އަށް ކައުންސިލަރަކު ސަސްޕެންޑްކޮށް ތިން ރަށު ކައުންސިލެއް ރޫޅާލާނެ ކަމުގެ އިންޒާރުދީފި

އެލްޖީއޭ: އެ އޮތޯރިޓީން އަންނަނީ ބައެއް ކައުންސިލަރުން ސަސްޕެންޑް ކުރަމުން --- ފައިލް ފޮޓޯ: ވީނިއުސް

ތިން ރަށެއްގެ ޖުމުލަ އަށް ކައުންސިލަރުން އެއް މަސްދުވަހަށް ސަސްޕެންޑްކޮށް އެ ކައުންސިލްތައް ރޫޅާލަން ޖެހިދާނެކަމުގެ އިންޒާރު ކައުންސިލްތަކުގެ ބެލެނިވަރި ފަރާތް ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފިއެވެ.

މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މާދަމައިން ފެށިގެން އެއް މަސްދުވަހަށް އެލްޖީއޭ އިން ސަސްޕެންޑް ކޮށްފައިވަނީ ގދ. ގައްދޫގެ ތިން ކައުންސިލަރުންނާއި ބ. ހިތާދޫގެ ތިން ކައުންސިލަރުންނާއި ށ. މިލަންދޫގެ ދެ ކައުންސިލަރެކެވެ.

ސަސްޕެންޑް ކުރި ކައުންސިލަރުން

ގދ. ގައްދޫ

  1. ރައްޔާން ޖަމާލް (ރައީސް)
  2. އައިމިނަތު ފަރުޒީނާ (ނައިބް ރައީސް)
  3. އާމިރު އަބްދުﷲ

ބ. ހިތާދޫ

  1. އަބްދުލްއަޒީޒް މުހައްމަދު (ރައީސް)
  2. މުހައްމަދު ހަސަން (ނައިބް ރައީސް)
  3. އަންވަރު މުހައްމަދު

ށ. މިލަންދޫ

  1. އަބްދުﷲ ފާއިޒް (ރައީސް)
  2. އަހްމަދު ޝިޔާމް (ނައިބް ރައީސް)

އެލްޖީއޭއިން އެ ކައުންސިލްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެފަރާތްތަކާ މެދު ފިޔަވަޅު އަޅާފައި ވަނީ، ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ނޫސްބަޔާނެއް ނެރެފައިވާތީ ކަމަށެވެ. މިއީ ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާ ޚިލާފު އަމަލެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން ނޫންގޮތަކަށް އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

ސަސްޕެންޑްކޮށްފައިވަނީ ބަޔާނުގައި ސޮއިކޮށްފައިވާ އަށް ކައުންސިލަރުން ކަމަށް ވެސް އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ. ސަސްޕެންޑް ކުރި އަށް ކައުންސިލަރުން ވެސް ނިސްބަތް ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށެވެ.

ސަސްޕެންޝަންގެ މުއްދަތު ހަމަވަންދެން ގދ. ގައްދޫ ކައުންސިލް ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެ ކައުންސިލްގައި ހިމެނޭ ހަމަ އެކަނި ޕީޕީއެމްގެ މެންބަރު ކަމަށްވާ މުހައްމަދު ލަބީބްއާ އެވެ. ހިތާދޫ ތިން ކައުންސިލަރުން ވެސް ސަސްޕެންޑްކޮށްފައިވާތީ އެ ކައުންސިލްގެ ހިންގުން ހަވާލުކޮށްފައިވަނީ ޒިންމާދާރު އިސްވެރިޔާ ނުވަތަ އެ މައްސޫލިއްޔަތު އަދާކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތާއެވެ. އަދި ށ. މިލަންދޫ ކައުންސިލް ހިންގުން ހަވާލުކޮށްފައިވަނީ އެ ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ މެންބަރު އަބްދުﷲ އާތިފްއާއެވެ.

ސަސްޕެންޑްކުރި ތިން ކައުންސިލުން މީގެ ފަހުން އެ ދަރަޖައިގެ ކުށެއް ކޮށްފިނަމަ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އެލްޖީއޭއިން ވަނީ ދީފައެވެ.

އެލްޖީއޭ އިން އަންނަނީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ފެބްރުއަރީ އެއްވަން ދުވަހުގެ ރޭ ނެރުއްވި އަމުރު ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލައި ނެރުނު ބަޔާން ތަކުގައި ސޮއިކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑް ކުރަމުންނެވެ. އެގޮތުން ރޭ ވެސް ވަނީ 13 ކައުންސިލަރަކު ސަސްޕެންޑްކޮށްފައެވެ.

comment ކޮމެންޓް