އަންނަ ޖޫން މަހު ރަޝިއާގައި ފެށުމަށް ތައްޔާރުވަމުންދާ ވޯލްޑް ކަޕް ކުޅޭނެ ބޯޅައަކީ އެޑިޑާސްގެ ޓެލްސްޓާ 18އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ޓީމުތައް މިހާރު ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ޓެލްސްޓާ 18 ބޭނުންކުރަމުންދާ އިރު، އެންމެފަހުން ޖަރުމަނާއި ސްޕެއިން ވާދަކުރި މެޗުގައިވެސް ބޭނުން ކުރީ އެ ބޯޅައެވެ.
މެޗަށްފަހު ޖަރުމަނުގެ ގޯލް ކީޕަރު، މާކް އެންޑްރޭ ޓާ ސްޓެގެންއާއި ސްޕެއިންގެ ދެ ކީޕަރުން ކަމަށްވާ ޕެޕޭ ރެއިނާ އަދި ޑޭވިޑް ޑެހެއާވެސް ވަނީ ވޯލްޑް ކަޕް ބޯޅައަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
"އަހަރެން ބުނީތީވެސް ބަލަން ތިބެންވީ. ވޯލްޑް ކަޕްގައި ދުރުން ޖަހާ ގޯލްތައް ގިނަ ވާނެ. ގާތް ގަނޑަކަށް 35 ވަރަކަށް ގޯލް ދުރުން ވަންނާނެ ކަމަށް ބަލާ. ބޯޅަ ވައިތެރޭގައި އެނބުރޭ ގޮތުން ކީޕަރުންނަށް ތައްޔާރެއް ނުވެވޭ،" ސްޕެއިންގެ ބަދަލު ކީޕަރު ރެއިނާ ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ރެއިނާ ބުނީ ބޯޅައިގެ ބޭރުގައި ކޯޓު ކުރެވިފައިވާ ޕްލާސްޓިކްގެ ސަބަބުން ބޯޅަ އަތު ތެރޭގައި ހަރުވެސް ނުލާ ކަމަށެވެ.
ޖަރުމަނާއި ސްޕެއިން ވާދަކުރި މެޗުގައި ސްޕެއިނުން ގޯލެއް ޖަހައިފައިވަނިކޮށް ޖަރުމަނުން އެއްވަރުކުރީ ތޯމަސް މުލާ ޖެހި ގޯލުންނެވެ. މުލާގެ ގޯލަކީ އޭނާ ސްޕެއިންގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެކެވެ.
"ބޯޅަ ތަފާތު. ބޯޅަ ވައިތެރޭގައި ވަރަށް ބޮޑަށް މިސްރާބު ބަދަލުވޭ. އެއަށްވުރެ ރަނގަޅަށް ބޯޅަ ތައްޔާރުކުރެވެން ޖެހޭނެ އެޑިޑާސްއަށް،" މެޗަށްފަހު ސްޕެއިންގެ ގޯލް ބެލެހެއްޓި ޑެހެއާ ބުނެފައިވެއެވެ.
ޖަރުމަނުގެ ގޯލް ކީޕަރި ޓާ ސްޓޭގަންއަކީވެސް މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރެވެ. އޭނާވެސް މެޗަށްފަހު ބުނެފައިވަނީ ބޯޅައިގެ މިސްރާބު ބަދަލުވާ ގޮތް ނޭނގޭ ކަމަށާއި، ބޯޅައަށް ރިއެކްޓް ކުރަން އުނދަގޫ ކަމަށެވެ.
އެހެން ނަމަވެސް ވޯލްޑް ކަޕް ބޯޅައަށް ދެން ބަދަލެއް ނާންނާނެ ކަމަށާއި، ވޯލްޑް ކަޕްގެ ކުރިން މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ހުރިހާ ކީޕަރުންވެސް ބޯޅައަށް ހޭނެން މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ސްޓޭގަން ފާހަގަކުރިއެވެ.
ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭނުންކުރި އެޑިޑާސް ޖަބުލާނީ ބޯޅައަށްވެސް ގިނަ ކީޕަރުންތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި ދުރުން ގިނަ ގޯލްތަކެއް ވަދެފައިވާކަންވެސް ފާހަގަ ކޮށްލެވުނެވެ.