ތޫނިސްގެ ހިއުމަން ރައިޓްސް ކޮމިޝަން އުވާލަން ގާނޫނު ހަދާ މަޖިލީހުން ވޯޓުލައިފި

ތޫނިސްގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ހިއުމަން ރައީިޓްސް ކޮމިޝަން އުވާލަން ވޯޓު ދީފައި -- ފޮޓޯ: އޭޕީ

ތޫނިސް (މާޗް 28): ތޫނިސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންޑޭޓް އާ ނުކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވޯޓުދީފި އެވެ.

ތޫނިސްގެ ގާނޫނު ހަދާ މަޖިލީހުގައި ހޯމަ ދުވަހު ނެގި ވޯޓުގައި 68 މެމްބަރުން ވަނީ އެ ގައުމުގެ 'ޓްރޫތު އެންޑް ޑިގްނިޓީ ކޮމިޝަން' އުވާލަން ވޯޓު ދެއްވައިފަ އެވެ. އެއާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

އެވޯޓު ނެގުމުގެ ކުރިން މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސް ހޫނުވެ، ތިން ޕާޓީއެއްގެ މެމްބަރުން ވަނީ ވޯޓު ބޯއިކޮޓުކޮށްފަ އެވެ. އަދި އެފަރާތްތަކުން ވަނީ މަޖިލީހުގެ ކޯރަމް ހަމަނުވާތީ ހިއުމަން ރައިޓްސް ކޮމިޝަން އުވާލަން ނެގި ވޯޓު ސައްހަ ނުވާނެ ކަމަށް ބުނެފަ އެވެ.

ތޫނިސްގެ 217 މެމްބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގައި ކޯރަމް ހަމަވާނީ 73 މެމްބަރުން ތިއްބެވުމުންނެވެ. އެވޯޓު ނެގި އިރު ތަޅުމުގައި ތިއްބެވީ 70 މެމްބަރުންނެވެ.

ދެހާސް ތޭރަ ވަނަ އަހަރު އެކުލަވާލި އެ ކޮމިޝަނަށް ވަނީ މިހާތަނަށް 62،000 ޝަކުވާ ހުށަހަޅައިފަ އެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް