ރޮމާރިއޯ ރިއޯގެ ގަވަރުނަރުކަމަށް ވާދަކުރަނީ

ރޮމާރިއޯ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށްޓާއެކު --- ފޮޓޯ/ ގެޓީ

ކުރީގެ ބްރެޒިލް ފުޓުބޯޅަ ކުޅުންތެރިޔާ، ރޮމާރިއޯ ޑި ސޯޒާ ބްރެޒިލްގެ ވެރިރަށް ރިއޯ ޑިޖެނެރޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ރޮމާރިއޯއަކީ ބްރެޒިލްގެ ގައުމީ ޓީމާއެކު 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށް، އެ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ ކުޅުންތެރިއެކެވެ. ރޮމާރިއޯވަނީ ޔޫރަޕްގެ ގަދަ ބާރެއް ކަމަށްވާ ބާސެލޯނާއަށްވެސް ގިނަ މެޗުތަކެއް ކުޅެފައެވެ.

ފުޓުބޯޅަ ހަޔާތް ނިންމާލުމަށްފަހު ރޮމާރިއޯ ފެނިގެން ގޮސްފައިވަނީ ސިޔާސީ ދާއިރާއިންނެވެ. އެގޮތުން 2014 ވަނަ އަހަރު ބްރެޒިލްގެ ސެނެޓަށް ރޮމާރިއޯ އިންތިހާބުވީ ރިއޯގެ އެންމެ ގިނަ ވޯޓު ހޯދި ކެނޑިޑޭޓުގެ ގޮތުގައެވެ. 2014 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގައި ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭ ކަމަށް ބުނެ ރޮމާރިއޯވަނީ ބްރެޒިލްގެ ސަރުކާރާ ދެކޮޅަށް އަޑުވެސް އުފުލާފައެވެ.

ރޮމާރިއޯ ބްރެޒިލްގެ ސެނެޓުގައި --- ފޮޓޯ/ ގެޓީ

ބްރެޒިލްގެ ރިއޯގެ އާއްމު ހާލަތާއި އިޖުތިމާއި ރައްކާތެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ މި ދަނޑިވަޅުގައި ރޮމާރިއޯ ބުނެފައިވަނީ އޭނާގެ ކެމްޕެއިން އަމާޒުކުރަނީ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

ރިއޯގައި ޖަރީމާތައް އިންތިހާއަށް އިތުރުވުމުގެ ސަބަބުން އެ ސިޓީގެ އިގުތިސާދު ހުރީ ބަނގުރޫޓްވުމާ ދިމަލަށް ކަމަށްވެސް މީޑިއާތަކުގައި ވަނީ އަޑު ފެތުރިފައެވެ.

ރޮމާރިއޯ ގަވަރުނަރު ކަމަށް ވާދަކުރައްވާނީ އޭނާގެ ޕާޓީ ކަމަށްވާ ޕޮޑޭމޯސް ޕާޓީންނެވެ. ފުޓުބޯޅައިގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭގޮތުން ބްރެޒިލްގެ ސެނެޓުގައި ވަކާލާތު ކުރެއްވުމުގައި ފާހަގަ ކޮށްލެވޭ ރޮމާރިއޯއަކީ ރިއޯގައި ތާއީދު ބޮޑު ސިޔާސީ ބޭފުޅެކެވެ.

"ބްރެޒިލަށް، ހާއްސަކޮށް ރިއޯއަށް ދިމާވެފައިވާ ހަލަބޮލި ހާލަތުން އަރައިގަތުމަށް އަވަސް ބަދަލުތަކެއް ބޭނުންވޭ. ކުރިންވެސް ރިއޯގެ އިޖުތިމާއީ ހާލަތު މުޅިން ރަނގަޅީކީ ނޫން. އެކަމަކު އަދި މި ފެންވަރަށް ހާލަތު ދިޔަ ހަނދާނެއް ނެތް. އަހަންނަށް ހަޔާތުގައި ލިބުނު ތަޖުރިބާއިން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ފޯރުކޮށްދޭން ބޭނުންވޭ،" ރޮމާރިއޯ ގަވަރުނަރު ކަމަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރި ހަފްލާގައި ބުނެފައިވެއެވެ.

ރޮމާރިިއޯއަކީ އޭނާގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރުގައި 800 އަށްވުރެ ގިނަ މެޗު ކުޅެ 600 އަށްވުރެ ގިނަ ގޯލް ޖަހައިފައިވާ ފޯވަޑެކެވެ.

comment ކޮމެންޓް