އަންހެނުންގެ ދުވަސް ފާހަގަކުރަން ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ޕެނަލް ޑިސްކަޝަނުގައި ބައިވެރިވި ބޭފުޅުން --

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އާއި އޮސްޓްރޭލިއާ އެވޯޑްސް މޯލްޑިވްސް ގުޅިގެން "ދިވެހި ރާއްޖޭގައި އަންހެނުންގެ ޙިއްޞާ"ގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި އެވެ.

ބުދަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި އެ ޕެނަލް ޑިސްކަޝަނުގައި ރާއްޖޭގައި އަންހެނުންނަށް އޮންނަ ވަޒީފާގެ ފުރުޞަތުތަކާއި އެފަދަ ފުރުޞަތުތައް ހޯދުމުގައި އޮތް ހަމަހަމަކަމާއި ދިމާވާ ގޮންޖެހުތަކާއި އަދި ޚާއްސަކޮށް ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާއަށް އަންހެނުން ނިކުތުމަށް އޮތް ގޮންޖެހުންތަކާއި އެކަން ޙައްލުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ވާހަކަ ދެއްކި ކަމަށް މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާޗު 8 އެވެ.

ބުދަ ދުވަހުގެ ރޭގެ ޕެނަލްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޝެޕްސް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސާ މަރިއަމް ނޫރައްދީނާއި ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބާއި ސެކްރެޓަރީ ޖެނެރަލް އޮފް މޯލްޑިވްސް ރެޑް ކްރެސެންޓް އައިޝަތު ނޫރާ އާއި ހޯޕް ފޮ ވިމެންގެ ފަރާތުން އަޙުމަދު އަންވަރުގެ އަދި އޮސްޓްރޭލިއާ އެވޯޑްސްގެ އެލުމްނައި މެމްބަރުގެ އިތުރުން ވިމެންސް ސެންޓާގެ މެނޭޖިންގް ޑައިރެކްޓަރު އަދި ކޯފައުންޑާ ޙައްވާ ލީޝާ ހިމެނުނު ކަމަށް އެ އެލްމުނާއި އިން ބުންޏެވެ.

އެ ޑިސްކަޝަނުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިއްބައިދިނުމަށް އެކުލަވާ ލެވިފައިވާ ގާނޫނުތަކާއި ލިބިދޭ ހިމާޔްތެރިކަމާއި އަދި އެ ގާނޫންތައް ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަން ބަދަލުކުުރުމަށް ޓަކައި ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށް ބުންޏެވެ.

އަދި އޭގެ އިތުރުން ވެސް އެންޖީއޯތަކުގައި އަންހެނުންގެ ދައުރާއި ރާއްޖެ ފަދަ ކާރިސާތަކަށް ރައްކާތެރިވެ ތިބެން ޖެހޭ ގައުމެއްގެ ދަރުމަވެރިން އަދި ފުރަތަމަ އެހީތެރިންގެ ގޮތުގައި އަންހެނުންގެ ދައުރުގެ މުހިއްމުކަން ފާހަގަކޮށް ދިމާވާ ގޮންޖެހުންތަކާ މެދު ވެސް މަޝްވަރާ ކުރި ކަމަށް އެ ފަރާތުން ބުންޏެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޕްރެސް ފޮ ޕްރޮގްރެސް" އެވެ. އެ ޝިޔާރުގެ ދަށުން އެ ޕެނަލްގައި މަޝްވަރާ ބަދަލު ކުރި ޔާލުގެ އަލީގައި މިހާރަށް ވުރެ ބޮޑަށް ތަރައްގީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް މަގުފަހި ކުރުމުގެ ގޮތުން އެކި އެންޖީއޯތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން އަންހެނުންނަށް އިޖުތިމާޢީ ތަރަައްގީއަށް މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތައް ދުރުކުރުމަށް އަޑުއުފުލާ ބަދަލަކަށް މަސައްކަތްކުރުމަށް ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް