ދުނިޔޭގެ ފެނުގެ ދުވަހަކީ ފެނުގެ މުހިއްމުކަން ހަނދާންކޮށްދިނުމަށް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަން އދ. އިން ނިންމާފައިވާ ދުވަހެކެވެ. ފެނުގެ ދުވަހުގެ ގޮތުގައި މާޗް މަހުގެ 22 ވަނަ ދުވަސް ފާހަގަ ކުރުމަށް އދ. އިން ނިންމާފައި ވަނީ 1993 ވަނަ އަހަރު އެވެ. ފެނާއި، ފެނާ ގުޅުންހުރި މައްސަލަތަކުގައި އަޑު އުފުލުމަށް މި ދުވަސް ފާހަގަ ކުރާއިރު ދުނިޔޭގެ ކޮންމެ ނުވަ މީހުންގެ ތެރެއިން އެކަކީ ސާފު ފެން ލިބުމުން މަހުރޫމުވެފައިވާ މީހެކެވެ.
މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައި ވަނީ "ވޯޓާ ފޯ ނޭޗާ" އެވެ. ފެނާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ މި ޝިއާރުގެ އަމާޒެކެވެ. އަމާޒުގެ މަގްސަދަކީ 21 ވަނަ ގަރުނުގައި ސާފުފެން ލިބުމަށް ތިމާވެށީގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެއިން އަރައިގަތުމަށް އިސްނަގައި މަސައްކަތްކުރުމެވެ.
ގުދުރަތީ މާހައުލަށް އަންނަ ބަދަލުތަކުގެ ސަބަބުން އަދި އިންސާނުންގެ އަމަލުތަކުގެ ސަބަބުން އިކޯ ސިސްޓަމަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ފެން ލިބޭ މިންވަރަށް އަދި ފެނުގެ ކޮލެޓީ އަށް ބަދަލު އަންނަ ކަމަށް އދ. އިން ބުނެއެވެ. އެ އިދާރާއިން ނެރުނު ސްޓޭޓް މެންޓެއްގައި ބުނެފައިވާ ގޮތުން މިއަދު ވެސް 2.1 މިލިއަން މީހުންނަކީ ސާފު ފެން ލިބުމުން މަހުރޫމުވެފައިވާ މީހުންނެވެ. އޭގެ ސަބަބުން އެ މީހުންގެ ސިއްހަތަށް ނުރައްކާވާ ކަމަށާއި މިއީ ދިރިއުޅުމަށް ވެސް ކުރިމަތިވާ ނުރައްކަލެއް ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ހަވަނަ ލަނޑުދަނޑި އަކީ 2030 އަންނަންވާއިރަށް ދުނިޔޭގެ އެންމެންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ލަނދުދަނޑި އެވެ. މި ލަނޑުދަނޑި ހާސިލްކުރާނީ ތިމާވެށި ރައްކާތެރިކޮށް ޖައްވު ނުސާފުވާމިންވަރު ވެސް ކުޑަކޮށްގެންނެވެ.
ރައްކާތެރި ބޯފެނާއި، ދެމެހެއްޓެނިވި ތަރައްގީގެ ވާހަކަ ދައްކާއިރު ހަނދާނަށް އަންނަނީ މާ ދުރު ނޫން މާޒީއެއްގެ ހަނދާންތަކެެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު މާލެއަށް ފެނުގެ ޚިދުމަތްދޭ މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީގައި ހިނގި އަލިފާނުގެ ހާދިސާއާ އެކު މާލޭގެ ފެނުގެ ޚިދުމަތް މެދުކެނޑުނެވެ. އެހާދިސާ އާ ގުޅިގެން މާލޭގައި ދިރިއުޅޭ ދޮޅުލައްކައެއްހާ މީހުންނަށް ފެނުގެ ދަތިކަން ހަފްތާއަކަށް ކުރިމަތިވި އެވެ. މަތީ ފްލޯތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މައްސަލަ ހައްލުވާން އެއަށް ވުރެ ގިނަދުވަސް ނެގި އެވެ.
ދެވަނަ ފަހަރަށް މިފަދަ ކާރިސާއެއް ދިމާވެއްޖެ ނަމަ، ފެނަށް ޖެހޭ މިންވަރު ކުޑަކުރުމަށް ޓަކައި އަލަށް އިމާރާތްކުރާ ތަންތަނުގައި ފެން ތާނގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވަނީ 2015 ވަނަ އަހަރު ވިދާޅުވެފަ އެވެ. އަދި މިފަދަ ކަމެއް ދިމާވި ނަމަވެސް ފެނަށް ޖެހުމުގެ ސަބަބުން ދިމާވެދާނެ އުނދަގޫތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެމްޑަބްލިއުއެސްސީ އިން ވަނީ ވޯޓާ ސެކިއުރިޓީ ޕްލޭނެއް އެކުލަވާލައިފަ އެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް މާލެއާއި ހުލުލެ ގުޅާލާ ބްރިޖާއެކު ފެނުގެ ނިޒާމު ހުޅުމާލެ އާ ގުޅާލުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. މީގެ އިތުރުން "ވޯޓާ ސެކިއުރިޓީ ޕްލޭން"ގެ ދަށުން، މާލޭގެ ފެނުގެ އޮޕަރޭޝަން ޑީސެންޓްރަލައިޒްކޮށް، ފެން އުފައްދާ އާ މަރުކަޒެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ގާއިމްކޮށްފަ އެވެ.
ފެނަކީ ދިރިއުޅުމާ ގުޅިލާމެހިފައިވާ ބައިވެރިއެކެވެ. ދިރިހުރުމަށް އެންމެ މުހިންމު އަސާސީ އެކައްޗެވެ. ދުނިޔޭގެ ނިސްބަތަށް ބަލާއިރު ދިވެހީންނަކީ ފަސޭހައިން ފެން ލިބުމުގެ ނަސީބު ލިބިފައިވާ ގައުމެކޭ ނުބުނެވޭނެ އެވެ. ވަށައިގެން ކަނޑު އޮތް ޖަޒީރާ މިގައުމުގައި ސާފު ބޯފެން ލިބެން އޮތީ ބިިިމުން ނަގައިގެންނެވެ. ފެން ކޯރުތަކާއިި އާރުތައް އަދި ފެން އޮހޭ ވޯޓާ ފޯލްތަކެއް ވެސް މި ރާއްޖެއަކު ނެތެވެ. އަނެއްކޮޅުން އާބާދީ އިތުރުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެން ފަށަލަ ތަޣައްޔަރުވެ، ލިބޭ ނިސްބަތަށް ބަދަލުއަންނަން ވަނީ ފަށައިފަ އެވެ.
ފެން ލޮނުވުމާއި ފެން ތަޣައްޔަރު ވުމުގެ ވާހަކައަކީ ދިވެހިންނަށް މިހާރު އާ ވާހަކައެއް ނޫނެވެ. ފުރަމާލޭގެ ފެން ފަށަލަ ލޮނުވެ، ތަޣައްޔަރުވެފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. ތަރައްގީވަމުން އަންނަ ބައިބޯ ރަށްރަށަށް މިމައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.
މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ ރަށްރަށުގައި ސާފު ބޯފެނުގެ ނިޒާމު ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 29 ރަށެއްގައި ބޯފެން ރައްކާކުރާނެ ވަސީލަތްތައް ގާއިމްކޮށް ނިމިފައިވާކަމަށެވެ. މިއަހަރު ތެރޭގައި އިތުރު 86 ރަށެއްގައި ބޯފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. މިއީ ހޫނުމޫސުމުގައި ރާއްޖޭގެ ރަށްރަށުން ބޯފެން ހުސްވެ ބޯފެނަށް ޖެހުން ހުއްޓުވުމަށާއި، ފެންތަޣައްޔަރުވެފައިވާ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ހިންގޭ މަޝްރޫއެކެވެ.
ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އާންމުކޮށް ކުރަނީ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތާއި އެކުގައެވެ. ސަބަބަކީ ނަރުދަމާ އާއެކު ފެނުގެ ފަށަލަ ލޮނުވުމުގެ މައްސަލަ ކުރިމަތިވުމެވެ.
ދިވެހިންގެ ދިރިއުޅުމަށް ބަލާއިރު އާންމުކޮށް ބޯން ބޭނުންކުރަނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ. ބައެއް ރަށްރަށުގައި ވާރޭފެން ނަގައިގެން ބޯން ބޭނުންކުރާއިރު، ފެންނަގަން ބޭނުންކުރާ ތާނގީ އާއި ހަން އަދި ފުރާޅަކީ ރީތިކޮށް ސާފުކޮށްގެން ގެންގުޅޭ އެއްޗެއްސަށް ހަދަންޖެހެ އެވެ.
އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ރަށްރަށުގެ މިސްކިތްތަކާއި އާންމުންގެ ގޭގޭގައިވެސް 2500 ލީޓަރުގެ ކަޅުހަންތައް ފެން ރައްކާ ކުރުމަށް ބަހައްޓާފައި ހުރެ އެެވެ. ރަށްރަށުން ފެނަށް ޖެހުން ކުޑަކުރުމަށް އޭރު ކުރި މަސައްކަތް މިއަދު ވެސް ކުރަން ޖެހެ އެވެ.
ފެނަކީ ދިރިއުޅުމާ ގުޅިފައިވާ ޒަރޫރީ ބޭނުންތަކުގެ އެންމެ މުހިއްމު އެއް އަސާސެވެ. ލިބޭ ސާފު ފެން އިސްރާފުނުކޮށް ރައްކާތެރިކޮށް ހެޔޮގޮތުގައި ބޭނުންކުރަން ޖެހެ އެވެ. ރާއްޖޭގެ ބިމުގެ ފެން ފަށަލަ ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް ވެހޭތާ ފެން ނަގައި، ވާރޭފެން ރައްކާކުރާ މިންވަރު އިތުރުުރަން ޖެހެ އެވެެ.