ފުލިދޫ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި ރަށު ޓީމު މާޒިޔާއާ ދެކޮޅަށް

މާޒިޔާއިން ފުލިދޫއަށް ދިއުމުން އެރަށުން މަރުހަބާ ކިޔަނީ --- ފޮޓޯ/ މާޒިޔާ

ވ. ފުލިދޫގައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެރީނާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަޅައިދިން ފުޓުބޯޅަ ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ފުލިދޫގެ ޓީމު ނުކުތީ ރާއްޖޭގެ ވަރުގަދަ ކްލަބު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ.

ފުލިދޫގެ ސްޓޭޑިއަމް ހުޅުވުމަށް މާޒިޔާގެ މެނޭޖުމަންޓް އަދި ޓީމުގެ ކުޅުންތެރިން ފުލިދުއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެޓީމު ފުލިދުއަށް ދިއުމާއެކު ރަށުގެ ރައްޔިތުންގެ ފަރާތުންވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެ ދަތުރުގައި މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދުވެސްވަނީ ބައިވެރިވެފައެވެ. ބުރާސްފަތި ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުގެ ޝަރަފުވެރި މެހެމާނަކީވެސް ސާޖިދެވެ.

ފުލިދޫ ކައުސިލްގެ ފަރާތުން "ސަން ސްޕޯޓްސް" އަށް މައުލޫމާތު ދެއްވަމުން، ރައީސާ ސަނާ އަލީ ވާފިރު ވިދާޅުވީ ސްޓޭޑިއަމްއަކީ ރަށުން ޓޫރިޒަމް ތަރައްގީކުރަން ބިންތަކެއް ދީފައިވާ އެރީނާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އެ ޕްރޮޖެކްޓްތަކުގެ ސީއެސްއާރު އެކްޓިވިޓީއެއް ދަށުން އަޅައިދިން ސްޓޭޑިއަމްއެއް ކަމަށެވެ.

މާޒިޔާގެ ޗެއާމަން ސާޖިދުވެވަނީ އެ ދަތުރުގައި ބައިވެރިވެލައްވާފައި --- ފޮޓޯ/ މާޒިޔާ

ސްޓޭޑިއަމް ހުޅުވުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކްލަބު ކަމަށްވާ މާޒިޔާ ގެންދިއުމުގެ ބޭނުމަކީ މިހާރު ކުރިއަށްދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރަށް ތައްޔާރުވަމުން އަންނަ ފުލިދޫ ޓީމަށް އިތުރު ހިތްވަރެއް ދިނުމަށް ކަމަށްވެސް ކައުސިލްގެ ރައީސާ ސަނާ ފާހަގަކުރެއްވެވިއެވެ.

"މާޒިޔާ ކަހަލަ ރާއްޖޭގައި ފާހަގަކޮށްލެވޭ ޓީމަކާއެކު ފުލިދޫ ޓީމަށް މެޗެއް ކުޅެލަން ލިބުމަކީ މުޅި ރަށާއި ޓީމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. މިހާރު ރަށުގައި ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނާ ޒޯން މުބާރާތުގައި ވާދަކުރާ ޓީމަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ތަޖުރިބާއެއް މިއީ. އަދި ޓީމަށް ވަރަށް ބޮޑު ހިތްވަރެއްވެސް މީގެ ސަބަބުން ލިބިގެންދާނެ،" ސަނާ ވިދާޅުވިއެވެ.

ފުލިދޫގައި އިއްޔެ ބޭނުންކުރަން ފެށުނު ސްޓޭޑިއަމްއަކީ ދެ ޗޭންޖިން ރޫމާއެކު ސިޑިބަރިއެއްވެސް އެކުލެވޭ ގޮތަށް ތަރައްގީކުރާ ސްޓޭޑިއަމެކެވެ. މިވަގުތަށް ދެ ޗޭންޖިން ރޫމްވެސް ނިންމާލައިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ސްޓޭޑިއަމްގެ ސިޑި ބަރީގެ މަސައްކަތް ކަމަށްވެސް ސަނާ ވިދާޅުވިއެވެ.

ސަނާ ވިދާޅުވީ ރަށުގެ ޓީމަށް އެ ފުރުސަތު ފަހި ކޮށްދެއްވީތީ މާޒިޔާގެ މެނޭޖުމަންޓާއި ޓީމަށް ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށާއި އެރީނާ ޕްރައިވެޓް ލިމިޓެޑަށްވެސް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

މާޒިޔާއަކީ މިވަގުތު ރާއްޖޭގައި ކުޅެމުންދާ އެންމެ ބޮޑު އެއް ކްލަބެވެ. އެ ކްލަބުން އަންނަނީ ރާއްޖޭގެ ރަށްރަށުގެ ފުޓުބޯޅަ ކުރިއެރުވުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް މާޒިޔާގެ އެކަޑެމީތަކެއް ނ. ހޮޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫގެ އިތުރުން ހދ. ނޮޅިވަރަމްގައިވެސް ހިންގަމުންދެއެވެ.

comment ކޮމެންޓް