ރާއްޖެ ޓީވީގެ ވިސާމާއި އާމިރު ދޫކޮށްލައިފި

ރާއްޖެ ޓީވީގެ ޖާނަލިސްޓު މުހައްމަދު ވިސާމް

ސަރުކާރު ވައްޓާލާނެ ކަމަށް އިންޒާރުދީ ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބި ބައެއްގެ ވީޑިއޯއެއް އާންމު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމާއި ނޫސްވެރިޔާ މުހައްމަދު ވިސާމް ދޫކޮށްލައިފިއެވެ.

އާމިރާއި ވިސާމް ދޫކޮށްލީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އިތުރަށް އެ ދެ މީހުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް އަމުރު ކުރުމުންނެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާމިރާއި ވިސާމްގެ މައްޗަށް ކުރަނީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ރާއްޖެ ޓީވީ ބަދުނާމުކޮށް ވާހަކަދައްކަމުން ދަނީ އެ ސްޓޭޝަނަށް އޮންނަ ލޯބި ފެނި ހަސަދަވެރި ވެގެން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރާއްޖެ ޓީވީއަށް ތުހުމަތުތަކެއްކޮށް ވާހަތަކެއް ދައްކާފައިވާތީ އެ ސްޓޭޝަނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް