ޗެންޗޯގެ ނުރައްކާ ފެންނާނެ: ބޫޓާން ކޯޗު

ބޫޓާން ކޯޗު މޯގަން އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޫޓާންގެ ތަރި، ޗެންޗޯ ޔެލްޓްޝެންގެ ނުރައްކާތެރިކަން މިރޭގެ މެޗުގައި ފެންނާނެ ކަމަށް ބޫޓާން ގައުމީ ޓީމުގެ ކޯޗު ޓްރެވޯ މޯގަން ބުނެފިއެވެ.

މޯގަންއަކީ ކުޅުންތެރިއެއްގެ ގޮތުގައި އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކަކަށް ކުޅެ، ކޯޗެއްގެ ގޮތުގައި އިންޑިއާގެ ކްލަބުތަކުގައި ހޭދަކޮށްފައިވާ މީހެކެވެ. ބާމިންހަމްއާއި ބްރިސްޓަލް ސިޓީގެ އިތުރުން ބޯންމައުތަށްވެސް ކުޅެފައިވާ މޯގަން ވަނީ އިންޑިއާގެ އީސްޓް ބެންގާލާއި ޑެމްބޯ އަދި ކެރެލާ ބްލާސްޓާސްއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު މޯގަން ބުނީ ކުޅުންތެރިންގެ މަސައްކަތް ރަނގަޅު ކަމަށާއި، ކުޅޭނީ މެޗުން މޮޅުވާން ކަމަށެވެ.

"ހުރިހާ ކުޅުންތެރިންގެ މަސައްކަތްވެސް ވަރަށް ފުރިހަމަ. ކުޅުންތެރިން ބޭނުންވަނީ ރަނގަޅު ފެށުމެއް. އޯޕަން މެޗެއް ފެންނާނެ. ޕޮއިންޓަކުން ފުއްދާލަން ނުވިސްނަން. މޮޅުވާން ކުޅޭނީ. މޮޅު ނުވެވިއްޖެ ނަމަ އެއްވަރުވެގެން ފުއްދާލެވޭނީވެސް. ބޫޓާނަކީ ކޮޅަށް ގިނައިން ގޯލް ވަންނަ ޓީމެއް. އެއީ ޑިފެންސިވް މައްސަލަތަކެއް. އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިން،" މޯގަން ބުންޏެވެ.

މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް މިއަދު ވިސްނާނީ ރަނގަޅަށް ކަމަށާއި، މިހާރު ކުރިއަށްދަނީ ޓީމު ދަސްކުރުމުގެ މަސައްކަތް ކަމަށްވެސް މޯގަން ބުންޏެވެ. މޯގަން ބޫޓާން ޓީމާ ހަވާލުވީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ.

"މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ނަގާނީ ޕޮޒިޓިވް ކަންތައްތަކެއް. މި ދަނޑިވަޅަކީ އަހަރެން ކުޅުންތެރިން ދަސްކުރާ، ކުޅުންތެރިން އަހަރެން ދަސްކުރާ ދުވަސްވަރެއް،" މޯގަން ފާހަގަކުރިއެވެ.

މިރޭގެ މެޗަށް ނުކުންނައިރު ބޫޓާންގެ ޓީމުން އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މިދިޔަ ސީޒަންގައި އިންޑިއާގެ އައި ލީގު ޗެމްޕިއަނުން މިނާވާ ޕަންޖާބު އެފްސީގެ ފޯވަޑް ޗެންޗޯއެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަންގެ އައި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

"ޗެންޗޯ އިންޑިއާގައި ހޭދަކުރީ ވަރަށް ރަނގަޅު ސީޒަނެއް. އޭނާގެ ކްލަބަށް މޮޅަށް ކުޅެ، ލީގު ނަގައިދިނުމުގައި ޗެންޗޯ މުހިންމު ދައުރެއް އަދާކުރި. މިރޭގެ މެޗު ޗެންޗޯ ފަށާނެ. އޭނާ ހުރީ ތައްޔާރަށް. ޗެންޗޯ އަތުގައި ބޯޅަ އޮންނައިރު އޭނާ ނުރައްކާވާނެ،" މޯގަން ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ރާއްޖެއާއި ބޫޓާން ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00ގައި ގަލޮޅު ދަނޑުގައެވެ.

މެޗަށް ނުކުންނައިރު ދެޓީމަށްވެސް ވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައެވެ.

comment ކޮމެންޓް