ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ބ. ގޮއިދުއަކީ ނަމޫނާ ރަށެކެވެ. މޫދު ކުޅިވަރުގެ އިތުރުން ވޮލީގައިވެސް ގޮއިދޫގެ ނަން ގަދައެވެ.
ވޭތުވެދިޔަ ތިން އަހަރުވެސް ގޮއިދޫގެ ނަމަކީ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ ފަޑުވުމެއް ނެތް ނަމެކެވެ. އަތޮޅު ތެރެއިން ފެނުނު އެންމެ ކާމިޔާބު ނަމަކީވެސް ގޮއިދުއެވެ. މިއަހަރުގެ އިންޓަ ސްކޫލް ގޮއިދޫ ސްކޫލުން ވަނީ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން 16 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ.
ބ. ގޮއިދޫގެ ވޮލީއަށް ލިބުނު ގިނަ ކާމިޔާބީތަކެއްގެ ފަހަތުގައި ހުރީ ޓީމުގެ ކޯޗު މުހައްމަދު ނިޒާމެވެ. އޭނާގެ ބެލުމުގެ ދަށުން ތަމްރީނު ވެގެން ކުޅެމުންދިޔަ އިންޓަ ސްކޫލް ޓީމުތަކުން ރާއްޖޭގެ މުސްތަގުބަލަށް ގިނަ ކުޅުންތެރިންތަކެއް އުފެދެމުންދާ އިރު، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ނިޒާމްގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް އޭނާއަށް ކޯޗިން ކޯހެއްގެ ފުރުސަތުވަނީ ދީފައެވެ.
އެފްއައިވީބީ ކޯޗިން ލެވެލް އެކެއްގެ ކޯހަކަށް މިއަދު ނިޒާމް ލަންކާއަށް ފުރާފައިވަނީ ވީއޭއެމްއާއި ޔޫތު މިނިސްޓްރީގެ ސްޕޮންސާގައެވެ. ނިޒާމްގެ ކޯޗިން ކޯސް ލަންކާގައި ކުރިއަށްދާނީ މިމަހުގެ 26 އިން 30 އަށެވެ.
"ނިޒާމްގެ ހިދުމަތަށް ބަލާފައި އޭނާއަށް ފުރުސަތު ދޭން ނިންމީ. ގޮއިދޫގެ ޓީމުތައް މިހާރު އިންޓަ ސްކޫލް މުބާރާތައް ކުޅޭތަން ހަތަރު ވަރަކަށް އަހަރުވީ. މެދު ނުކެނޑި އެކި އުމުރުފުރާތަކުން އެޓީމުތައް އަންނަނީ ޗެމްޕިއަންކަން ހޯދަމުން،" ނިޒާމްއަށް ހަދިޔާކުރި ކޯހާ ގުޅިގެން ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް އަދި އޭވީސީގެ ބޯޑު މެމްބަރު މުހައްމަދު ލަތީފު (ލަތީބެ) ސަން ސްޕޯޓްސްއަށް ވިދާޅުވިއެވެ.
ލަތީބެ ވިދާޅުވީ ނިޒާމްގެ ހުނަރުވެރިކަމަށް ބަލައި އެސޯސިއޭޝަނުން ބޭނުންވީ އޭނާއަށް ބައިނަލްއަގުވާމީ ލެވެލްގެ ކޯޗިން ސެޓްފިކޭޓްތައް ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި ވޮލީއަށް ހިދުމަތް ކުރާ ހުރިހާ ފަރާތްތަކަކަށްވެސް މިފަދަ ފުރުސަތުތައް އެސޯސިއޭޝަނުން ފަހިކޮށްދޭނެ ކަމަށްވެސް ލަތީބެ ފާހަގަކުރެއްވިއެވެ.
"އިންޓަނޭޝަނަލް ލެވެލްއެއްގެ ކޯހެއް އެއީ. ބޭނުންވީ އޭނާއަށް ޕްރޮފެޝަނަލް ލެވެލްއެއްގައި ސެޓްފިކޭޓްތައް ހޯދައި ވޮލީގައި އަދިވެސް ގިނަ ދުވަހު ހިދުމަތް ކުރަން. އެހެންވީމާ މިނިސްޓްރީ އޮފް ޔޫތު މެދުވެރިކޮށް ވީއޭއެމްގެ ފުލް ސްޕޮންސާޝިޕްގެ ދަށުން ނިޒާމްއަށް މި ހަމަޖައްސައިދިނީ އެފްއައިވީބީ ލެވެލްގެ ވޮލީ ކޯޗިން ކޯހެއް. ވޮލީއަށް ހިދުމަތްކުރާ ހުރިހާ ފަރާތްތަކަށްވެސް މި ކަހަލަ ފުރުސަތުތައް ފަހިކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ލަތީބެ ފާހަގަކުރެއްވިއެވެ.
ގޮއިދޫ ކޯޗު ނާޒިމްގެ ތަމްރީނުތަކަށް އޭނާ މިއަދު ލަންކާއަށް ފުރާފައިވާ އިރު، އޭނާގެ ތަމްރީނުތަކާއެކު ގޮއިދޫގެ ވޮލީއަށް އިތުރު ކުރިއެރުންތައް ގެނުވާނެކަން ޔަގީނެވެ.