ތިޔަ ލޯތްބާ ދުރަށްގެ ލަވަތައް މައިޓޯންސް އަދި ރީތި ޓިއުންސް އިން!

ތިޔަ ލޯތްބާދުރަށް ފިލްމުގެ މަންޒަރެއް -- ފޮޓޯ: ފޭސްބުކް

އަންނަ މަހުގެ 21 ވަނަ ދުވަހު ސްކްރީނަށް އަންނަ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ލަވަތަކުގެ މައިޓޯންސް އަދި ރީތި ޓިއުންސްގެ އައިޑީތައް އާންމުކޮށްފި އެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ފީޗާ ފިލްމުގެ ލަވަތައް މިހާރު މައިޓޯންސް އަދި ރީތި ޓިއުންސް މެދުވެރިކޮށް ރިންގްޓޯނަށް ލެވޭނެ އެވެ.

ފިލްމު ރިލީޒްކުރުން ކުޑަތަން ވަމުން އަންނަ އިރު ފިލްމުގެ ޓީމުން ވަނީ ފިލްމުގެ ކައުންޑައުން ޝޯ އެއް ފެށުމަށް ތައްޔާރުވެފަ އެވެ.

އަންނަ ބުރާސްފަތި ދުވަހު ތިޔަ ލޯތްބާ ދުރަށް ގެ ކައުންޑައުން ފެށުމަށް ހަމަޖެހިފައިވާ އިރު ފިލްމުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރުގެ އިތުރުން ފިލްމުގެ ޓެކްނިކަލް މަސައްކަތް ކުރަނީ ވެސް އޭނާ އެވެ.

ތިޔަ ލޯތްބާ ދުރަށްގެ ތީމް ލަވަ ދާދި ފަހުން ވަނީ ރިލީޒްކޮށްފަ އެވެ. އަދި އެ ފިލްމުގައި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ދެ ލަވަ އެއް ވަނީ ހިމަނައިފަ އެވެ.

ތިޔަ ލޯތްބާ ދުރަށް ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައި ވަނީ ސްރީލަންކާގަ އެވެ.

އެ ފިލްމަކީ ލޯތްބާ ހިތާމަ އެކުލެވިގެންވާ، ތިނެސްކަން ލޯބީގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް