ރިޝްވަތުގެ މައްސަލައެއްގައި ރަޝިއާގެ ދިފާއީ ވަޒީރުގެ ނާއިބު ހައްޔަރުކޮށްފި

ރިޝަވްތު ނެންގެވި ކަމަށް ބުނެ ރަޝިއާގެ ދިފާއީ ވަޒީރުގެ ނައިބު ތިމުރު އިވްނޮވް ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފިއެވެ.

އެކަމާ ގުޅިގެން ރަޝިއާގެ އިންވެސްޓިގޭޓިވް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ތަހުގީގެއް ހިނގަމުން އަންނަ ކަމަށާއި، އެ މައްސަލައިގައި އިވްނޮވް ހައްޔަރުކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރަޝިއާގެ ޖިނާއީ އަދުލާ ބެހޭ ގާނޫނުގެ 290 ވަނަ މާއްދާގެ ހަވަނަ ނުކުތާގެ ދަށުންނެވެ. އެއީ، އެއް މިލިއަން ރޫބުލް (10،700 ޑޮލަރު) އަށް ވުރެ ބޮޑު އަދަދެއް ހިމެނޭ ކޮރަޕްޝަންގެ ތުހުމަތުތަކެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ 15 އަހަރު ދުވަހާ ހަމައަށް ޖަލަށްލުމާ އެކު ބޮޑު އަދަދަކުން އިވަނޮވް ޖޫރިމަނާ ކުރާނެއެވެ. އަދި، އޭނާ ދެ މަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓާނެ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޖަލުގައި ހުއްޓައި މަރުވެފައިވާ ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއާއި އެކުވެރިން ހިންގާ އެންޓި ކޮރަޕްޝަން ފައުންޑޭޝަނުން 2022 ވަނަ އަހަރު ވަނީ އިވްނޮވާއި އޭނާގެ އާއިލާއިން މުދަލާއި ޔޮޓް ގަތުމަށް އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްފައިވާކަމުގެ ތަހުގީގީ ހޯދުންތައް އާންމުކޮށްފައެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ރިޕޯޓަރުންނަށް ވިދާޅުވީ، އިވަނޮވް ހައްޔަރުކުރާކަން ދުރާލާ ރައީސް ވްލަޑިމިއާ ޕޫޓިންއަށް އަންގާފައިވާ ކަމަށެވެ.

އިވަނޮވް އަކީ އެމެރިކާ، އިނގިރޭސިވިލާތް އަދި ވިލާތުގެ އިއްތިހާދުން ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ރަޝިޔާ އަސްކަރިއްޔާގެ 10 ވަނައަށް އެންމެ ބާރުގަދަ މީހާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް