ރައީސް ނަޝީދު ދެކެ ރުޅި އަންނަނީ ދީނަށް ހަޖޫޖަހާތީ: ނިހާން

ރުމާލު2 ޖަގަހައިގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ނިހާން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެ ރުޅި އަންނަނީ އެމަނިކުފާނު ދީނަށް ހަޖޫޖަހާތީ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު2 ގަޖަހައިގައި މިރޭ ބޭއްވި ޖަލްސާގައި ހުވަދޫ ބަހުރުވައިން ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ރައީސް ނަޝީދުދެކެ އޭނާ ރުޅި އަންނަނީ އެމަނިކުފާނުގެ ހުންނަ ނުބައި ނުލަފާކަމުން ދީނަށް ހަޖޫޖަހާތީ ކަމަށެވެ.

"އެއަގަ ހުންނަ ނުބައި ނުލަފާކަމުން، މި ދީނަން އެއާ ހަޖޫޖަހަނަހެދީ މަ އެއާދެކެ ރޫޑިއަރަންނޫ. ﷲ އަށްޓަކައި މަ އެއާ ދެކެ ރޫޑިއަރަންނޫ. އެނގީގަ. މީ ސަމާސާ ކަނޑޭލޭ ބޮނަނައްތަކަ،" ހުވަދޫ ބަހުރުވައިން ނިހާން ވިދާޅުވިއެވެ.

އެއަގަ ހުންނާ ނުބައި ނުލަފާކަމުން، މި ދީނަން އެއާ ހަޖޫޖަހަނަހެދީ މަ އެއާދެކެ ރޫޑިއަރަންނޫ. ﷲ އަށްޓަކައި މަ އެއާ ދެކެ ރޫޑިއަރަންނޫ. އެނގީގަ. މީ ސަމާސާ ކަނޑޭލޭ ބޮނަނައްތަކަ،

ނިހާން

"އޭނަގެ [ރައީސް ނަޝީދު]ގެ ހުންނަ ނުބައި ނުލަފާކަމުން، މި ދީނަށް އޭނަ ހަޖޫޖަހާތީ އަޅުގަނޑު އޭނަދެކެ ރުޅި އަންނަނީ. ﷲ އަށްޓަކައި އޭނަ ދެކެ އަޅުގަނޑު ރުޅި އަންނަނީ. އިނގޭތޯ. މިއީ ސަމާސާ ކަނޑާލާފަ ބުނާ އެއްޗެއް،"

ނިހާން ވިދާޅުވީ މި ގައުމުގެ ދީން މާ މުހިންމު ކަމަށާއި ރަސޫލުﷲ صلی اللہ علیہ وسلمގެ މައްޗަށް ޞަލަވާތް ކިޔަވަން ރައީސް ނަޝީދަށް ނުކެރޭ ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅަކު ރާއްޖޭގެ ރައީސް ކަމަށް ގެންނަން އެމްޑީޕީން އުޅޭއިރު އެމީހުންގެ ލަދު ހަޔާތެއް ނެތީތޯ ވިދާޅުވެ ނިހާން ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް މީހެއްގެ އަބުރު ކަތިލަން ޕީޕީއެމް އިން ބޭނުންނުވާ ކަމަށާއި އެޕާޓީން އެންމެ އިސްކަމެއް ދެނީ އިންސާނީ ކަރާމާތަށް ކަމަށެވެ. އެޕާޓީން ބޭނުންނަމަ ބާޣީންގެ ބޮޑު ލިސްޓެއް އެ ޖަލްސާގައި ކިޔާލެވިދާނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނިހާން ވަނީ އެމްޑީޕީ ސަރުކާރުގައި ތިނަދޫގެ ތަރައްގީއަށް ކޮށްދިނީ ކޮން ކަމެއްތޯ ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.

"އެމްޑީޕީގެ ވެރިކަމުގައި ނަޝީދު ހުއްޓައި، އެހެލާންނަން އެތެރެކޮއިލަން ވެދެވިއަނަ ވޭލޭ ތެނަދުއަށް ގެނަހަދިންނޫ ކޭންތަކަހޭ،" ނިހާން ހުވަދޫ ބަހުރުވައިން ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ނަޝީދު ހުއްޓައި، އެހެލާންނަން އެތެރެކޮއިލަން ވެދެވިއަނަ ވޭލޭ ތެނަދުއަށް ގެނަހަދިންނޫ ކޭންތަކަހޭ، ނިހާން

"އެމްޑީޕީގެ ވެރިކަމުގައި ނަޝީދު ހުންނަވަނިކޮށް، އެމީހުންނަށް އެތެރެކޮއިލަށް ވަދެވުނު އިރު ތިނަދުއަށް ގެނެސްދިނީ ކޯއްޗެއްހޭ،"

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތިނަދޫގެ ތަރައްގީއަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ތިނަދޫގެ ތަރައްގީއަށް ރައީސް ޔާމީންގެ ވެރިކަމުގައި ބިލިއަނުން ޚަރަދުކޮށްފައިވާ ކަމަށާއި އެމަނިކުފާނު ވެރިިކަމަށް ގެނައުމަށް ތިނަދޫ ބަޔަކު މަސައްކަތް ކުރީ އިޚްލާސްތެރިކަމާއެކު އެރަށަށް ތަރައްގީ ގެނެސްދެއްވާނެކަން ޔަގީންވާތީ ކަމަށެވެ.

comment ކޮމެންޓް