ސެގަޓަކީ އެއްވެސް ގޮތަކަށް ބަލިވާން ބޭނުންވާ ކޯޗެއް ނޫން!

މެޗާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޑުބަރޭ ވާހަކަދައްކަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގައުމީ ކޯޗު ކަމަށް އަލަށް ހަވާލުވި ޖަރުމަނުގެ ޕީޓާ ސެގަޓަކީ އެއްވެސް ގޮތަކަށް ބަލިވާން ބޭނުންވާ ކޯޗެއް ނޫން ކަމަށާއި ކުޅުންތެރިންނަށްވެސް އެ ޕްރެޝަރު އަންނަ ކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި މިރޭ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗާ ގުޅިގެން ވާހަކަ ދައްކަމުން އަޑުބަރޭ ވަނީ ކޯޗާއެކު ހޭދަކުރި މަދު ދުވަސްކޮޅުގެ ތަޖުރިބާ މީޑިއާއާ ހިއްސާކޮށްފައެވެ.

"ކޯޗަކީ އެއްވެސް ގޮތަކަށް ބަލިވާން ބޭނުންވާ ކޯޗެއް ނޫން. އެހެންވީމަ އެ ޕްރެޝަރު އިނދޭ ކުޅުންތެރިންނަށްވެސް. ކޯޗަކީ މޮޅުވާން ކުޅޭ ވިނާއެއް އަސްލު. އަބަދުވެސް ބޭނުންވަނީ މޮޅުވާން. އާންމުކޮށް ރާއްޖެ ކޮޅަށް ވަންނަނީ ސިލީ ގޯލް. އެ ކަންކަމަށް ކޯޗު ވަރަށް ބޮޑަށް ސަމާލުކަން ދޭ. ފެނުނު އިއްޔެ ޕްރެކްޓިސްގަވެސް. ސަމުއްޓޭ ކޮށްޓާލިއިރަށް ހީވީ ކާލިހެން. ބުނި ނުކޮށްޓޭނެއޭ. ކްލިއާ ކުރާށޭ. އެހެންވީމަ ވިސްނުން އެބަހުރި އެ އެޓިޓިއުޑް ބަދަލުކުރަން. ވަރަށް އުންމީދު ބޮޑު،" އަޑުބަރޭ ބުންޏެވެ.

އަޑުބަރޭ ބުނީ އޭޝިއަން ކަޕްގެ އުންމީދު ގެއްލިފައި އޮތް ނަމަވެސް ސެޕްޓެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް މިރޭގެ މެޗަކީ މުހިންމު މެޗެއް ކަމަށެވެ.

"ވަރަށް މުހިންމު މެޗެއް. ކުރިއަށް މިއޮތީ ސާފް ޗެމްޕިއަންޝިޕް. އަނެއްކާ ބޫޓާނަކީ ރާއްޖެއާ އެއް ލެވެލްއެއްގެ ޓީމެއް. އެހެންވީމަ ދޫކޮށްލެވޭނެ ވަރުގެ މެޗެއް ނޫން މިއީ،" އަޑޭ ބުންޏެވެ.

"ޒުވާން ކުޅުންތެރިންތަކަކާއެކު ޓީމު އޮތީ ވަރަށް ވަރުގަދަކޮށް. އާ ކޯޗާއެކު އާ އަހަރަކަށް، އާ ޖޯޝެއްގައި ނުކުންނަން ޖެހޭ މުހިންމު މެޗެއް ބޫޓާން މެޗަކީ. އާންމުކޮށް ގައުމީ ޓީމަށް ދިމާވާ މައްސަލައަކީ ތައްޔާރު ނުވެވުން. ބޫޓާން އަންނަނީ އަބަދުވެސް ރާއްޖެ ބަލިކުރަން ތައްޔާރުވަމުން. ރާއްޖޭގެ ޓީމަށްވެސް ރަނގަޅަށް ތައްޔާރުވެއްޖެ ނަމަ ބޫޓާނަށް އަދިވެސް ރަނގަޅު ޗެލެންޖެއް ދެވޭނެ."

ބޫޓާންއާ ދެޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަޑުބަރޭ ފާހަގަކުރީ އަލަށް ޓީމާ ހަވާލުވި ކޯޗާއެކު ޒުވާން ކުޅުންތެރިންނަށް ފަހި ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށާއި، ކޮންމެ މީހަކަށްވެސް ޓީމަށް އެރުމުގެ ފުރުސަތު ހުޅުވައިލައިފި ކަމަށެވެ.

"އާ ކޯޗުގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ޒުވާން ކުދިންނަށް ވަރަށް ބޮޑެތި ފުރުސަތުތަކެއް އެބައޮތްކަން. ކޯޗު ވަރަށް ރަނގަޅަށް ބުނެފި އޭނާ ބޭނުންވާ ގޮތަށް މަސައްކަތްކޮށް ޓީމަށް އަރަން. ވަކި މީހެއްގެ ގައުމީ ޓީމެއް ނޫން މިއީ. ހަމަ ހުރިހާ އެންމެނަށްވެސް ފުރުސަތު އެބައޮތް،" އޭނާ ބުންޏެވެ.

ރާއްޖޭގެ ގައުމީ ކޯޗުކަމާ އަލަށް ހަވާލުވި ސެގަޓް އިއްޔެގެ ނޫސް ކޮންފަރެންސްގައި ބުނެފައިވަނީ އޭނާ ބޭނުންވަނީ އުޅޭ އުޅުމުގެ އިތުރުން ދަނޑުމަތީގައިވެސް ގައުމީ ޓީމަށް އަދި ގައުމަށް 100 ޕަސެންޓް ދޭނެ ކުޅުންތެރިން ކަމަށެވެ.

ސިންގަޕޫރާ ދެކޮޅަށް ސެގަޓް ނުކުތް މެޗުގައި ގައުމީ ޓީމުގެ ކަނާތް ފަޅިން ފަހަތަށް އަޑުބަރޭ ކުޅުނުތަން ފެނިފައިވާ އިރު، ކޯޗު ބުނީ އޭގެ ބޭނުމަކީ ޑިފެންސަށް ދިގު ކުޅުންތެރިން ބޭނުން ކުރުން ކަމަށެވެ. އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވަނީ އަޑުބަރޭގެ "ކެރެކްޓާ"އާއި ގައުމީ ރޫހަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

comment ކޮމެންޓް