ފޭސްބުކް ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫން؟!

ފޭސްބުކް އަދި ފޭސްބުކް މެސެންޖާ --

ފޭސްބުކްގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކާ އެކު #ޑިލީޓްފޭސްބުކްގެ ނަމުގައި ސޯޝަލް މިޑިއާގައި މިހާރު ކެމްޕެއިނެއް ހިނގަމުން އެބަދެ އެވެ. ދެ ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ބުނާ ގޮތުން މި ކެމްޕެއިނާ އެކު ވެސް ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ފާހަގަކުރެވޭ ވަރަށް ދަށަށް ގޮސްފައެއް ނުވެ އެވެ.

ޑާޓާ ޕްރައިވެސީ މައްސަލައެއް ކުރިމަތިވެ، ފޭސްބުކް ބޭނުންކުރާ ބަޔަކު އެ ޕްލެޓްފޯމު ދޫކޮށްލަން ގޮވާލަމުންދާއިރު، ފޭސްބުކް އަކީ ގިނަ ވިޔަފާރިތަކެއް ވެސް އެ ވަސީލަތާ ގުޅިފައިވާ އެއްޗެކެވެ. ގިނަ ވިޔަފާރިވެރިން އެމީހުންގެ ހިދުމަތްތައް އިޝްތިހާރު ކުރުމަށް ފޭސްބުކް ބޭނުންކުރާއިރު ކޮންޒިއުމަރުންގެ މެދުގައި ވެސް ފޭސްބުކް މެދުވެރިކޮށް ވިޔަފާރި ކުރުން ވަނީ އާންމުވެފަ އެވެ.

ފޭސްބުކް ބޭނުންކުރާ މީހުން، އެ ބޭނުންކުރުން ހުއްޓާލަން އުނދަގޫ ވަނީ ކީއްވެ ހެއްޔެވެ؟ ފަހަރުގައި ކުރިމަތިވެގެން މިއުޅެނީ ސީރިއަސް އަދި ބޮޑު މައްސަލައެއް ކަމުން، މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްކަމަށް ބަޔަކު ގަބޫލުކޮށްފާނެ އެވެ. ނަމަވެސް ފޭސްބުކްގެ ދެ ބިލިއަން ޔޫޒަރުންނާ އެކު އެމީހުންނާ ވާދަކުރާނެ، އެހެން ބަޔަކު ނެތެވެ. މިއީ މާކެޓުގައި ދެމިއޮންނަން ފޭސްބުކްް އަށް ލިބޭ ޕޮއިންޓެކެވެ.

ފޭސްބުކްގެ އަގު ހިފެހެއްޓުމަށް އެކުންފުނިން މިހާރު ވަނީ ޕަބްލިކް ރިލޭޝަން ކެމްޕެއިނެއް ފަށައިފަ އެވެ. ފޭސްބުކް ބޯއިކޮޓް ކުރަން ގޮވާލާ ކެމްޕެއިނެއްް ކުރިއަށް ގެންދިޔަ ނަމަވެސް މާކެޓުގައި ވާދަވެރި ކުންފުންޏެއް ނެތުމުން އެ މީހުންނަށް އެއްވެސް ހާސްކަމެއް ނެތެވެ. ފޭސްބުކް ބޭނުންކުރުން ހުއްޓާލުމަށް ފަހު ހަމައެކަނި މެސެންޖާ އަދި އިންސްޓަގްރާމު ފަދަ އެޕްލިކޭޝަންތަކަށް ދާން ބޭނުންވާ މީހުން އަދި ވެސް މަދުކަމަށް ހަބަރުތައް ބުނެ އެވެ.

ފޭސްބުކް ބޭނުންކުރުން ހުއްޓާލުމުން ގިނަ ބައެއްގެ ސޯޝަލް ދިރިއުޅުމަށް ބަދަލުތައް އަންނާނެ އެވެ. ފޭސްބުކް އާއެކު ގިނަ ރައްޓެހިންނާ މުއާމަލާތުކޮށް ހަދަނީ ފޭސްބުކް މެދުވެރިކޮށެވެ. ދުރުގައި ތިބޭ ގާތް މީހުން ކައިރި ކޮށްދޭ އެއް ވަސީލަތަކަށް ފޭސްބުކް ވެފައިވާއިރު ފޭސްބުކް ދޫކޮށްލައިގެން ދިރިއުޅުމަށް އައިސްދާނެ ހުސްކަމެއްގެ ސަބަބުން ވެސް އެ ޕްލެޓްފޯމު ދޫކޮށްލަން ބޭނުން ނޫން މީހުން ވެސް އެބަ ތިއްބެވެ.

comment ކޮމެންޓް