ހަތްވަނަ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިފްތިތާހުކޮށްފި، މީޑިއާ ޕާޓްނަރަކަށް ސަން

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ލޯންޗުކުރުމަށް ކޮކޯ ބޮޑު ހިތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 އިފްތިތާހުކޮށް، އެ އިވެންޓުގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފިއެވެ.

މިއަހަރަކީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ ހަތްވަނަ އަހަރެވެ.

ކޮކޯ ބޮޑު ހިތި ރިސޯޓުގައި މިއަދު ހަވީރު ކުރިއަށް ދިޔަ ޚާއްސަ ހަފްލާއެއްގައި، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 އިފްތިތާހުކޮށްދެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒެވެ.

މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސްއާއި، އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ.

މަޓާޓޯގެ ރައީސް ގިޔާސް ވިދާޅުވީ އުރީދޫއަކީ އެކުންފުނި ހިމެނޭ އިންޑަސްޓްރީގެ މާކެޓަށް އިންގިލާބުތަކެއް ގެންނަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި އެކުންފުންޏާ އެކު ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރުމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ލޯންޗުކުރުމަށް ކޮކޯ ބޮޑު ހިތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހަތްވަނަ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މިދިޔަ އަހަރުވެސް އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވި ސަން އޮންލައިނެވެ. އެކަމުގެ އެއްބަސްވުމުގައި ސަންގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕުގެ ޗީފް އޮޕަރޭޓިންގް އޮފިސަރު މިންހާ ފާއިޒް ރަޝާދެވެ.

އެ ރަސްމިއްޔާތުގައި މަޓާޓޯގެ ރައީސް ގިޔާސް ވިދާޅުވީ ސަން އޮންލައިނަކީ މަޓާޓޯއާ ގުޅުންހުރި ޚަބަރުތައް އެންމެ ތާޒާކަމާއެކު، އެންމެ ރަނގަޅަށް ޝާއިއުކުރަމުން އަންނަ ނޫސް ކަމަށެވެ. އަދި ސަންގެ ނޫސްވެރިންގެ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ގިޔާސް ވިދާޅުވިއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ޕާޓްނަރުން

  • ޕްލެޓިނަމް ޕާޓްނަރ: އުރީދޫ މޯލްޑިވްސް
  • ގޯލްޑް ޕާޓްނަރ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
  • ސިލްވަރ ޕާޓްނަރ: އެލައިޑް އިންޝުއަރަންސް
  • ޕްރިންޓިންގް ޕާޓްނަރ: ޕްރިންޓްލެބް
  • ފޮޓޯގްރަފީ ޕާޓްނަރ: ޑިޖިޓަލް ސްޓޫޑިއޯ
  • ފޮޓޯ އެންޑް ވީޑިއޯގްރަފީ ޕާޓްނަރ: ނާން ޕްރައިވެޓް ލިމިޓެޑް
  • އޮންލައިން މީޑިއާ ޕާޓްނަރ: ސަން އޮންލައިން
  • ޓްރެވަލް މީޑިއާ ޕާޓްނަރ: މޯލްޑިވްސް އިންސައިޑަރ
  • ޑިޖިޓަލް ޕާޓްނަރ: ކޯޑްފްލައި
  • އެޑްވަޓައިޒިންގް ޕާޓްނަރ: ބްލަކް

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ލޯންޗުކުރުމަށް ކޮކޯ ބޮޑު ހިތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ދަށުންވެސް ގިނަ ހަރަކާތްތަކެއް ބާއްވާނެއެވެ.

އޭގެ ތެރޭގައި ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން، ގެސްޓްހައުސް އެޑިޝަން، ޓްރެވަލް ކޮންފަރަންސްގެ އިތުރުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ ހިމެނެއެވެ.

comment ކޮމެންޓް