ގައުމީ ޓީމުން ދަގަނޑޭ ވަކިކޮށްފި

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން ކުރީގެ ކީޕަރު އިމްރާން (ކ) ކޯޗު ސެގަޓް އަދި އަލީ އަޝްފާގު (ވ)--- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ސްކޮޑުން ވަކި ކޮށްފައިވާކަމަށް އޭނާ ބުނެފިއެވެ.

"ސަން ސްޕޯޓްސް"އަށް ދަގަނޑޭ ބުނީ ޓީމުން ވަކިކުރިކަން ރަސްމީކޮށް ކޯޗު ޕީޓާ ސެގަޓް އަންގައިފައިވާ ކަމަށާއި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މިއަދުގެ ޕްރެސް ކޮންފަރެންސަށް އޭނާ ނުދިއުމުން ކަމަށެވެ.

"ކޯޗު އަންގައިފައިވަނީ ޓީމުން ވަކިކުރިކަން، ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މިއަދުގެ ޕްރެސް ކޮންފަރެންސަށް ނުދިޔުން. އިތުރު ކަމެއް އުޅޭކަމެއް އެނގިފައެއް ނެތް،" ދަގަނޑޭ ބުންޏެވެ.

ދަގަނޑޭ ބުނީ އެއީ ކޯޗުގެ ނިންމުންކަމަށާއި އެ ނިންމުމަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށެވެ.

"ފުރިހަމައަށް އިހުތިރާމް ކުރަން ކޯޗުގެ ނިންމުމަށް،" އަޝްފާގު ބުންޏެވެ.

ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ، ދަގަނޑޭގެ ސީނިއާ ފުޓުބޯޅަ ކެރިއަރު ފެށީ 2001 ވަނަ އަހަރު ވެލެންސިއާއިންނެވެ. އޭރުން ފެށިގެންވެސް ދަގަނޑޭ ފާހަގަ ކޮށްލެވެނީ މީޑިއާއާ ދުރު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ގައުމީ ޓީމަށް ކުޅުނު 78 މެޗުން 52 ގޯލް ޖަހައިދީފައިވާ ދަގަނޑޭއަކީ ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދުމުގައިވެސް އެންމެ މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިޔާއެވެ.

ރާއްޖޭގެ ގައުމީ ޓީމާ ސެގަޓް ހަވާލުވިފަހުން އޭނާއާއެކު ޓީމު ކުޅުނު ފުރަތަމަ މެޗު ކުޅުނީ މިދިޔަ ހުކުރުު ދުވަހު ސިންގަޕޫރާ ދެކޮޅަށެވެ. އެކުވެރިކަމުގެ އެ މެޗުން ރާއްޖެ ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ.

ބުރަކައްޓަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ދަގަނޑޭ އެ މެޗުގައި ކުޅެފައިނުވާ އިރު، މެޗަށް ދިއުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ސެގަޓް ބުނީ ދަގަނޑޭއަށް އަނިޔާ ވުމުން ސިންގަޕޫރު މެޗުގައި ނުކުޅުވި ނަމަވެސް މާދަމާ ރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ އޭޝިއަން ކަޕް މެޗުގައި ދަގަނޑޭ ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މާދަމާ ރޭ އޮންނަ މެޗާ ގުޅިގެން މިއަދު ބޭއްވި ޕްރެސްގައި ކޯޗު ސެގަޓް ބުނީ ދަގަނޑޭގެ "މެންޓަލް" މައްސަލައެއް އުޅޭ ކަމަށާއި، މާދަމާ ރޭގެ މެޗުގައި ކުޅޭނެ ކަމާ މެދު އަދި ވަކިގޮތެއް ނުވިސްނާ ކަމަށެވެ.

މީގެ އިތުރުން ސެގަޓް ބުނެފައިވަނީ ބައެއް ކުޅުންތެރިންގެ ވިސްނުމުގެ މައްސަލަތަކެއް އުޅޭ ކަމަށާއި އޭނާ ބޭނުންވަނީ ގައުމީ ޓީމަށް 100 ޕަސެންޓް ދޭނެ ކުޅުންތެރިން ކަމަށެވެ.

"ބައެއް ކުޅުންތެރިންގެ އެބައުޅޭ ވިސްނުމުގެ މައްސަލަތަކެއް. އަހަރެންގެ ޓީމަށް ބޭނުމެއް ނޫން ގައުމަށް، ގައުމީ ޓީމަށް 50 ޕަސެންޓް ދޭނެ ކުޅުންތެރިންނެއް. އަހަރެންގެ ޓީމަށް ބޭނުންވަނީ 100 ޕަސެންޓް ދޭނެ ކުޅުންތެރިން. ކޮންމެ ކުޅުންތެރިއަކުވެސް މެޗުތަކަށް ނުކުންނަން ޖެހޭނީ 100 ޕަސެންޓް ގައުމަށްޓަކައި ދޭން. އެ ވިސްނުން ހުންނަ ކުޅުންތެރިންނަށްވުރެ ރަނގަޅުވާނެ އެހެން ކުޅުންތެރިއަކު، އެއަށްވުރެ ޒުވާން ކުޅުންތެރިއަކު ނަގަން،" ސެގަޓް ބުންޏެވެ.

comment ކޮމެންޓް