ރަޝިއާގެ އެއާޕޯޓެއްގެ 25 ޕަސެންޓު ހިއްސާ ގަތަރު އެެއާވޭސް އިން ގަންނަން ނިންމައިފި

ގަތަރު އެއާވޭސްގެ ފްލައިޓެއް -- ފޮޓޯ: ޑެއިލީ މެއިލް

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން "ގަތަރު އެއާވޭސް" އިން ރަޝިއާގެ ވެރިރަށް މޮސްކޯގެ ނުކޯވޯ އެއާޕޯޓުގެ 25 ޕަސެންޓު ހިއްސާ ގަންނަން ނިންމައިފި އެވެ.

ނުކޯވޯ އެއާޕޯޓަކީ މޮސްކޯގެ އެންމެ ބޮޑު ހަތަރު އެއާޕޯޓުގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ. ގަތަރުގެ ގައުމީ އެއާލައިނުން ރަޝިއާގެ އެއާޕޯޓެއްގެ ހިއްސާ ގަންނަން ނިންމާފައި މިވަނީ ގަތަރުގެ އަމީރު ޝައިހް ތާނިމް ބިން ހައްމާދު އަލް ޘާނީ ރަޝިއާ އަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެވެ.

ގަތަރާ ދެކޮޅަށް ސައުދީ އާއި ބައެއް އަރަބި ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އެ އެއާލައިނަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ލަފާކޮށް، އެކަން ވާނީ އާންމު ކޮށްފަ އެވެ.

ނުކޯވޯ އެއާޕޯޓަކީ އަހަރު 18 މިލިއަން ފަސެންޖަރުންނަށް ޚިދުމަތްދޭ އެއާޕޯޓެކެވެ. މި އެއާޕޯޓުގައި ރަޝިއާ ސަރުކާރުގެ އިތުރުން އެގައުމުގެ ވިޔަފާރިވެރިއެއްގެ ހިއްސާ ވެސް އޮވެ އެވެ.

އެ އެއާޕޯޓުގެ ހިއްސާ ގަތުމުގެ އެއްބަސްވުމުގައި މިހާރު ދެފަރާތުން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް