަވަހަށް އުކަމުން ދިޔަތަން ލުކުމާން ބެލީ މަޖާވެފައެވެ. ލިވިއާވެސް ހުރީ ވާނުވާ ނޭގި އޮޅުމެއްގެ ތެރޭގައެވެ. ލުކުމާންގެ ނިޔަތް ރޭކާ ނުލުމުން ބުނަންނޭގޭފަދަ އުފާވެރިކަމުގެ ރާޅެއް ހަށިގަނޑުގައި ހިގައިލިއެވެ. ކުއްލިއަކަށް ލުކުމާން ލިވިއާގެ އަތުގައި ހިފެހެއްޓިއެވެ. ލިވިއާގެ ޖިސްމުގައި ހުޅުހިފައިގަތްފަދައެވެ. މުޅި ހަށިގަނޑުގައި ކަރަންޓުގެ ރާޅުބާނިތައް ދަތުރުކުރުމާއިއެކު އެލޮލަށް ބަލައިލެވުނީ ލޯބިން ހިތް ފުރޭފަދަ ހާލުގައެވެ. ކުރިން ހިތުގައި އޮތް ލޯބި އަނެއްކާ އާލާވިއެވެ. ލުކުމާންގެ އެމަޑު ކަޅީގެ ރީތިކަމާއި އަސަރުގަދަކަމަށްޓަކާ ހިތް ފިދާވާންފެށިއެވެ. ލޮލުގެ ކުރިމަތީގައި ނިއުޅެންފެށި ޑްރާމާއިން ހިތަށް ހެރުނު ކަށިތަކުގެ ލޭ އޮހި ދެލޮލަށް ކަރުނަ ޖަމާވުމާއިއެކު ސަވާނާ ފޮތް ބާރަކަށް ލައްޕާލާފައި އެތަނުން ނުކުންނާން ހިނގައިގަތެވެ. ދިޔަ ބާރުމިނުގައި ކައިދަންގެ ގައިގާ އަޅައިގަތްވެސްމެއެވެ.

"ނަންނި......" ކައިދަން ސިހިފައި ސަވާނާއަށް ދެތިންފަހަރު ގޮވާލާފައި ފަހަތުން ދާން އުޅުނެވެ. ސަވާނާ ރޮމުން އެކޮޓަރިން ނުކުމެގެން ދިޔައީ ކީއްވެހެއްޔެވެ؟ ލުކުމާން ކީއްކުރީބާވައެވެ.

ސަވާނާ ނުކުމެގެން ދިޔުމާއިއެކު ލުކުމާން ލިވިއާގެ އަތް ދުރަށް ޖައްސާލީ ފޫހިވެފައިވާ ގޮތަކަށެވެ.

"އާ ދެން ބުނެބަލަ ކިހިނެއްވީ؟ ޑިޑް ޔޫ ލޫޒް ދަ އޯލްޑް މޭން؟ " ލުކުމާންގެ އެ ޖުމްލައާއިއެކު ލިވިއާ ގެ މުޅި ޖިސްމުވެސް ގަނޑުވެ މީހާ ޝޮކަކަށް ދާގޮތްވިއެވެ. ސިއްސައިގެން ދިޔަ ވަރުން އަނގަމަތީ އަތްއެޅުނެވެ. ހާސްވެގެންގޮސް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ރޮވެން ފެށުނީވެސް އެހެންވެއެވެ. ލުކުމާންއަށް އޭނައާއި އިމާދުއްދީން ރައްޓެހިވެގެން އުޅުނުކަން ފަޅާއެރީ ކިހިނެއްކަމެއް ނޭގުނެވެ. މިއީ އެފްބީއައި އެޖެންޓެއްހެއްޔެވެ؟ އެހާކުޅަދާނައެވެ. ލިވިއާގެ ލޮލުން އައި ކަރުނަތައް ފެނިފާ ލުކުމާންގެ ހިތަށް އެއްވެސް އެއްޗެއް ނޭރިތާ ހަމްދަރުދީވާގޮތެއްވެސް ނުވިއެވެ. އެކަމާއި ލުކުމާން އަޖައިބުވިއެވެ. ކުރިން ލިވިއާގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓިޔަނުދީ އުފަލުގައި ބަހައްޓަން އޭނަ ހާދަ މަސައްކަތެއްކުރިއެވެ. އެދުވަސް މާޒީވެގެން އެދިޔައީއެވެ. މިއަދު އެއްވެސް އެއްޗެއް ހިތަށް ނޭރީ ކީއްވެބާވައޭ އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ. "އިޒް ދެއާ ނޯ ލޯންގާ އެނީ ލަވް ފޯ ހާ އިން މައި ހާޓް؟ " ލުކުމާން ހިތާހިތުން ސުވާލުކުރިއެވެ. ޖަވާބަކީ އާއެކެވެ. އެލޯބި ލިވިއާ ނައްތާލައިފިއެވެ. އެހިތުގައި ވީ ލޯބި ފޮހެލައިފިއެވެ. ހިތް ހަރުކޮށްލައިފިއެވެ.

"ޑޯންޓް ވޮރީ ޑާލިން. އޭނައަށް އަދަބު ލިބި ނިމުނީމަ އަދި ޖަލުން ނިކުންނާނެ. އަދި ޗައިނާ ޓްރިޕްގައިވެސް ގެންދާނެ. އެދުވަހަކަށް އިންތިޒާރުކުރޭ........" ލުކުމާން ހަމަޖެހިލާފައި ބުނެލިއެވެ. ޗައިނާގެ ވާހަކަދެއްކުމުން ދެލޯ ބޮޑުކޮށްގެން ހުރެ އެއްޗެކޭ ބުނަން އުޅުނުތަނާ ކައިދަން އެތަނަށް ވަނެވެ.

"ކައި. ވިލް ޔޫ ޕްލީޒް ގެޓް ހާ އައުޓް އޮފް ހިއަ" ލުކުމާން ބުނެލީ ލިވިއާގެ އުދަގުލާއިހެދި ނޫޅެވޭވަރުވެފައި އިންހެން ހީވާފަދަ ގޮތަކަށެވެ.

"ގިވް އަޕް ލިވިއާ ދެން ލިވިއާގެ މެޖިކް ލޫކްއަކަށް ވޯކެއް ނުކުރާނެ." ކައިދަން ދޮރު ހުޅުވާލުމަށްފަހު ބުނެލިއެވެ. ލިވިއާ ނުކުންނާންދެން އޭނަ ދޮރު ލައްޕާލަން ގަސްތުނުކުރާފަދައެވެ. ލިވިއާގެ ހިތަށް ނުބައިގޮތެއްވިއެވެ. މިތަނުން ދިޔުން ނޫންގޮތެއް ނެތްކަން އެނގުނެވެ. މިވަގުތު އޭނައަށް ނާކާމިޔާބުވިޔަސް އެހާ ފަސޭހައިން އޭނަ ލުކުމާން ދޫކޮށެއްނުލާނެއެވެ. ސަވާނާވެސް ހެދިގޮތް ބަލާލަބަލާށެވެ. އޭނައާއި އަނގައިންވެސް ނުބުނެ އެތަނުންނުކުމެގެން ދިޔައީއެވެ.

ލުކުމާން ހޮސްޕިޓަލުން ދޫކޮށްލުމުން އެންމެ ފުރަތަމަ ޖައްސައިލީ މޭޕްލްވިލާއަށެވެ. ގެ ރަގަޅު ފެންވަރަކަށް ހަދަންވެގެން އޭނަ އިޒިކްމެން ގެއަށް ބަދަލުވާން އުޅޭކަމުގެ ޚަބަރު އޭނަ ސަވާނާއަށް ދިނެވެ. ސަވާނާ ދެލޯ ބޮޑުކޮށްލައިގެން ބަލަންއިނީ އެކަމާއި ކަންބޮޑުވެފައެވެ. އޭނަގެ ހުރިހާ ހަދާންތަކެއް ގުޅިފައިވާ ގެ އަބަދަށްޓަކާ ދޫކޮށްލާންޖެހުމުން އެކަން ސިކުނޑިއަކަށް ނަގައިނުގަނެވުނެވެ. އޭނަ މިގެއިން ނުދާންކަމަށް ބައްޕައަށް ވައުދުވިއެވެ. ނަމަވެސް އަނެއްކޮޅުން ލޯތްބެވެ. ލުކުމާންއާއި ދެކޮޅުހެދޭކަށް ނެތެވެ. ގެ ރަގަޅު ފެންވަރަކަށް ހަދާފައި އަލުން އެގެއަށް އާދެވޭނެކަމުގެ އުއްމީދު ގެއްލުވާލާކަށް ބޭނުމެއްނޫނެވެ.

ސަވާނާ ކޮޓަރިއަށް ވަންގޮތަށް އެތައް އިރެއްވާންދެން އެނދުގައި އިށީދެލައިގެން އިނެވެ. ޕެކްކުރަން ޖެހޭ ސާމާނު ހާދަ ގިނައެވެ. ބައްޕަވެސް އަދިވެސް ހުރީ ބަންދުގައި ކަމުން ބައްޕަގެ ކޮޓަރީގައިވާ ތަކެއްޗަށް ހަދަންވީގޮތެއްވެސް ނޭގުނެވެ. ވަރުބަލިކަން އިހުސާސްވުމުގެ އިތުރުން އުނަގަނޑަށް އަރާފައިވާ ތަދާއިއެކު ކޮންމެވެސް ވަރަކަށް ފައިގެ މަސްތަކުގައި ރިއްސާލައެވެ. އެހުރިހާ އުދަގޫތަކެއް އޭނަ ގުޅުވީ ޑިޕްރެޝަންއާއެވެ. މަންމަގެ ކޮޓަރިއަށް ވަދެފާ ހުރިހާ ފޮތްތަކެއް ފޮށިގަނޑަކަށް ލިއެވެ. މަންމަގެ ހެދުމާއި ރީތިވާ އެއްޗެއްސާއި އަލްބަމްތައް ވަކިން ހުރި ފޮށިގަނޑަކަށް ލާފައި ތައްޔާރުކޮށް ނިމުނުއިރު ހޫނުކަމުން މޫނުގައި ދާތިކިތައް ވިދާ ބަބުޅައެވެ.

"އެކްސްކިއުޒް މީ؟ އަހަރެން ބުނިންތަ ހުރިހާ އެއްޗެއް ޕެކް ކުރާށޭ. މިގެ ހަދަންފެށޭނީވެސް އަދި ދެމަހެއްހާ ދުވަސްތެރޭ. އެކަމަކު މިހާރުވެސް އަހަރެމެން އޮފީލިއާއަށް މޫވްވާން މަންމަ އެދުނީ. ހުރިހާ އެއްޗެހި އެއްފަހަރާ ނުގެންދިޔަސް މަޑުމަޑުންގޮސް ގެންދެވިދާނެ. އެހާ ހައިޕާވެގެން އުޅޭކަށް ނޫޅެ ދުވަހަކު އެއް އައިޓަމް ގެންދިޔަސް ހެވޭ.............." ލުކުމާން ދޮރުމައްޗަށް އެރިއެވެ. ސަވާނާ ތެދުވާން އުޅުނުއިރަށް ފައިގެ ފަލަ މަސްގަނޑަށް އެރި ތަދަކުން ހަޅޭއްލަވައި ނުގަނެވުނީ ހަމަ ކިރިޔާއެވެ. ލޮލުން ފެންއައުމާއިއެކު ހުރިތަނަށް ތިރިވެވުނެވެ.

" ފޭކް ފްލަފީ.........ޑޯންޓް ފީލް ބޭޑް އިގޭ ސަވާނާ ފެނުނީމަ މިގޭގައި އޮންނަ ބުޅާގަނޑު މަތިން ހަދާންވަނީ. އަދި ތިހުދު ހެދުން އަބަދު ލައިގެން އުޅޭތީ. ބާރެއް ލިބިފައިވާކަމަށް ހީކޮށް ފްލަފީއަށްވުރެ ވީކް ކުއްޖެއް ތިހެން އުޅުނީމަ ވާނީ ތިހާކަށްހާވަރު އިނގޭ. ތަންތަނަށް ތަދު އަރާނެ. ނޫނީ ހަމަ އަހަރެން ލައްވާ އުފުލުވަން ތަދުވާކަމަށް ހެދުނީތަ.....ލެޓް މީ އެކްޒޭމިން ޔޫ.................. "ލުކުމާން އެއް ކަކޫ ބިންމަތީގައި ޖައްސައިލަމުން ސަވާނާގެ ފައިތިލައިގާ ހިފެހެއްޓިއެވެ. އެތަން މިތަނަށް ފިތާލާފައި މަސާޖުކޮށްލުމުން ތަދު ލުއިވުމުގެ އިތުރުން އެހެން އިހުސާސްތަކެއް ކުރެވުނެވެ. ލުކުމާންގެ އިސްތަށިގަނޑު އޭނަގެ މޫނުގައި ކޮންމެވެސް ވަރަކަށް ބީހިލުމުން ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހި ނޭވާ ހިފަހައްޓާލެވުނެވެ. ކޮންފަދަ ގާތްކަމެއް ހެއްޔެވެ؟ ކުޑަތަންކޮޅެއް ކައިރިވެލިޔަސް އެދެމެދުގައިވާ ހުރަހެއް ނެތިގެން ދާނެއެވެ. ސަވާނާގެ ދެލޯ ހުއްޓުނީ ލުކުމާންގެ ތުންފަތަށެވެ. ސަވާނާގެ މޫނު ރަތްވާންފެށީ ހިތަށް އެރި އެއްޗެހިންނެވެ. އޭނަ ސަވާނާގެ އަތުގައި ހިފާ ތެދުކޮށްލުމުންވެސް ދެމީހުންގެ އިސްކޮޅުގެ ތަފާތު ހިތަށް އަރާފައި ސަވާނާގެ ހިތުގައި ރިހުމެއް ހިފާލިއެވެ. އޭނައަށް މިހާ ސްމާޓް މީހެއްގެ ލޯބި ހައްގެއްނޫނެވެ. އިސްކޮޅުން ދިގުވެފައި ކަސްރަތީ ހަށިގަނޑެއް ލިބިފައިވާއިރު ފަސްފޫޓްހަމަ ނުވާ ބެރެއްކަހަލަ ފަލަ މީހަކާއި ގުޅޭނެހެއްޔެވެ؟ އަރުތެރެ ބެދި ހިންދިރުވާލަން އުދަގޫވިއެވެ. ނެގަޓިވްކޮށް ވިސްނެންފެށުމާއިއެކު ކައިދަންގެ ވާހަކަތައް އޭނަގެ ސިކުނޑީގެ ކަނެއްގައި ކޮށްޓާލައިފިއެވެ. ހިތްވަރު އެލުވާނުލާ މަސައްކަތްކުރުމުން ކާމިޔާބު ހާސިލުވެދާނެއެވެ.

"ވަޓް؟ " ސަވާނާ ބަލަން ހުރިގޮތުން ލުކުމާން ސުވާލުކޮށްލިއެވެ.

"ނަތިން...."

"އަހަރެން ހިތަށް އެރި އެއްޗެއް އެނގޭތަ. ސަވާނާ މަސައްކަތްކުރީމަ އަހަރެން ހުއްޓުވާކަށް ނުޖެހޭނެއޭ. އޭރުންނެއްނު ތި ހުރިހާ ފެޓްވިރޭނީ. ސީރިޔަސްކޮށް ޓެސްޓްތައް ހަދަންވީނު. ޕީސީއޯއެސް ކިޔާ ކޮންޑިޝަނެއް ހުރިކަމަށް ލަފާކުރެވޭ. ގަވައިދުން ޕީރިއެޑްވެސް ނުވޭ ދޯ.........." ލުކުމާން ސަވާނާގެ ވަށް ކޯތާފަތުގައި އިނގިލި ކުރިޖައްސާލަން އުޅެފައި އަތް ދުރަށްލިއެވެ. އެންމެފަހުން އެބުނި އެއްޗަކުން ސަވާނާގެ ސިކުނޑީގައި އިންޒާރުގެ ބެލް އެޅިއެވެ. އެބުނާހެން އޭނަގެ އެބުނާ ކޮންޑިޝަންހުރީކަން ޔަގީނެވެ. ޕީރިއެޑް ގަވައިދުން ނުވާކަމަށް ލުކުމާން އެބުނީ ހަމަ ރަގަޅަށެވެ. ސަވާނާ ރަކިވިޔަސް އެކަން ފޮރުވަން ހީގަތެވެ.

"ލޫކް ތިހާ ރޫޑްވީ ކީއްވެ. ތިގޮތަށް ވާހަކަދެއްކީމަ ހިތަށް ތަދުވާވަރު އެނގޭނެނަމަ. އަހަންނަށް އެނގޭ އަހަންނާއި ލޫކްއަކާއި ނުވެސް ގުޅޭކަން. ނަމަވެސް ލޫކްދެކެ މި ބަސްނާހާ ހިތް ގަޔާވީ ކީއްވެކަމެއް ނޭގޭ. ކުރުކޮށް ހުއްޓަސް ފަލަވިޔަސް މިވަރަށް ލޫކްއަށް ކެއާ ކުރާނެ މީހެއް ދުވަހަކު ލިބޭނެކަމެއް ނޭގޭ. ހަމައެކަނި މީހާގެ ބޭރުފުށުގެ ރީތިކަމަށް ބަލަންޏާ ލިވިއާ އާއި ރުޅިވާންވީ ކީއްވެ. އެހާ ރީތި މީހެއް މާލެއަކު ނޫޅޭ އެކަމަކު ޝީ ބިޓްރޭއިޑް ޔޫ.......އެގޭހާ އެއްޗަކީ އަހަރެން އުމުރު ދުވަހަށް ފެއިތްފުލްވާނެކަން. އަބަދަށްޓަކާ ތެދުވެރިވާނެކަން...." ސަވާނާގެ ހިތުގައިވާހާ އެއްޗެހި އޭނަ ލިޔަން އޮތީ ޑައިރީގައެވެ. ކޮންމެދުވަހަކު އޭނަގެ ހިތުގެ ހާލަތު ހިއްސާކުރަން އެނޫން އެކުވެރިޔެއް ނެތެވެ.

މޭޕްލްވިލާގެ ހިތްގައިމުކަމާއި ފިނިކަމުން އެހެން ދުނިޔެއަކަށް އާދެވުނުފަދައެވެ. މުއްސަދިކަމުގައި އުޅެފައިވިޔަސް އޭނަގެ ގެއާއި އަޅާބަލާއިރު މާ ފުރިހަމައެވެ. ސަވާނާއަށް ލިބުނީ ތިންވަފަން ބުރިން ކޮޓަރިއެކެވެ. އިޒިކް މެހުމާންދާރީ އަދާކުރުމުގައި ދެވަނައެއް ނެތެވެ. އޭނަ ގެނައި ދަބަސްތައް ކޮޓަރިއަށް ލާދިނެވެ. އަރުޖަމަންދުއާއި ވާހަކަދައްކަން ބެލްކަނީގައި ހުރެފައި ލުކުމާން އަލިފާނުގެ ބެލުމަކުން ބަލައިލުމުން އިޒިކް ހީލިއެވެ. އޭނަ ސަވާނާއާއި ވާހަކަދެއްކުމުން ލުކުމާންއަށް އުދަގޫވަނީކަން ޔަގީންވިއެވެ.

ސަވާނާ ސާމާނުތައް އަތުރާލުމަށްފަހު އުޅެގަތީ ފެންވަރާށެވެ. ހެދުން ހަށިގަނޑާއި ވަކިކޮށްލުމާއިއެކު ސިހޭގޮތްވިއެވެ. މޭމައްޗާއި ބަނޑާއި ދިމާލުން ހާދަ ބޮޑުއެބަވެއެވެ. މިވަރުންވެސް ކެއުން ހުއްޓާލާކަށް ނުވޭހެއްޔެވެ؟ ކައިދަން އެހާވަރަށް ބުނަނީ ޖިމްއަށް ދިޔުމާއި ވަކި ބާވަތެއްގެ ކާނާ ބޭނުންކުރުމަށެވެ. ފެންވަރާ ނިމިގެން ތުވާލި އޮޅާލައިގެން ނުކުމެ އެނދުގައި އިށީދެ އިނީ ފައިތިލައިގާ ކްރީމް ހާކާށެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ލުކުމާން ވަންތަން ފެނިފާ ލަދުން މަރުވާވަރުވިއެވެ.

"ޕްލީޒް ދެން ފަހަރަކުވެސް ނޮކްކޮށްފަ...."

"ޔޫ އާ މައި ވައިފް ނުޖެހޭނެ ނޮކްކުރާކަށް........" ލުކުމާން ބުމަ ކައިރިކޮށްލިއެވެ. ސަވާނާގެ ބަނޑަށް ކޮންމެވެސް އުދަގޫތަކެއްވިހެން ހީވިއެވެ. ދުވަހަކު ނުވާފަދަ އިހުސާސްތަކެވެ. ކުޑަ ކުޑަ ކޮކާލެއް ފިޔަޖަހައިލި ފަދަ އިހުސާސްއެކެވެ. އެ ދިމާލުން އަތް ޖައްސައިލެވުނު ވަގުތު ލުކުމާންއާއި ނަޒަރު ބައްދަލުވިއެވެ.

"މަންމަ ބޭނުންވަނީ އަހަރެމެން ކައިވެނި ރުޖޫއަކޮށްގެން ލޯބިން އެކީ އުޅެން. ރެޑީތަ؟ " ލުކުމާން ހީލިއެވެ.

"ކީކޭ......... " ސަވާނާ ދެލޯ ބޮޑުކޮށްލިއެވެ.

"ސޯ އަހަރެންވެސް އުޅޭނީ މި ރޫމްގައި. ސަވާނާ ރުހުނަސް ނުރުހުނަސް........."

"ބަޓް.. މަންމަ ބުންޏަސް.........." ސަވާނާ ބުނަން އުޅުނު އެއްޗެއް އަޑުނާހާ ލުކުމާން ނުކުމެގެން ދިޔުމުން ސަވާނާއިނީ ޖެހި ބުދެއްހެން ހިރިލާންވެސް ނުކެރިފައެވެ.

އެހަފްތާގައި ސަވާނާ ކައިދަންއާއިއެކު ދުވެ ކަސްރަތުކުރަން އުޅުމުން ވަރުބަލިކަން އިހުސާސްވުމުގެ އިތުރުން ބަނޑުގައި ރިއްސަންފެށިއެވެ. އެހިސާބުން އޭނަ ނިންމީ ގޫގުލްކޮށްގެން ލުކުމާން ބުނި ބައްޔާއި ބެހޭގޮތުން ކިޔާލުމަށެވެ. ޕީސީއޯއެސް ޖަހައިގެން ގޫގުލްކުރަން ފެށުމުން އެތައް މައުލޫމާތެއް އެނގުނެވެ. އޭނަ ޕީރިއެޑް ނުވާ ސަބަބު އެނގުނެވެ. އެކަމަށް އޮތް އެންމެ ރަގަޅު ހައްލަކީ ވަކި ކަހަލަ ކަސްރަތާއި ކެއުމެވެ.

ސަވާނާ ގޫގުލްސާޗް ކުރަން އުޅެނިކޮށް އޯވަރީ ކެންސަރާއި ބެހޭގޮތުން އޮތް އާޓިކަލްއެއް ފެނިފާ ކޮންމެވެސް ވަރަކަށް ހާސްވެއްޖެއެވެ. ކަމަކާއި ނުލާ އޭނަގެ ބަނޑު މިހާ ބޮޑުވެ އުދަގޫވާންޖެހޭ ކޮންމެވެސް ސަބަބެއް އޮންނަންވާނެ ނޫންހެއްޔެވެ؟ އަވަހަށް އޭނަ ކްލިނިކަކަށް ގުޅާ ނަމްބަރު ހޯދިއެވެ. އަންހެނުންގެ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓެއް ހެއްދިއެވެ. އަންހެނުންގެ ޑޮކްޓަރު ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ޓެސްޓްތަކާއި ސްކޭނެއް ހަދަން ދިނެވެ. ސްކޭން ހަދަން ވަންއިރު އޭނަހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. ޑޮކްޓަރަށް ފެނިދާނެ ބައްޔަކާއިމެދު ބިރުން ހާސްވެގެންގޮސް ހަތަރެސްފައި ފިނިވެފައިވިއެވެ. ޑޮކްޓަރަކަށް ހުރީ އޯގާތެރި މޫނެއްގެ ވެރިއެކެވެ. ޑޮކްޓަރ ރައިދާއެވެ. ފުރަތަމަވެސް އެދިން ހިނިތުންވުމަކުން ހުރިހާ ހާސްކަމެއް ފިލައިފިއެވެ. ބަނޑުގައި ސްކޭންޖެލް ހާކާލުމުން ފިނިވެގެން ދިޔުމާއިއެކު އޭނަ ބަލައިލީ ސްކްރީނަށެވެ.

"ކޮންގްރާ...." ޑޮކްޓަރ ރައިދާ ބުނެލިއެވެ.

"ވަޓް....." ސަވާނާ ހައިރާންވިއެވެ. ބައްޔެއް ޖެހުމުން މަރުހަބާ ކިޔަންވީބާވައެވެ.

"ބަނޑަށް ހަ މަސް މިވީ...." ޑޮކްޓަރ ރައިދާ ހަމަޖެހިލާފައި ކިޔައިލިއެވެ.

"ކީ...ކީކޭ.....ޑޮކްޓަރ......ކިހިނެއް....." ސަވާނާ އަޅަ އަޅައިގެންފާ އަހާލައިފިއެވެ. އެސިކުންތުކޮޅު ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރުވެރިވެވުނެވެ. ފިނިކަމުން ގަނޑުފެންކޮޅެއްފަދަ ވި ދެއަތްތިލަ އަނގަމަތީގައި އަޅާ ބާރުކޮށްލެވިއްޖެއެވެ. ލިބުނު ޝޮކް ފިލާދިޔައިރަށް އުފާވެރިކަމުގެ ސާލު އޭނަގެ ހަށިގަނޑުގައި އޮޅާލާ ބާރުކޮށްލިފަދައެވެ. އުފަލުން ހިތް ނުހުއްޓުނީ ހަމަކިރިޔާއެވެ. ދެލޮލަށް ވެރިވީ ކަރުނައަކީ ޔަގީނުންވެސް ހިތާމައިގެ ކަރުނައެއްނޫނެވެ. މަސްހުނި ޖަޒުބާތުތަކެވެ.

"އޭމް އައި ރިއަލީ ގޮއިން ޓު ހޭވް އެ ....ބޭބީ؟ " ސަވާނާ އަޅައަޅައިގެންފާ ވާހަކަދެއްކިއިރު އަޑުގައި ތުރުތުރެއް ހުއްޓެވެ. ސާފު ހުދު ދެލޮލުގައި ބަބުޅާ ކަރުނަ ތިކިތައް ވިދަންފެށިއެވެ. ޑޮކްޓަރު ރައިދާ ޔަގީންކަން ދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

"އުފާ ނުވަނީތަ؟ އަންވޯންޓެޑް ޕްރެގްނެންސީއެއްތަ؟ " ޑޮކްޓަރ ރައިދާ ކަންބޮޑުވެފައި ޓިޝޫއެއް ދިއްކޮށްލިއެވެ.

"ނޫން ނޫން ޑޮކްޓަރ. އަ.....އަޅުގަނޑު އެކްސްޕެކްޓެއް ނުކުރަން. ހިތަކަށްވެސް ނާރާ. ދިސް އިޒް ޓޯޓަލީ އަންއެކްސްޕެކްޓެޑް. މީ ހަމަ މިރެކްލްއެއް. ބަރުދަން އިތުރުވަނީއޭ ހިތަށް އަރާފައި ހުއްޓާ މިހެންވުމަކީ މިރެކްލް ނޫން ދެން ކޮންކަމެއް. ހަޔާތުގައި މިވަރުގެ ހެޕިނެސްއެއް ނުލިބޭ. ދަ ބެސްޓް ތިންގް ދެޓް އެވާ ހެޕެންޑް އިން މައި ލައިފް. އުފަލުންގޮސް ހިތް ހުއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ގަބޫލުކުރެވޭވަރުވި......."ސަވާނާ ޓިޝޫއިން މޫނުމަތި ފޮހެލަމުން ނޭފަތް ދަމައިލިއެވެ. ސިކުނޑީގައި ފްލޭޝްވެގެން ދިޔައީ ކައިވެނީގެ ރޭގެ އެ ހިތުން ފިލުވައިނުލެވޭ މަންޒަރެވެ. އެނިމުމެއްނެތް ޕެޝަނޭޓް ރޭގަނޑެވެ. ލުކުމާންގެ ފަރާތުން ލިބުނު އެންމެ ރެއެއްގެ ލޯބީގެ ހަނދާން މިފަދަ ސިފައެއްގައި ފެނިދާނެކަމަކަށް އޭނަހިޔެއް ނުކުރެއެވެ.

ޑޮކްޓަރ ރައިދާ ސްކޭން މެޝިންގެ ސްކްރީން ސަވާނާއަށް ފެންނަހެން ރަގަޅަށް އަނބުރާލިއެވެ. ތްރީޑީ ސްކޭންކަމުން ނިކަން ސާފެވެ. ޑޮކްޓަރ ދަރިފުޅުގެ އެކި ގުނަވަންތައް ވަކިން ދެއްކިއެވެ. އަނގަޔާއި ލޮލާއި ތުންފަތެވެ. އަތް ހަރަކާތްކޮށްލި މަންޒަރެވެ. ދެފަޔެވެ. ހާޓްބީޓްގެ އަޑު ކަންފަތަށް އިވުނީ ދުނިޔެއިން އިވުނު އެންމެ ރީތި މިއުޒިކްފަދައިންނެވެ. އެހާ ހިތްފަސޭހައަޑެއް އިވިފައިނުވާ ފަދައަކުން ހައިރާންކަމާއިއެކު އަނގަ ހުޅުވި ދެލޯ ބޮޑުކޮށްގެން އޮތްއިރު ހެވެމުން ދިޔައެވެ. މިއީ އޭނަގެ ހިތަށް ނާރާފަދަ ރަހުމަތެކެވެ. ނަސީބެކެވެ. ހިތާމަވެރި އެކަނިވެރި ހަޔާތުގެ ސަފުހާތަކުގައި އެހެން ކުލައެއް ޖެހުނު ދުވަހެވެ. އޭނަގެ އުނގު ފަޅުފިލުވައިދޭނެފަދަ ތުއްތު ފުރާނައެއް އޭނައަށް ނުވެސް އެނގި ދުނިޔެއަށް އަންނާން އުޅެނީއެވެ.

ސަވާނާ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. އެވަރުން ނުފުދުނެވެ. މިފަދަ ރަހުމަތެއް ލެއްވުމުން ކުރަން އޮތްކަމަކީ މާތް ﷲއަށް ޝުކުރުގެ ސަޖިދައެއްކުރުމެވެ.

ސަވާނާ އެހުރިތަނަށް ބިންމައްޗަށް ތިރިވީ ޑޮކްޓަރު ރައިދާވެސް ހައިރާންކުރުވާފައެވެ. އޭނައަށް ފިލާވަޅެއް ލިބުނެވެ. އެއުމުރަށް އައިއިރު އަދި ލިބުނު އެތައް ނިއުމަތާއިއެކު އެންމެފަހަރަކުވެސް ހެއްދެވި ފަރާތަށް ޝުކުރުގެ ސަޖިދައެއް ޖަހައިލެވިފައެއް ނެތެވެ. ހިތަށް އަސަރުކުރީ އެހެންވެއެވެ. ކުޑަ ކުޑަ އަންހެންކުއްޖަކު އޭނަގެ ހިތުގެ އެންމެ ހިމަ ނާރުތަކާއި ކުޅެލީ އެ ޖަހައިލި އެންމެ ސަޖިދައަކުންނެވެ. އޭނަވެސް ކިތަންމެ ފަހަރަކު އޭނަފަދަ އެހެން އިންސާނުންނަށް ޝުކުރުވެރިވިއެވެ. ބިންމައްޗަށް ވެރޭ އެއްޗެއް ނަގާލަދިނަސް ޝުކުރުގެ ލަފުޒެވެ. ހާލު އަހައިލިޔަސް ޝުކުރުވެރިވެއެވެ. ތައުރީފު ކޮށްލިޔަސް ޝުކުރުވެރިކަމުގެ އިންތިހާއެވެ. އެހީތެރިވެދިނަސް ޝުކުރެވެ. މިގޮތަށް ލިބޭ އުފަލާއި ނަސީބަށްޓަކާ ހެއްދެވިފަރާތަށް ޝުކުރުގެ ސަޖިދައެއް ޖަހައިލަނީ ކިތައް އިންސާނުން ބާވައެވެ. ކޮންމެ ތާކު ތިއްބަސް ކޮންމެ ވަގުތަކުވެސް ލިބޭ ނިއުމަތަކަށްޓަކާ ޝުކުރުގެ ސަޖިދައެއްކުރުމަކީ ގަދަ ސުންނަތެކެވެ. އެވެސް ސަވާބުލިބޭ އަޅުކަމެއްކަން މުސްލިމުންނަށް އެގޭއިރު އެކަންއޮންނަނީ ނުކުރެވިއެވެ.

ސަވާނާ ތެދުވުނުއިރު ޑޮކްޓަރު ރައިދާވެސް ހުރީ ފެންކަޅިވެފައެވެ.

"ޑޮކްޓަރ. އަޅުގަނޑު ދުވަހަކު އުއްމީދުނުކުރަން. ފަލަވަނީ ކަމުގައި ހީކުރެވުނީ. ބަނޑުލަނީ ކަމުގައި ހީކުރެވުނީ. ފަސް ކިލޯއަށްވުރެ މީހާ ބަރުވި. ބަނޑާއި މޭމަތިން ބާރުވެގެން ލައި ލައި ހުރި ހެދުންތައް ނުލެވުނު. އެހެންވެ ކަސްރަތުކުރަންފެށީމަ ބަނޑާއި އުނަގަނޑުގައި ރިއްސާ ވަރުބަލިވާންފެށީ. ގޫގުލް ކުރީމަ އޯވަރީގައި ކެންސަރުޖެހުނީމަ ފެންނާނެ ކަހަލަ ނިޝާންތައްކަމުގައި ވީ. ބޮޑަށް ދައްކަންޖެހުނީ ބަނޑުން އެއްޗެއް މޫވްކުރާ ކަހަލަ ގޮތެއްވީމަ. އޯ ގޯޑް. އެންމެ ވައިލްޑް ޑްރީމްސްތަކުގައިވެސް ހިތަކަށް ނާރާ ޕްރެގްވެދާނެއޭ. އެކަމަކު.......އެކަމަކު ......." ސަވާނާ ހެމުން ލޮލުގައިވާ ކަރުނަތައް ފޮހެލަދިނެވެ. މަޑުމަޑުން ބަނޑުގައި އަތުން ފިރުމައިލެވުނީ ދަރިފުޅު ގައިގާ ފިރުމާނެހާ ލޯބިންނެވެ.

އޭނަ ފަލަކަމުން ބަނޑުގައި މަސްޖެހީއެއް ނޫނެވެ.

"އަދި ބަލައިލަން ބޭނުން؟ ދަރިފުޅުގެ ޖިންސް އެނގެން ބޭނުންވާނެ ދޯ..." ޑޮކްޓަރު ރައިދާއަށް ސަވާނާގެ އުފާވެރިކަން އިހުސާސްކުރެވުނެވެ. ކުޑަކުއްޖެއްގެ މައުސޫމްކަން އެކުލެވޭ ބޮޑު ދެލޮލުގައި ތަފާތު ވިދުމެއްވިއެވެ. ދެލޯވެސް ހިނިތުންވާފަދައެވެ. އެދިއްލިފައިވާ ދެލޮލުން ހާމަކޮށްދެނީ އުފާވެރިކަމެވެ. ހަމަޖެހުމެވެ. ޑޮކްޓަރ ރައިދާ އެ އުފަލުގައި ބައިވެރިވިއެވެ ޑޮކްޓަރު ރައިދާ ދަރިފުޅުގެ ޖިންސްއޮޅުން ފިލުވައިދިނެވެ. ފިރިހެންކުއްޖެކެވެ. އެދަރިފުޅު ސާލިހު ރަގަޅުކުއްޖަކަށް ވުމަށާއި އުމުރު ދިގުކުރެއްވުމަށް ދުޢާކުރެވުނެވެ. ފިރިހެންކުއްޖެއް ވީމަ ލުކުމާންއާއި ވައްތަރުވާނެކަމުގައި ސަވާނާ ޔަގީންކުރިއެވެ.

"މިހާ އުފާވެރިކަމެއް ލިބުމުން އަގީދާ ވަރުގަދަވެއްޖެއެއްނު. އުފާވެރިކަމެއް ލިބުމުން މާ ބޮޑަށް ހެއްދެވިފަރާތްމަތިން ހަދާންކުރެވުނުކަމީ ރަގަޅުކަމެއް. މިހާ ބޮޑު ނިއުމަތެއްލިބުމަކީ ދިރިއުޅުމަށް އައި ޓާނިން ޕޮއިންޓެއްކަމުގައި ގަބޫލުކުރޭ. އިރާދަކުރެއްވިއްޔާ ނެގަޓިވް ސަވާނާ މިއަދުން ފެށިގެން މަރުވެ އެހެން ސަވާނާއެއް އުފަންވީ. މި ދަރިފުޅު ރަގަޅުގޮތުގައި ތަރުބިއްޔަތުކޮށް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން މަސައްކަތްކުރޭ.................." ސަވާނާ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. ޑޮކްޓަރު ރައިދާއަށް ޝުކުރު އަދާކުރުމަށްފަހު އެ ކޮންސަލްޓިން ރޫމުން ނުކުތުމުގެ ކުރިން ރައިދާ ދިން ޕްރިންޓްކޮޅު ދަބަހުގައި ރައްކާކުރިއެވެ. އެއީ ދަރިފުޅުގެ ފުރަތަމަ ތަސްވީރެވެ.

ލުކުމާންއަށް މި ޚަބަރު ގެންގޮސްދޭންވީ ކިހިނެއް ބާވައެވެ. ލުކުމާންއަށް ދަރިއަކު ލިބެން އުޅޭތީ ހަމަ އޭނަ މިވާވަރަށް އުފާވާނެ ބާވައެވެ. ނޫނީ ރުޅިގަދަވެގެން އޭނަގެ އަނގަމަތީގައި ޖަހާ ފަޅާލާނީކަން ނޭގެއެވެ. ނޫނެކެވެ. ލުކުމާން އެހާ ރުޅިގަދަމީހަކަށް ނުވާނެއެވެ. ކައިދަން ބުނާފަދައިން އޭނަގެ ވަނީ ފުށްކޮޅެއްހާ މަޑު ހިތެކެވެ. ބޭރުފުށުން ހަރުކަށިކަން ދެއްކިޔަސް އަންހެނަކަށް ޖިސްމާނީ އަނިޔާކުރާފަދަ ފިރިހެނެއްނޫނެވެ.

ސަވާނާ މަގުން ދިޔަ ކާރެއް ހުއްޓުވާފައި އެރިއެވެ. ދާންވީ އެޑްރެސް ބުނެފައި އަނެއްކާވެސް ސަވާނާއަށް ހުޅުވައިލެވުނީ ދަބަހެވެ. އޭގައި އޮތް ޕްރިންޓްކޮޅު ނަގާފައި ތުންފަތާއި ލޮލުގައި ޖައްސައިލެވުނެވެ. ދެން ބަލަހައްޓައިގެން އިދެވުނީ ހުވަފެނެއްގައި އިން ކުއްޖެއްފަދައިންނެވެ.

(ނުނިމޭ)

comment ކޮމެންޓް