ސުޕަލީގު ޗެމްޕިއަންކަން ޗެންނާއިޔެން އެފްސީއަށް، މޮޅު ކުޅުންތެރިއަކަށް ޗެތުރީ

ޗެންނާއިޔެން އެފްސީ ސުޕަލީގު ތަށްޓާއެކު --- ފޮޓޯ/ ސުޕަލީގު

ބެންގަލޫރު އެފްސީ ބަލިކޮށް ޗެންނާއިޔެން އެފްސީން އިންޑިއާގެ ސުޕަލީގު ތަށި އުފުލާލި އިރު، ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އިންޑިއާ ގައުމީ ޓީމު އަދި ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތުރީ ހޯދައިފިއެވެ.

މިއީ ޗެންނާއިޔެން އެފްސީން ސުޕަލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރުވެސް ޗެންނާއިޔެން އެފްސީންވަނީ އިންޑިއާގެ ސުޕަލީގު ކާމިޔާބުކޮށްފައެވެ.

އިންޑިއާގެ ސުޕަލީގު ފައިނަލަށް ޓީމުތައް ދަތުރުކުރަނީ ލީގު ބުރު ނިންމާ، ގަދަ ހަތަރަކަށް ދާ ޓީމުތަކުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުތަކުންނެވެ. މިއަހަރުގެ ލީގު ބުރު ނިމުނުއިރު އެއްވަނައިގައި ބެންގަލޫރު އެފްސީ ބޮޑު ލީޑެއްގައި އޮތްއިރު، ދެވަނައިގައި އޮތީ ޗެންނާއިޔެން އެފްސީއެވެ. ތިންވަނަ އެފްސީ ގޯއާ ހޯދިއިރު، ހަތަރުވަނަ ހޯދީ އެފްސީ ޕޫނޭ ސިޓީއެވެ.

ބެންގަލޫރުގެ ޝްރީޝިވް ޗަތުރަޕަތީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސުޕަލީގު ފައިނަލް ޗެންނާއިޔެން އެފްސީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީ ކޮޅުގައި ބެންގަލޫރުންވަނީ ލީޑު ނަގައިފައެވެ. އުދަންތާ ސިންހް ތަނަވަސްކޮށްދިން ފުރުސަތުން ލީޑު ނަގައިދިނީ ޗެތުރީއެވެ.

ޗެންނާއިޔެން އެފްސީން މެޗުގެ ނަތީޖާ ހަމަހަމަކޮށް، ލީޑު ނެގީވެސް މައިލްސަން އަލްވޭސްގެ ދެ ގޯލުންނެވެ. އޭނާ އެ ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ދެ ކޯނަރެއްގެ ބޭނުން ހިފައި ބޮލުންނެވެ.

ދެވަނަ ހާފަށް ކުޅެން ނުކުމެވެސް ވަރުގަދަކޮށް ފެނުނީ ޗެންނާއިޔެން އެފްސީއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ރަފޭލް އޮގަސްޓޯވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ބެންގަލޫރު އެފްސީން މެޗުގައި ޖެހި ދެވަނަ ގޯލް ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. އެޓީމުގެ ގޯލް ކާމިޔާބުކޮށްދިނީ ވެނިޒުއޭލާ ފޯވަޑް މިކޫއެވެ.

ސުޕަލީގުގެ 'ހީރޯ އޮފް ދަ ލީގު'ގެ މަގާމު ހޯދި އުމުރުން 33 އަހަރުގެ ޗެތުރީވަނީ މި ސީޒަންގައި ކުޅުނު 21 ލީގު މެޗުން 14 ގޯލް ކާމިޔާބުކޮށްފައެވެ. އެގޮތުން ސެމީ ފައިނަލް ދެވަނަ ލެގުގައި ޕޫނޭ ސިޓީއާ ދެކޮޅަށް ހެދި ހެޓްރިކް ފާޙަގަކޮށްލެވެއެވެ.

ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސުނިލް ޗެތުރީ --- ފޮޓޯ/ ސުޕަ ލީގު

އިންޑިއާ ސުޕަލީގުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު، އެ ގައުމުގެ ގައުމީ ޓީމުގެ ގޯލްވެސް ބަލަހައްޓަމުން އަންނަ ސުބަރަތާ ޕައުލަށް ލިބިފައިވާއިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ ސްޕެއިން ފޯވަޑް ފެރަން ކޮރޮމީނާސްއެވެ. އޭނާވަނީ ލީގުގައި 18 ގޯލް ޖަހައިފައެވެ.

އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނުން އެދުމުން އޭއެފްސީން ނިންމާފައިވަނީ މި ސީޒަންގައި އިންޑިއާއިން އޭއެފްސީ މުބާރާތްތަކުގެ ޖާގަ ލިބޭނެ ޓީމުތަކަކީ އައިލީގު ޗެމްޕިއަނުންނާއި އިންޑިއަން ސުޕަ ލީގު ޗެމްޕިއަނުން ކަމަށެވެ. ރޭގެ މެޗުން ބަލިވުމާއެކު އާއްމުކޮށް އޭއެފްސީ ކަޕްގައި ފާހަގަކޮށްލެވޭ ބެންގަލޫރު އެފްސީއަށް މިވަނީ އަންނަ ސީޒަންގެ އޭއެފްސީ ކަޕް ޖާގަ ގެއްލިފައެވެ.

މިއަހަރު އިންޑިއާއިން އޭއެފްސީ ޗެމްޕިއަންސްލީގު ކޮލިފިކޭޝަންގެ ޖާގަ އައިލީގު ޗެމްޕިއަން މިނެރާވާ ޕަންޖާބަށް ލިބޭއިރު އޭއެފްސީ ކަޕް ޖާގަ ލިބޭނީ ޗެންނާއިޔެން އެފްސީއަށެވެ.

comment ކޮމެންޓް