ބާސެލޯނާގެ ފިލިޕް ކުޓީނިއޯއަކީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ތަރި ނޭމާއާ އެއް ފެންވަރެއްގެ ކުޅުންތެރިއެއް ކަމަށް ބްރެޒިލް ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފިއެވެ.
ބްރެޒިލުން މިއަހަރުގެ ވޯލްޑް ކަޕަށް ނުކުތުމަށް ތައްޔާރުވަމުންދާ އިރު، އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޭމާ ހުރީ އަނިޔާގައެވެ. ޕީއެސްޖީއަށް ކުޅެނިކޮށް ނޭމާއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް މިއަހަރުގެ ވޯލްޑް ކަޕް ގެއްލިގެންދާނެ ކަމަށް ބެލެވެއެވެ.
ނޭމާއާއެކު ދެން ބްރެޒިލުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ކުޓީނިއޯއެވެ. ވޯލްޑް ކަޕް 2014ގައި ބްރެޒިލް ސްކޮޑުން ޖާގަ ނުލިބިދިޔަ ހިސާބުން ކުޓީނިއޯ ފެނިގެންދިޔައީ ދުނިޔޭގެ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ޖެނުއަރީ ޓްރާންސްފާގައި 142 މިލިއަން ޕައުންޑަށް ބާސާއާ ގުޅުމުގެ ކުރިން ކުޓީނިއޯ ވަނީ ކޯޗު ބްރެންޑަން ރޮޖާސްއާއި ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކައި، އެ ކްލަބުގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދައިފައެވެ.
މިރޭ ޖަރުމަނާ ދެކޮޅަށް ބްރެޒިލް ކުޅޭ އެކުވެރިކަމުގެ މެޗުގައި، އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކުޓީނިއޯއާ ގުޅޭގޮތުން ޕީއެސްޖީގެ ޑިފެންޑަރު އަލްވޭސް ބުނީ ނޭމާއެކޭ އެއްގޮތަށް ކުޓީނިއޯއަކީ ވެސް ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ.
"އަހަރެން ގަބޫލުކުރަނީ ކުޓީނިއޯއަކީ ވެސް ނޭމާއާ އެއް ފެންވަރެއްގެ ކުޅުންތެރިއެއް ކަމަށް. އަހަރެމެންގެ ގޭމުގެ ތެރޭގައި އަދި އޭނާ ކުޅޭ ޓީމުތަކަށް ވެސް އޭނާއަކީ މުހިންމު ކުޅުންތެރިއެއް. ލިވަޕޫލް އަދި މިހާރު ބާސާގައި ވެސް އޭނާ އެދަނީ ފުޓްބޯޅައިގައި ގިނަ ކަންތައްތަކެއް ދަސްކުރަމުން. ރަނގަޅު ނިންމުންތައް ނިންމުމަށް ދަސްކުރަމުން،" އޭނާ ބުންޏެވެ.
އަލްވޭސް ބުނީ ކުޓީނިއޯ ފަދަ ކުޅުންތެރިން އެކުލެވޭ ޓީމަކަށް ކުޅުމަށް އުފާކުރާ ކަމަށާއި، ވަރުގަދަ ޓީމެއް ބިނާކުރުމަށް އެ ފެންވަރުގެ ކުޅުންތެރިން ބޭނުންވާނެ ކަމަށެވެ.
މިރޭ ޖަރުމަނާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗު ވެގެންދާނީ އަމިއްލަ ގައުމުގައި ބޭއްވި 2014ގެ ވޯލްޑް ކަޕުގައި 7-1ގެ ނަތީޖާއަކުން ޖަރުމަން އަތުން ބްރެޒިލް ބަލިވި ސެމީ ފައިނަލް މެޗަށް ފަހު ޖަރުމަނާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗަށެވެ.