ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފިއެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ސިޔާދުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ފާރިސްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ.
ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހިފި ކަމުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަސަން ސައީދު ދިރިއުޅޭ ގެ ބަލައިފާސްކުރުމުގެ ތެރޭގައި އޭނާ ނިދާ އެނދުނުގެ ގޮދަނޑި ދަށުން ފައިސާގެ އިތުރުން އެކޮޓަރި ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގެ ލެޓަރ ހެޑްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ސޮއިކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ.
ޕީޖީން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހުގެ ތާރީހުގައި ލިޔެފައިވާ އެ ސިޓީގައިވާ ސޮޔަކީ ސިޔާދު ގާސިމްގެ ސޮއިކަން ފޮރެންސިކް ތަހުލީލުން ކަށަވަރުވިފައިވާއިރު، އެ ލިޔުމުން ސިޔާދު ގާސިމްގެ އިނގިލީގެ ނިޝާން ވެސް ފޮރެންސިކް ތަހުލީލުން ކަށަވަރުވެފައިވާ ކަމަށެވެ.
އަދި އެ ލިޔުމުގެ ފޮޓޯއަކާއި އެލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއްވެސް ސިޔާދު ގާސިމްގެ ފޯނުން ފެނިފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
ޕީޖީން އިތުރަށް ބުނީ، ސިޔާދު ގާސިމް ސޮއިކޮށްފައިވާ އެ ލިޔުމުގެ އިބާރާތަށް ބަލާއިރު ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ފަރާތުން އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ އަދި އެފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ބޭރު ގައުމަކުން ގަނެފައިވާ ޕްރޮަޕަޓީތަކަށް ފައިސާ ދެއްކުމަށްޓަކައި 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގޭ ކަމަށެވެ.
އަދި ވިލާ ޝިޕިންގެ ލިޔުމަށް ބަލާއިރު އެ ލިޔުމުގައި ބުނާ ފައިސާގެ މަންފާވެރިންނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ދަރިއެއް ކަމަށްވާ އަހުމަދު މިސްފިރު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ކުރީގެ އަނބިމީހާ، އާއިޝަތު ހަނާ ކަން ވެސް ތަހުގީގުން ކަށަވަރު ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.