ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރު އާންމުކޮށްފި

ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރު އަދި ލީޑް ބަތަލާ މަލީހާ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ޕޯސްޓަރު އާންމުކޮށްފި އެވެ.

ބީ ހައިވް ހޮޓެލްގެ ހިތްގައިމު މާހައުލުގައި ރޭ ބޭއްވި ކުޑަ ހަފްލާގައި ފިލްމުގެ ޕޯސްޓަރު އާންމުކޮށްދިނީ ޝަރަފުވެރި މެހެމާނު ކުޅަދާނަ ބަތަލު، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ފިލްމާ ގުޅޭ ގޮތުން ޔޫއްޕެ ބުނީ މަރީ އަކީ ތަޖުރިބާ ހުރި މޮޅު މީހެއް ކަމަށާއި ފިލްމު ކާމިޔާބުވާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

ތިޔަ ލޯތްބާ ދުރަށްގެ ތީމު ލަވަ މިހާރު އާންމުންނަށް ވަނީ ދޫކޮށްލައިފަ އެވެ.

އެ ލަވަ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ނިފާރު (ތިއްތި)ގެ އަޑުން ކިޔާފައިވާ ހިތްގައިމު އަސަރުގަދަ ލަވަ އެކެވެ.

ތިޔަ ލޯތްބާ ދުރަށް އެ ލަވައިގެ ޅެމަކީ އިސްމާއިލް މުބާރިކްގެ ޅެމެކެވެ. އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވެސް ތިއްތި އެވެ.

ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރު އާންމުކޮށްދެނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމްގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރުގެ އިތުރުން ފިލްމުގެ ޓެކްނިކަލް މަސައްކަތް ކުރަނީ ވެސް އޭނާ އެވެ.

އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ ލޯތްބާ ހިތާމަ އެކުލެވިގެންވާ، ތިނެސްކަން ލޯބީގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް