ފުޓްބޯޅައިގެ ރަނގަޅު ޖީލެއް ބިނާކުރަން އެންމެ މުހިއްމީ އަޚްލާޤު!

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ޓީީމުގެ ކޯޗުކަމާ ޖަރުމަނުގެ ޕީޓާ ސެގަޓް ހަވާލުވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ރާއްޖޭގެ ކޯޗު ކަމާ ހަވާލުވިއިރުވެސް އޭނާގެ ޓްރެކް ރެކޯޑު ދައްކަނީ ތަފާތު ގެނުވާ ކޯޗެއްގެ ގޮތުގައެވެ. ޖޯޖިއާގެ އިތުރުން އަފްޣާނިސްތާން ގައުމީ ޓީމާއެކު ހޭދަކުރި ދުވަސް ވަރަށް ބަލާއިރުވެސް ސެގަޓް ފާހަގަ ކުރެވެނީ ނަގަން ޖެހޭ ސްޓޭންޑެއް ނަގައި، މުސްތަގުބަލު ބިނާ ކުރުމަށް ބާރު އަޅާ ކޯޗެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް ފުޓުބޯޅައިގައި ކާމިޔާބު ރެސިޕީއެއް އެކުލަވާލުމަށް ބޭނުންވާ އެންމެ މުހިއްމު ދެ މާއްދާ ކަމަށްވާ ޑިސިޕްލިންއާއި ޕްރޮފެޝަނަލިޒަމްއަކީ ސެގަޓްގެ ފިލޯސަފީއެވެ.

ރާއްޖޭގެ ފުޓުބޯޅަ މިއިން ޒަމާނަކުވެސް ނުވެއްޓޭވަރުގެ އަންދަވަޅަކަށް މިސްރާބު ހުރި އިރު، ގައުމީ ޓީމުގެ ނަތީޖާތަކަށް ރައްޔިތުންނަށް އުންމީދު ގެއްލުނެވެ. ގައުމީ ޓީމަކީ ގައުމީ ރޫހެއް ނެތް، ހަމަ މެޗެއް ކުޅެލާ ބަޔަކަށް ވެއްޖެއެވެ. ގަލޮޅު ދަނޑަށް ވަންނަ މީހުންނަށްވުރެ މީސް މީޑިއާގައި ގައުމީ ޓީމަށް ބަދު ބަސް ބުނާ މީހުން ގިނައެވެ. މިހާލަތަށް ދާން ޖެހުނު ސަބަބުތައް ގިނައެވެ. ކުޅުންތެރިންގެ ޕްރޮފެޝަނަލިޒަމް ގެއްލި، ޑިސިޕްލިންއެއް ނެތް ވާހަކައަކީ އަބަދާ އަބަދު ދައްކާ ވާހަކައެކެވެ. ކޯޗުންނަށް ޓީމުތައް ކޮންޓްރޯލް ނުކުރެވޭ ވާހަކައާއި ގައުމަށްޓަކައި ކުޅުމުގެ ރޫހު، ކުޅުންތެރިން ކިބައިން ނުފެންނަ ވާހަކައަކީ ސަޕޯޓަރުންގެ ތުންތުން މަތިން ދައްކާ ވާހަކަތަކެވެ.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ސަރ އެލެކްސް ފާގަސަން ލިޔެފައިވާ "ލީޑިން" ކިޔާ ފޮތެއްގައި އޭނާ ބުނެފައިވަނީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް "ޑިސިޕްލިން" އޭނާއަށް މުހިއްމު ކަމަށެވެ. ކުޅުންތެރިންގެ އަޚްލާގަށް ސަމާލުކަން ދިނުމުން އޭނާއަށް ތަށިތަކެއް ގެއްލުނު ނަމަވެސް، އެކަން ބަދަލު ނުކުރީ ޓީމެއް، ނުވަތަ ފުޓްބޯޅައިގެ ވަރުގަދަ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ.

ފާގަސަންގެ ވާހަކައިން ނެގޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ވަގުތީ މޮޅެއް ހޯދުމަކީ ހުނަރެއް ހުރިއްޔާ ވެދާނެ ކަމެއް ނަމަވެސް ޑިސިޕްލިން ހުރި ޓީމެއް، ނުވަތަ ފުޓްބޯޅައިގެ ރަނގަޅު ޖީލެއް ބިނާ ކުރުމަކީ ކުރިމަގު ބައްޓަން ކުރުމަށް މުހިއްމު ކަމެއް ކަމަށެވެ.

ސެގަޓް ރާއްޖޭގެ ޓީމާ ހަވާލުވިފަހުން ދެ މެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުން ސިންގަޕޫރު އަތުން ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗަކީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ނުކުތް ވާދަވެރި މެޗެވެ. އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރާއްޖެއެވެ.

މި ދެމެޗުގެ ކުރިންވެސް ސެގަޓް ބުނަމުންދިޔައީ އެއް ވާހަކައެކެވެ. އޭނާގެ ޓީމަށް ބޭނުންވާ ކުޅުންތެރިން ގައިގައި ހުންނަން ޖެހޭ ހާއްސަ ސިފަތަކެއްގެ ވާހަކައެވެ. އެއީ ސެގަޓް ބުނާ "ކެރެކްޓާ"އަކާއި ޑިސިޕްލިންއެއްގެ ވާހަކައެވެ. ގައުމީ ޓީމުގައި، ގައުމެއްގެ ރައްޔިތުން ތަމްސީލުކޮށްދިނުމަށް ދޭން ޖެހޭ 100 ޕަސެންޓެއްގެ ވާހަކައެވެ.

ދަގަނޑޭ ގައުމީ ސްކޮޑުން ބޭރު ކުރުން - އުނދަގޫ ނަމަވެސް މުސްތަގުބަލަށް ނިންމި ނިންމުމެއް

ސެގަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސިންގަޕޫރު މެޗަށްފަހު ރޭގެ މެޗަށް ނުކުތުމުގެ ކުރިން ގައުމީ ޓީމުގެ "ކުއްލި ހަބަރު"ތަކެއް ފެންމަތި ވެގެންދިޔައެވެ. އޭގެ ތެރެެއިން ފުރަތަމަ ލިބުނު ހަބަރަކީ ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު ސެގަޓް، މުޅި ގައުމު އެ ކުޅުންތެރިއަކަށް ފަޚްރުވެރިވާ ދަގަނޑޭ ގައުމީ ޓީމުން ވަކިކުރި ހަބަރެވެ.

"ޕްރެސް ކޮންފަރެންސަށް ނުގޮސްގެން ޓީމުން ކަނޑާލީ" ކަމަށް ދަގަނޑޭ ސަން ސްޕޯޓްސްއަށް ބުނެފައިވެއެވެ. ދަގަނޑޭ ބުނީ އޭނާއާ ކޯޗާ ދެމެދު އިތުރު މައްސަލައެއް އުޅޭ ކަމެއް އޭނާއަށް އެނގިފައި ނުވާ ކަމަށާއި، ޓީމުން ވަކިކުރިކަން އަންގަމުން ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އެހެން ކަމަށެވެ.

ދަގަނޑޭ ޓީމުން ވަކިވިތާ 24 ގަޑިއިރުވެސް ނުވަނީސް ދެން އިވުނު ހަބަރަކީ ގައުމީ ޓީމުގެ ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑޭ) ގައުމީ ޓީމުން ރިޓަޔާކުރި ހަބަރެވެ.

ދިވެހީންގެ ހިތުގައި ގައުމީ ބަޠަލެއްގެ ދަރަޖަ ދެވިފައިވާ ދަގަނޑޭގެ ވަކިވުމާއި، ދަގަނޑޭއަށް އެޅި ފިޔަވަޅާ ގުޅޭގޮތުން ސަޕޯޓަރުން ދެކޮޅަށް ވާހަކަ ދައްކަމުން ދިޔައިރު، ކޯޗުގެ ބަހެއް އިވުނީ އިއްޔެއެވެ.

"އަހަރެންގެ އުންމީދަކީ ބޫޓާން މެޗަށްފަހު ދަގަނޑޭގެ ގައުމީ ކެރިއަރާ މެދު ގޮތެއް ނިންމާނެ ކަމަށް. ނިންމުން ނިންމާނީ އަހަންނާ ދަގަނޑޭއާއެކު. އެކަމަކު ހަނދާން ކުރަން ޖެހޭނެ 100 ޕަސެންޓް ދޭ ކުޅުންތެރިން ބޭނުންވަނީ. އެހެން ނޫނީ ޒުވާން ކުޅުންތެރިންނަށް ޖާގަ ދޭން އަހަންނަށް ޖެހޭނެ،" ދަގަނޑޭގެ ގައުމީ ޓީމުގެ ކުރިމަގާ ގުޅިގެން ސެގަޓް މިއަދު ބުނެފައިވެއެވެ.

ރޭގެ މެޗަށްފަހުވެސް ސެގަޓްވަނީ އޭނާގެ ނިންމުން އިތުރަށް ޝަރަހަ ކޮށްދީފައެވެ.

"މި މޮޅަކީ އަޝްފާގާއި އަޑޭއަށް ހަދިޔާކުރާނެ މޮޅެއް. އެއީ އެ ދެ ކުޅުންތެރިންނަކީ އަދިވެސް ގައުމީ ޓީމުގެ ބައެއް. އެންމެ މެޗަކުން ރާއްޖޭގައި ތިބި މުހިއްމު ކުޅުންތެރިންގެ ހަނދާން ނައްތާލައިގެން ނުވާނެ. އަހަރެމެންގެ ތެރޭގައި މާ ގިނަ މޮޅެތި ކުޅުންތެރިންތަކެއް ނެތް. އެންމެން އެއްކޮށް މަސައްކަތް ކުރަން ޖެހޭ. އެކަމަކު އެންމެވެސް ދަންނަން ޖެހޭނެ ކަމަކީ ޑިސިޕްލިން. އަދި އަހަންނަކީ ޓީމުގެ ލީޑަރު. އަހަރެން ކަންކަމުގައި ޒިންމާ ނަގާނީ،" މެޗަށްފަހު ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ ދަގަނޑޭ އޭނާ ބުނުމުން ޕްރެސް ކޮންފަރެންސަށް ނުދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އޭނާ ނިންމި ނިންމުމަކީ މުޅި ފުޓުބޯޅައިގެ މުސްތަގުބަލަށް ނިންމި ނިންމުމެއް ކަމަށެވެ. ސެގަަޓްގެ ސްޓޭންޑް އޭނާ ޝަރަހަ ކޮށްދިނީ ރޭގެ މެޗުގައި ހަތަރު ގޯލް ޖެހި ނާއިޒް ހަސަން (ދާދު) ޕްރެސްއަށް ގެންގޮސްގެނެވެ. ދާދު މަޑުމަޑުން ވާހަކަ ދައްކަން ފެށުމުން ކަންފަތް ކައިރީ ބާރަށް ވާހަކަ ދައްކާށޭ ބުނެ މީޑިއާއާ ކުރިމަތި ލުމަށް ކޯޗު ސެގަޓް ދާދުއަށް ހިތްވަރު ދީފައިވެއެވެ.

ދާދުގެ ޕްރެސް ނިންމާލުމުން ސެގަޓް ބުނީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ދާދު ބަރާބަރަށް މީޑިއާއާ ކުރިމަތިލައި، ހަރުދަނާކަން ދައްކާތަން ބަލަން ތިބުމަށެވެ. އަދި ގެންނަން އުޅޭ ބަދަލުގެ ފެށުންވަނީ އެހިސާބުގައި ކަމަށާއި، ހުރިހާ ކަމަކީ އޭނާ ބަދަލުކުރާނެ ކަންކަން ކަމަށް ސެގަޓް ބުންޏެވެ.

އަޑޭގެ ރިޓަޔާމަންޓް - ކޯޗަށް މާޔޫސްކަން ގެނުވި ކަމެއް

ބޫޓާންއާ ދެޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ޕްރެސްގައި އަޑޭއާއި ގައުމީ ކޯޗު ސެގަޓް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސެގަޓަކީ ފަރިިތަކުރުންތަކުގެ އިތުރުން މެޗު ތެރޭގައިވެސް ކުޅުންތެރިންނަށް ވަރަށް ހަރުކަށިކޮށް ބުނެދޭ މިޒާޖުގެ ކޯޗެކެވެ. ސަޕޯޓަރުންނާ ސަމާސާކޮށް މަޖާކުރި ނަމަވެސް ކުޅުންތެރިންގެ މައްސަލައެއް، ނޫނީ ކުޅުންތެރިއަކު ހަދާ ގޯހެއް އޭނާ ހަޖަމް ނުކުރާނެކަން ފުރަތަަމަ 20 ވަރަކަށް ދުވަހުންވެސް ދައްކައިފިއެވެ. އަދި އެ ހަރުކަށިކަން މަތީ ހުރި ނަމަވެސް މާފަށް އެދެން ޖެހޭ ހާލަތުގައި މާފަށް އެދޭނެކަންވެސް ކޯޗު ދައްކައިފިއެވެ.

"އަޑޭއަށް ބުނެލަން ޖެހޭ އެއްޗެއް އެބައޮތް. އަޑޭގެ ޕާސަނާލިޓީ ވަރަށް ރަނގަޅު. އަޑޭއަކީ ވަރަށް ރަނގަޅުވެސް މީހެއް. އަޑޭ އަތުން ބޭންޑް ނެގުމަކީ އަހަރެން ނެގި އެންމެ އުނދަގޫ ނިންމުން. އަހަރެން ކެޕްޓަން ނެގީ. އެކަން އެންމެންވެސް ބަލައިގަންނަން ޖެހޭ. މިތާ ނެތް ކުޅުންތެރިންނަށްވެސް އަދިވެސް އިހުތިރާމް ކުރަން ޖެހޭ. އަހަރެން ހަދާން ނައްތައެއް ނުލާނަން ދަގަނޑޭއާ އަޑޭ މިގައުމަށް ކޮށްދިން ހިދުމަތެއް،" އަޑުބަރޭ އަތުން ބޭންޑް ނެގުމާ ގުޅިގެން ކޯޗު ބުންޏެވެ.

ދަގަނޑޭ ނުކުޅޭ ހާލަތުގައި އާއްމުކޮށް ބޭންޑް އަޅަނީ އަޑޭ ނަމަވެސް ދާއިމީކޮށް ގައުމީ ކެޕްޓަނަކަށް އަކުރަމް އަބްދުލްޣަނީ (އަކޫ)އަށް ބޭންޑް ދިން ސަބަބު ސެގަޓް މިއަދު މެޗުގެ ކުރިން ނެރުނު ބަޔާނުގައި އޭނާ ކިޔައިދީފައިވެއެވެ.

"ދަގަނޑޭ ނެތް ދަނޑިވަޅުގައި ޓީމުގެ ކެޕްޓަނެއް ހޯދަން ޖެހުނު. އަހަރެންގެ ނިންމުމަކީ ކެޕްޓަނަކީ އަކުރަމް އަބްދުލްޣަނީ (އަކޫ) ކަމަށް. ސަބަބަކީ އަސްހަދު އަލީ (އަޑުބަރޭ) އަހަރެން ކައިރީގައި ބުނީ މިއަހަރަށްފަހު އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ނިންމާލާނަމޭ. އެކަމަށް އަހަރެން ފުރިހަމައަށް އިހުތިރާމް ކުރަން. އަހަރެން ބޭނުންވަނީ ކުރިއަށް އޮތް ދެ އަހަރު ތިން އަހަރު ގައުމީ ޓީމުގެ ކެޕްޓަންކަން ކުރާނެ މީހެއް. އެހެންވީމާ އެ ނިންމުންވާނީ އަކޫއާއި އަޑޭ އަށްވެސް އަންގައިފައި،" ކޯޗުގެ ބަޔާނުގައި ވެއެވެ.

ކޯޗު ބުނެފައިވަނީ ކުއްލިއަކަށް ނިންމަން ޖެހުނު ނިންމުންތަކާއެކުވެސް އޭނާ އެއްވެސް ނިންމުމެއް "އިމޯޝަނަލީ" ނުނިންމާ ކަމަށާއި، ނިންމުއްތައް ނިންމީ ޕްރޮފެޝަނަލް ވިސްނުމުގައި ކަމަށެވެ.

"ވެދާނެ އަހަންނަށް ނިންމުނީ ގޯސް ނިންމުމެއް ކަމަށްވެސް. ވަގުތު ލިބުނު ނަމަ ނިންމުމާ މެދު އަދި މަޝްވަރާ ކުރަން ޖާގަވެސް ލިބުނީސް ކަންނޭނގެ. އެހެންވީމަ އަޑޭގެ ނިންމުންވެސް ނާންނާނެ ކަންނޭނގެ. ގަބޫލުކުރަން ޖެހޭ ކަމަކީ އަޑޭ ނެތްތަން ވަރަށް ބޮޑަށް ދައްކާކަން. އަހަރެން ވަރަށް ބޮޑަށް މާފަށްވެސް އެދެން. އަހަރެން އެދެނީ އަޑޭ ކިބައިން އަލުން އެނބުރި އައުމަށް،" ކޯޗު އޭނާގެ ނިންމުމާ މެދު ބުނެފައިވެއެވެ.

ހަރުދަނާ ޑިސިޕްލިނަރީ ފިޔަވަޅުތަކެއް - ޖީލެއް ބިނާ ކުރުމަށް މުހިއްމު ފެށުމެއް؟

ރާއްޖޭ ގައުމީ ޓީމުން ރޭ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ފުޓުބޯޅަ ޓީމުން 2008 ވަނަ އަހަރުގެެ ސާފް ޗެމްޕިއަންޝިޕް ނެގި ޓީމަކީ ރަން ޓީމެވެ. ދަގަނޑޭއާއި އެހެން ހުރިހާ ކުޅުންތެރިންވެސް ޓީމަށާއި ގައުމަށް ކުޅުނީ ވަކި ފިކުރެއް ވަކި މީހެއް ބެލުމެއް ނެތިއެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް ގައުމުގެ "ހީރޯ"އިންނެވެ. އެދުވަހު ތަށި ރާއްޖެ ގެނެސް، ރާއްޖޭގެ ހުރިހާ ރަށަކަށް އެރުވިއިރު ލިބުނީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ. އާކުރުވީ ގައުމީ ރޫހެވެ.

ރައްޔިތުންގެ ފަރާތުން ލިބުނު އެ ލޯތްބާ އިހުުތިރާމް ގެއްލުނީ ކީއްވެތޯ ވިސްނާލުން މުހިއްމެވެ. ދަނޑުމަތީގައި ގައުމަށް ގައުމީ ޓީމަށް 100 ޕަސެންޓް ދެވޭތޯ ވިސްނާލުން މުހިއްމެވެ. ޓީމަށް ކުޅޭ ކުޅުމުގައި 100 ޕަސެންޓް ނައުމަކީ ކުޅުންތެރިޔާގެ މައްސަލައަށް ނުވެދާނެއެވެ. އެއީ އޮންނަ އުސޫލުތަކާއި ހަމަތައް ހަރުދަނާ ނުވުމުގެ ސަބަބުން އެކަމަށް އިހުމާލު ވެވެނީ ކަމަށް ވެދާނެއެވެ.

މިފަދަ ހާލެއްގައި ޓީމުގެ ރޫހު އޮތްއިރު، ގައުމީ އަދި ވަތަނީ ރޫހު ޓީމަށް ގެނުވާނެ އެއްޗަކީ އަޚްލާގެވެ. ކުޅިވަރުގައި ދޭން ޖެހޭ އިހުތިރާމާއި ޕްރޮފެޝަނަލިޒަމްއެވެ. މިއީ ހުރިހާ ދިވެހިންވެސް ގަބޫލުކުރާ ވިސްނުމެކެވެ. ޕްރޮފެޝަނަލް ކުޅުންތެރިން އުފެދިގެން ނޫނީ ގައުމީ ޓީމު، ގައުމުގެ ފަހުރަށް ނުވާނެ ކަން އެންމެންވެސް ދަނެއެވެ. އެ ޕްރޮފެޝަނަލްކަން ކުޅުންތެރިން ކިބައިގައި އަށަގަންނުވަން، ކޯޗުގެ ދައުރު ވަރަށް ބޮޑެވެ. ކޯޗުގެ ފުރަތަމަ ސްޓޭންޑްވެސް މުހިއްމެވެ. ބޭނުންވާ ކަމަކީ އިހުލާސްތެރި ކަމެއް ކަމަށް ވަނީ ނަމަ އެ ސްޓޭންޑްގައި ހުރުން އަދި މާ މުހިއްމެވެ. ކުޅުންތެރިން ހަރުދަނާ ކުރުމަށް ގައުމީ ކޯޗު ސެގަޓް ނިންނި ނިންމުންތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެންނަން ފަށައިފާނެއެވެ.

ރަށް ރަށަށް ގޮސްގެން ނަމަވެސް، ގައުމީ ރޫހު ހުރި، ގައުމީ ޓީމަށް 100 ޕަސެންޓް ދޭނެ ކުޅުންތެރިން ގައުމީ ޓީމަށް ގެނައުމަކީ އެއްވެސް ދިވެއްސަކަށް ނާއުންމީދީ ވާހަކަތަކެއް ނޫނެވެ. ކޯޗު ސެގަޓްގެ ފިލޯސަފީއަކީވެސް އެއީއެވެ. ސިންގަޕޫރު މެޗުގެ ކުރިން އަދި ރޭގެ މެޗުގެ ފަހުންވެސް އޭނާ ބުނީ ދެން އޮތީ އަތޮޅު ތެރެއަށް ދިއުން ކަމަށެވެ.

ދަގަނޑޭއަކީ ގައުމީ ހީރޯއެއް - އޭނާގެ ޝަރަފު ދޭން ޖެހޭ

ގައުމީ ޓީމް ކުޅުނު މެޗެއްގައި ދަގަނޑޭ ގޯލެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ ---

ދަގަނޑޭގެ ރެކޯޑުތައް އިންތިހާއެވެ. ދިވެހި ފުޓުބޯޅައިގައި އެފަދަ ދެވަނަ ކުޅުންތެރިއެއް ނެތެވެ. އުމުރުން 32 އަހަރުގެ ދަގަނޑޭއަކީ މި ސަރަހައްދުގެވެސް "ނަންބަރު ވަން" އެވެ. 2001 ވަނަ އަހަރު ޕޮމިސް ކަޕުން ވެލެންސިއާއަށް ކުޅެން ފެށި ދަގަނޑޭ، އޭގެ ފަހުން ދިވެހި ފުޓުބޯޅައިގައި ފަނޑުނުވެއެވެ. ގައުމީ ޓީމަށް ވަކިން ހާއްސައެވެ. 78 މެޗުން 52 ގޯލް ޖަހައިދީފައިވާ ދަގަނޑޭއަކީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. ހަމައެކަނި ސާފް ޗެމްޕިއަންޝިޕްގައިވެސް 18 ގޯލް ޖަހައިފައިވާ ދަގަނޑޭވަނީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އުފުލާލީ ޓީމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

އޭރު އޭޝިއާގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައިވެސް ގުނާ ލެވުނު ދަގަނޑޭވަނީ މެލޭޝިއާގެ ޕީޑީއާރް އެމްއަށް ކުޅެ އެޓީމާއެކު މެލޭޝިއާ ޕްރިމިއާ ލީގު އަދި ޕޮމިސް ކަޕްވެސް އުފުލާލައިފައެވެ. 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އޭނާގެ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕް ކަމަށް ދަގަނޑޭ އިއުލާން ކުރި ނަމަވެސް މިއަހަރުގެ މުބާރާތް ކުޅޭނެ ކަމުގެ ސިގްނަލެއްވެސް ދަގަނޑޭވަނީ ދީފައެވެ. އަދި ކޯޗު ސެގަޓްވެސް ބުނީ ދަގަނޑޭ ބޭނުންވާނެ ކަމަށާއި މިއަހަރުގެ ސާފް ޗެމްޕިއަންޝިޕާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރާނެއެވެ.

ދަގަނޑޭގެ ދިގު ކެރިއަރުގައި މިއަދާ ހަމައަށްވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނާ މީޑިއާއާ ދުރުވުމެވެ. އިންޓަވިއުއެއް މަދުން ނޫނީ ދީފައި ނެތެވެ. ގައުމީ ކެޕްޓަންކަން އޭނާ ކުރަނީ ދަނޑު މަތީގައެވެ. މީޑިއާއާ ވާހަކަ ދެއްކުމަކީ ދަގަނޑޭ ކުރާ ކަމެއް ނޫނެވެ. އޭނާއަށް އިންޓަވިއުތައް ދިނުމަށް މަޖުބޫރު ވެގެން ނޫނީ ނުދޭނެއެވެ. އެކަން އެގޮތަށް އޮތީވެސް ކުރީގެ ކޯޗުންނާއި މެނޭޖަރުން އޭނާއަށް ދިން ދުލެއްގެ ސަބަބުން ކަމަށް ވެދާނެއެވެ.

ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެ، ދިވެހި ފުޓުބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށް، ރިޓަޔާވުމަށް ގާތް ވެފައިވަނިކޮށް ދަގަނޑޭ ސްކޮޑަކުން ބޭރުކޮށްލުން ވެގެންދިޔައީ އެތައް ސަޕޯޓަރުންނެއް މާޔޫސް ކޮށްލި ކަމަށެވެ.

އެހެން ނަމަވެސް ދަގަނޑޭގެ ނިންމުމަކީވެސް "ކޯޗުގެ ނިންމުމަށް އިހުތިރާމް" ކުރުމެވެ. ކެރިއަރުގެ މިހާތަނަށް ގައުމު ހެއްވަމުން އައި ދަގަނޑޭއަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދޭން އެންމެންވެސް ޖެހޭނެއެވެ. ދަގަނޑޭ އެކަންޏެއް ނޫނެވެ. މެޗުގެ ކުރިން ރިޓަޔަކުރިކަން އިއުލާނުކުރި އަޑޭއާ، މިހާތަނަށް ޓީމަށް ކުޅެ ރިޓަޔާކުރި ހުރިހާ ކުޅުންތެރިންނަށެވެ. ދަގަނޑޭވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނަމަ އޭނާ ނިންމާލަންވާނީ ޝުކުރުގެ ޕެރޭޑަކާއެކުގައެވެ.

ގައުމީ ކޯޗުވެސް ދަގަނޑޭއަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދޭނެކަމަށް ބުންޏެވެ. އޭނާ ނެގި ސްޓޭންޑަކީ ކުރިއަށް އޮތް ޖީލުތަކަށް ނެގި ސްޓޭންޑެއް ކަމަށްވެސް ކޯޗު ބުންޏެވެ.

ރޭގެ މެޗުގައި ހަތަރު ގޯލް ޖެހި ދާދު އުފާފާޅުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭގެ މެޗުގައި ރާއްޖޭގެ ގައުމީ ޓީމުން ފެނުނީ ޒުވާން މޫނުތަކެކެވެ. އުންމީދީ ހުނަރުވެރިކަމެކެވެ. ޖީލެއްގެ ފެށުމެކެވެ. ހަރުދަނާ ޑިސިޕްލިން ހުރި، ޕްރޮފެޝަނަލް ކެރިއަރެއް ބިނާ ކުރުމަށް ފެން ބޮވައިގެންފައިިވާ ޒުވާން ޓީމެކެވެ. އަންނަން އޮތް ޖީލު އުޖާލާ ކުރެވިދާނެ ކަން ދައްކައިދީފިއެވެ. ފުޓުބޯޅައިން އަދިވެސް ދިވެހިން ފަހުރުވެރިކޮށްދޭނެކަން އެ ޒުވާން ޓީމުން ދައްކައިދީފިއެވެ.

comment ކޮމެންޓް