އެންޑްރޮއިޑު ފޯނުތަކުގެ ކޯލް ލޮގާއި އެސްއެމްއެސް ތަފްސީލު ފޭސްބުކްގައި ހުންނާނެ

އެންޑްރޮއިޑް ފޯނުތަކުން ފޭސްބުކް ބޭނުންކުރާ މީހުންގެ ކޯލް ލޮގާއި އެސްއެމްއެސްތަކުގެ ތަފްސީލު ފޭސްބުކް އިން އެއްކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ.

ފޭސްބުކްގެ މައްޗަށްކޮށްފައިވާ ޑޭޓާ ޕްރައިވެސީގެ މައްސަލައާ އެކު ގިނަ ބަޔަކު ދަނީ އެ މީހުންގެ ފޭސްބުކް ހިސްޓްރީ ޑޭޓާގެ މައުލޫމާތު ހޯދަމުންނެވެ. މި މައުލޫމާތު ޑައުންލޮޑުކުރި ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ އެމީހުން މީގެ އެތައް މަހެއް ކުރިން ކޮށްފައިވާ ފޯނުކޯލުތަކާއި އެސްއެމްއެސްގެ މައުލޫމާތު ފޭސްބުކް ޑާޓާ ހިސްޓްރީގައި ހުރުމުންނެވެ.

ޓްވިޓާގައި ގިނަ ބަޔަކު ދަނީ މި މައްސަލާގައި ވާހަކަ ދައްކަމުންނެވެ. އާއިލާ އާއި ގާތްމީހުންނަށް ކުރާ ކޯލުތަކުގެ ތަފްސީލުތައް ފޭސްބުކް ޑާޓާ ފައިލުގައި ހުރިކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ފޭސްބުކްގެ ފްރެންޑް ރިކޮމެންޑޭޝަން އަލްގޮރިދަމް ފައްކާކުރުމަށް އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންގެ ފޯނުގެ ޑާޓާ އަށް އެކްސެސް ހޯދަން ފޭސްބުކް އިން ވަނީ މަސައްކަތް ކޮށްފަ އެވެ. އެކަމަށް ރިކުއެސްޓުކޮށް ނޯޓިފިކޭޝަން ވެސް އެ އެޕްލިކޭޝަން އިން ވަނީ އެންޑްރޮއިޑް ޔޫޒަރުންނަށް ފޮނުވައިފަ އެވެ.

ފޭސްބުކް މެސެންޖާ އިން ވަނީ ފޯނުތަކުގެ ޑީފޯލްޓު މެސެޖިން އެޕްލިކޭޝަން ޓޭކް އޯވާކޮށް ކޮންޓެކްޓުތައް ސިންކު ކުރަން ވެސް މަސައްކަތް ކޮށްފަ އެވެ.

ފޭސްބުކްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ އެކު އެކުންފުންޏަށް ދަނީ ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންނެވެ. ސްޓޮކް މާކެޓުގައި ކުންފުނީގެ އަގު ވެއްޓެމުންދާއިރު، ގިނަ ބަޔަކު ދަނީ ފޭސްބުކް ބޭނުން ކުރުން ހުއްޓާލައި އެހެން ސޯޝަލް މީޑިއާ ނެޓްވޯކުތަކަށް ހިޖުރަ ކުރަމުންނެވެ.

comment ކޮމެންޓް