ހެކި ނައްތާލި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ އެކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.
އެ ތިން ބޭފުޅުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނަމަވެސް އެބޭފުޅުންގެ މައްޗަށް އުފުލީ ކޮން ދައުވާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ.
އެ ތިން ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ އެތެރޭގައި ތިއްބަވަނިކޮށް ފުލުހުން ވަނީ އެ ދެ ބޭފުޅުން ހައްޔަރުކޮށްފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ އެ ދެ ބޭފުޅުން ސަސްޕެންޑުކޮށްފައެވެ.