.

މުޝްރިކުންގެ އަނިޔާވެރިކަމާއި ކައުސާހިބާގެ ހިތްވަރުފުޅުގަދަކަމުގެ މިސާލެއް

ޝައްކެއްވެސްނެތެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޠާއިފުގެ ދަތުރުފުޅަކީ ކުއްލިއަވަސް ނަތީޖާއެއް ފެނުމުގެ ނަޒަރުން ބަލާއިރު ކާމިޔާބު މަސައްކަތްޕުޅެއް ނޫނެވެ. އިސްލާމީ އިންޤިލާބު ފަދަ އިންޤިލާބީ މަސައްކަތްތަކުގައި ބައެއް ފަހަރަށް ނާކާމިޔާބާ ކުރިމަތިވުމަކީ އާކަމެއްނޫންކަމެވެ. ނަމަވެސް އިސްލާމީ ތަޙްރީކުގެ މަޤްސަދަށް ބަލާއިރު އެދަތުރުފުޅުގެ އަހަންމިއްޔަތާމެދު އިންކާރުކުރެވޭކަށެއްނެތެވެ. އެދަތުރުފުޅުގެ ސަބަބުންވަނީ ސިޔާސީ ގޮތުންނާއި، އިޤްތިސާދީގޮތުންނާއި، އިޖްތިމާއީ ގޮތުން އަރަބިކަރައިގެ އެންމެ މުހިންމު އެއްރަށަށް އިސްލާމްދީން ތަޢާރުފު ކުރެއްވުމުގެ ފުރުސަތުލިބިވަޑައިގެންފައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އެމުހިންމަތުންވަނީ ޠާއިފުގައި އިސްލާމްދީނުގެ އޮށް އިންދިފައެވެ. އެއޮށުން ފެޅި މަލަސްވަނީ ކުފުރާއި، ޝިރުކުގެ ބަނަފިނީގެތެރޭގައިވެސް ހެދުމުން ބޮޑުވަމުން އައިސްފައެވެ. އެންމެފަހުން އެގަސްވަނީ އާރުލާ ވަރުގަދަ ބިޔަ ގަހަކަށް ވެގެން ދުނިޔެއަށް ފާޅުވެފައެވެ.

ޠާއިފަކީ އިތުރުސާހިބާއަށް ބީރައްޓެހިފުޅު ރަށެކެވެ. އަނެއްކޮޅުން މާތްވެގެންވާ މައްކާއަކީ އެމާތްސާހިބާގެ އުފަންބިމެވެ. އަމިއްލަފުޅު ވަޒަނެވެ. ނަމަވެސް އިސްލާމީ ތަހްރީކު އެހައިތަނަށް އައިއިރު މައްކާވެސް ހިމެނިފައިއޮތީ އެމާތް ސާހިބާއަށްޓަކައި ގަތުލުގާހެއްފަދަ ރަށެއްކަމުގައެވެ. ނޭވާފުޅުލައްވަންދަތިފުޅު ވެއްޓެއްކަމުގައެވެ. އެކަމަކުވެސް އިތުރުސާހިބާ މާޔޫސް ވެވަޑައެއްނުގަންނަވައެވެ. ހިތްވަރުފުޅު އެލުވައެއް ނުލައްވައެވެ. ކެތްތެރިފުޅުކަމުގެ ދާވަނިދޫކޮށެއް ނުލައްވައެވެ. ޠާއިފުން މައްކާއަށް މިސުރާބު ޖެއްސެވިއެވެ. ދަތުފުޅުމަތީގައި ދުވަސްކޮޅަކު ނަޚްލާގައި މަޑުކޮށްލެއްވިއެވެ.

އަރަހުށި މާތްﷲ ސުބްޙާނަހޫވަތަޢާލާ އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ޖިންނީންގެ ޖަމާއަތެއް ފޮނުއްވިއެވެ. އިތުރުސާހިބާ ނަޚްލާގައި ހުންނަވަނިކޮށެވެ. އެވާހަކަވަނީ ކީރިތި ޤުރްއާނުގެ ސޫރަތުލް އަޙްޤާފުގައްޔާއި ސޫރަތުލް ޖިންނީގައި ބަޔާންކުރައްވައިފައެވެ. އިތުރުސާހިބާގެ އަރިހަށް ޖިންނީންގެ ޖަމާއަތެއް ފޮނުއްވުމާއި، އެއުރެން އިސްލާމްވުމަކީވެސް ޙަޤީޤަތުގައި އަރަހުށިމާތްﷲ އިތުރު ސާހިބާއަށް ދެއްވި މަދަދެކެވެ. އިތުރުސާހިބާގެ ދައުވަތަށް އެއްބަޔަކު އިޖާބަ ނުދީފިނަމަ އެދައުވަތަށް ލައްބައިކަ އޭދަންނަވާނެ މުޅިން ތަފާތު އެހެންބަޔަކު ވިޔަސް ދައްކަވާނެކަން ބަޔާންކުރައްވައި ދެއްވި ތަސައްލީއެކެވެ. އެވާހަކަ ބަޔާންކުރައްވައި ކީރިތިޤުރުއާނުގައި ބާވައިލެއްވި އާޔަތްތަކާ ގުޅިގެންވަނީ އިތުރުސާހިބާގެ ދަޢުވަތުގެ ކާމިޔާބީގެ ބަޝާރަތުވެސް ދެއްވައިފައެވެ. ކީރިތިޤުރުއާނުގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

"އަދި ﷲ ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް އިޖާބަ ނުދޭމީހާ (ދަންނަވާށެވެ.) ފަހެ އޭނާއީ ބިމުގައި (ﷲ) ނުކުޅައްދާ މީހަކު ކަމުގައިނުވެއެވެ. އަދި އެކަލާނގެފިޔަވައި އެނާއަށް އެހީތެރިފަރާތްތަކެއްވެސް ނުވެއެވެ. އެއުރެންވަނީ ފާޅުވެގެންހުރި ފުރެދުމެއްގައެވެ." (ސޫރަތުލް އަޙްޤާފު:32)

އަދިވެސް ވަޙީކުރައްވައިފައިވެއެވެ.

"އަދި ތިމަންމެންނަށް ބިމުގައި ﷲ ނުކުޅައްދައި ނުލެވޭނެކަމާއި، އަދި އެކަލާނގެއަށް ފިލައިގެން ދިޔުމުގައިވެސް ނުކުޅައްދައި ނުލެވޭނެކަން ތިމަންމެން ޔަޤީންކުރަމުއެވެ." (ސޫރަތުލް ޖިންނި:12)

ބަޔާންވެދިޔަ ނަސްރާއި ބަޝާރަތާވިދިގެން އިތުރުސާހިބާގެ ހިތްވަރުފުޅުވަނީ ވަކީންގަދަވެފައެވެ. ޠާއިފުން ނުކުމެވަޑައިގެންނެވިއިރު އެރަށުގެ ގުންޑާއިންގެ އެއްޗެހިގޮވާއަޑާއި އަތްތިލަބަޑީގެ އަޑު އިވިވަޑައިގެން ހިތްޕުޅުގައި އުފެދުނު ޒަޚަމާއި ހިލަތަކުން ހަށިކޮޅުގައި އުފެދުނު ފާރުތައްވަނީ މުޅީންފަސޭހަފުޅުވެފައެވެ.

ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ ނަޚްލާއިން މައްކާއަށް ވަޑައިގަންނަވާން ފެއްޓެވުމުން ޒައިދު ބިން ހާރިޘަތު ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. "ކަލޭގެފާނު މައްކާއަށް ވަޑައިގަންނަވަނީތޯއެވެ. މައްކާގެ ޤުރައިޝުންވަނީ ކަލޭގެފާނު އެރަށުން ފައިބައިވަޑައިގަތުން މަޖްބޫރުކޮށްފައެވެ."

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަވާބުދެއްވިއެވެ.

"އޭ ޒައިދެވެ! ކަލޭގެފާނު ތިޔަ ދެކެވަޑައިގަންނަވާ ވަރަށްވުރެ މާތަނަވަސް ސަލާމަތުގެ މަގެއް އަރަހުށިމާތްﷲ އަހުރެންނަށް ދައްކަވައިފާށިއެވެ. އަރަހުށިމާތްﷲ އެކަލާނގެ ދީނަށް ނަސުރު ދެއްވާނެކަމީ ކަށަވަރުކަމެކެވެ. އެކަލާނގެ ނަބިއްޔާއަށް ގަދަކަންދެއްވާނެއެވެ."

ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ ޒައިދުގެފާނަށް މިޖަވާބުދެއްވުމަށްފަހު މައްކާއާދިމާޔަށް ދަތުރުކުރައްވަމުންވަޑައިގެންނެވިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މަންޒިލު ކުރެއްވީ މައްކާގެ ރަށްބޭރުގައި ހުންނަ ހިރާ ފަރުބަދައިގައެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާއަށް ވަޑައިގެންނެވުމާއި މައްކާގައި ހުންނެވުމަކީ އިސްލާމީތަހްރީކުގެ މުސްތަޤްބަލަށްޓަކައި ލާޒިމުކަމެކެވެ. އިސްލާމީ ތަހްރީކަށް ކުޑަވެސް ހުއްޓުމެއް އަޔަ ނުދެއްވުމަށްޓަކައެވެ. އިސްލާމީ ދައުވަތަށް ކާމިޔާބީގެ ސަރާސަރު އެހެންމަގުތަކެއް ހޯއްދެއްވުމަށްޓަކައެވެ.

ކުރީންވެސް ދެންނެވިފަދައިން އަބޫލަހަބުވަނީ އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއިލާއިން ބޭރުކޮށްފައެވެ. އެހެންކަމުން އެވަޑައިގެންނެވި ގޮތަށް ވަޑައިގެން މައްކާއަށް އަރައިވަޑައިގެންނެވުމަކީ އަމިއްލަފުޅަށް ހަލާކުގެ ތެރެޔަށް ވެއްޓި ވަޑައިގެންނެވުމެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ފިޔަވައި އެހެން އިންސާނަކުނަމަ އެކަމުގެ ޙައްލެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވީސްކަން ކަށަވަރެވެ. ނަމަވެސް އިތުރުސާހިބާގެ ދުރުވިސްނުންފުޅުން ނުހަނު ފަސޭހަފުޅުކަމާއެކު އެކަމުގެ ހައްލު ހޯއްދެވިއެވެ. އިތުރު ސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ ކަނޑައެޅުއްވީ މުޠުޢިމު ބިން ޢަދީގެ ޙިމާޔަތް ހޯއްދެވުމަށެވެ. އޭނާގެ ރައްކާތެރިކަމުގެ ދަށުގައި މައްކާއަށް އަރައިވަޑައިގެންނެވުމަށެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މިހޮއްވެވުމަކީ ވަރަށްވެސް މުނާސަބު އިންތިޚާބެކެވެ.

ތިމާގެ ކިބައިން ޙިމާޔަތް އެދިއްޖެ މީހަކަށް ޙިމާޔަތްނުދީ ރައްދުކުރުމަކީ އެޒަމާނުގައި އަރަބީންގެ މާތްމީހުންގެ އާދައެއްނޫނެވެ. އެމީހުންދެކޭގޮތުގައި ތިމާގެ ހިމާޔަތަށް އެދޭމީހަކަށް ޙިމާޔަތްނުދިނުމަކީ އާއިލީ ޝަރަފާއި، ހިތްވަރުގަދަކަމާއި، ފިރިހެންވަންތަކަމާ ޚިލާފުކަމެކެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މުޠުޢިމުގެ ގާތަށް މީހަކު ފޮނުއްވައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މައްކާއަށް އަރައިވަޑައިގަތުމަށް ކަލޭގެރައްކާތެރިކަން ލިބިދާނެހެއްޔެވެ؟ އޭނާ އާދޭހޭ އަވަހަށް އަރައިވަޑައިގަންނަވާށޭ ދެންނެވިއެވެ. އިތުރުސާހިބާއަށް މީހެއްގެ ތުރާލެއް ލިބިވަޑައިގެންނެވިޔަ ނުދޭނެކަމުގައި ދެންނެވިއެވެ. އޭނާ އޭނާގެ ދަރީންނާއި އަޅުންގޮވައިގެން ހަތިޔާރު ހިފައިގެން އައިސް އިތުރުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ ކައުބާގެ އަރިހަށް ގެންދިޔައެވެ. އިތުރުސާހިބާ ގޮވައިގެން އޭނާ މައްކާއަށް އަރައިގެންދާން ފެށުމުން ޤުރައިޝުންގެ ބޮޑުންއައިސް އޭނާއާ ސުވާލުކުރިއެވެ. "ތިޔަ އުޅެނީ ތަބާވެގެންހެއްޔެވެ؟" މުޠުޢިމު ޖަވާބުދިނެވެ. "ނޫނެކެވެ. މިއުޅެނީ ތިމާގެކަންހުރި މާތް ސާހިބަކަށް ޙިމާޔަތް ދީގެންނެވެ." މުޠުއިމު އެޖަވާބާއެކު އޭނާ އިތުރުސާހިބާއަށް ޙިމާޔަތް އެރުވިކަން އިއުލާންކުރިއެވެ. ޤުރައިޝުން ބުންޏެވެ. ކަލޭގެ ޒިންމާއެއް އަހަރެމެން ނުމުގުރާހުރީމުއެވެ."

އިސްލާމީތާރީޚާއި ދުނިޔޭގެތާރީޚުގެ ނަޒަރުން ބަލާއިރުވެސް މުޠުޢިމު ބިން ޢަދީގެ މިއިއުލާނަކީ ވަރަށް މުހިންމު ޢިއުލާނެކެވެ. އާއްމުގޮތެއްގައި އެއިޢުލާނާބެހޭގޮތުން ޚިޔާލުކުރެވޭގޮތަށްވުރެ މާމުހިންމު އިއުލާނެކެވެ. އެޙިމާޔަތުގެ ސަބަބުން ނިކުތް ބޭނުންތެރި ނަތީޖާއަށްބަލާއިރުއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް މައްކާގައި ހުންނަވައި އިސްލާމީ ތަހްރީކު ހިންގެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ އެޙިމާޔަތުގެ އިއުލާނުގެ ސަބަބުންނެވެ.ޢަރަބި ޤަބީލާތަކާ ހަމަޔަށް އިސްލާމީ ތަހްރީކު ފުޅާކުރެއްވުމުގެ މަގުފަހިވީ އެއިއުލާނުގެ ސަބަބުންނެވެ. އެކަމަކީ އެވަގުތަށް އިސްލާމީތަހްރީކަށް އިންތިހާދަރަޖަޔަށް ބޭނުންވެފައިއޮތް ކަމެކެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މުޠުޢިމް ބިން ޢަދީގެ މިއެހީތެރިކަމުގެ އަގު ވަޒަންކުރެއްވިއެވެ. އޭނާގެ ފުށުން ލިބިވަޑައިގެންފައިހުރި އުނދަގޫފުޅުތަކެއް ހުރިކަމުގައި ވިޔަސްވެހެވެ. ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ނަސުރުލިބި ޤުރައިޝުންގެ ހަތްދިހަމީހުން ހައްޔަރުވުމުން އެމީހުނާ ބެހޭގޮތުން ޙަދީޘުކުރެއްވިއެވެ. މިއަދު މުޠުޢިމް ބިން ޢަދީ ދުނިޔޭގައި ހުރެފައި އޭނާ އައިސް މިއެންމެނާ ބެހޭގޮތުން ސަކާ ކުރިކަމުގައިވާނަމަ މިއެންމެން އޭނާއަށް ދެއްވީމުހެވެ. މުޠުޢިމުވަނީ ބަދުރު ހަނގުރާމައިގެ ކުރީން މަރުވެފައެވެ. އޭނާ މަރުވީ ކާފަރުކަންމަތީގައެވެ. އިންސާނިއްޔަތުގެ މުޙުސިނުގެ ޚުލުޤުފުޅުގެ މާތްކަންހުރީ މިގޮތުގެމަތީންނެވެ.

ޙަވާލާ

  1. އައްރަޙީޤުލް މަޚްތޫމި މައުލާނާ ޞަފިއްޔުއް ރަޙްމާނު މުބާރިކުޕޫރީ
  2. ޕޭއަމްބަރެ އަޢުޡަމް ވައާޚިރު ޑޮކްޓަރ ނަސީރު އަހްމަދު ނާޞިރު
  3. މުޙުސިނެ އިންސާނިއްޔަތު ނައީން ސިއްދީޤީ
  4. އައްސިޔަރަތުއް ނަބަވިއްޔާ ފަޟީލަތުއް ޝައިޚް ހުސައިން ސަލާޙުއްދީން
comment ކޮމެންޓް