ނޭނގި ހިތާ ކުޅެލީ - 33

"ބިރުންތަ؟ އެނގޭތަ އަހަރެން މިހާ ރަހުމް ކުޑަވީ ކީއްވެކަން؟ އިމާދުއްދީން ދުޝްމިނަކަށްވީ ކިއްވެކަން؟ އޭނަގެ ދަރިއަކަށް އަހަރެން ވަކި ރަހުމް ކުރާނެތަ. ނުކުރާނެ. ގުޑްބައި ސަވާނާ......... " ލުކުމާން ކުއްލިއަކަށް ސަވާނާ ނުވިސްނާ ހުއްޓާ އަތްދަނޑި މައްޗަށް އުފުލައިލިގޮތަށް މިތަނުން ބޭރަށް ހޫރާލާނެކަމުގައި ބުނެލީ އިންޒާރުގެ ރާގަކަށެވެ. ކިރިޔާ ދޫކޮށްލިޔަސް އޭނަގޮސް ޖެހޭނީ ތިރީގައިވާ ގާތަކުގެ މަތީގައެވެ. މިވަގުތު އެހެން އެއްވެސް މީހަކު އަންނާނެކަމަށް އުއްމީދެއްވެސް ނުކުރެވެއެވެ. ސަވާނާފަދަ ކުއްޖެއްގެ ބަރުދަން އިރުކޮޅަކަށް ހިފަހައްޓަން ލުކުމާންއަށްވެސް ކުޅަދާނައެއް ނުވާނެއެވެ. ސަވާނާ ލުކުމާންގެ ޓީޝާޓުގެ ކަރުވާޅުގައި ހިފެހެއްޓިލެއް ބާރުކަމުން ކަނދުރާއަށް ވާންވިއެވެ. ކަނޑުވަނިކޮށް ސަލާމަތްކޮށްދޭނެ އެއްޗެއް އަތުގައި ޖެހުމުން ހިފާލެވޭނީވެސް އެވަރަށެވެ.

ލުކުމާންގެ ބޭނުމަކަށްވީ ސަވާނާއަށް އެއްޗެއް ވިސްނައިދިނުމެވެ. އިމާދުއްދީން ނަބީލާ މަރާލާފައި "ސުއިސައިޑް" އަކަށް ހެދީ މިކަހަލަ ގޮތަކުން ކަން ވިސްނައިދިނުމެވެ. މި ކުއްޖާއަށް ޖިސްމާނީ ކުޑަ އަނިޔާއެއް ދޭކަށްވެސް އޭނަގެ ހިތަކު ނެތެވެ. އެންމެ މާތް މީހަކަށްނުވިޔަސް އޭނަ އަންހެންކުއްޖަކަށް އަނިޔާއެއް ނުކުރާނެއެވެ. ނަމަވެސް ސަވާނާ އޮތީ ބިރުން ފިތްކަނޑައިގެންދާ ވަރުވެފައެވެ. ލުކުމާން އޭނަ މަރައިލަން އުޅެނީކަމުގައި ހީކުރެވުމުން ލިބުނު ހާސްކަމާއިއެކު ދެލޯ ބޮޑުކޮށްލައިގެން އޮތްތަން ފެނިފާ ހީހީފައި ސަވާނާ ވައްޓައިލީ ސޯފާއަށެވެ.

"އާހ ހާދަ ތަދުވެއްޖެއޭ. ސަތޭކަ ކިލޯގައި ހިފާލެވުނީމަ އަތުގެ ދުވަސް ހިގައްޖެ." ލުކުމާން އެކިގޮތްގޮތަށް އަތް ދަމައިލިއިރު އެ ރަންކުލަ އަރާފައިވާ މޫނަށް އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް އެޅި ފެންނަލެއް ހާދަ ފުރިހަމައެވެ. ރީތި މީހެކެވެ. ނަމަވެސް ހިތް ރީއްޗެއްނޫނެވެ. އަނިޔާވެރިކަމާއި ހަރުކަށިކަމުގެ އެއްވަނައެވެ. އޭނަ އެހާ ފަލަކުއްޖަކީހެއްޔެވެ. އެހާ މަލާމާތްކުރަން ޖެހޭހެއްޔެވެ.

"އަދި އެއް ވާހަކަ. ކިތަންމެ ނުބައި ނުލަފާ މީހަކަށްވިޔަސް ނުހައްގުގޮތުގައި މީހެއްގެ ފުރާނަ ދުއްވާލާކަށްނެތިން. އައިމް ނަތިން ލައިކް ޔޯ އީވިލް ފާދަރ....."

ލުކުމާން ސިޑިންގޮސް އޮބާލުމުން ސަވާނާ ދެފައި ތަޅައިގަތެވެ. ގޮތްހުސްވެ މާޔޫސްވެފައިވާވަރުން އޭނައަށް މާ ރަގަޅަށް ވިސްނޭގޮތެއް ނުވެއެވެ. ޓެސްޓްކުރިޔަސް ކޯޓިސޯލް ލެވެލް ހުންނާނީ އެންމެ މަތީގައިކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ. ކޯޓިސޯލް ލެވެލް ދަށްކުރަން ކުރަންވީ ކަންތައް ކޮންމެވެސް ވަރަކަށް އެނގެއެވެ. ކަންތަކާއި ފިކުރުބޮޑުނުވުމާއި ކަސްރަތުކުރުމެވެ. ރަގަޅު ކާއެއްޗެހި ކެއުމެވެ. ޔޯގާ ހެދުންކަހަލަ ކަމެއްކުރުންވެސް އެންމެ ރަގަޅެވެ. ޓެރެސްގެ މާބްލްމަތީ ދެއަތާއި ދެފައި ދަމާލައިގެން އޮންނަ ޔޯގާ ޕޯސްގައި އޮތެވެ. މުޅި ހަށިގަނޑުން ވަރުދޫކޮށްލައިގެން ފުންކޮށް ނޭވާލާން ފެށުމުން ސިކުނޑިއަށް އެލިބުނު އަރާމު ބުނެދޭކަށްވެސް ނޭގެއެވެ. އޭނަ ގަބޫލުކުރާން ބޭނުންނުވިޔަސް ހަޔާތުގެ ބައިވެރިޔަކަށް މިވީ ބަދަލުހިފަން އައި ޒުވާނެކެވެ. ހިތްއެދެނީވެސް އެ ޒުވާނާއަށެވެ. އޭނައައިފަހުން މަންމަ ނިޔާވެ އަދި ބައްޕަ ޖަލަށް ލީކަމުގައިވިޔަސް ހިތުގައި ނަފްރަތުގެ ކުޑަ މިންވަރެއްވެސް އުފަންކުރުވޭނެގޮތެއް ނުވިއެވެ.

"އަހަރެން ޖެހޭނީ ލޫކްދެކެ ރުޅިއަންނަން. ހީ ޓުކް އެވޭ މައި ހޯމް މައި ފާދާ.. މައި އިނޮސެންސް އަދި ޑިގްނިޓީ. ހުރިހާ އެއްޗެއްވެސް ގެންދިޔައީ. އަދި އަހަރެން ގެހިތް ހަލާކުކޮށްލައިފި. ވީއިރު ޖެހޭނެ ލޫކްދެކެ ހޭޓްކުރަން. ކިހިނެއްބާ މިކަން ކުރާނީ. ކީއްވެ މިހިތުގައި އޭނައަށްޓަކާ ނަފްރަތު ނުއުފެދިގެން އުޅެނީ. ކުޑަ ކުޑަ ރުޅިވެރިކަމެއްވެސް ހިނގައިނުގެން އުޅޭ ސަބަބެއް ނޭގޭ. އޭނަ އަހަރެންދެކެ ކިހާ ފޫހިވޭ. ބަލައިލާގޮތުން މިހާރު އެކަން އެނގެން ފަށައިފި. ހީ ހޭޓްސް މީ. ހީހޭޓްސް މީ ސޯ މަޗް. އަހަރެން މިއީ އެހާވަރު ހުތުރު މީހެއްތަ. ފަލަ ގޮދަޑިއެއް ވަރުވެއޭ ކިޔައިގެން ދިމާކުރާއިރު ހިތެއް ނޯންނަކަމަށްތަ ހީކުރަނީ. އަހަރެންވެސް ހިތެއް ވޭ. ކީއްވެ ލޫކްއަށް ނޭގެނީ. މިވަރަށް ހާޓްކޮށްގެން އުފަލެއް ލިބެންޏާ އެންމެ ރަގަޅު. އަބަދަށް ރޮއި ރޮއިހުރެދާނަން ލޫކް އުފާކޮށްލަދޭން..................." ސަވާނާގެ ލޯ ކަރުނުން ފުރުނެވެ. ހުރިހާ ރުޅިއެއް ބޭލުނީ ސޯފާމަތީގައި އޮތް ކުޝަންއަށެވެ. ވީދާ ދަތްއެޅުނީ ކުޝަންގައެވެ. ލުކުމާން ގަޔަކު ނޫނެވެ. ކުރާނީ ކީއްހެއްޔެވެ؟ ލުކުމާންގެ ގައިގާ ކޫރުމެއް އެޅޭތަން ދެކޭކަށްވެސް އެހިތެއްނޭދެއެވެ.

"ބައްޕަ ކިހާވަރެއްގެ ކުށެއްކޮށްގެންބާ ސްވޯން އެނެމީއޭ އެބުނީ. ބައްޕަ ލޫކްއަށް ކޮންކަމެއް ކޮށްގެންބާ................." ސަވާނާ ދެކަކުލުގައި ބައްދާލައިގެން އިށީދެއްޖެއެވެ.

ވީއިރު އޭނައަށް ނޭގި އޭނަގެ ބައްޕައާއި ލުކުމާންއާއި ދޭތެރޭ ކޮންމެވެސް ކަހަލަ އަރައިރުމެއްނޫނީ ހަގުރާމައެއް ހިނގާފައި އެބައޮތެވެ. ލުކުމާން އެވާހަކަ ނުބުނެ ސިއްރުކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ހިތް ހަލާކުނުކޮށް އެވާހަކަ ބުނިއްޔާ ވާނީ ކީއްހެއްޔެވެ. ފަހަރެއްގައި ކައިދަންއަށް އެނގިދާނެއެވެ. އޭނަ ސުވާލުކުރާނީ ކައިދަންއާއެވެ. ކުރިން ކައިދަން މިގެއަށް އައިސް އުޅޭތީ އޭނައާއި ކޮންމެވެސް ވަރަކަށް ރައްޓެހިކަމެއް ހިނގާފައި އޮތަސް ވަކިން މެސެޖްކޮށެއް ނަހަދައެވެ. އިޒިކްވެސް ކުޑަ ދުވަސްކޮޅަކަށް އެކަނިވެރިކަން ފިލުވައިދޭން އައިސްފާ ހުއްޓައިލީއެވެ. ކައިދަންއާއި ވާހަކައެއް ދައްކަން ބޭނުންކަމަށް ބުނެ މެސެޖްކޮށްލާފައި އޭނަ ކާކޮޓަރިއަށް ވަނީ އެއްޗެއް ކައްކައިލުމުގެ ބޭނުމުގައެވެ. ނަމަވެސް ރޮވޭވަރުން އެމަސައްކަތް ހުއްޓާލަން ޖެހުނެވެ. އެއްވެސް ކަމެއްކުރާނެ ހިތްވަރެއް ނުލިބުނީއެވެ. ކަމަކާއި މަޝްޣޫލުވުމުން ހިތާމަތައް ލުއިވެދާނެއޭ ބުންޏަސް އެހެނެއްނުވިއެވެ.

ލުކުމާން ފެންވަރާލައިގެން ނުކުމެން އައީ ގަމީހުގެ ގޮށްތައް އަޅުވަމުންނެވެ. ތެމިފައިވާ އިސްތަށިގަނޑުގެ ސަބަބުން ތާޒާކޮށް ދައްކައެވެ. ކާކޮޓަރިއަށްވަދެ ބަލައިލިއިރު ތަރުކާރީއާއި ވަޅޯމަސްކޮށާފައި ކައުންޓަރުމަތީގައި ހުރިގޮތަށް ބަހައްޓާފައި ހުރުމުން އަދި ކައްކައި ނުނިމޭކަން އެނގުނެވެ. ބަޑުހައިކަމުގެ އުދަގޫތައް އިހުސާސްކުރެވުނަސް ކާހިތެއްނުވިއެވެ. ކުޑަނޯޓުކޮޅެއް ލިޔެފައި ފްރިޖްގައި ތަތްކުރުމަށްފަހު އޭނަ އަވަސްވެގަތީ ބޭރަށް ދާށެވެ. އެނބުރި ގެއަށް އާދެވުނީ ރޭގަނޑު ނުވައެއްޖަހަން އުޅެނިކޮށެވެ. ފިނިކަން ގަދަކަމުން ކޮފީއެއް ބޯލަން ކާކޮޓަރިއަށް ވަނުމުން ސިހުމެއްލިބުނެވެ. މެންދުރު ކައްކަން ސަވާނާ ކޮށި އެއްޗެހި އަދިވެސް އެހެރީ ހުރިތަނުގައެވެ.

"އޭރުއްސުރެން އެކުއްޖާ ކާކޮޓަރިއާއި ހަމަޔަށްވެސް ނާންނަނީތަ؟ " ލުކުމާން ކޮފީ މަގު ބަހައްޓާފައި އަވަސްވެގަތީ އެކުއްޖާގެ ހާލު ބެލުމަށެވެ. އެކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލުމާއިއެކު ހުޅުވުނެވެ. ސަވާނާ މުސައްލާމަތީ އޮތްތަން ފެނިފާ ލުކުމާންގެ ހިތަށް ނުބައިގޮތެއްވިއެވެ. އަނެއްކާ އެކުއްޖާ މިއޮތީ މަރުވެފައިބާވައެވެ. ކައިރިންއަށް ޖެހިލާފައި ބަލައިލުމުން ނޭވާލާކަން އެނގުނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމާއިއެކު ހިނިތުންވެލެވަމުން ތޭންކް ގޯޑްއޭ ބުނެލެވުނެވެ. ދުޢާކުރަން ރޮއިރޮއި އޮތްވާ ވަރުބަލިވެގެން ނިދުނީއެވެ. އެސްފިޔަތަކާއި ކޯތާފަތުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

"އޭ ސަވާނާ. ތެދުވޭ ނުކައި އޮތީމަ ހަމަ ގެއްލުންވާނީވެސް ތިކުއްޖާއަށް. ގައިމު އަހަރެން ހުންނާނީ ކައިގެން. ބޮއިގެން. އެކަމަކު އަހަރެން ބޭނުމެއްނޫން މީހެއްގެ މަރުގެ ޒިންމާ ނަގަން. މިގޭގައި ހުންނަނަމަ ކައިގެން ހުންނަން ޖެހޭނީ........ގެޓް އަޕް......" ލުކުމާން ސަވާނާގެ އަތުގައި ހިފާ ތަޅުވަންފެށުމުން ފެށުމުން ނިދީގައި އޮވެފައި ދެލޯ ހުޅުވާލައިފިއެވެ. އޭނަ ސަވާނާގެ ދެއަތުގައި ހިފާ ބިންމަތިންނެގިއެވެ. އޭރު ވަރުދެވަރެގެން ހަށިގަނޑު ރޫރޫއަޅައެވެ. ކަރުއެލުވާލައިގެން ހުރިއިރު މާޔޫސީކަން އެދެލޮލުން ފާޅުވާން ހުއްޓެވެ.

"އަހަރެން ނުކައި އޮވެ މަރުވިއްޔާނު ރަގަޅީ. އެހާވެސް ހޭޓްކުރަމެއްނު.........." ސަވާނާ އަސަރުން ފުރިފައިވާގޮތަކަށް ބަލައިލުމަށްފަހު ފާޚާނާއާއި ދިމާލަށް ހިނގައިގަތެވެ.

"އަހަރެން ބޭނުންވިޔަސް ނުވިޔަސް މަރު ވަގުތު ޖެހުނީމަ މަރުވާނެ"

"އެންމެ ގިނަވެގެން ޓެން މިނިޓްސްދޭނީ. ނޫނީ ދޮރު ވައްޓާލާފައި ވަންނާނަން. އަހަރެންގެ ބެލުމުގެ ދަށުގައި ހުރިއްޔާ އަހަރެންވެސް ކަމެއްވިޔަކަ ނުދޭން ބަލާނެކަން އެނގެއެއްނު................" ލުކުމާން އަތުކުރީގައިވާ ބޮޑުގަޑިއަށް ބަލައިލިއެވެ. އޭނަދެކެ ނަފްރަތުކުރާއިރުވެސް އޭނަގެ ހަށިފާރަވެރިޔެއް ފަދައިން އެހެރީ އެންމެ ސަބަބަކާއިހުރެ ކަމުގައި ސަވާނާ ނިންމިއެވެ. ތިމާ ޒިންމާ ނަގަން ޖެހިދާނެތީއެވެ. އޭނަ މި ގޭތެރޭގައި މަރުވިއްޔާ ލުކުމާން ޒިންމާ ނަގަން ޖެހޭނެފަދައިން އޭނަވެސް ވާހަކަ އެބަދައްކައެވެ. އެއީ ދޮގެއްނޫނެވެ. އޭނަގެ ގެ ފޭރިގެން ހުރެ މިހިންގާ ޖަރީމާތައް ކަމާއި ބެހޭފަރާތަށް އެނގިއްޖެއްޔާ އޭނަ ކުށްވެރިވާނެއެވެ.

ސަވާނާ ނިމިގެން ނިކުތްއިރު ލަޒާނިއާއާއި ޕިއްޒާ އަދި ޗޮކްލެޓް ކޭކާއި ހޫނު ޗޮކްލެޓް ހަދާފައި ހުރުމުން ތުން ފިތައިލިއެވެ. ލޮލުން ކަރުނަ ނައިސް ހުރީ ހަމަ ކިރިޔާއެވެ. ލުކުމާން ގަސްތުގައި އޭނައަށް ޖެއްސުމަށްކުރި ކަމެކެވެ. ބައްޕަ ހައްޔަރުކުރުން ފާހަގަކުރަން ބޮޑު ކެއުމެއް ދެނީއެވެ. ނުކާން މޫނު އަނބުރާލާފައި ދާން އުޅުނަސް ލުކުމާންގެ ބާރުގެ ކުރިމަތީގައި އޭނަ އެކައްޗަކަށްވެސް ނުވިއެވެ. ނުކައިފިއްޔާ ގަދަކަމުންވެސް ހޮސްޕިޓަލަށް ގެންގޮސް އައިވީ އަޅަންޖެހިދާނެ ކަމުގައި ބުނިއިރު ހަރުކަށިކަމުން ބިރުން އެއްބަސްވާން ޖެހުނެވެ. އިއްދައިގާ އިންހާ ހިދަކު އޭނައަށް ޚަރަދުކުރަން ޖެހޭތީ ބަލަހައްޓަނީކަމުގައި ހަދާންކޮށްދޭލެއް މަދެއް ނޫނެވެ.

"ބީ ސްޓްރޯންގް ނަންނި. ބައްޕަގެ ކުށެއްނެތްކަން ސާބިތުވާއިރަށް ދޫކޮށްލާނެ. އެމީހުންނަށް އެނގޭނެ ފޭކް ވީޑިއޯއެއް ވެއްޖެއްޔާ. އަބަދަށްޓަކާ ބައްޕައަށް ރަހުމަތްލެއްވުން އެދި ދުޢާކުރާނަން. ދެރަގޮތެއްނުވާނެ. ހިތްވަރުކުރަން ޖެހޭނީ. ބޭ އިންސާފުން ކަންތައްކުރާ މީހުންނަށް ނިމޭއިރު ލަނޑު ލިބޭނީ.........." ސިކުނޑީގެ ކަނަކުން މީހަކު ބުނަމުންދާހެން ހީވިއެވެ. އެވަގުތުވެސް ލޮލުން ވެއްޓުނު ކަރުނަތިއްކެއް ފޮހެލަން މަޖުބޫރުވިއެވެ. އެހެން އިނދެލާފައި އާ ފުރިލަންވެގެން އަނގަ ހުޅުވައިލިތަނާ ލުކުމާން އުލުގައި ޖަހާފައި ކޭކުކޮޅެއް ސަވާނާގެ އަނގަޔަށް ކޮށްޕާލިއެވެ. ޗޮކްލެޓް ދިޔާކަމުން ބައެއް ތުންފަތުން ތިރީގައި ހޭކުނެވެ. ލުކުމާން ޓިޝޫއަކުން އަނގަމަތި ސާފުކޮށްލަދިނެވެ. އޭނަ އަށް ހުނުން ކޮންޓްރޯލްކުރެވުނީ ހަމަ ކިރިޔާއެވެ. ލުކުމާންވެސް ކުރާ ކަންތަކެވެ. އެހާ ނަފްރަތުކުރާއިރުވެސް އެހެން އިނދެލާފައި އެކަހަލަ ކަމެއްކޮށްލަފާނެއެވެ. އެނގެނީ އެކުދިކުދި ކަންތައްތައް ސަވާނާގެ ހިތުގައި މާ ގަދަޔަށް ހަރުލާކަމެވެ. ހިތަށް އެހެން ކަހަލަ އުފަލެއްވެސް ލިބުނެވެ. ހުރިހާ ހިތާމައެއް އެއްފަހަރާ ފިލައިގެން ދިޔަފަދަ ވަގުތުކޮޅެކެވެ. މަސްހުނި އިހުސާސްތަކާއިއެކު ކެއުން ނިންމާލާފައި ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަތް ނަމަވެސް ނިދި ރަހުމެއްނުކުރިއެވެ.

ކޮންމެ ދުވަހަކު ލިބޭ ބޮޑު މާ ބުކޭއަކީ ކާކު ފޮނުވާ އެއްޗެއްކަމެއް ނޭގި އެކަމާއި ވިސްނަން ސަވާނާއަށް ޖެހުނެވެ. އެ މާބުކޭތައް ރީތިކަމުން އެއްލާލާހިތެއް ނުވިޔަސް ކާކުކަން ނޭގޭގޮތަށް ފޮނުވާތީ ކޮޓަރީގައި ގެންގުޅޭކަށް ނުކެރެއެވެ. އިޒިކްއަށް ވެދާނެބާވައެވެ. އިޒިކްގެ ޚަބަރެއްނުވާތީ ގުޅަން ހިތަށް އަރާފައިވެސް އޭނަ ހުންނަނީ ހިމޭނުންނެވެ. ހާލުގައި ޖެހި އެކަނިވެރިވީ ދުވަހު އެކުވެރިންވެސް އޭނަ ދޫކޮށްލުމުން އެމީހުންގެ ޚަބަރު ބެލުމުގެ މާނައެއް ނެތެވެ. ހިތާމަކޮށްކޮށް އެކަނިހުރެ ނިމިގެން ދާނީކަން ނޭގެއެވެ. ލުކުމާންގެ ހަރުކަށިކަމާއި ކޮންމެ ދުވަހަކު ކުރިމަތިލާއިރު ހަމްދަރުދީއަށް އެދި އެދި ހިތް ބޭގަރާރުނުވާ އެންމެ ވަގުތުކޮޅެއްވެސް ނާދެއެވެ. ބަސްނާހާ ހިތަށް ވިސްނައިދިނުމުން ވީކަމެއްނެތެވެ. ބައްޕައާއިމެދު އެހާ އިހާނެތިކޮށް ކަންތައްކުރިމީހަކަށްޓަކާ ހިތުގައި ނަފްރަތު އުފައްދަން ކިތަންމެހާވެސް މަސައްކަތްކުރެވިއްޖެއެވެ. ސިކުނޑީގެ މައްޗަށް ކުރި ހޯދަނީ ހިތެވެ. ބަސްނާހާ މޮޔަ ހިތެވެ.

ލޯތްބަކީ މިއީބާވައެވެ. އޭނައަށް އެހާވަރަށް ލުކުމާންދެކެ ލޯބިވެވެނީހެއްޔެވެ؟

ކައިދަން މޭޕްލްވިލާއަށް އައީ ސަވާނާ މެސެޖްކޮށްފައި އެދުނު އެދުމަކަށެވެ. ނަސީބަކުން ގޭގެ ދޮރު ހުރީ ހުޅުވާލާފައެވެ. ހަމަޖެހިލާފައި ވަންތަނުން މީރުވަހެއް ނޭފަތުގައި ޖެހުމުން ހިނގައިގަނެވުނީ ކާކޮޓަރިއާއި ދިމާލަށެވެ. ކައްކަން ހުރީ ސަވާނާގެ ބަދަލުގައި ލުކުމާންއެވެ. ސޯސް އެއްޗެހި ތައްޔާރުކޮށްލުމަށްފަހު ކޮންމެވެސް އެއްޗެއް ކޮށާލަން ހުރެފައި ކައިދަން ފެނުމުން ހައިއެއް ޖަހައިލިއެވެ.

"އެވްރީތިން އޯކޭ؟ މިއަދު އޮފީހަށް ނުދާ ދުވަހަކީތަ؟ " ކައިދަން ކައުންޓަރު ކައިރީގައި ހުއްޓުނެވެ.

"މާ ގިނަ ދުވަހު އޮފް ނުނަގާ ވޯކް ކުރުމުން ހިތަށް އެރީ ބްރޭކެއް ނަގާލާނީއޭ. މީގެ ރަހަ ބަލާލަބަލަ............ " ވައިލެޓްކުލައެއްގައި ހުރި ޕުޑިން ކަހަލަ އެއްޗަކުން އެތިކޮޅެއް ނަގާފައި ކައިދަންގެ އަނގައިގާ ލައްވާދެމުން ލުކުމާން އަހައިލިއެވެ. ސަވާނާ ކާކޮޓަރިއަށް ވަންނަން އައިސްފާ އެ މަންޒަރު ފެނުމުން ފިޔަވަޅުތައް ހުއްޓުނެވެ. އެދެމީހުން ހާދަ ކޫލްއެވެ. އުޅޭލެއް ހާދަ ލޯތްބެވެ. އޭނަގެ އަނގައިގާ ލައްވާ ކާންދިންގޮތަށް ކައިދަންއަށް އިނގިލިން ރަހަދެއްކުމުން ތަފާތު އިހުސާސެއްކުރުވިއެވެ. ލިވިއާއާއި ކައިދަން ރައްޓެހިވެގެން އުޅޭކަން އެނގުމުންވެސް ލުކުމާން އެހާ ހަމަޖެހިލައިގެން އެހެރީ ކީއްވެހެއްޔެވެ. ކައިދަންއާއި އެހާ ގާތްކޮށް އުޅެނީ ކީއްވެބާވައެވެ. މި ފިރިހެނުން ދުވަހަކު ދަހެއްނުވާނެއެވެ. އަޖައިބެއްކަހަލަ ބަޔެކެވެ. ދެމީހުން އެކަކާއި ގުޅިގެން އުޅެންވެސް އެންމެ ރަގަޅީކަން ނޭގެއެވެ.

"މަށަށް ވިހައެއް ކާންދޭންތަ ތިއުޅެނީ." ކައިދަން އެއްލޯ މަރައިލިއެވެ.

".........ޔޫ. މަރާލަންޏާ އަހަރެން މަރާނީ ޒަހަރުދީގެނެއްނޫން. އެއީ ފިނޑިންގެ ވައްތަރު. އަހަރެން ހަގުރާމަކުރާނީ ފިރިހެނެއްހެން ކުރިމަތިލައިގެން. ހަގުރާމައިގެ މައިދާންގައި ހަތިޔާރު ބޭނުންކޮށްގެން މަރާލާނީ. އެގިއްޖެތަ..........." ލުކުމާން އެންމެ ކުރިން އެ ބޭނުންކުރި ލަފުޒުން ސިއްސައިގެން ދިޔައީ ސަވާނާއެވެ.

"އެކަމަކު އާހް......ކޮންފަދަ މީރުކަމެއް. ލަވް ޔޫ. ލަވްޔޫ ސޯ މަޗް......" ކައިދަން ލުކުމާންގެ ގައިގާ ބާރަކަށް ބައްދައިލިއެވެ. ލުކުމާން އެއީ ކޯންޗެއްކަން ބުނެދިނެވެ. ބްލޫބެރީއިން ހަދާފައިވާ ފޮނި އެއްޗެކެވެ. ޖެލަޓިން އެޅުމުން ކޮންމެވެސް ވަރަކަށް ތަތްކޮށް ހުރީއެވެ.

"ހޫމް. ދެން ބުނެބަލަ. ކީއްކުރަންށޯ މިގެއަށް އައީ......." ލުކުމާން ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

"މާފަށް އެދެން. ދެވަނަފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް. އައިމް ސޮރީ. އައިމް ރިއަލީ ސޮރީ. އެ މިލިއަން ޓައިމްސް ސޮރީ........." ކައިދަން ބުނެލީ ކައުންޓަރުގައި އަތް އަޅުވައިލަމުންނެވެ.

"ސޮރީ އޭ ބުނަން ފަސޭހަވާނެ. އެކަމަކު ދުވަހަކު ހިތަކަށް ނާރާ ބެސްޓްފްރެންޑް ކަމުގައި އެތައް ޒަމާނުއްސުރެން ދެކެމުން އައި މީހާ އެގޮތަށް ބިޓްރޭ ކޮށްފާނެއޭ. ޔޫ ވާ ސްލީޕިން ވިތް ހާ ބިހައިންޑް މައި ބެކް. އަދި އެބަ އެދޭ މާފަށް. އަހަންނަށް ހެޔޮ އެ އަންހެނާ އެންމެނާ ގުޅުން ބޭއްވިޔަސް. އޭނަ އެހެން ކޮންމެ މީހަކާއިއެކު ފެނުނަސް އެހާ ރުޅިގަދައެއް ނުވީސް. އެކަމަކު އަދިވެސް މިހިރީ ގަބޫލުނުކުރެވިފައި. އަހަރެން އެންމެ އިތުބާރުކުރިމީހާ ވިއްޔަ އޭނައާއިއެކު އޮތީ. ދުވަހަކު އެކަން ހިތަކުން ނުފިލާނެ. ދުވަހަކު އިތުބާރެއް ނުކުރާނަން....." ލުކުމާން ބްލޫބެރީ ޕުޑިން ޓްރޭ ފްރިޖަށް ލާފައި އުޅެގަތީ ސެލެޑް ހަދާށެވެ.

"ލޫކް ލޮލަށް ފެންނަ ކޮންމެ މަންޒަރަކުން އަދި ޑިޒިޝަނެއް ނަގާކަށް ނުވާނެ. އަހަރެން ތެދަށް ބުނެފާނަން. އައި ޑިޑިންޓް ސްލީޕް ވިތް ހާ. އެރޭވެސް އެއީ އެކްޓެއް. ވިއްސާރަވުމުން ލޫކްމެންގެ ޓްރިޕް ކެންސަލްކުރުވާފައި ގެއަށް އަވަހަށް ފޮނުވަން ރެންކައިރީ އަހަރެން ބުނީ ހަމަ އެ މަންޒަރު ދައްކަން. އަހަރެން ބޭނުންވީ ލޫކް އެ އަންހެންކުއްޖާއާއި މެރީކުރުމުގެ ކުރިން އޭނައަކީ ކިހާވަރެއްގެ މީހެއްކަން އެނގުން. ފުރަތަމަ އަހަންނާއި ރައްޓެހިވާން އެހީވެސް އޭނަ. ބެސްޓް ފްރެންޑަށްވީތީ ހެޔޮއެދޭތީ އަހަރެން ލިވިއާއާއި ގުޅުން ބޭއްވީ. ޝީޒް ނަތިން ޓު މީ. ކިތަންމެ ރީއްޗަސް އެކަހަލަ އަންހެނުންނަކަށް އެޓްރެކްޓްވާގޮތެއް ނުވޭ. އެކަމަކު އަހަރެންގެ ފެމިލީގެ ގަދަރާއި މުއްސަދިކަން އެނގުމުން އޭނަ ހުރީ ކޮންމެ އަގެއް ދީގެންވެސް އަހަރެން ހާސިލުކުރަން. އޭނަ މޮޔަވީ ފައިސާއަށް. ލޫކްވީ ލޯބީގެ އެއްވެސް އަގެއް ނެތް. މިހާރު ރިއަލައިޒްވެއްޖެ އެއްނު އެއީ ކިހާވަރެއްގެ ބޭފުޅެއްކަން. ތޭންކް ގޯޑް އަދި ވަގުތު ފާއިތުނުވާކަން. ހޯޕްކުރަން ސަވާނާއާއި އޮތް ގުޅުން ރަގަޅުވެ ބާއްޖަވެރި ދިރިއުޅުމެއް ލިބޭނެކަމަށް.............." ކައިދަން ބުނަމުން ދިޔައެވެ. ސަވާނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ސިއްރު ސިއްރުން އަޑުއަހަން ހުއްޓާ އެންމެފަހުން އޭނަގެ ވާހަކަވެސް ދެކެވުނީއެވެ. އޭނަ އަދިވެސް ބޮޑަށް ކަންފަތް ހުޅުވައިލަމުން ކުރިއަށް ޖެހުނެވެ. ސަވާނާ ގެ ހިޔަނި ލުކުމާންއަށް ފެނުނީ އެވަގުތުއެވެ.

"އެތައް އަހަރެއްވާންދެން ލޯބިވި މީހާ އެހެންހެދިއިރު އަހަރެން ވަކި އެހެން އަންހެނަކަށް އިތުބާރުކުރާނެތަ. ދުވަހަކު އެކަމެއް ނުވާނެ. އެހެންނޫނަސް އަހަންނާއި ނުވެސް ގުޅެއެއްނު. ފެޓް އެންޑް އަގްލީ ގާލް. އެކަހަލަ ކުއްޖަކާ އިންނަން ރަގަޅުވާނީ ބިލީ ބަންޓާ. ތަންކޮޅެއް ކުޑައިރު އަހަރެމެން ކިޔާ އުޅުނު ވާހަކައެއްގައި ހުރި ބިލީ ބަންޓާގެ ވާހަކައޭ މިބުނީ. ހަދާން އެބަހުރިތަ..................." ލުކުމާން ހިނިގަނޑެއް ޖަހައިލިއެވެ. ކައިދަން ބައިވެރިއެއް ނުވިއެވެ. ނަމަވެސް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ސަވާނާ މިގޭގައި ގެންގުޅެނީ ކީއްކުރަން؟ ޑިވޯސްކޮށްފައޭ އޭނަ ބުނަނީ............. " ކައިދަންއަކަށް ލުކުމާން އެގޮތަށް ވާހަކަދެއްކީ ކީއްވެކަމެއް ނުވިސްނި ހައިރާންކަމާއިއެކު ބުމަ އަރުވައިލެވުނެވެ.

"ޑޯންޓް ލިސެން ޓު ހާ ޝީޒް ޓޯކިން ނޮންސެންސް. މައުސޫމްކޮށް ހުއްޓަސް އެކުއްޖާ ތެދެއް ނަހަދާ. އޭނަގެ ބައްޕަގެ ފަރާތުން ހުރިހާ ނުބައިކަމެއް ވާރުތަވެފައި އެހެރީ. ކެހިވެރި ދޮގުވެރި އެހެންގޮސް ނުބައި ހުރިހާ ސިފައެއް ހުރޭ. އަޅާނުލާ މިހާރު ވަންނާނެތަނެއްވެސް ނެތެއްނު. މިގޭގައި ސާވެންޓެއްވެސް ނެތީމަ އުމުރަށް ހުރެދާނެއްނު. އެކަމަކު އޭނަ ކައްކާލެއް ނުބައިކަމުން ރަހަބަލައިލިޔަސް ހޮޑުލެވޭނެތީ އަމިއްލައަށް ކައްކައިލަނީ................" ލުކުމާން އަނެއް ފަރާތަށް އެނބުރުނީ ހިނި އަންނަގޮތްވުމުންނެވެ. ސަވާނާ އެހުރިހާ ވާހަކައެއް އަހަންހުރިއިރު ދެލޮލުން ކަރުނަތައް އޮހެމުން ދިޔައީ ހިފެހެއްޓުމެއްނެތިއެވެ. ހިތަށް ހާދަ ތަދުވެއްޖެއެވެ. ލުކުމާން އޭނަގެ ގާތް އެކުވެރިޔާ ކައިރީ އެގޮތަށް އޭނަ ނިކަމެތިކޮށް ދަށްކޮށްލާފައި ވާހަކަދެއްކުމުން ލުކުމާންގެ ހިތުގައި އޭނައަށްޓަކާ ކުޑަވެސް ހަމްދަރުދީއެއް ލޯތްބެއް ނެތްކަން ކަށަވަރުވެ ހިތް ފަޅައިގެންގޮސްފިއެވެ. ފަހަތަށް ފަހަތަށް ހިގަމުންގޮސް ސިޑިއާއި އަރާހަމަވުމުން ދުވެފައިގޮސް ކޮޓަރިއާއި އަރާހަމަވުމާއިއެކު ބިންމައްޗަށް ތިރިވީ އިތުރަށް ކެތްކުރާނެ ހިތްވަރެއް ނުލިބިފައެވެ. އޭނަ ފަލަ ހުތުރުކުއްޖެއްކަމުގައި ސިފަކުރުމަށްފަހު އަދި ވާހަކައެއްގައި އުޅޭ ކެރެކްޓާއަކާއި އިންނަން ރަގަޅުވާނެއޭ ބުނެ މަލާމާތްކޮށްލައިފިއެވެ.

އެތައް އިރަކު ރޮއިފާ ސަވާނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. ހިތްވަރުކޮށްފައި ދުނިޔޭގެ އިމްތިހާނުތަކާއި ކުރިމަތިލާން ހަދާންކޮށްލަދިނެވެ. މަންމަގެ ކޮޓަރިއަށް ވަންގޮތަށް އޭނަ ދީނީ ފޮތްތައް ބަލަން އިންދާ މީހެއްގެ ހިލަންވެގެން ބަލައިލިއިރު ދޮރުމަތީގައި ހުރީ ކައިދަންއެވެ.

"އަހަންނަށް އިންވައިޓްކޮށްފަ ފިލައިގެން ތިއުޅެނީ؟ "

"ހީނުކުރަން ލޫކް ގޭގައި އުޅޭނެކަމަކަށް...." ސަވާނާ އެހެން ބުނެލާފައި ރަކިވިއެވެ. ކައިދަން ހީކުރާނީ ކީކޭހެއްޔެވެ؟ ލުކުމާން ނެތްގަޑިއެއްގައި ގެއަށް ގެނެސްގެން އޭނައާއިއެކު ގުޅުމެއް ހިންގަން އުޅެނީކަމުގައެވެ. ފުރަތަމަ ދިވެހި ބަހުން ރީއްޗަށް ވާހަކަދައްކަން އޭނަ ދަސްކުރަންވީއެވެ.

"އޯ......" ކައިދަންވެސް ބުމަ އަރުވައިލަމުން އެއްމިޔަކަނުން ހީލައިފި އެވެ.

"ނޫން ނޫން އެގޮތަކަށް ނޫން. އަސްލު އެހެނެއްނޫނޭ ބުނަން އުޅުނީ. ނުބައިކޮށް ހީނުކުރައްޗޭ. ލޫކްއާއި ބެހޭގޮތުން އެއްޗެއް އަހަންކަމަށް. އެހެންވެ މިހެން މިބުނީ.... ލޫކް ހުއްޓާ އެހާ ފަސޭހައެއްނުވާނެ ދައްކަން އުޅޭ ވާހަކަދައްކާކަށް. ލޫކް މިއަދު އޮފީހަށް ނުގޮސް އެހެރީ ދެން ކިހިނެއް. އަސްލު ބުނަން އުޅުނީ................. "ސަވާނާ އަވަސްއަވަހަށް ބުނެލިގޮތުން ކައިދަންއަށް މަޖާވިއެވެ.

"އަވަހަށް ބުނެބަލަ. ލޫކް ކީއްކުރީ."

"ކަމެއްކުރީއެއްނޫން އެކަމަކު ވަރަށް ހާޓްވާ އެއްޗެހި ބުނެލާ."

"ލޫކް ކޮންމެކަހަލަ އެއްޗެކޭ ބުންޏަސް ދެރަނުވައްޗޭ. ހިތުގައި އެއްޗެއް ނެތަސް އޭނަ ސަމާސާކުރަން ދިމާކޮށްލަން އެއްޗެކޭ ކިޔާފާނެ. ބޭރުފުށުން ހަރުކަށިކަން ދެއްކިޔަސް ހީޒް އެ ސްވީޓްހާޓް. އިންސާނުން ތެރޭ އެންޖެލްއިން އުޅެންޏާ އެއީ އެކެއް. އެހާ ހިތްހެޔޮ މީހަކު ދުނިޔެއަކު ނުވާނެ. ޓްރަސްޓް މީ. އެހާ ރަގަޅު ކެއަރިން ހަޒްބެންޑެއް އަންހެންކުއްޖަކަށް ނުލިބޭނެ. ތީ ހަމަ ނަސީބު ރަގަޅު އަންހެންކުއްޖެއް......" ކައިދަން ކުޑަކޮށް ހިނިތުންވެލިއެވެ.

"ކައިދަން ތިހާ ކޮމްޕްލިމެންޓްކުރިކަން އެނގިއްޖެއްޔާ ވަރަށް ފޮނިވާނެ. މިހާރުވެސް އެއީ މިސްޓަރ އެރޮގަންޓް. އެނީވޭސް ފަހަރެއްގައި މިބުނަން އުޅޭ ވާހަކައަކީ ކައިދަން އަށް އާ ވާހަކައަކަށް ނުވެދާނެ. ހީ ހޭޓްސް މީ. އެކަމަކު ބައްޕަދެކެ އެހާ ރުޅިއަންނަ ސަބަބެއް ނޭގެނީ. ބައްޕަގެ ފަރާތުން ރިވެންޖް ނަގަން ލޫކް ބޭނުންވާ ސަބަބެއް އެނގެން ބޭނުން. ސިންސް ޔޫ އާ ހިޒް ބެސްޓްފެރެންޑް އެހުރިހާ ކަމެއް ޔަގީންކޮށް ކިޔާދީފައި އޮންނާނީ. ބުނެދީފާނަންތަ. ބައްޕައާއި ލޫކްގެ އޮތީ ކޮން ދުޝްމަންކަމެއް............" ސަވާނާ ވިސްނާފައި ވާހަކަދެއްކީ ލަސްލަހުންނެވެ. ހިތް ކިތަންމެ އަވަސްވިޔަސް އޭނައެކަން ހާމައެއްނުކުރެއެވެ. ހިތް ބިރުގަންނަނީއެވެ. ދެންވާނެ ގޮތަކާއިމެދު ވިސްނެނީއެވެ.

"އައިމް ސޮރީ. ތިވާހަކަ ލޫކް ކައިރިން އަހާ....." ކައިދަން ފަސްޖެހުނެވެ.

"ޕްލީޒް..." ސަވާނާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

ވަޓްސް ގޮއިން އޮން...." ކުއްލިއަކަށް ކައިދަންގެ ކޮނޑުގައި ޖަހާލުމުން ކައިދަންއާއި ސަވާނާއަށްވެސް ސިހުން ލިބުނެވެ. ލުކުމާން އެދުނީ ސަވާނާ ކާން ދިޔުމަށެވެ. ސަވާނާ ރުޅިގަދަވެގެން މޫނުރަތްކޮށްލިއެވެ. އޭނައާއި ދިމާލަށް މަލާމާތްކޮށްކޮށްފައި އަދި ނިކަން ރީތިކޮށް ކާން އަންނާށޭ ބުނެފިނޫންހެއްޔެވެ؟ އެތެރޭގައިވާ ރުޅިވެރިކަމާއި ހިތާމަތައް އަދި ނިކަމެތިކަން އެއްފަހަރާ ބޭރުކޮށްލަން އުޅެފައިވެސް ތުންފަތުގައި ދަތްއަޅައިލީ ކައިދަން ހުރީމައެވެ. ލުކުމާންއަށް އިހުތިރާމްކުރުމަށެވެ. ބަސްއަހާ ކުޑަކުއްޖެއްހެން ފޮތްތައް އެއްލާލާފައި ގޮސް ކާން އިށީނެވެ. ލުކުމާން އަށް އޭނަ ރުޅިބޭލީ އެހެންގޮތަކަށެވެ. ބަނޑުފުރެންދެން ކައިގެންނެވެ. ފޮނި ކާއެއްޗެހިވެސް ލުކުމާންއާއި ކައިދަންއަށް ކުޑައެތިކޮޅެއް ބަހައްޓާފައި ހުސްކޮށްލިއެވެ. އެހާ ގިނައިން ކާތީ ލުކުމާން ޖެއްސުންކުރިއެވެ. މިވަރުން ދަންޏާ މަހަކު އެތައް ހާސްރުފިޔާ ކެއުމަށް ޚަރަދުކުރަން ޖެހޭނެކަމަށާއި ކައިދަން ޚަރަދާއި ހަވާލުވާން އެދުނެވެ. ސަވާނާގެ ހިތުގެ ހާލު އެނގި ކައިދަން އިނީ ހަމްދަރުދީވެފައެވެ.

ކައިދަން އާއި ލުކުމާން ސިޓިންރޫމްގައި ވީޑިއޯ ގޭމްކުޅެން ފުދޭވަރަކަށް ދަންވާންދެން ތިބިކަން ސަވާނާއަށް އެނގުނެވެ. އޭރު ބޯކޮށް ވާރޭވެހޭ އަޑު ފަޒާގައި އެއް އަޑަކަށް ހިފާލާފައި އޮތެވެ. އެކެއްޖަހަން އުޅެނިކޮށް ފެންބޯންވެގެން ތިރިއަށް އަންނަމުން ސިއްރުން ބަލައިލިއިރު ފެނުނީ ކައިދަން ސޯފާގައި ގަދަނިދީގައި އޮތްވައެވެ. އޭސީފިނިކަން ގަދަކަމުން ހީކަރުވައިގެންފާނެތީ ލުކުމާން ކައިދަންގެ ގައިގާ ރަޖާ އަޅާލަދިނެވެ. އަދި ނިދަން ފަސޭހައަކަށް ބޮކިވެސް ނިވާލައިފިއެވެ. އެކުވެރިން ދެކެ މިވަނީ އަޖައިބެއްފަދަ ލޯތްބެކެވެ. ލުކުމާން އޭނައާއިމެދުވެސް އެގޮތަށް ކަންތައް ކުރާނެނަމައެވެ. އޭނަ އަންހެންކުއްޖަކަށްވެހުރެ ލުކުމާންގެ ފަރާތުން ނުލިބޭ ގާތްކަން ފިރިހެނަކު އެބަހޯދައެވެ. އޭނަގެ ގައިގާ އެންމެ ފަހަރަކުވެސް ބައްދާލާނެނަމައެވެ. ނޫނެކެވެ. އެއީ ދުވަހަކު ވާނެކަމެއް ނޫނެވެ. ހުވަފެނުގައި އެހާ ލޯބިން އުޅެފާނެއެވެ. އަނދިރީގެ ތެރެއިން ލުކުމާން ފެނުމުންވެސް ހާދަ ރީއްޗޭ ހިތަށް އަރާފައި ސަވާނާގެ ގައިން ހީބިހި ނެގިއެވެ.

"ނުނިދާ އަހަންނަށް އަބަދު ފާރަލަނީތަ؟" ލުކުމާން އަރާ ހަމަވެފައި ބުނެލިއެވެ. އޭނަ ކައިރިވެލުމުން ދުވީ ހިތްފުރޭފަދަ މީރުވަހެކެވެ. އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ސޯޓާއިއެކު މުށިކުލައިގެ ޓީޝާޓެއްލައިގެން ހުރިއިރު އެ ކަސްރަތީ ހަށިގަނޑުގެ ރީތިކަން ހާމައަށް ހުއްޓެވެ.

"ފެންބޯންދަމުން......" ސަވާނާ ލައިގެން ހުރި ދިގު ހަރުވާޅުގެ ޖީބަށް އަތްޖަހާލައިފިއެވެ. އެހިސާބުގައި ބޮކިތައް ނިވާލާފައި ހުރުމުން ފުދޭވަރަކަށް އަނދިރިއެވެ. އަނދިރީގެ ތެރެއިން ލުކުމާންގެ ލޮލުގެ ތޫނުކަން ސަވާނާގެ ހިތް ފޫއަޅުވައިލިއެވެ. ވިންދު އަވަސްކުރުވިއެވެ.

"ތިކުރަނީ ބޭކާރުކަމެއް. އަހަރެންގެ ފަހަތުން ނާންނައްޗޭ. ފަހުން ހިތާމަކުރަންޖެހިދާނެތީ ހަމަ ރަގަޅަކަށް މިބުނީ.........................." ލުކުމާންގެ އަނިޔާވެރި ޖުމްލައިން އަނެއްކާ ސަވާނާ ރޮއްވާލައިފިއެވެ. ސަވާނާގެ ހިތަށް ކުރާ އަސަރު ކުޑަކޮށްވެސް އެހިތަށް އިހުސާސްކުރެވޭނެނަމަ އެފަދަ އެއްޗެއްބުނާނެހެއްޔެވެ؟ ހިތުގެ ބަދަލުގައި ހިލަގަނޑެއްވާ މީހެކެވެ. ލުކުމާން މަޑުކޮށްނުލާގޮސް ކޮޓަރިއަކަށްވަދެ ދޮރު ލައްޕައިލުމުން ސަވާނާ ސިޑީގެ ފަތްތަރުމަތީ އިށީދެލިގޮތަށް ކަކުލުގައި މޫނު ޖައްސާލައިގެން މަޑުމަޑުން ރޯލަރޯލާއިނެވެ. އޭނަގެ ކަރުނަތައް ދެކޭނެ އެއްވެސް މީހަކު ނެތްކަން އެނގޭމެއެވެ. ލުކުމާން ނާންނާނެކަންވެސް އެނގެއެވެ. ނަމަވެސް ހިތަށް ތަދުވަނީ ކެތްވާވަރަކަށް ނޫނެވެ.

ހެދުނު ސަވާނާއަށް ހޭލެވުނީ ތަންކޮޅެއްލަހުންނެވެ. ގަޑިއަށް ބަލައިލިއިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. މޫނުދޮވެލާ ހަދާލައިގެން ކޮފީއެއް ތައްޔާރުކުރުމަށްފަހު ސެންޑްވިޗެއް ހަދާލަން އުޅެނިކޮށް ފޯނު ރިންގުވާންފެށުމުން ނެގީ ދަންނަ ނަމްބަރަކަށް ވުމުންނެވެ. ފޯނު ކަންފަތުގައި ޖެހުމާއިއެކު އެކޮޅުން އިއްވި ޚަބަރަކުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ހަމަ ހޭވެރިކަން ނެތި ދުއްވައިގަނެވުނުއިރު ލައިގެން ހުރެވުނު ހެދުމާއިމެދުވެސް ވިސްނައެއްނުލެވުނެވެ.

(ނުނިމޭ)

comment ކޮމެންޓް