ދަގަނޑޭއަކީ ދިވެހި ގައުމީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް: އިމްރާން

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން ކެޕްޓަން އަޝްފާގާއި ކުރީގެ ކީޕަރު އިންމަ އަދި ގައުމީ ކޯޗު ސެގަޓް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އަކީ ދިވެހި ގައުމީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ގަބޫލުކުރާ ކަމަށް 17 އަހަރު ވަންދެން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ ކީޕަރު، މުހައްމަދު އިމްރާން (އިންމަ) ބުނެފިއެވެ.

އިންމަ އޭނާގެ ވެރިފައިޑް ފޭސްބުކް ޕޭޖު އަދި ރަސްމީ ޓްވިޓާ އެކައުންޓުގައި ބުނެފައި ވަނީ ދަގަނޑޭއަކީ މިވީހާ ތަނަށްވެސް ގައުމީ ޓީމަށް 100 ޕަސެންޓް ދެމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، އެތަކެއް ދިވެހިންތަކެއްގެ ލޯތްބާއި އިހުތިރާމް ހޯދައިފައިވާ ކުޅުންތެރިއެއް ކަމަށެވެ.

"ދަގަނޑޭއަކީ ދިވެހި ގައުމީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިހާތަނަށްވެސް ގައުމީ ޓީމަށް 100 ޕަސެންޓް ދެމުން އަންނަ ދަގަނޑޭއަކީ އެތަކެއް ރައްޔިތުންނެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ކުޅުންތެރިއެއް،" އިންމަ ޕޯސްޓްގައި ބުނެފައިވެއެވެ.

ގައުމީ ޓީމަށް 52 ގޯލް ކާމިޔާބުކޮށްފައިވާ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) އާއި ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދު -- ސަން ފައިލް ފޮޓޯ

އިންމަގެ ޕޯސްޓްގައި ބުނެފައި ވަނީ ދަގަނޑޭއަކީ މިހާރުވެސް ގައުމަށް ރީތި ނަން ހޯދައިދިނުމުގައި އެތަކެއް ގުރުބާނީއެއް ވަމުންދާ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއެއްކަން ދިވެހި ކޮންމެ ދަރިއަކުވެސް ގަބޫލުކުރާނެ ކަމަށެވެ.

"ދަގަނޑޭއަކީ މިހާރުވެސް ގައުމަށް ރީތި ނަން ހޯދައިދިނުމުގައި އެތަކެއް ގުރުބާނީއެއް ވަމުންދާ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއެއްކަން ދިވެހި ކޮންމެ ދަރިއަކުވެސް ގަބޫލުކުރާނެ ކަމާ މެދު ޝައްކެއް ނެތް. އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ މީހަކީވެސް އިހުތިރާމް ލިބެންވާ މީހެއް،" އިންމަގެ މެސެޖުގައި ވެއެވެ.

އިންމަ މިހެން ބުނެފައި ވަނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އިއްޔެ ރޭ ބޫޓާނާ ދެކޮޅަށް ރާއްޖެއިން ނުކުތް މެޗުގެ ކުރިން، ކޯޗު ޕީޓާ ސެގަޓް ދަގަނޑޭ ޓީމުން ބޭރުކޮށްފައި ވަނިކޮށެވެ. ދަގަނޑޭ "ސަން ސްޕޯޓްސް"އަށް ބުނެފައި ވަނީ ކޯޗު އޭނާ ޓީމުން ބޭރުކުރީ މެޗުގެ ކުރިން ބޭއްވި ޕްރެސްއަށް ހާޒިރުވާން އިންކާރު ކުރުމުން ކަމަށެވެ.

ރޭގެ މެޗު، ރާއްޖެއިން 7-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، މެޗަށްފަހު ކޯޗު ސެގަޓް ބުނީ ދަގަނޑޭއަކީ ޓީމަށް މުހިއްމު ކުޅުންތެރިއެއް ނަމަވެސް ޕްރެސްއަށް ހާޒިރުވާން ދެކޮޅުހެދުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ދަގަނޑޭ ޓީމުން ވަކިކުރަން ނިންމި ނިންމުމަކީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށް ނިންމި ނިންމުމެއް ކަމަށެވެ.

ކީޕަރު އިންމައަކީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އަދި ކެޕްޓަންް ދަގަނޑޭއަކީ ރާއްޖެގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ ގައުމީ ޓީމަށް ކުޅެދިން 78 މެޗުން 52 ގޯލް ޖަހައިދީފައެވެ. 2008 ވަނަ އަހަރު ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް އުފުލާލި ޓީމުގައިވެސް މުހިއްމު ރޯލެއް އަދާކުރި އިންމައާއި ދަގަނޑޭއަކީ ރާއްޖޭގެ ފުޓުބޯޅައިގެ ދެ ލެޖެންޑުންނެވެ.

comment ކޮމެންޓް