ނޭނގި ހިތާ ކުޅެލީ - 34

ހެދުނު ސަވާނާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ގަޑިއަށް ބަލައިލިއިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. މޫނުދޮވެލާ ހަދާލައިގެން ކޮފީއެއް ތައްޔާރުކުރުމަށްފަހު ސެންޑްވިޗެއް ހަދާލަން އުޅެނިކޮށް ފޯނު ރިންގުވާން ފެށުމުން ނެގީ ދަންނަ ނަމްބަރަކަށް ވުމުންނެވެ. ފޯނު ކަންފަތުގައި ޖެހުމާއިއެކު އެކޮޅުން އިއްވި ޚަބަރަކުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ހަމަ ހޭވެރިކަން ނެތި ދުއްވައިގަނެވުނުއިރު ލައިގެން ހުރެވުނު ހެދުމާއިމެދުވެސް ވިސްނައެއް ނުލެވުނެވެ.

މަގުމެދަށް އޮޅިގެން ނުކުމެވުމާއިއެކު ކާރެއްގައި ނުޖެހުނީ ހަމަ ކިރިޔާއެވެ. ކާރު ބްރޭކް ޖައްސައިލިއިރު ދަތްތަކަށް ބާރުލާފައި ދުލަށްއައިހާ ނުބައި އެއްޗެއް ކިޔާލެވިއްޖެއެވެ. އެގޮތަށް ދުއްވާފައި އައި ކާރެއްގެ ކުރިއަށް ނިކުންނާނީ ބޮއިގެން ހުރި އަންހެންކުއްޖެއް ނޫންހެއްޔެވެ. އިސްތަށިގަނޑު ހާވާލައިގެން ހުރުމުން އެކަން ބޮޑަށް ޔަގީންވިއެވެ.

"އިމަ...އިމަ ޖެންސީއެއް ވެގެން..އަވަހަށް ހޮސްޕިޓަލަށް..ޕްލީޒް..." ސަވާނާ ޝޮކެއްގައި ހުރިހެން ހީވެފައި ރުޅިގަދަވެފައި އޮން ޑްރައިވަރުގެ ހިތް މަޑުވެ ހަމްދަރުދީއިން ފުރިއްޖެއެވެ.

"ކޮއްކޯ އަވަހަށް އަރާ......." ޑްރައިވަރު ދޮރު ހުޅުވާލަދިނެވެ.

ކާރު ރަގަޅަށް މަޑުނުވަނީސް ސަވާނާ ފުންމާލުމުން ފައި ފުރޮޅި ތަދެއް އެރިއެވެ. ފަޔަށް ވީތަދުވެސް ހަނދާންނައްތާލާފައި އިމަޖެންސީ ރޫމާއި ދިމާލަށް ދުއްވައިގަނެވުނުއިރު ހަށިގަނޑުގެ ބުރަހެލިކަން އިހުސާސްކުރެވުނެވެ. އެހާ ވަރުބަލިވިއެވެ. އެހިސާބުގައި މީހުން ގިނަކަން ފާހަގަވިއެވެ. އެހާވަރަށް މީހުން އެއްވެފާ އޮތީ ކީއްވެކަމެއް ޔަގީނެއްނުވިއެވެ. އެތަންމިތާ މީހުން ބޮނޑިވެފައެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ހާސްކަމާއި އުދާހެވެ. ބައެއްމީހުންގެ ލޮލުގައި ކަރުނައެވެ. ކޮންމެވެސް ބޮޑު އިމަޖެންސީއެއް ހިނގައިގެން އުޅޭކަން އެނގެއެވެ. ހުއްޓެވުނީ އިމަޖެންސީގެ ކައިރީގައެވެ. ވަށައިގެން ބަލައިލެވުނީ ކައިދަން ފެނިލާތޯއެވެ. "އެކުއްޖާގެ ގައިގެ އެތަން މިތަނަށް ވަޅި ހަރައިލީ. ގައިން ހާދަ ގިނަ ލެޔެއް ފޭބީ. ތިއޭޓަރުގައިވީ ސަލާމަތްވާނެ ކަމެއްވެސް ނޭގޭ. ހަމަ މަރުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެ" ކޮންމެވެސް ދެމީހަކު ވާހަކަދެއްކިއަޑު ކަންފަތުގައި ޖެހުމުން ސަވާނާގެ ހެޔަށް ގޮތެއްވާން އުޅުނެވެ. އެބަޔަކު އެ ބުނީ ލުކުމާންގެ ވާހަކަބާވައެވެ. އެމީހުންނަކީ ކޮންބަޔެއްކަން ނޭގޭއިރުވެސް ކައިރިއަށް ޖެހިލާފައި ތިއޭޓަރުގައި އޮތީ ކާކުކަން އަހަންވެގެން އުޅެނިކޮށް ކޮންމެވެސް މީހަކު ސަވާނާގެ އަތުގައި ހިފެހެއްޓިއެވެ. އެނބުރުނުއިރު ކައިރީގައި ހުރީ ކައިދަންއެވެ.

"ކައި. ކޮބާ ލޫކް. ވަޓް ހެޕެންޑް ޓު ހިމް......ބުނެބަލަ. ލޫކްއަށް ކިހާވަރެއްވި...." ސަވާނާ ކައިދަންގެ އަތުގައި ހިފާފައި ތަޅުވައިގަންނަމުން ހާސްކަމާއިއެކު އަހައިލިއެވެ.

"ނަންނި ހަމަޖެހިބަލަ. ލޫކްއަށް.........."ކައިދަން އެއްޗެކޭ ބުނަން އުޅުނެވެ.

"އެމީހުން އެކިޔަނީ ތިއޭޓަރުގައޭ. ސަލާމަތްވާނެކަމެއް ނޭގެޔޯ.........." ސަވާނާގެ ދެލޯ ބިއްލޫރިކޮޅެއްފަދައެވެ. އެލޮލުން ހުސްކަން ފިޔަވާ އެހެން އެއްޗެއްނެތެވެ. ކައިދަންއަށް ސަވާނާގެ ހިތުގެ ހާލު އެނގުނެވެ.

"ކައި ތިއުޅެނީ ނުބުނަން. ލޫކްއަށް ކޮންމެވެސް ކަމެއް ވެއްޖެ. އަހަންނަށް އެނގޭ. ކޮންމެވެސް ނުލަފާ މީހަކު އެއްވެސް ކުށަކާ ނުލާ ލޫކްގަޔަށް ވަޅި ހަރައިލީ. ހީޒް ޑައިން...އޯ މައިގޯޑް. ބޭނުން ހަމަ މިހާރު ލޫކް ދެކެން...އަހަރެން ގެންދެބަލަ ހެޔޮނުވާނެ ކައި. އެންމެފަހަރަކު ނޫނީ އަހަރެންވެސް މަރުވެދާނެ......" ސަވާނާގެ އަޑު ތަންކޮޅެއްގަދަވިއެވެ. ސަވާނާގެ ހިތް ކުދިކުދިވެގެން ބުރަބުރައިގެން ދާފަދަ އިހުސާސްތަކެއް ކުރެވުނެވެ. ލުކުމާން އަބަދުގެ އަބަދަށްޓަކާ އޭނައާއި ވަކިވެގެން ދިޔައީބާވައެވެ. ލޯބިވާ ވާހަކަވެސް ނުބުނެވުނެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. އިރާދަކުރެއްވިއްޔާ އޭނަގެ ލޯބިވާ ލުކުމާންއަށް ދިގު އުމުރެއް ދެއްވާށިއެވެ.

"ކާމްޑައުން ނަންނި. ލޫކްއަށް އެހާ ބޮޑުކަމެއްނުވޭ. އިރާދަކުރެއްވިޔާ ރަގަޅުވާނެ. ޖަސްޓް ޕްރޭ. އެކަމަކު ހިނގާބަލަ އެކޮޅަށް...." ކައިދަން ސަވާނާގެ އަތުގައި ހިފެހެއްޓިއެވެ. ނުދާން ވެގެން ގަދަހެދިޔަސް ކައިދަން ހިފެހެއްޓިގޮތުން ޖެހުނީ އޭނައާއިއެކު ހިގައިގަންނާށެވެ. ކާރަށް އެރުމުން ހަމަހޭވެރިކަންވެ ސަވާނާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. މޫނުގައި ދެއަތް އަޅައިގެން އިނދެ ހިތްފުރެންދެން ރުޔެވެ.

ކައިދަން ބޭނުންވީ ސަވާނާ ގެއަށް ގޮސް ހެދުން ބަދަލުކޮށްލައިގެން އައުމަށެވެ. ލުކުމާން އެހާ ސީރިޔަސް ނުވާކަމަށާއި އޮފީހުގައި މަސައްކަތްކުރާ ޒުވާނެއްކަމަށްވާ އައުސަމްއަށް ސީރިޔަސް ޒަޚަމްތަކެއް ލިބުނުކަމަށް ކައިދަން ބުނެލިއެވެ. ސަވާނާ ކޮޓަރިއަށްވަދެ ތައްޔާރުވާންފެށިއެވެ. އެގޮތަށް ހުރެ އެއޮތް ގިނަ މީހުންތަކުގެ ތެރެއަށް ދެވުނީތީ ކޮންމެވެސް ވަރަކަށް ލަދުގަތެވެ. އެހާވަރަށް މީހުން އޭނައަށް ބެލީ އޭނަ ޕިޖާމާލައިގެން ހުރީމައެވެ. އެހާ ހާސްވެފައި ތިބެވެސް މީހުންގެ ސަމާލުކަން އޭނައަށް ހުއްޓުނީ އެހެންވެއެވެ. ނިދާހެދުމާއި ކޮޓަރީގައި ލާ އުޅޭ ކެހެރިގަނޑެއްފަދަ މަޑު ފައިވާނެވެ.

ސަވާނާ އިސްތަށިގަނޑު އޮމާންކޮށްލުމުން ތާޒާކޮށް މޫނުމަތި ފެނުނެވެ. ސެންޓްޖެހުމުން މަޑު މީރުވަހެއް މުޅި ކޮޓަރީގައި ހިފާލިއެވެ. ތައްޔާރުވެލައިގެން ނިކުތްއިރު ކައިދަން ހުރީ ފެންޑާގައި ވާ ތަބަކަށް ލެނގިލައިގެންނެވެ.

"ނަންނިއަށް އެނގޭތަ. މިއަދު އަހަންނަށް އެނގިއްޖެ ދުނިޔޭގައި ތެދުވެރި ލޯބި ލައްވާފައިވާކަން. އެއްވެސް އެދުމެއްނެތް ސާފު ތާހިރު ލޯބި. މިއަދު ސަވާނާ އެކަން ސާބިތުކޮށްދީފި. ލޫކްދެކެ ލޯބިވާކަމާއިމެދު އެއްވެސް ޝައްކެއްނެތް.........."

"ކުއްލިއަކަށް އެކަހަލަ ފޯނު ކޯލެއް އައީމަ ކޮންމެ މީހަކަށްވާނީ އެވަރު. ޖިލް ގުޅީ." ސަވާނާ ހެދުމުގެ ފަސްބަޔަށް ކުޑަކޮށް ދަމާލަމުން ބޫޓުން މަޑުމަޑުން ބިންމަތީގައި ތަޅާލަ ތަޅާލާ ހުއްޓެވެ. ހާސްވެފައިވުމުން ހިމޭނުން ނުހުރެވުނީއެވެ. އޭނަގެ ސިކުނޑި އެއަށްވުރެ އުދާސްވެފައިވިއެވެ. ކައިދަން ކޮންމެވެސް ކަމެއް ފޮރުވަނީބާވައެވެ. ލުކުމާންއަށް ބޮޑުކަމެއްވީ ބާވައެވެ.

"އެއްޗެއް ކާލައިގެން ދޯ ދާނީ. ނަންނި އަދިވެސް ތިހިރީ ނާވަސްވެފައިކަން އެބަ އެނގޭ. ޑޯންޓް ވޮރީ. ލޫކްގެ ފުރާނަވަނީ ނުރައްކަލުން ބޭރުވެފައި. ލޭނާރެއް ބުރިކޮށްލިޔަސް އަދީންމެން ކަހަލަ ސާޖަނުން ތިބީމަ އިރާދަކުރެއްވިއްޔާ ނަތިން ވިލް ގޯ ރޯންގް. އަހަރެމެންގެ ލޫކްއަކީ ހަމަހީރޯއެއް. ޔޫ ނޯ ވަޓް؟ މިއަދުގެ ހާދިސާ ހިނގިގޮތް ކޮންމެވެސް ވަރަކަށް ކެމެރާއަށް އަރާފައި ހުރި. އަދި އެވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންނަށް ފެނުނު. ލޫކްއާއި އައުސަމްވެސް ކެމްޕެއިން އޮފީހުގައި ތިބީ. އައުސަމް އޮފީހުން ނުކުތްވަގުތު ބަލާފައި ކޮންމެވެސް ބަޔަކު ވަޅި ހިފައިގެންގޮސް ހަމަލާދިނީ. އެތައް ތަނަކަށް ވަޅި ހަރާލީ. މަގުމަތީ މީހުންވެސް އުޅުނު. ގާތިލުން އަތުގައި ފިޔޮއްސާއި އެއްޗެހި ހުރުމުން އެހެން ބަޔަކަށް ނުކެރުނު ކައިރިވާކަށް. އެންމެންގެތެރޭގައި ފާޅުގައި އައުސަމް ކޮށައިލީ. ރޯމާދުވާލު. ކީކޭ ބުނާނީ. އަޑުގަދަވެގެން ލޫކްމެންނަށް ނުކުމެވުނު ކަމަށްވަނީ. ލޫކް ކައިރީ ކައިރިނުވާށޭ ބުނީމަވެސް ގޮސް އެމީހުންނާއި ދިމާކޮށްލީ..........."

"އޯ މައި ގޯޑް..."

"ޔެސް ހީ ޑިޑް އިޓް. ހީ ޑިޑް ބީޓް ދެމް އަޕް. ތިން ހަތަރު މީހުންނާއި އެގޮތަށް ކުރިމަތިލާން ކެރޭނީ ވަރަށް ގަޓްހުރީމަ. ސޭމް އަށް ހަމަލާދިން މީހާ ގެ މެދުހަށީގައި ބައްދައިގަތްގޮތަށް ދޫވެސް ނުކުރި. ފުލުހުންނަށް އާދެވުނު ވަގުތާ ދިމާކޮށް އަދި އެމީހުން ލޫކްއަތަށް ވަޅި ހަރައިލީ. މަންޒަރު ދުށްމީހުން ބުނީ ލޭ އޮހުނުވަރުން ހަގުރާމައިގެ މައިދާނެއްފަދައޭ. ލޫކްގެ ހިތްވަރުން ކަން ނޭގޭ ކުށްވެރިން އޮން ސްޕޮޓްގައި އަތުލައިގަނެވުނީ. އަސްލު ވަރަށް ނުރައްކާތެރި ހާލަތެއް އެއީ. ލޫކް އަމިއްލަ ފުރާނައާއިމެދުވެސް ފަރުވާލެއްނެތި ސޭމްއަށްޓަކާ އެމީހުންނާއި ދިމާކޮށްލީ. ހީޒް މައި ހީރޯ މައި އައިޑަލް........................" ކައިދަން ވާހަކަދެއްކީ ލަސްލަހުންނެވެ.

"ސޭމް ތިއޭޓަރުގައިވީ. އެމީހުން ސޭމް ކުދިކުދިކޮށްލާފައި އޮތީ. އެތައް ސްޓެބް ވޫންޑެއް ހުރިކަމުގައިވަނީ.............." ކައިދަން އަސަރާއިއެކު ބުނެލިއެވެ.

"ލޫކްގެ ކްލޯޒް ފްރެންޑެއް ދޯ...."

"އެންމެ ކްލޯޒެއް ނުވާނެ. އެކަމަކު ފްރެންޑެއް. ލޫކް އަބަދުވެސްއަމިއްލަ ނަފުސަށްވުރެ އެހެންމީހުނަށް އިސްކަންދޭ. އެގޮތަށް އެގާތިލުންނާއި ކުރިމަތިލީ އެހެންވެ. ހީ ޑިޒާވްސް އެ މެޑެލް...." ކައިދަންގެ ވާހަކަތަކުން ސަވާނާގެ ހިތުގައިވާ ލޯބި އިތުރުވިއެވެ. ލުކުމާން ހާދަ ރަގަޅެވެ. ހާދަ ހިތްވަރުގަދައެވެ. އެކުވެރިންނަށްޓަކާ އަމިއްލަ ފުރާނަ ގުރުބާންކުރަން ތައްޔާރަށް ހުރި މީހަކު އަދި އާއިލާއަށްޓަކާ ފިދާވާނީ ހީނުކުރާހާ މަތިވެރި ދަރަޖައަކަށެވެ.

ފުލުހުން އެ ތިން ގާތިލުންގެ ކައިރިން ސުވާލުކުރުމުން ބުނީ ހަގީގަތުގައި އެމީހުން ހަމަލާދީ މަރައިލަން އުޅުނީ ލުކުމާން ކަމުގައެވެ. ދެމީހުންގެ އިސްކޮޅު އެއްވަރުވެފައި ކަޅުކުލައިގެ ގަމީހުގައި ތިބުމުން އޮޅުންއެރީއެވެ. އެކަކު ކަމުގައި ހީކުރެވުނީއެވެ. ނުބައިވަގުތެއްގައި ނުބައި ތަނެއްގައި އައުސަމްއަށް ހުރެވުނީއެވެ. އެއްވެސް ކުށެއްނެތް ފުރާނައެއް ނަގައިލަން އުޅެވުނީއެވެ. ނޫސްތަކުގެ ކުއްލި ޚަބަރަށް ލުކުމާންއާއި އައުސަމް އަށް ދެވުނު ހަމަލާގެ ވާހަކަ އެރިއިރު ގިނަމީހުން އެކަމާއި ގުޅުވީ ސިޔާސީ ކަމަކާއެވެ. އެންމެން ގަބޫލުކުރިގޮތުން އެވާނީ އަމްރާންއަށް ދޭން އުޅުނު ހަމަލާއެކެވެ. ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ނުފޫޒުގަދަ ލީޑަރަކަށްވީމަ ދުޝްމިނުން މަދެއްނުވާނެއެވެ.

"ކައި. އަހަންނަކަށް ނުކެރޭނެ ވިޒިޓްކުރާކަށް...."

"ކީއްވެ؟ "

ލޫކްގެ ބަލި ބޮޑުވެސް ވެދާނެއްނު އަހަރެން އެތަނުން ފެނުނީމަ. ލޫކް އަހަރެންދެކެ ނަފްރަތުކުރޭ. އަހަރެންގެ ސޫރަ ދެކޭކަށްވެސް ބޭނުމެއްނުވޭ. ހީ ޑިސްޕައިސެސް މީ. ދުވަހަކު ހިތް ބަދަލުނުވާނެކަމަށް ބުނެފައި ލޫކް އޮތީ. ގޭގައި ހުއްޓަސް ކޮންމެތާކު ހުއްޓަސް ލޫކް އަށް އެންމެ ހެޔޮ އެދޭނެ މީހަކީ އެންމެ ލޯބިވާނެ މީހަކީ މިއީ ކަންނޭގޭ. އަބަދަށް ހެޔޮ ދުޢާކުރާނަން. ކޮންމެވެސް ދުވަހަކު ލޫކް ދެކެ ލޯބިވާކަން ގަބޫލުކުރާނެ. އެދުވަހަކުން ފަހަރެއްގައި ލޫކްއަށް އަހަރެން ގެއްލުމަކީ އެކަށީގެންވާކަމަށް. މިގޮތަށް ކޮންފެސް ކުރަން ޖެހުނީ ކައިއަށް ހުރިހާކަމެއް އެނގުނީމަ. ލޫކްއަށް އަނިޔާވި ވާހަކަ ބުނުމުން ލައިގެންހުރި ހެދުމާއިމެދު ވެސް ވިސްނައެއްނުލެވުނު. މީހުން މަލާމާތްކުރާނެ ކަމަކަށް ހިތަކަށް ނޭރި. ހުރިހާ ކަމަކަށްވުރެ މުހިއްމުވީ ލޫކް...އެކަމަކު. ލޫކް ދުވަހަކުވެސް އެކަން ގަބޫލެއްނުކުރާނެ. އައިމް ނަތިން ޓު ހިމް ބަޓް...ހީޒް އެވްރީތިން ޓު މީ..................." ސަވާނާ ކެތްތެރިވެލާފައި ކަރުނަ ފޮހެލަމުން އިއުތިރާފުވިއެވެ. ހިނިތުންވެލިއެވެ. އަދި ކައިދަންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. މައުސޫމްކަމުން ފުރިގެންވާ ދެލޮލެވެ. މީހާގެ ރީތިކަމަކީ ދެއްކުންތެރިކަމެއްނޫނެވެ. މޭކަޕްކޮށްގެން ދައްކާލާ ދަޅައެއްނޫނެވެ. ސަވާނާފަދަ ހިތް ރީތި ސާދާ ކުދިން ކައިދަންއަށް ފެނިފައިވަނީ މަދުންނެވެ. އޭނަގެ ކުރިމަތީގައި ލުކުމާންދެކެ ލޯބިވާކަން ހާމަކޮށްފައި ރުއީ ހިތްކުދިކުދިވާފަދަ ގޮތަކަށެވެ. ކައިދަންގެ ހިތަށް އަސަރުކުރިއެވެ. ސަވާނާގެ ހާލަށްޓަކާ އެހިތް ހަމްދަރުދީވިއެވެ.

"ނުރޮއްޗޭ އަހަންނަށް އެނގޭ ލޫކްގެ ހިތް ބަދަލުވާނެކަން. ލިވިއާދެކެ އެހާވަރަށް ލޯބިން އުޅެފައި ފަހަރެއްގައި އެހެން އަންހެންކުއްޖަކަށް ހިތުން ޖާގައެއް ދިނުން އުދަގޫކަމަކަށްވެދާނެ އެކަމަކު ޔަގީންކަމެއް. ލޫކް އަދި ނަންނިދެކެ ލޯބިވާނެ........" ކައިދަން ބުނެލީ ސަވާނާގެ ހިތް ހަމަޖައްސާލަދިނުމަށެވެ.

"އެކަމަކު ނަންނި ތިގޮތަށް ލޯބިވާ ކަމަށް އިއުތިރާފުވީމަ ހިތަށް އެރި އެއްޗެއް ބުނެފާނަން. ލޫކްއަށް ތި ލޯބި ފޮރުވާފައި ބޭއްވުމަށްވުރެ މާ ރަގަޅުވާނެ ހިތުގައިވާ އެއްޗެއް އޭނައަށް ހާމަކުރިއްޔާ. އޭނަ ރުޅި އަޔަސް އަދި ހިތްވަރު ގެއްލުވާލާކަށް ނުޖެހޭ. ނަންނި ލޯބިވަންޏާ ބުނަން ނުކެރޭނެތަ؟ އިޓްސް އެ ޗާންސް ޓު އެކްސްޕްރެސް ޔޯ ލަވް ފޯ ހިމް. އެވަރު ގަޓެއް ހުންނާނެތަ؟ އެހެންނޫނަސް އަހަރެން ސިކްރެޓެއް ބުނެފާނަން....." ސަވާނާގެ ކައިރީ ކައިދަން ދެއްކި ވާހަކަތަކުން އޭނަގެ ދެލޯ ދިއްލިގެން ދިޔައެވެ. ކައިދަން ބުނީ ލުކުމާންއަށް އެންމެ ކަމުދާ ސިފައަކީ ލިވިއާހެން ހަށިގަނޑު ރީތިކޮށް ހުރުމުންކަމުގައެވެ. އެކަން ސަވާނާއަށް ކުރެވިދާނެކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ. އޭނަ އިރުޝާދުދިނީ ކަސްރަތުކުރުމަށެވެ. ޑައިޓްކުރުމަށެވެ. ލުކުމާންއަށް ސަޕްރައިޒެއްދޭން ވާނެކަމުގައި ބުނުމުން ސަވާނާ ހިނި އައެވެ. ލުކުމާން އެހާ ރުޅިއަންނަނީ އޭނަ ފަލަކަމުންކަން ޔަގީނެވެ. މިފަހަކަށް އައިސް ފަލަވެފައިވާވަރު ޔަގީންވީ ހެދުންތަކުންނެވެ. ގަޔަށް ބާރުކަމުން ނުލެވެއެވެ. އޯވާސައިޒް ޓީޝާޓުތައްވެސް ހުންނަނީ ގަޔަށް ހިފާލާފައެވެ. ކެވޭލެއް ގިނަކަން ރޭކާލިޔަސް ހަމަ ކެވުނީއެވެ. އޭނަ ކައިދަންގެ ނަސޭހަތުގައި ހިފާނެއެވެ.

ސަވާނާ ކޮޓަރިއަށްވަދެ އަވަސްއަވަހަށް ކާޑެއް ތައްޔާރުކޮށްލައިފިއެވެ. ލޯބި ފައުޅުކޮށްފައިވާ ލަފުޒުކޮޅުގައި ކިތަންމެހާވެސް އަސަރެއްހުއްޓެވެ.

ޖެހިގެން އައި ދުވަހެވެ. ކައިދަންއާއިއެކު ހޮސްޕިޓަލަށް ވަދެފައި ލުކުމާން އޮތް ޕްރައިވެޓް ކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު ސަވާނާގެ ހިތުގެ ތެޅުން އަވަސްވެ ހަތަރެސްފައި ފިނިވެއްޖެއެވެ. ކައިދަންގެ ފަރާތުން ހިތްވަރު ލިބިގެން އޭނަ ހުރީ ފަހަތަށް ނުޖެހި ކުރިއަށް ދާން އަޒުމް ކަނޑައަޅައިގެންނެވެ. ލުކުމާން ކިތަންމެ ނަފްރަތުކުރިޔަސް އެބުނާހެން އޭނަގެ ޖަޒުބާތުތައް ފޮރުވައިގެން ހުންނަންވީހެއްޔެވެ؟ އަލިފާން މައިތިރިވާނީ ފެން އަޅައިގެންނެވެ. ރުޅި މަޑުވާނީ ލޯބިންނެވެ. އޭނަގެ އިހުސާސްތައް ފޮރުވައިގެން އަބަދަށް ކަރުނަ އޮއްސަ އޮއްސާ ހުންނާކަށް ނުޖެހޭނެއެވެ. ލޯބިވަންޏާ ލޯބިވާކަން އަންގާނީއެވެ. އަނެއްފަރާތުން ނަފްރަތުކުރިޔަސް ހެވެވެ. ހިތްވަރާއިއެކު ކުރިއަށް ޖެހިލާފައި އޭނަ ކުރިން ދޮރު ހުޅުވައިލިއެވެ. ފުންނޭވައެއް ދޫކޮށްލިއެވެ.

ޑޮކްޓަރަކާއި ދެނަރުހުން އެނދު ކައިރީގައި ތިއްބެވެ. ލުކުމާންގެ ބޯ އެއްކޮށް ބެންޑޭޖްކޮށްލާފައިވާއިރު މޫނުމަތީގައިވެސް ޒަޚަމްތަކެއް ހުއްޓެވެ. ކޯތާފަތް ނޫފައިގެންފައެވެ. އެމީހުން ލުކުމާންއަށް ހާދަ އަނިޔާކޮށްފިއެވެ. ސަވާނާގެ އަރުތެރެ ހިކި ދެލޮލަށް ކަރުނަ ޖަމާނުވީ ހަމަކިރިޔާއެވެ. ބަޔާންކުރަން ދަތި އަސަރުތަކެއް ހިތަށް ކޮށްފިއެވެ. ލުކުމާންއާއި އޭނަގެ ކަޅި ފަޅި ސިކުންތުކޮޅަކަށް ބަދަލުނުވާކަމެއް ނޭގެއެވެ. ލުކުމާން ވަގުތުން ދުރަށް ބަލައިލިއެވެ. ކައިދަންގެ މޫނަށް ނަޒަރު ހުއްޓާލިގޮތުން ހުރިހާ ހިތްވަރެއް ފެނަށްވެ އެނބުރިދާން ހިތަށް އެރިއެވެ.

"މުޅި ސޯޝަލް މީޑިއާގައި ލޫކްގެ ނަން ނޫން އެއްޗެއް ނެތް. އެންމެ ރެއަކުން ލޫކް ސެލެބްރިޓީ އަކަށްވެއްޖެ. އައިމް ސޯ ޕްރައުޑް އޮފް ޔޫ. ލަވް ޔޫ ބްރޯ..............................." ކައިދަން ލުކުމާންގެ ގައިގާ ބައްދައިލީ ހިނިތުންވެލަމުންނެވެ.

"ކައިއަށް އަދި ކިރިޔާ ތިއެނގުނީ އެކަން؟ އައި ވޯޒް ބޯން އެ ސެލެބްރިޓީ........." ލުކުމާން ބުމަ އަރުވައިލިއެވެ. އެ ޖަވާބުން ސަވާނާ ހިނި އަންނަގޮތްވިއެވެ. ތުންފަތުގައި ދަތް އަޅާލެވުނެވެ.

"ގިވް މީ އެ ބްރޭކް. ދެން ތިހާ ނާސިސިސްޓިކް ނުވިޔަސް ހަމަ އޯކޭ އޭ ދޯ ނަންނި.............." ކައިދަން ހެމުން ލުކުމާންގެ ގައިގާ ބޮނޑިއެއް އެޅިއެވެ.

"ދެން ހޮސްޕިޓަލުގައި އޮތަސް މި ކައިދަން އެއްގެ ފަރާތުން މަށަކަށް ސަލާމަތެއް ނުލިބޭ........" ލުކުމާން ލޯ ހަނިކޮށްފައި ބަލައިލިއެވެ. އޭނަ އައުސަމްގެ ހާލު އޮޅުން ފިލުވުމުން އައުސަމް ވީ އައިސީޔޫގައިކަމަށާއި ނަމަވެސް ފުރާނަ ނުރައްކަލުން ބޭރުވެފައިވާކަމުގައި ކައިދަން ބުނެލިއެވެ.

"ނަންނި މިއައީވެސް ނިކަން ލޯބި ގިފްޓް ބާސްކެޓެއް ހިފައިގެންނޭ ދޯ. ނަންނިއަށް ޚަބަރުލިބުނުއިރު ޕިޖާމާގައި ހުރީ. ފައިވާނަކަށްވެސް ނާރާ އެހުރިގޮތަށް ހުރެ ހޭކަނޑާލާފައި ދުވެފައި މިތަނަށް އައީ. އަހަރެން ވަގުތުން ދަމާ ނެރެގެން ގެއަށް ގެންދިޔައީ. ލޫކް..........ނަންނިއަށް އިތުރަށް ހާޓްނުކުރޭ. ނޫނީ ނަންނި ގެއްލިދާނެ............." ކައިދަން ލުކުމާންގެ ސަލާމަތުން އޮތް އަތުގައި ޖަހާލާފައި ދާން ހިނގައިގަތެވެ. ސަވާނާ ރަކިގޮތަކަށް ހީލިއެވެ.

"ކިހިނެއް........." ސަވާނާ ބުނެލިއެވެ.

"ވައި އާ ޔޫ ހިއަރ؟ " ލުކުމާންގެ އެ ޖުމްލައިން ސަވާނާގެ ތުންފަތުގައިވާ ހިނިތުންވުން ގެއްލިގެން ހިގައްޖެއެވެ. އެހާ ހަރުކަށިކަމާއިއެކު ބުނެފައި ނަޒަރު ވަކިކޮށްލުމުން ހިތުގައި ޖެހުނުވަރުން ފެންކަޅިވިއެވެ. ނަމަވެސް ކައިދަން ދެއްކި ވާހަކަތައް ހަދާންވެ ހިތްވަރު ލިބުނެވެ.

"ބަލިމީހުންނަށް ވިޒިޓްކުރުމަކީ ސުންނަތެއް"

"ދެން ދާންވީނު ބަލިމީހުން ކައިރިއަށް......" ލުކުމާން އެޖުމްލަ ބުނެ ނިމުނުއިރު ސަވާނާއަށް ވެފައި ހުރި ގޮތް ފެނިފައި ލުކުމާންގެ ހިތަށް ހަމްދަރުދީވަނެވެ. އެދެލޮލުގެ މައުސޫމްކަމުގެ ތެރެއަށް ފީނައިގަނެވުނުއިރު އެކުއްޖާއަށް ކޮށްފައިވާ އިހުސާސްތަކުގެ ރަހަ އަރުތެރޭގައި ލިއެވެ. ހިންދިރުވައިލާފާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެއާއިއެކު ދެލޮލަށްވެރިވި ހަރުކަށިކަން ނެތިގެން ދިޔައެވެ.

"މަގޭ ޕިޓީ ހޯދަންތަ ތެމިފައިވާ ޕަޕީގަނޑެއްހެން ބަލަން ތިހިރީ...." ލުކުމާން އޮތީ ފާޑަކަށް ބަލާށެވެ.

"އިޓްސް ގުޑް ޔޫ އާ ޑުއިން ފައިން...." ސަވާނާގެ ލޮލުން ކަރުނަ ތިއްކެއް ފޭބުމާއިއެކު ދާންވެގެން އެނބުރިލިއެވެ. ލުކުމާން އޭނަގެ ހިތަށް އަނިޔާދެނީ މިތާ ހުރެވޭވަރަކަށް ނޫނެވެ. ހިތް ފަޅައިގެން ދާވަރުވިއެވެ. އެފަދަ ބަސްތައް އޭނަގެ ހިތުގެ އެންމެ ފުނަށް ހެރި ލޭ އޮހޮރުވައިލައެވެ. އެންމެ ލޯބިވާ ފަރާތުން އެހާ އަނިޔާވެރި ލަފުޒުތައް އަހަންވުމަކީ ހިތަށް ކެތްކުރެވޭނެކަމެއް ނޫނެވެ. ބަރުދާސްތު ނުކުރެވޭފަދަ ހިތްދަތި ކަމެކެވެ.

"އޯކޭ އޯކޭ. ސަވާނާ ކޯންޗެއް މަށަށް ދޭން ގެނައީ........" ލުކުމާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވާން އުޅުނެވެ. ސަވާނާގެ ހިތަށް ކުޑަ ކުޑަ އުފަލެއްލިބުނެވެ. ލުކުމާންގެ ފަރާތުން ކިތަންމެ ކުޑަކުޑަ ރުހުމެއް ލިބުނަސް އެހިތަށް ވާގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

"ޖަސްޓް........." ސަވާނާ އެނބުރިލާފައި އެއްޗެކޭ ބުނަން ދޫ ހަރަކާތްކޮށްލި ވަގުތު އިޒިކްއާއި ޖިލް އެކޮޓަރިއަށް ވަންތަން ފެނުނެވެ. އިޒިކް ސަވާނާއާއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި ސަވާނާގެ ޚަބަރު އޮޅުންފިލުވިއެވެ. ޖިލް ސަވާނާގެ އަތުގައި ހިފައިގެންގެންގޮސް ސޯފާގައި ބޭންދިއެވެ. ސަވާނާ އިނީ މޮޅިވެރިވެފައެވެ. ކިރިޔަ ކިރިޔާ ނުރޮވި އިންކަމެވެ. ޖިލް ހިތްވަރު ދީފައި ވާހަކަދެއްކިއެވެ. ހުރިހާ ކަމެއް ރަގަޅުވާނެކަމުގައި ބުނެލިއެވެ. އިޒިކް ހުއްޓުނީ ލުކުމާން އޮތް އެނދުކައިރީގައެވެ. މަންމައަށް ކުރާނެ އަސަރު ނޭގި މަންމަކައިރީގައި ލުކުމާންގެ ޚަބަރު ބުނުމުން މަންމަ އަނބުރައިގަތް ކަމަށާއި ހޭއެރިގޮތަށް ލޮލުން ކަރުނަ ނުހިކޭކަމުގައި ބުނެލިއެވެ. ވަރަށް އަވަހަށް މަންމަ މާލެ އަންނާނެކަމުގައި އިޒިކް ބުންޏެވެ.

"އައި ހޭޑް އެ ކިޑް ބްރަދަރ. އެ ކޮއްކޮގެ ނަމަކީވެސް ލުގްމާން. މަންމަ އެހާވަރުން ލޫކްއާއިހެދި އުޅޭ ސަބަބަކީ އެއީ. އެނަން ކިޔާތީ ކޮއްކޮ މަރުވީމަކަމަށް ގަބޫލުކުރާކަށް މަންމަ ބޭނުމެއްނޫން................" އިޒިކް ބުނެލިއެވެ. ލުކުމާން ނަޒަރު ތިރިކޮށްލީ ލޯ ކަރުނުން ފުރެން ފެށުމުންނެވެ. މަންމަގެ ވާހަކަ އިވިފައި ހިތަށް ވަރަށް އަސަރުކޮށްފިއެވެ. މަންމައަށްޓަކާ އެހިތް ލޯބިން ފުރުނެވެ. މަންމަގެ ވާހަކަދެއްކުމުން އަބަދުވެސް އޭނަގެ ހިތް މަޑުވެ ލޯ ފެންކަޅިވަނީ އެތައް ހަދާންތައް އާވެފައެވެ. އޭނައަކީ މަންމަގެ ހަގީގީ ދަރިފުޅުކަން އިޒިކް ކައިރީ ބުނަންވީހެއްޔެވެ؟ އޭރުން އިޒިކް ދެރަވާނެއެވެ. މަންމަގެ ލުގުމާން ވަކިވުމަށްފަހު އިޒިކްއަށް އެހާ ލޯބިދީގެން ބަލަމުންދާއިރު އެ މަގާމު ގެއްލޭކަށް އިޒިކް ނޭދޭނެއެވެ. އިޒިކްއަކީ އޭނަގެ މަންމަ އެޑޮޕްޓްކޮށްފައިވާ ދަރިއެއްކަމަށް ކައިދަންވަނީ ބުނެފައެވެ.

ޒިޔާރަތްކުރާ ގަޑި ޖެހުނުއިރު ޕްރައިވެޓް ރޫމްތައްވެސް ވަނީ އާއްމުނަށް ހުޅުވާލާފައެވެ. އެތައް މީހުންނެއް ލުކުމާން ދެކެން އައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ އަމްރާންއެވެ. އަމްރާންގެ ސްމާޓްކަމާއި ސީރިޔަސްކަމުގެ އިތުރުން ފޮނިކަމުގެ އިންތިހާއެވެ. ފަހަރެއްގައި އޭނަ ސޫޓްއަޅައިގެން ހުރިގޮތުންނާއި އެއްވެސް މީހަކަށް ނުބަލާ ހުރުމުން ހީވިގޮތެއްކަމަށް ސަވާނާ ނިންމިއެވެ. އަމްރާންގެ ކަޅީގެ ރީތި ކުލަވެސް ސަވާނާ ފާހަގަކުރިއެވެ. މިހާ ފޮނި މީހަކު މިވީހާތަނަށް ސަވާނާ ދެކެފައެއް ނުވެއެވެ. ލުކުމާންއާއި އިޒިކްއާއި ވާހަކަދެއްކިއިރު ގާތްކަމެއް ހުއްޓަސް އެހެން މީހުންނާއި އަނގައިން ބުނާނެހެނެއް ހިޔެއްނުވެއެވެ. ސިއްރުންފުރިފައިވާ ޒުވާނެކެވެ.

ފަހަރަކު މީހަކު ވަންނަމުންދާތީ ސަވާނާއާއި ލުކުމާން އެކަނި ވާހަކަދައްކައި ލެވޭނެ ގޮތެއްނުވިއެވެ. އިންތިޒާރުކޮށްކޮށް ސަވާނާ ވަރުބަލިވިއެވެ. ރޭގަނޑުގެ ކެއުން ގެނައީ ކައިދަން އެތަނަށް އައިތަނާއެވެ. ކައިދަން ސަވާނާ ކައިރީ ބުނީ ލުކުމާންގެ އަނގައިގާ ލައްވާފައި ކާންދިނުމަށެވެ. އެހާ ބަލިއިރު އަންހެނުން ޚިދުމަތުގައި ހުންނަންޖެހޭނެކަމަށް ބުނެ އެއްލޯ މަރައިލިއެވެ. ކައިދަން އޯވަބެޑް ޓޭބަލް ލުކުމާންއޮތް އެނދުކައިރިއަށް ޖައްސާލަދިނެވެ. މޭޒުމަތީގައި ރޭގަނޑުގެ ކެއުން އަތުރާލާފައި ހުއްޓެވެ. ބާގާއަކާއި ސްޓީމްކޮށްފައިހުރި ތަރުކާރީއެވެ. ހޫނު ކިރުތަށްޓަކާއި މޭވާއެވެ. ސަވާނާ އުލުން ތަރުކާރީކޮޅެއް ނަގާފައި ދިއްކޮށްލުމުން ލުކުމާން އޫ އަތުލިއެވެ.

"އައިމް ނޮޓް ހަންގްރީ. ސަވާނާ މި އެއްޗެހި ކާލާ. އޭރުން ބަރުދަން އިތުރަށް ލުއިވާނީ........" ލުކުމާންގެ އެ ޖުމްލައިން ދެރަވާގޮތް ވިނަމަވެސް ސަވާނާ ހީލިއެވެ. އަޑުކިޔާފައި މީހަކު ފަލަވަންޏާ ލުކުމާންވެސް ދިމާކުރާން ނޫންހެއްޔެވެ؟ ބާގާއިން އެއްބައި ވަކިކޮށްލުމަށްފަހު ބާކީ ހުރި އެއްޗެހި ތަށްޓަކަށްލާފައި ސަވާނާއާއި ކައިރިކޮށްލަދިނެވެ. ނަމަވެސް ލުކުމާން ބަލިވެއުޅޭއިރު އަވަހަށް ފަސޭހަވާނީ ރަގަޅަށް ކައިގެން ނޫންހެއްޔެވެ؟ ލުކުމާންއަށް ގެންނަ އެއްޗެހި އޭނަ ކެއުން ރަގަޅެއްނުވާނެއެވެ. ކައިދަން ބޭރަށް ނުކުތްތަނާހެން ގުޅާފައި އެންގީ ކޮފީއެއް ގެނެސްދިނުމަށެވެ. ކިރަކީ އޭނަ ބޮއި އުޅޭ އެއްޗެއް ނޫންކަމަށް ބުނެފައި އަވަހަށް އައުމަށް އެދުނެވެ. އޭނަގެ ސިކުނޑިއަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭނީ ކޮފީ ބޮއިގެންނެވެ. ލުކުމާން ވިސްނާ ފާޑަކަށް އިންނަން ފެށުމުން ސަވާނާ ހާސްވިއެވެ.

"ލޫކް ބިރުންތަ ތިއުޅެނީ؟ " ސަވާނާ އަހައިލިލެއް މައުސޫމްކަމުން ލުކުމާން އެތެރެއެތެރެއިން ހީލިޔަސް އެކަމެއް ނުދެއްކިއެވެ.

"އާ ދެން ނިދީމަ އަނެއްކާ އެމީހުން އެޓޭކް ކުރަން އައިސްދާނެތީ. ސަވާނާ ގާޑަކަށް މިރޭ އިންނަންވީނު. އޭރުން ހަމަޖެހިލައިގެން ނިދޭނީ........"ލުކުމާން ސީރިޔަސްގޮތަކަށް ބުނެލިއެވެ. ސަވާނާ ވަގުތުން އެއްބަސްވިއެވެ. ލުކުމާން އިތުރަށް ވާހަކަނުދައްކާ އޮތީ ފޯނު ހިފައިގެންނެވެ. ގަޑިއެއްހާއިރުފަހުން ލުކުމާން ދެލޯ މަރާލައިގެން އޮވެފައި ބަލައިލިއިރު ސަވާނާ އިނީ ސޯފާގެ އަތްގަނޑުގައި ބޯ އަޅާލައިގެންނެވެ.

"ސަވާނާ.....ނިދީތަ؟ " ލުކުމާން ގޮވައިލިއެވެ. ޚަބަރެއްނުވުމުން މިއީ ކޮންކަހަލަ ގާޑެއްހޭ ހިތަށް އަރާފައި އިރުކޮޅެއްވާންދެން ބަލަހައްޓައިގެން އިނދެވުނެވެ. ހިތްހެޔޮ އޯގާތެރި އަންހެންކުއްޖެކެވެ. އޭނައަށްޓަކާ އެހެން ކޮޅަށް އިނދެ ވަރުބަލިވެގެން އެއިންގޮތަށް ނިދިފައެވެ. އެހާ ރަގަޅު ކުއްޖަކާއިމެދު ކަންތައްކުރެވެނީ ނުބައިކޮށޭ ހިތަށް އަރާފައި ބޯ ހޫރުވައިލެވުނެވެ. ބޮކި ނުނިއްވާ އޮތުމާއިއެކު ކޮޅަށް ތެދުވާކަށް ފަސޭހައެއްނުވިއެވެ. ޒަޚަމްތަކުން ވޭން އަޅަނީ މާބޮޑަށެވެ. އަނދިރިކޮށްލައިގެން ނޫނީ ނިދުމަށް އޭނަގެ ލޯ ހޭނިފައެއް ނުވެއެވެ. އެކަމަކު ސަވާނާ ނިދާފައި އޮތްވާ އުދަގޫކުރާކަށްވެސް އޭނަގެ ޟަމީރުތަނެއް ނުދިނެވެ. ހަނދާނަށް އައީ އިޒިކްއެވެ. އގުޅާފައި އޭނަ ހުރީ ހޮސްޕިޓަލުގައިހެއްޔޭ އަހާލައިފިއެވެ. އިޒިކް އައުމުން އެދުނީ ބޮކިތައް ނިއްވާލުމަށެވެ. އޭނަގެ މޫނުމަތިން ނުރުހުމެއް ނުފެނުނެވެ. އޯގާތެރި ހިނިތުންވުމެކެވެ. އަދި ދަމުން ސަވާނާގެ ގައިގާ ރަޖާ އަޅާލަދިންތަން ފެނުމުން ލުކުމާން ސިހޭގޮތްވިއެވެ. އިންތިހާއަށް ނުރުހުންވިއެވެ. އިޒިކް ގެނެވުނުކަމުގެ މޮޔަހީވިއެވެ.

"އަހަންނަށް ކޮންކަމެއް އެދެމީހުން ގުޅުމެއް އޮތަސް. އިޒިކް ހިތަކަށް ނޭރިއެއްނު މީހެއްގެ އަންބެކޭ ލަދެއްވެސް ނުގަނެއެއްނު........." ލުކުމާން ދެބުމަ ކައިރިކޮށްލަމުން އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ.

ހެނދުނު އަރައިގެން އައި އިރާއިއެކު އަރުޖަމަންދު ހުރީ ހޮސްޕިޓަލުގައެވެ. ލުކުމާން އޮތް ޕްރައިވެޓް ކޮޓަރިއާއި ހަމަޔަށް އާދެވުނުއިރު އިޒިކްއަށްވެސް އެތަނަށް އާދެވުނީއެވެ. އަރުޖަމަންދު ލޮލުގައިވާ ކަޅު އަވިއައިނުނެގިއިރު ދެލޯ ދުޅަކަމާއި ރަތްކަމުން މަންމަ ވަރަށް ރޮއިފަހުރިކަން އިޒިކް ދެނެގަތެވެ. އަރުޖަމަންދު އޭނަގެ ފިރިހެން ދަރިފުޅު އިޒިކްގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ކޮޓަރިއަށް ވަނުމާއިއެކު ލުކުމާންއޮތް ހާލު ފެނިފާ އަރުޖަމަންދުގެ ދެލޮލުން ކަރުނަ އޮހެން ފެށުމާއިއެކު "މަންމަގެ ދަރިފުޅާ" އޭ ކިޔާފައި ގޮވައިލެވިއްޖެއެވެ.

އޭރު އެތަނުގައި ސަވާނާ އިންކަމެއް އަރުޖަމަންދުއަކަށް ނޭގުނެވެ.

"ދަރިފުޅާ. ކިހިނެއްވެފައި މިއޮތީ. ހާދަ ބޮޑުވަރުކޮށްލާފައޭ. މޫނަށްވެސް ކިހިނެއް ހަދާފައި މިއޮތީ..........." އަރުޖަމަންދު ލުކުމާންގެ މޫނާއި އަތުގައި ބޮސްދެމުން ވާހަކަދެއްކިއެވެ. ފަހަތުން އައިސް ހުއްޓުނު ޑޮކްޓަރު ތައިމޫރުއަށްވެސް އަރުޖަމަންދުގެ އެ ހަރަކާތްތައް ފެނި ހައިރާންވެ އަންތަރީސްވިއެވެ. ސުވާލުގެ ނަޒަރަކުން ބަލައިލެވުނީ އިޒިކްގެ މޫނަށެވެ.

(ނުނިމޭ...)

comment ކޮމެންޓް