ކަލައިދޫ މިސްކިތު ގޯތިތެރެއިން ބުދުތަކެއް ފެނިއްޖެ

ކަލައިދޫގެ މިސްކިތުގެ ގޯތީގެ ބިމު އަޑިން ފެނުނު ދެ ބުދު --- ފޮޓޯ/ ހުސައިން ޚަލީލް

ލ. ކަލައިދޫގައި ހުންނަ "މަސްޖިދުލް ހުދާ" މިސްކިތުގެ ގޯތިތެރެއިން ބިމު އަޑިން ބުދުތަކެއް ފެނިއްޖެ އެވެ.

ގާތްގަނޑަކަށް 300 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ އެ މިސްކިތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ، ޖާގަ އިތުރުކުރުމުގެ މަސައްކަތެއް ކުރަމުންދާ އިރު، އެ ދެ ބުދު ފެނިފައި ވަނީ މިސްކިތަށް އިތުރުކުރާ ފެންޑާއެއް ހަދަން ފައުންޑޭޝަން އެޅުމަށް ކޮނުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ.

ކަލައިދޫ ކައުންސިލުގެ ރައީސް ހުސައިން ޚަލީލް "ސަން"އަށް ވިދާޅުވީ ފެނުނު ދެ ބުދަކީ ގާތްގަނޑަކަށް އެއް ފޫޓުގެ ދިގުމިނުގެ ބުދަކާއި އަށް އިންޗީގެ ދިގުމިނުގެ ބުދެއް ކަމަށެވެ.

"މިވަގުތު މިތަކެތި ހުރީ ކައުންސިލް އިދާރާގައި. އަޅުގަނޑުމެން ވާނީ ހެރިޓޭޖް ޑިޕާޓްމެންޓަށް މިކަން އަންގާފައި." ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ، އެނގިފައިވާ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ މީހުން އާބާދުވި ރަށްރަށުގެ ތެރޭގައި ކަލައިދޫ ހިމެނޭ ކަމަށާއި އެރަށުގައި ގިނަ އަދަދެއްގެ އާސާރީ ބިނާތަކާއި ތަކެތި ހުންނަ ކަމަށެވެ.

"މިތަނުގައި ބުދު ފައްޅީގެ އަސަރުތަކާއި ގިނަ އަދަދެއްގެ ވެވު އެބަހުރި. މޫދުން ވެސް ވެވު ފެނޭ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އާސާރީ އެތަންތަން ރައްކާތެރިކޮށް، ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ކަލައިދޫ ކައުންސިލުގެ ފޯރުންތެރިކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން މިސްކިތް ސަރަހައްދުން ބިމު އަޑީގައި ގަބުރު ހުރިތޯ ވެސް ބަލަން،" އޭނާ ވިދާޅުވި އެވެ.

ކަލައިދޫގެ މަސްޖިދުލް ހުދާ މިސްކިތަށް ފެންޑާއެއް އިތުރުކުރަނީ ގާތްގަނޑަކަށް 66 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގައެއް އުފެއްދުމަށެވެ.

ކަލައިދޫ ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި، ހުކުރު ދުވަސްތަކުގައި މިސްކިތް ފުރި، ގިނަ ބަޔަކު މިސްކިތުން ބޭރުގައި ނަމާދުކުރަން ޖެހެ އެވެ. އަދި ރަމަޟާން މަހު ތަރާވީސް ނަމާދުކުރުމަށް އަންހެނުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ލ. ކަލައިދޫގެ އާބާދީއަކީ 1،025 މީހުން ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް