ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިރޭ އަމުރު ކޮށްފިއެވެ.
ނަދީމް ހައްޔަރުކޮށްފައި ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
ޝަރީއަތް ނިމެންދެން ނަދީމް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ އިރު، މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
މީގެ އިތުރުން މައުމޫނުގެ މައްޗަށް އިތުރު ދައުވާއެއް ވެސް ވަނީ ކޮށްފައެވެ. އެއީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ މައުމޫނަށް ކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގެ ތަހުގީގަށް ބޭނުންވާ ހެކިތަކެއް މައުމޫނުގެ މޯބައިލް ފޯނުގައިވާ ކަމަށް ފާހަގަކުރެވިގެން، ފޯނު ދިނުމަށް އެންގުމުން ވެސް ފޯނު ދީފައި ނުވާތީ އާއި ފޯނު އޮތް ތަނެއް ވެސް ބުނެދީފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.