"ބޭނުންވަނީ ގައުމީ ޓީމަށް 100 ޕަސެންޓް ދޭނެ ކުޅުންތެރިން"

ބޫޓާންއާ ދެޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ޕްރެސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބޭނުންވަނީ ގައުމީ ޓީމަށް، ގައުމު ތަމްސީލު ކުރުމަށް 100 ޕަސެންޓް ދޭނެ ކުޅުންތެރިން ކަމަށް ގައުމީ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

މިރޭ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ނުކުންނަ މެޗަކީ ސެގަޓްގެ އިރުޝާދުގެ ދަށުން ކުޅޭނެ ފުރަތަމަ ވާދަވެރި މެޗެވެ. ސެގަޓާއެކު ގައުމީ ޓީމު ފުރަތަމަ ކުޅުނު އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރު އަތުން ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ.

މިރޭ އޮންނަ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ސެގަޓް ބުނީ ބައެއް ކުޅުންތެރިންގެ ވިސްނުމުގެ މައްސަލަތަކެއް އުޅޭ ކަމަށާއި އޭނާ ބޭނުންވަނީ ގައުމީ ޓީމަށް 100 ޕަސެންޓް ދޭ ކުޅުންތެރިން ކަމަށެވެ.

"ބައެއް ކުޅުންތެރިންގެ އެބައުޅޭ ވިސްނުމުގެ މައްސަލަތަކެއް. އަހަރެންގެ ޓީމަށް ބޭނުމެއް ނޫން ގައުމަށް، ގައުމީ ޓީމަށް، 50 ޕަސެންޓް ދޭނެ ކުޅުންތެރިންނެއް. ޓީމަށް ބޭނުންވަނީ 100 ޕަސެންޓް ދޭނެ ކުޅުންތެރިން. ކޮންމެ ކުޅުންތެރިއަކުވެސް މެޗުތަކަށް ނުކުންނަން ޖެހޭނީ ގައުމަށްޓަކައި 100 ޕަސެންޓް ދޭން. އެ ވިސްނުން ނުހުންނަ ކުޅުންތެރިންނަށްވުރެ ރަނގަޅުވާނެ އެހެން ކުޅުންތެރިއަކު، އެއަށްވުރެ ޒުވާން ކުޅުންތެރިއަކު ނަގަން،" ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ ގައުމީ ޓީމަކީ ގައުމެއްގެ ހުރިހާ ރައްޔިތުން ރަމްޒުކޮށްދޭ ޓީމެއް ކަމަށާއި ކުޅުމުން ހުރިހާ ކުޅުންތެރިންވެސް އެކަން ދައްކަން ޖެހޭ ކަމަށެވެ.

"ގައުމީ ޓީމަށް ކުޅުމަކީ ކްލަބަށް ކުޅުމާވެސް ވަރަށް ތަފާތު ކަމެއް. ގައުމީ ޓީމަށް ކުޅުންތެރިން ކުޅެނީ އަމިއްލަ ނަފްސަކަށް ނޫން. ގައުމެއްގެ ރައްޔިތުންނަށްޓަކައި. އެހެންވީމާ ކޮންމެ ކުޅުންތެރިއަކުވެސް ކުޅެން ޖެހޭނެ 100 ޕަސެންޓް. މެޗު ނިމުނީމަ މޫނު މަތިން ފެންނަން ޖެހޭނެ އެކަން. މީހާ ހުސްވެފައި ހުންނަން ޖެހޭނީ މެޗު ނިމޭއިރު. މިއީ ސާފް ޗެމްޕިއަންޝިޕަށްވެސް ބަދަލު ކުރަންވީ ކަންތައް. ހީވަނީ ބައެއް ކުޅުންތެރިންނަށް މިކަން ހަނދާން ނެތެނީހެން،" ސެގަޓް ބުންޏެވެ.

ސެގަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. ކޯޗު ބުނީ އެ މެޗުގައި ޓީމުގެ ފަރާތުން 100 ޕަސެންޓް ދިންތަން ފެނުނު ކަމަށާއި އެކަމަށް ހިތްހަމަ ޖެހޭ ކަމަށެވެ.

މިރޭގެ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ބޫޓާން ޓީމާ ގުޅޭގޮތުން ސެގަޓް ބުނީ ބޫޓާން އަންނަނީ ލެވެލްގެ ގޮތުން ރާއްޖެއާ އެއްވަރު ކުރަމުން ކަމަށާއި މިރޭގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.

"ނިމިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ބޫޓާން މި އަންނަނީ ކުރިއަރަމުން. އެމީހުން އަންނަނީ ރާއްޖެއާ އަރާ ހަމަކުރަމުން. ކުރިން ރާއްޖެއަށް ބަލިކުރެވުނަސް، ބޫޓާން އަންނަނީ ރާއްޖެއާ ހަމަކުރަމުން. އެހެންވީމާ މާދަމާގެ މެޗުން ވާދަވެރިކަން ފަންނާނެ. އަހަރެން ނުކުންނާނީ މޮޅަކަށް،" ސެގަޓް ބުންޏެވެ.

ސެގަޓްއަކީ އެއްވެސް މެޗަކަށް ބަލިވާން ނުކުންނާނެ ކޯޗެއް ނޫން ކަމަށާއި ނުކުންނާނީ ކޮންމެ ނަތީޖާއެއް ލިބުނު ނަމަވެސް މެޗުން މޮޅުވާން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"އަހަންނަކީ ބައްޔަކަށް ކުޅޭނެ ކޯޗެއް ނޫން. އަހަރެން ކުޅޭނީ މޮޅަށް. އަހަރެން ނުކުންނާނީ މޮޅުވާން. މޮޅުވާ ސްކޯއަކީ މުހިއްމު އެއްޗެއް ނޫން. ބޭނުންވަނީ މޮޅުވާން. ފުރަތަމަ ހޯމްގައި ކުޅޭ މެޗު ސަޕޯޓަރުންނަށް މޮޅެއް ހޯދައިދޭން ވިސްނާނީ،" ސެގަޓް ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާއި ބޫޓާން ކުޅޭ މެޗު އޮންނާނީ މިރޭ 9:00 ގައެވެ. މެޗުން މޮޅުވިޔަސް އެ ދެޓީމަށްވެސް އޭޝިއަން ކަޕަށް ފުރުސަތެއް ނެތެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސަށް ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ދިއުމަށް ދެކޮޅު ހެދުމާއެކު ކޯޗުވަނީ އޭނާ ގަައުމީ ޓީމުގެ ސްކޮޑުން ބޭރުކުރަން ނިންމައިފައެވެ.

comment ކޮމެންޓް