ބޮޑު ހޮސްޕިޓަލުގެ ކުޑަ ފިހާރަ

އައިޖީއެމްއެޗް ގައި ހުންނަ ފިހާރަ އަކީ ފިސާރި ފިހާރަ އެކެވެ. އެ ފިހާރައިގެ ކަޑަކަން ހިތަށް އަރާތާ އަހަރު ތަކެއް ވެއްޖެ އެވެ. އެ ފިހާރައިގެ ބޭނުމަކީ ބަލި މީހުންނަށާ ހޮސްޕިޓަލުން ޚިދުމަތް ހޯދަން ދާ މީހުނަށް ބޭނުންވާނެ އެކި ކަހަލަ ސާމާނު ވިއްކުމެވެ.

އައިޖީއެމްއެޗުން ދުވާލަކު ޚިދުމަތް ހޯދާ މީހުންގެ އަދަދު އުޅޭނީ ހާހުން މަތީގައި ކަމަށް ލަފާ ކުރެވެ އެވެ. މީގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ގިނަ ވަގުތު ތަކެއް ހޮސްޕިޓަލުގައި ހޭދަ ކުރަން ޖެހޭ މީހުނެވެ. އެޑްމިޓްކޮށްފައި ތިބޭ މީހުންގެ އެހީތެރިންނާއި ބަލި މީހުނަށް ގޮވައިލާން ދާ މީހުންގެ ޑިމާންޑް ވެސް އެ ފިހާރަ އަށް ބޮޑެވެ. އެހެން ކަމުން ހޮސްޕިޓަލުގައި ހުންނަ ހަމަ އެކަނި އެ ފިހާރަ އަށް ވަންނަ މީހުންގެ އަދަދު ވެސް ހާހުން ގުނައި ލެވޭނެ ކަމާ މެދު ޝައްކެއް ނެތެވެ. މިއާ ގުޅިގެން އެ ފިހާރަށް ލިބޭ އާމްދަނީ ގުނައިލާން ޖެހޭނީ ކިތައް ހާހުން ކަމެއް ނޭނގެ އެވެ.

އެ ފިހާރަ އަށް ވަދެލުމުގެ ފުރުސަތު އެންމެ ފަހުން ލިބުނީ މިދިޔަ ހަފުތާގަ އެވެ. ވަންނަން ވެސް ޖެހުނީ ކިޔުގައި މަޑު ކުރާށެވެ. ކައުންޓަރު ކައިރީގައި ދެ ކަސްޓަމަރަކު ތިބީމަ އެވެ. ފިހާރައިގެ ދޮރު ހުންނަ ގޮތުން ދެ ކަސްޓަމަރަކު ކައުންޓަރުގެ ކުރިމަތީގައި ތިބި ނަމަ ތިން ވަނަ މީހަކަށް ނުވަދެވޭނެ އެވެ. ދޮރު ނުހުޅުވޭނެތީ އެވެ. އޭގެ ތެރެއިން އެކަކު ނުކުތުމުން އެތެރެޔަށް ވަދެފީމެވެ. ވަނީއޭ ބުނުމަށްވުރެ ހެޔޮ ވާނީ އެތެރެޔަށް ދެމިގަތީއޭ ބުނުމެވެ. އެއީ އަހަރެންނަށް ޖެހުނީ ކައުންޓަރު ކައިރީގައި ދެން ހުރި މީހާ ގައިގައި ޖެހިދާނެތީ ހަނިއަރިއަށް ހުރެގެން އެތެރެއަށް ވަންނާށެވެ.

ފިހާރައަށް ވަދެފައި ނިކަން ރަނގަޅަށް އެތެރެ ބަލައިލީމެވެ. އެ ފިހާރައަށް ވަންނަ ކޮންމެ ފަހަރަކު ވެސް ތަނުގެ "ކަޑަ" ކަން ހިތަށް އަރަ އެވެ. އެކަމަކު މި ފަހަރު ބަލައިލުމުން އެނގުނީ އެ ތަނަށް މީގެ އަހަރު ތަކެއް ކުރީއްސުރެ އެއްވެސް ބަދަލެއް އައިސްފައި ނުވާކަމެވެ.

ތަނުގެ ދިގު މިނުގައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް 15 ވަރަކަށް ފޫޓެވެ. އެއީ ދެކުނު ބިތުގަ އެވެ. އެއީ އެ ފިހާރައިގެ އެންމެ ދިގު ބިތެވެ. ހުޅަނގު ބިތުގައި ހުންނާނީ 10 ވަރަކަށް ފޫޓެވެ. އުތުރު ބިތުގައި ސީދަލަށް ހުރި ބައިގައި ހައެއްކަ ފޫޓު އަދި ހުޅަނގު އުތުރަށް ކައްޗަށް ކަނޑާލައިފައި ހުރި ބައިގައި ހައެއްކަ ފޫޓެވެ. އިރުމަތީ ބިތުގައި 10 ވަރަކަށް ފޫޓު ހުރެދާނެ އެވެ. މީ ބަލައިލައި ބަލައިލުމަށް ނެގުނު މިން ތަކެވެ. މީހަކު ގޮސް މިން އަޅައިފި ނަމަ ފަރާތަކުން ފޫޓެއް ދެ ފޫޓު މަދު ނުވަތަ އިތުރު ނުވާނެ ކަމެއް ނޭނގެ އެވެ.

ދެން އޮތީ ގަންނަން ލިބެން ހުރި ތަކެތީގެ ވާހަކަ އެވެ. ދައްކަން އެންމެ ހެޔޮ ވާނީ ހޮސްޕިޓަލަކުން ބޭނުން ވާނެ އެންމެ އަސާސީ ބައެއް ތަކެތީގެ ވާހަކަ އެވެ. މޭވާ އަށް ބަލާ އިރު އާފަލާ އޮރެންޖު ފިޔަވައި އެހެން އެއްވެސް އެއްޗެއް އެ ތަނުން ލިބޭކަށް ނެތެވެ. އެ ދެވައްތަރުގެ މޭވާ މީރު ނޫން މީހަކަށް ގޮތެއް ނެތެވެ. ގްރޭޕްސް އެއް ނެތެވެ. ފަޅޮލެއް ނެތެވެ. ދޮންކޭލެއް ނެތެވެ. އަންނާރެއް ނެތެވެ. ފޭރެއް ނެތެވެ. އަނބެއް ނެތެވެ. މީ އެންމެ ޢާންމު ގޮތެއްގައި މީހުން ބޭނުންވާނެ މޭވާ ތަކެވެ. މި ވައްތަރުގެ މޭވާތައް އެ ތަނުން ހުސްވެފައި ހުރީ އެއް ނޫނެވެ. އެއީ އަބަދުގެ ވެސް ހާލެވެ. އޮރެންޖާ އާފަލު ނޫން އެހެން މޭވާއެއް އެ ފިހާރައިން އަޅުގަނޑު ދުވަހަކު ވެސް ނުދެކެމެވެ.

ދެން ކިރު ޕެކެޓު ނުވަތަ ޖޫސް ޕެކެޓް ބަލަމާ ހިނގާށެވެ. ބައެއް ކަހަލަ ޖޫސް ފުޅި ފިޔަވައި އެއްވެސް ވައްތަރެއްގެ ޖޫސް ޕެކެޓެއް ނުވަތަ ކިރު ޕެކެޓެއް ލިބޭކަށް ނެތެވެ. މީ ވެސް އެންމެ ގިނައިން ބޭނުންވާ އެއް އައިޓަމެވެ. ބޯން ބޭނުން ކުރާ ފެނަށް ބަލާ އިރު ވެސް ތާޒާ ނޫން ޗޮއިސް އެއް ނެތެވެ. އެއްވެސް ކަހަލަ މަލެއް ނެތެވެ. މަލަކީ ބަލި މީހުންނަށް ގޮވައިލާން ދާ އިރު ވަރަށް ގިނަ މީހުން ބޭނުންވާ އެއްޗެކެވެ. މީހުންނަށް އުފާވެރިކަން ގެނެސްދޭ އެއްޗެކެވެ. މި ތަކެތި ނެތެއް ކަމަކު، ޖަންކު ފުޑްސްގެ ތެރޭ ހިމެނޭ ތަފާތު ގިނަ ވައްތަރުތައް މި ފިހާރައިން ލިބެން އެބަ ހުއްޓެވެ.

މި ކަމަށް އޮތް ދެ ހައްލެއް އަޅުގަނޑަށް ފެނެ އެވެ. އެއް ހައްލަކީ އަޅުގަނޑުގެ ރަހުމަތްތެރި ޑޮކްޓަރެއް ކަމަށްވާ ޑރ. ރާޒީ ވިދާޅުވި ގޮތެވެ. އެއީ ހޮސްޕިޓަލުގައި ހިންގާ މި ފަދަ ޝޮޕުތައް ތަނުން ހިންގުމެވެ. އަމުދުން ކޯޕަރޭޝަނަކުން ތަން ހިންގާ އިރު އެކި ތަންތަން ކޮޅު ކުއްޔަށް ދީގެން ބޭރު މީހުނަށް ވިޔަފާރި ކުރަން ފުރުސަތު ދިނުމުގެ މާނައެއް ނެތެވެ. ދެ ވަނަ ގޮތަކީ ބޭރު ބަޔަކު ހޮސްޕިޓަލުގަ ހުންނަ މިފަދަ ތަނެއް ހިންގާ ނަމަ އެ ތަނުގައި ހުންނަން ވާނޭ ޢާންމު ތަކެއްޗާއި އޭގެ މިންގަނޑުތައް ތަނުން އެކަށަ އެޅުމެވެ. އޭރުން އެ ތަނުގައި ހުންނާނީ ބަލި މީހާ އާއި ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުނަށް އެންމެ މުހިންމު ތަކެއްޗެވެ. ގަންނަން ދާ މީހާ ބޭނުން އެއްޗެއް ނެތް ނަމަ އޭގައި ސިއްހީ ސަބަބެއް އޮންނާނެ އެވެ.
މި ބުނި ގޮތް ނޫން ގޮތް ގޮތަށް ތަންތަންކޮޅު ކުއްޔަށް ދިނީމަ އޭގައި އޮންނާނީ ޚިދުމަތުގެ ކުލަޔަށް ވުރެ ވިޔަފާރީގެ ފައިދާއަށް އިސްކަން ދެވިފަ އެވެ.

ފިހާރައިން ފެންފުޅި އަކާ ދެ އާފަލާ ދެ އޮރެންޖު ގަނެގެން ކައުންޓަރަށް ފައިސާ ދެއްކުމަށް ފަހު ފަހަތަށް ހިރިލި ވަގުތު ފައިން އެރުނީ ފަހަތުގައި ހުރި ޒުވާން ފުރައިގެ ފިރިހެން ސޮރެއްގެ ފަޔަށެވެ. ވާނީ އެހެންނެވެ. އޭރު ވެސް ހުންނަން މި ޖެހެނީ ފިތި ބާރު ވެގެނެވެ. ތިން މީހުން އެ ފަހަރާ ކައުންޓަރާ ކައިރި ވެއްޖެ ނަމަ ނޭވާ ހާސްވާ ވަރުވެ އެވެ. "ކިހާ ދެރަ ކަމެއް، ތި އެރީ ފަޔަށޭ، ތީތި ކަޑައެންނު،" އެ ސޮރު ނުރުހުމުގެ ރާގަކަށް ލޯ އަޅައިލަމުން ބުނެލި އެވެ. "ސޮރީ" އޭ ބުނުމަށް ފަހު އަހަރަން އަވަހަށް ނުކުތީ އެވެ. އަނެއްކާ އެހެން މީހެއްގެ ފަޔަށް އެރި ދާނެތީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް