އެއް ދުނިޔެ، އެއް ވައުދު!

މާޗް 19، 2016: އާތު އަވާ ފާހަގަ ކުރުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދުނިޔަށްޓަކައި އެއް ގަޑިއިރު" މި ކެމްޕެއިން ފެށިގެން އައީ 2007ވަނަ އަހަރުއެވެ. އެ އިވެންޓް އެންމެ ފުރަތަމަ ކުރިއަށް ދިޔައީ އޮސްޓްރޭލިއާގެ ސިޑްނީ ސިޓީގައެވެ. ވަކި ވަގުތަކަށް ބޮކި ނިއްވާލުމަށް އެ ސިޓީގައި ކުރިއަށް ދިޔަ ކުޑަ ކެމްޕޭން މިއަދު ބޮޑުވެ ދުނިޔޭގެ އެތައް މިލިއަން މީހުންނާއި ހިސާބަށް ވާސިލްވެފައެވެ. އެ ކެމްޕެއިންގެ ތެރެއިން އަހަރަމެން ދުނިޔެއަށްޓަކައި އެއްގަޑިއިރު ދޭއިރު އެ އެއްގަޑިއިރު ރަމްޒުކޮށްދެނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ގޮންޖެހުންތައް ހައްލުކުރުމަށް އަހަރެމެންވާ ވައުދެވެ.

ދުނިޔެ، އެއްގަޑިއިރު އަދި މޫސުމީ ބަދަލު މިއީ ވަރަށް ވާހަކައެވެ. ދުނިޔެއަށްޓަކައި އެއް ގަޑިއިރު ދިނުމޭ ބުނާ ވާހަކައަކީ ފަހަރެއްގައިވެސް ހަމައެކަނި ބޮކިތައް ގަޑިއިރަަކަށް ނިވާލުމޭ ބުނެގެން އަދި ނުފުދެއެވެ. މިއީ އެއަށް ވުރެ ބޮޑު ވާހަކައެކެވެ. ދުނިޔަށްޓަކައި ދޭ އެއްގަޑިއިރަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ހުޅުވާލެވޭ މުހިންމު ދޮރެކެވެ. އެ ދޮރު މި ކެމްޕެއިންގެ ތެރެއިން ހުޅުވާލެވިގެން ދާއިރު، އަހަރަކަށް ވުރެ އަހަރެއް މި ކެމްޕެއިން ބަލައިގަންނަ މީހުން އިތުރުވުމަކީ "އެއް ދުނިޔެއެއް-އެއްވައުދެއް" މިޝިޔާރަށް ލިބިގެންދާ އިތުރު ހަރުދަނާ ކަމެކެވެ.

ދުނިޔެއަށްޓަކައި އެއްގަޑިއިރުގެ ޝިއާރުގެ ދަށުން ކަރަންޓު ބޭނުންކުރުން މަދުކުރުމަށް ފާހަގަކުރަމުން އަންނަ "އާތު އަވާ" ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން--- ފޮޓޯ/ އޭޕީ

ރާއްޖޭގައިވެސް އާތު އަވާ ފާހަގަ ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ދެހާސް ނުވަވަނަ އަހަރުން ފެށިގެން އެ ދުވަސް ރާއްޖޭގައި ފާހަގަކުރާއިރު ބައިނަލްއަގުވާމީ އާތު އަވާ ކެމްޕެއިން ގުރޫޕުން ވަނީ ރާއްޖެއަށް ކަންޓްރީ މެނޭޖަރަކުވެސް ހަމަޖައްސާފައެވެ. ރާއްޖޭގައި އާތު އަވަރގެ ހަރަކާތްތައް ކުރިއަށްގެންދާ އަހްމަދު ނަޝީދު ގަބޫލުކުރައްވާ ގޮތުގައި މި ކެމްޕޭނަކީ މުސްތަގުބަލަށްޓަކައި މުހިންމު ކެމްޕޭނެކެވެ.

"ސައިންސްގެ އެންމެ ފުރިހަމަ ބޭނުން ހިފުމަކީ ގުދުރަތީ ގޮތުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުންކޮށް، އެ ހުސްކޮށްލުމެއް ނޫން. ސައިންސާއި ޓެކްނޮލޮޖީގެ ފުރިހަމަ ބޭނުން ހިފުނުކަމަށް ވާނީ ގުދުރަތީ މުއްސަނދިކަމާއެކު ދިރިއުޅެން ލިބުމުން. މި ކެމްޕޭނުން ދަސްކޮށްދެނީ އެކަން. އެކި ކަންކަމަށް ބޭނުންވާ ވަސީލަތް ފޯރުކޮށްދޭ ދުނިޔެއާމެދު ވެސް އަހަރަމެން ވިސްނަންޖެހޭ،" ދަރުމަވެރިކަމުގެ ދާއިރާއިން ޒުވާނުންގެ އެވޯޑުވެސް ހޯއްދަވާފައިވާ އަހްމަދު ނަޝީދު ވިދާޅުވިއެވެ.

އަމިއްލަ ބޭނުންތަކަށް ނުވަތަ ތަރައްގީ ހޯދުމަށްޓަކައި ގުދުރަތީ ގޮތުން ލިބެން ހުރި ވަސީލަތްތައް ނައްތާލުމަކީ އިންސާނާ ތަރައްގީވުން ކަމަކަށް ގަބޫލެއް ނުކުރެވޭނެ ކަމަށް އަހްމަދު ވިދާޅުވެއެވެ. އޭނާ ވިދާޅުވާ ގޮތުން "މޫސުމަށް އަންނަ ބަދަލުތަކާ މެދު މިއަދު ގޮތެއް ނުނިންމައިފި ނަމަ މާދަމާ ގޮތްތަކެއް ނިންމާނެ ވަގުތެއް ނޯންނާނެ"އެވެ.

މާޗް 19، 2016: އާތު އަވާ ފާހަގަ ކުރުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތަރައްގީއަށްޓަކައި އެތަކެއް ގަސްތައް ކޮށަމުން ދާއިރު ވިހަ ގޭސްތަކުގެ ސަބަބުން ޖައްވު ހޫނުވަމުން ދާ ވަރު އަންދާޒާކޮށްލާނެ ވަގުތެއް އަހަރަމެންނަކަށް ނެތް. ދުނިޔެ ހޫނުވެ، ދެ ތަނޑީގައިވާ ބިޔަ ގަނޑުފެންތައް ވިރެމުންދާއިރު އެކަމާ ވިސްނުމުގެ ބަދަލުގައި ނުވަތަ އެހެން ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމުގެ ވިސްނުމެއް އަހަރަމެންގެ ކިބަޔަކު ނެތް،" އާތު އަވާގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 24 ވަނަ ދުވަހުގެ ރޭ 20:30 އިން 21:30 އަށް ބޮކިތައް ނިވާލާއިރު ދޭން ބޭނުންވާ މެސެޖު ރައްދުވޭތޯ، މިއީ ސުވާލެކެވެ. އަހްމަދު ނަޝީދު ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ވަމުންދާ އިހުމާލާ މެދު ވިސްނާލަން ފުރުސަތު ލިބޭ ކަމަށެވެ. އަދި އެކަމުގެ އެދެވޭ އަސަރު ފެންނަމުންދާ ކަމަށެވެ.

"އަހަރަކަށް ވުރެ އަހަރެއް މި ކެމްޕޭން ދަނީ ފުޅާވަމުން. އެއިން ދޭހަކޮށްދެނީ ދުނިޔެއަށް ވަމުންދާ ގެއްލުމާ މެދު ބަޔަކު ހޭލުންތެރިވާކަން،" އަހްމަދު ނަޝީދު ވިދާޅުވިއެވެ.

މާޗް 19، 2016: އާތު އަވާ ފާހަގަ ކުރުމަށް އުރީދޫއިން ބޭއްވި ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހްމަދު ފާހަގަކުރައްވާ ގޮތުގައި ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހުރިހާ އެންމެންވެސް ވައުދެއް ވާން ޖެހެއެވެ. އާތު އަވާގެ ބޭނުމަކީ ހަމައެކަނި ގަޑިއިރަކަށް ބޮކިތައް ނިވާލުމެއް ނޫނެވެ. އެއީ ރަމްޒީ ކަމެއް ނަމަވެސް އެކަމުން ދޭހަކޮށްދެނީ ދުނިޔޭގެ ތިމާވެއްޓާއި މެދު ވިސްނާނެކަމުގެ އިގުރާރެކެވެ.

މިރޭވެސް އެއް ގަޑިއިރު ދުނިޔަށްޓަކައި ދިނުމުގެ ކެމްޕޭން މުޅި ދުނިޔޭގައި ކުރިއަށްދާނެއެވެ. އެތައް މިލިއަން ބަޔަކު އެއްވެ، އެތައްހާސް ޓަނުގެ ވިހަ ގޭސް ހިނދުކޮޅަށްކަށް ނަމަވެސް އުފެއްދުން މަދުކުރާނެއެވެ. ނަމަވެސް މި ކެމްޕެއިންގެ ހަގީގީ ވައުދަކީ ދުނިޔެ ހަލާކު ކުރާ ވިހަ ގޭހާއި ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަން ނުކުރުމަށް، ނުވަތަ ވީހާވެސް މަދުކުރުމަށް ވައުދުވުމެވެ.

އިންސާނުންނަށް ލިބިފައިވާ މި ދުނިޔެއަކީ ނިއުމަތެކެވެ. އެ ދުނިޔެ ހަލާކު ކުރާ ބަޔަކީ އިންސާނުންނަށް ނުވަމާތޯއެވެ.

"ދުނިޔޭގެ ކަންކަން ހަމަ މަގަށް އަޅުވަން ވިސްނާ ބަޔަކީ ކިތަންމެ މަދު ބައެއް ނަމަވެސް، އެމީހުންގެ އަޒުމަށް ބަދަލެއް ނާންނަ ނަމަ ދުނިޔެ ހަމަމަގަށް އެޅުވޭނެ،" އަހްމަދު ވިދާޅުވިއެވެ.

comment ކޮމެންޓް