ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަކީ ގައުމަށް ކަމެއް ދިމާވާއިރަށް ރައްޔިތުން ދޫކޮށްލާފައި ދާނެ ވެރިއެއް ނޫން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް(އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލައްވަން ކެރޭ ބޭފުޅެއް ކަަމަށެވެ.
"ޖޭޕީ އާއި އެމްޑީޕީ އަދި އޭޕީން އީޔޫގެ ގަރާރު މިވެއްދީ. އެކަމަށް ޖޭޕީއިން މިހަރަދުކުރަނީ އެއްކަލަ 191 މިލިއަން ޑޮލަރު. ގާސިމް އިބްރާހިމްއަށް ހީވަނީ ކަންނޭނގެ ކެނެރީގޭ ރައީސް ނަޝީދު ފުންމާލައިގެން ދިޔަގޮތަށް ރައީސް ރައީސް ޔާމީން ވަޑައިގެންނަވާނޭ. އަޅުގަނޑު މިތަކުރާކުކޮށް މިދަންނަވަނީ އެމަނިކުފާނަކީ ގައުމަށް ކަމެއް ދިމާވީމާ ރައްޔިތުން ދޫކޮށްލާފަ ދާނެ ވެރިއެއް ނޫނޭ." އަދުރޭ ވިދާޅުވިއެވެ.
ރާއްޖެ ޓީވީ ބަންދުކުރުމަށް ކުރިން ގޮވާލިގޮވާލުން މިރޭ ވެސް އަދުރޭ ވަނީ ތަކުރާރުކުަރައްވައިފައެވެ.
އޭނާ ވަނީ ރާއްޖެ ޓީވީން ޓެރެރިޒަމަށް ހިތްވަރުދެމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. މިރޭގެ މުޒާހަރާ އިން ހައްޔަރުކުރި ރާއްޖެ ޓީވީގެ ނޫސްވެރިންގެ މައްޗަށް އަވަސް ތަހުގީގެއް ހިންގަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝިދު (ކާނަލް) ވިދާޅުވީ އެމްޑީޕީން ބޭނުންވި ވަރާ ގާތަށް ވެސް މުޒާހަރާއަށް މީހުން ނިކުމެފައިނުވާ ކަމަށެވެ. އަދި މުޒާހަރާގެ ކުރީސަފުން އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.