ދާދުގެ ހަތަރު ލަނޑާއެކު ބޫޓާން އަތުން ރާއްޖެއަށް ތަފާތުބޮޑު މޮޅެއް

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ މޮޅުވީ 7-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭޝިއަން ކަޕް ކޮލިފައިންގައި، ޒުވާން ފޯވާޑް ހަސަން ނާއިޒް (ދާދު)ގެ ހަތަރު ލަނޑާއެކު ބޫޓާން އަތުން ރާއްޖެއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވީ 7-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރި ދާދުއަކީ މިދިޔަ ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ޖާގަ ނުދީ، ގައުމީ ކޯޗު ޕީޓާ ސެގަޓް ފަހުން ނެގި ސްކޮޑުން ފުރުސަތު ދިން ކުޅުންތެރިއެކެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، ގައުމީ ޓީމުން ފުރުސަތު ދިން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)އާއި، އިބްރާހިމް ވަހީދު ހަސަން (އިއްބެ)އާއި، ޒުވާން ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފްގެ ކުޅުން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ދެވަނަ ހާފުގައި ކުޅެން ނުކުތް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވެސް މެޗުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

މިރޭގެ މެޗުގެ ކުރިން އިއްޔެ ގައުމީ ޓީމުގެ ސްކޮޑުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަކިކޮށް، މިއަދު ކުއްލިގޮތަކަށް ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، މެޗަށް ރާއްޖޭގެ ޓީމު ނުކުތީ އެ ދެ ކުޅުންތެރިން ނުލައެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ފުރަތަަމަ 11އިން ފެނިގެންދިޔައީ އާ ކުޅުންތެރިންތަކެކެވެ. އޭގެ ތެރޭގައި އިއްބެ، ސިފާއު، މުޖުތާޒް މުހައްމަދު (މުޖޭ) ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައިވެސް ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ދާދުއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ސެންޓޭގެ ޕެނަލްޓީގެ އިތުރުން ފުރަތަމަ ހާފުގައި ރާއްޖެއަށް ލިބުނު ފުރުސަތުތަކުގެ ތެރޭގައި އިއްބެއާއި ދާދު އަދި ސެންޓޭއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ސެންޓޭއާއި ދާދު ފޮނުވާލި ހަމަލާ، ބޫޓާންގެ ކީޕަރު ހަރީ ގުރުންޖް ދިފާއުކުރި އިރު، އިއްބެއަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗުގައި ރާއްޖެއިން ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ 34 ވަނަ މިނެޓުގައެވެ. އިއްބެ ދިން ބޯޅައަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އެ ލަނޑަކީ ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީގައި ހަމްޕު ކާމިޔާބުކުރި ދެވަނަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ރާއްޖެއަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އިއްބެއަށް ލިބުނު ފުރުސަތު، އޭނާއަށް ބޭނުން ނުކުރެވުނު އިރު، ސެންޓޭ ފޮނުވާލި ހަމަލާ ދިޔައީ ބޫޓާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ރާއްޖެއިން ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކުރީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ސެންޓޭ ދިން ބޯޅައެއް ހިފައިގެން ބޫޓާންގެ ޕެނަލްޓި އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދާދުއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ސެންޓޭގެ ބަދަލުގައި ފޭދޫ އިއްބެ ކުޅެން ނުކުތުމާއެކު، ރާއްޖޭގެ އެޓޭކް އިތުރަށް ވަރުގަދަވެގެންދިޔަތަން ފާހަގަކޮށްލެވުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 69 ވަނަ މިނެޓުގައި ފޭދޫ އިއްބެ ދިން ބޯޅައަކުން އިއްބެ ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އިއްބެއަށް ބޯޅަ ލިބުނު އިރު، ބޫޓާން ގޯލު ކުރިމަތީ އޭނާ ހުރީ ވަރަށް ހުސްކޮށެވެ. މިރޭގެ މެޗަކީ އިއްބެ ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ހަތަރު ލަނޑުގެ ލީޑެއް ހޯދައިފައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ދާދުއެވެ. ދާދު އެ ލަނޑު ކާމިޔާބުކުރީ ބަކާ ދިން ބޯޅައެއް ހިފައިގެން ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ފޮނުވާލި ހަމަލާއަކުންނެވެ. ދާދު ފޮނުވާލި އެ ހަމަލާ، އަމާޒުވީ ބޫޓާން ގޯލުގެ ތިރީ ކަނަށެވެ.

ރާއްޖޭގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިތާ ދެ މިނެޓުގެ ތެރޭގައި ރާއްޖޭގެ ފަސްވަނަ ލަނޑު ފެނިގެންދިޔައެވެ. އެ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ދާދުއެވެ. އެ ލަނޑާއެކު ދާދުގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ. މިރޭގެ މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ އަކްރަމް އަބްދުލްޤަނީ (އަކޫ) ނަގައިދިން ހިލޭ ޖެހުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ޖައްސާލި ބޯޅަ، ދާދު ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ހަ ލަނޑުގެ ލީޑެއް ހޯދައިފައެވެ. އެ ލަނޑުވެސް ރާއްޖެއަށް ކާމިޔާބުކޮށްދިނީ ދާދުއެވެ. ދާދުގެ ހަތަރުވަނަ ލަނޑު، އޭނާ ކާމިޔާބުކުރީ އަކޫ ފޮނުވާލި ހިލޭ ޖެހުން ބޫޓާން ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިންނެވެ. އެ ލަނޑަކީ ގައުމީ ޖާޒީގައި ދާދު ކާމިޔާބުކުރި އަށްވަނަ ލަނޑެވެ.

ރާއްޖޭގެ ހަތްވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގައުމީ ޖާޒީގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެމުންދިޔަ ޒުވާން ޑިފެންޑަރު ސިފާއުއެވެ. ބަކާ ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ސިފާއު ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ބޫޓާން ޑިފެންޑަރެއްގެ ފައިގައި ޖެހިފައެވެ.

ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗަކީ ޖަރުމަން ކޯޗު ޕީޓާ ސެގަޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ދެވަނަ މެޗެވެ. ސެގަޓްގެ އިރުޝާދުގެ ދަށުން ރަށުން ބޭރުގައި ސިންގަޕޫރާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. ބޫޓާން މެޗަކީ ސެގަޓްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޓީމު ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.

މިއަދުގެ މެޗަށް ނުކުތް އިރުވެސް ރާއްޖެ އަދި ބޫޓާނަށް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ރާއްޖެ ހިމެނޭ 'ގްރޫޕް ޑީ'އިން އޭޝިއަން ކަޕަށް ކޮލިފައިވެފައިވަނީ އޮމާނާއި ފަލަސްތީނެވެ. އެ ދެ ޓީމަށްވެސް ހަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ރާއްޖެއަށް ހަ ޕޮއިންޓް ލިބުނު އިރު، ބޫޓާނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް