12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި އަމަލުކުރާނީ ސުޕްރީމް ކޯޓުން ނިންމާ ގޮތަކަށް: އީސީ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފުރާހު

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި އަމަލުކުރާނީ ސުޕްރީމް ކޯޓުން ނިންމާ ގޮތަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމަކާ ގުޅިގެން 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައި، އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި ބައި އިލެކްޝަން ބާއްވަން އެ ކޮމިޝަނުން ކުރިން ނިންމި ކަމަށެވެ.

ނަމަވެސް 1 ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، ކުރީގެ ހުކުމްގައި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލްކޮށްފައިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.

އަދި އެއަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި 1 ފެބްރުއަރީގެ އަމުރުގައި ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގައި އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ނަމަވެސް އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ކަމަށެވެ.

އެހެންކަމުން އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އޮތުމުން މިވަގުތު އެ މައްސަލާގައި ވަކި ގޮތަކަށް އަމަލުކުރެވެންް ނެތް ކަމަށާއި އެ ކޮމިޝަނުން އަމަލުކުރާނީ ސުޕްރީމް ކޯޓުން ނިންމާ ގޮތަކަށް ކަމަށް އަމްޖަދު ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް އަމަލުކުރާނީ ކޯޓުން ނިންމާ ނިންމުމުގައިވާ ގޮތުގެ މައްޗަށް،" އަމްޖަދު ވިދާޅުވިއެވެ.

ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމުން ގޮނޑި ގެއްލިފައިވާ 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ފުވައްމުލަކު ދެކުނު ދާއުރާގެ މެމްބަރު އަލީ ޝާހެވެ.

comment ކޮމެންޓް