ދާދުއާއި ރިޒޭ ބާކީކޮށް، ގައުމީ ޓީމުގެ ސްކޮޑު އިއުލާންކޮށްފި

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުން އާއްމުކޮށް ޖާގަ ހޯދަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނާއިޒް ހަސަން (ދާދު)އާއި ކްލަބު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅޭ އަހުމަދު އަބްދުﷲ (ލިލީ) ވެސް ނުލާ ގައުމީ ޓީމުގެ ސްކޮޑު މިއަދު އިއުލާންކޮށްފިއެވެ.

ގައުމީ ޓީމުގެ ސްކޮޑު އިއުލާންކޮށްފައި މިވަނީ މިމަހުގެ 27 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅޭ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ މެޗުގެ އިތުރުން މިމަހުގެ 23 ވަނަ ދުވަހު ސިންގަޕޫރުގައި އެގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށެވެ.

އީގަލްސްއަށް ކުޅޭ އަހުމަދު ނޫމާނާއި އޭނާގެ ކޮއްކޮ މުހައްމަދު ނާއިމްގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެމުންދާ ހުސައިން ނިހާން (ނިހާޓް)ވެސް މިފަހަރުގެ ސްކޮޑުގައި ހިމެނެއެވެ.

މިދިޔަ ހަފްތާގައި ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި، ޖަރުމަނުގެ ޕީޓާ ސެގަޓްގެ ސްކޮޑުގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގުވެސް ވަނީ ހިމަނައިފައެވެ. އޮމާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން އަޝްފާގު ނުކުޅުނު ނަމަވެސް އެންމެފަހުން ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގައި އަޝްފާގު ފެނިގެންދިޔައެވެ.

މީގެ އިތުރުންވެސް ކްލަބު ގްރީން ސްޓްރީޓްސްގެ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީން މުޅިން އަލަށް ގައުމީ ސްކޮޑުގައި ހިމެނިފައިވާއިރު، އީގަލްސްގެ ޒުވާން ފޯވަޑް ނާއިމް އަދި ޓީސީގެ ޒުވާން ކުޅުންތެރިޔާ އައްޒާމް އަބްދުﷲ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިފައި މިވަނީ މުލިން އަޅަށެވެ.

އަލަށް ޒުވާން ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުގައި ހިމަނާފައި ވާއިރު، ސީނިއާ ގިނަ ކުޅުންތެރިންތަކަކަށް ޓީމުން ޖާގަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ވިކްޓަރީއަށް ކުޅެމުން އަންނަ ޑިފެންޑަރު ޝާފިއު އަހްމަދާއި ނިއު ރޭޑިއަންޓްގެ ރިޟްވާން ވަހީދު (ރިލޭ)ވެސް ސްކޮޑުގައި ނުހިމެނެއެވެ. އަދި އަނިޔާގައި ހުރި މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ)އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ)ވެސް ޓީމުގައި ނުހިމެނެއެވެ.

ގިނަ ފަހަރެއްގެ މަތިން ގައުމީ ޓީމުގައި ހިމެނިފައިވާ ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ)، އީގަލްސްގެ މުހައްމަދު އާރިފް (ބަކާ) މިފަހަރުވެސް ގައުމީ ޓީމުން ފުރުސަތެއް ނުލިބުނެވެ.

ކީޕަރުންގެ ގޮތުގައި ގައުމީ ސްކޮޑުގައި ސެގަޓް ހިމަނާފައިވަނީ މާޒިޔާގެ ޒުވާން ކީޕަރު، ހުސައިން ޝަރީފާއި ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ހަސަން ތޮލާލާއި ނިއުރޭޑިންޓް ސްޕޯޓްސް ކްލަބުގެ މުހައްމަދު ފައިސަލެވެ.

ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ސްކޮޑުގައި ހިމެނިފައިވާ 23 ކުޅުންތެރިންގެ ސްކޮޑު:

ޓީސީ ސްޕޯޓްސް ކްލަބު

  • އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
  • އިބްރާހީމް ވަހީދު (އިއްބެ)
  • އައްޒާމް އަބްދުﷲ

ޔުނައިޓެޑް ވިކްޓަރީ

  • ހަސަން ތޮލާލް (ޓޮޕްލެކް)

ކްލަބު ގްރީން ސްޓްރީޓްސް

  • އަސްހަދު އަލީ (އަޑުބަރޭ)
  • އަބްދުﷲ ޔާމީން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

  • ސަމޫހު އަލީ (ސަމުއްޓޭ)
  • ޔަސްފާދު ހަބީބު (މުލަކޭ)
  • މުހައްމަދު އިރުފާން
  • މުޖުތާޒު މުހައްމަދު (މުޖޭ)
  • ހުސައިން ޝަރީފު

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު

  • އަލީ އަޝްފާގު (ދަގަނޑޭ)
  • އަކްރަމް އަބްދުލްޣަނީ (އަކޫ)
  • މުހައްމަދު އުމައިރު
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަލީ ފާސިރު (ސެންޓޭ)
  • ހިސާމް ސަލީމް (ކޮކީ)
  • ރިހާމް އަބްދުލްޣަނީ (ބޮބީ)
  • މުހައްމަދު ފައިސަލް

ކްލަބް އީގަލްސް

  • މުހައްމަދު ނާއިމް
  • ހުސައިން ޝިފާއު ޔޫސުފް (ކްރޯ)
  • އަހުމަދު ނޫމާން (ހެލްމެޓް)

ވިކްޓަރީ ސްޕޯޓްސް ކްލަބު

  • ހުސައިން ނިހާން (ނިހާޓް)

ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗާއެކު މިއަދު ޓީމުގެ ފުރަތަަމް ޕްރެކްޓިސް ކުރިއަށް ގެންގޮސްފައިވާއިރު، ސިންގަޕޫރުގައި ކުޅޭ މެޗަށް މިރޭ ޓީމު ފުރާނެއެވެ.

comment ކޮމެންޓް